17 މާޗް 2022 - 14:42
ސައޫދީ އަރަބިއްޔާ އިން ޗައިނާ އަށް ވިއްކާ ތެލުގެ އަގު އަދާކުރުމުގައި، އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ، ޔުއާން ބޭނުންކުރުމާ ބެހޭ ގޮތުން، ޗައިނާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު މަޝްވަރާ ކުރަން ފަށައިފި އެވެ.
ސައޫދީގެ މި ވިސްނުމަކީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެމެރިކާ ޑޮލަރުން ދަމަހައްޓަމުން އައި ނުފޫޒު ކުޑަވެ، ބައިނަލްއަގުވާމީ ތެލުގެ ވިޔަފާރީގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ފައިސާ ބޭނުންކުރުމަށް މަގު ފަހިކޮށްދޭނެ ކަމެކެވެ. ޔުއާން އިން ތެލުގެ ވިޔަފާރި ކުރުމާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މީގެ ކުރިން ކުރަމުން އައި މަޝްވަރާތައް މެދުކެނޑުނީ މީގެ ހަ އަހަރު ކުރިންނެވެ.
ނަމަވެސް މި އަހަރު އަލުން ޗައިނާއާ އެކުގައި ސައޫދީން މި ވާހަކަތައް މި ފެށީ، ސައޫދީން ޔަމަންގައި ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް ސައޫދީން ތުހުމަތުކުރާ ދަނޑިވަޅެއްގަ އެވެ. ސައޫދީން ކުރާ ބައިނަލްއަގުވާމީ ތެލުގެ ވިޔަފާރީގައި ޑޮލަރުން މުއާމަލާތުކުރުމަށް، އެމެރިކާއާ އެކުގައި އެއްބަސްވީ، އޭގެ ބަދަލުގައި ސައޫދީ އަރަބިއްޔާ ދިފާއުކޮށްދިނުމަށް އެމެރިކާ އެއްބަސްވުމުންނެވެ.
ސައޫދީން އެކްސްޕޯޓްކުރާ ސާފު ނުކުރާ ތެލުގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބައި ގަންނަނީ ޗައިނާއިންނެވެ. ސައޫދީގެ ތެލަށް ޗައިނާގެ ފައިސާ އިން އަގު ދައްކަން އެއްބަސްވެވިއްޖެ ނަމަ، ބައިނަލްއަގުވާމީ ވިޔަފާރީގައި ސައޫދީ ފައިސާގެ އަގު ހިފެހެއްޓުމަށް އިތުރު ބާރަކަށް ވާނެ އެވެ. އޭގެ އިތުރުން ވެސް ޗައިނާގެ ފައިސާ އިން އަގު ދައްކާ ގޮތަށް، ޗައިނާއާ އެކުގައި ވިޔަފަރީގެ އެހެން މުއާމަލާތްތައް ކުރުމަށް ވެސް ސައުދީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް، މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ ހުޅަނގުގެ މީޑިއާތަކުން ބުނެ އެވެ.
ދެ ގައުމުގެ ދެމެދުގައި މި ކަމަށް އެއްބަސްވެވިއްޖެ ނަމަ، މިއީ ސައޫދީ އަރަބިއްޔާގެ ތެލުގެ ވިޔަފާރީގެ ތާރީހުގައި، ޑޮލަރު ފިޔަވައި އެހެން ބޭރު ފައިސާއަކުން މުއާމަލާތުކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ. ސައޫދީ އަރަބިއްޔާ އިން އެވްރެޖްކޮށް ދުވާލަކު 6.2 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ އެކި ގައުމުތަކަށް އެކްސްޕޯޓް ކުރެ އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް 80 ޕަސެންޓް ކުރަމުން ދަނީ އެމެރިކާ ޑޮލަރުންނެވެ. ސައޫދީ އަރަބިއްޔާ އިން އެކްސްޕޯޓް ކުރާ ތެލުގެ ބާވަތްތަކަށް ހަމައެކަނި ޑޮލަރުން އަގު އަދާކުރަންޖެހޭ ގޮތަށް، ނިންމީ އެމެރިކާގެ ކުރީގެ ރައީސް ނިކްސަންގެ ވެރިކަމުގައި 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާ އާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޭގުނު
19 March 2022
ކީއްވެ އެގައުމުގެ ރިޔާލުން ތެޔޮ ނުގަންނަނީ. އޭރުން ގައުމުގެ ފައިސާގެ އަގުވެސް މައްޗަށް އަރައިގެންދާނެ.
އެގޭނެ
20 March 2022
ކާކުތަ ސައުދީން ތެޔޮ ގަންނަންއުޅޭ ވާހަކައެއް މިތާ ދައްކަނީ..
120687
18 March 2022
ރާއްޖެ ވެސް ވަނީ ޑޮލަރަށް ޖެހިފައި. ޗައިނާ: ދުނިޔޭގެ އެންމެ ބޮޑު ކާރުޚާނާ އަދި ކޮންސިއުމަރ ބާޒާރު. ރާއްޖޭގެ ޒަމާންވީ ބައިވެރިއެއް. ދެ ގައުމުގެ މެދު ކުރެވޭ ވިޔަފާރި ބިލިޔަނުން ގުނޭ. ހޭޖެހޭ ބަޔަކު ޗައިނާގެ މި މާލީ ނިޒާމު ބޮލާލައި ނުޖަހާނެ. ރާއްޖެއަށް ޑޮލަރު މާރު ކުރަން ނުޖެހި ފަރުޖެހޭނެ. ޗައިނާގެ ޓުއަރިސްޓުން ޔުއާން އިން އަގު އަދާ ކުރީމާ، ޗައިނާ އިން ރާއްޖެ އެތެރެ ކުރާ މުދަލަށް ޔުއާން އިން ފައިސާ ދެއްކޭނެ. އިގްތިސާދީ ޑައިވާސިފިކޭޝަނަކީ މިއީ ނުންތޯ.
ރުފިޔާ
18 March 2022
ރާއްޖޭގެ ރުފިޔާ ނޫނީ މެލޭޝިޔާގެ ރިންގިޓު ބޭނުން ކުރުމުގެ އައިޑިއާއެއް ދޭންވީނު އެ ދެ ޤައުމުގެ ވެރީންނަށް؟
ވުލްފުގަންގް
17 March 2022
ހެހެ، އިރާގާއި ލީބިޔާގެ ކުށަކަށްވީވެސް ޑޮލަރާއި ފެޔަށްޖެހެން މަސައްކަތްކުރުން. އެކަމާގުޅިގެން ހުދުމީހުން ސައްލާކޮށްފަ އިރާގު ފުނޑާލީ ފަނާކުރުވަނިވި ހަތިޔާރު އެބަހުއްޓޭކިޔާފަ، ލީބިޔާ ނައްތާލީ ކީކޭކިޔާފަކަމެއްނޭނގެ، ކުޑަކޮށް ސާޗްކޮށްލަން ޖެހޭނީ، އެކަމަކު ލީބިޔާ މިހާރު ނެތް.
ޝީ ޖިން ޕިން
17 March 2022
ޔުއާނުން ތެލުގެ ވިޔަފާރި ނުކުރަންވީ ސަބަބެއް ނެތް. ޗައިނާއަކީ ދުނިޔޭގަ ފަތުއަޑު ކިޔާފަ އިގްސާދު ކުރިއަރަމުން އަންނަ ގައުމެއް. ކުރިޔަށް އޮތް 10 އަހަރުތެރޭ ޗައިނާއަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިގްތިސާދީ ބާރަކަށް ވާނެ. މިހާރުވެސް ޔޫަރަޕާ އެމެރިކާގެ އުފެއްދުންތައް ދޫކޮށް ޗައިނާއަށް ބަރޯސާވަމުންދާ ގައުމުތައް ދަނީ ގިނަވަމުން.
ޑަނޑޫ
17 March 2022
ތީ ވަރަށް ސަޅިކަމެއް. ރާއްޖޭގާވެސް ޑޮލަރު ބޭނުންކުރާގޮތަށް ޗައިނާފައިސާ ބޭނުންކުރަންޖެހޭ.
ކޮރަލް
17 March 2022
ކޮންމެ ފަހަރަކު ސައޫދީ އަށް އެމެރިކާ އިން ލަނޑު ދެނީ އެވެ. މިފަހަރުވެސް ތެޅި ގަންނާނެ އެވެ. އަދި ވައުދު ތަކެއްވެސް ވާނެ އެވެ.