އައްމަޓީ ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ރައީސް އޮފީހުގެ އިސްވެރިން ހިމެނޭ ގޮތުން އޭނާއާ ފޯނުން މަޝްވަރާކޮށް، އެއްބަސްވުމަކަށް އައި ކަމަށް
އައްމަޓީ ކުރީގެ އަޑުއެހުމެއްގައި: އޭނާގެ މައްޗަށް ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ކަމަށް އޭނާ ބުނޭ
20 މާޗް 2022 - 17:27
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ޖިނާއީ ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ކަމަށް އައްމަޓީ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު ފްލެޓް އަޅައިނުދީ އަދި ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އައްމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ މައްސަލާގައި އޭނާ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލައިފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީ ބުނި ގޮތުގައި ފްލެޓް އެޅުމަށްޓަކައި ސީލައިފާއި އެޗްޑީސީއާ އެކު ހެދި އެއްބަސްވުމާ ޚިލާފްވީ އެޗްޑީސީންނެވެ. އަދި އޭރު ސީލައިފުން ފައިސާ ނެގި މީހުންގެ ތެރެއިން ފައިސާ ނުދެވި ހުރި މީހުންނަށް ފައިސާ ދިނުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ރައީސް އޮފީހުގެ އިސްވެރިން ހިމެނޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި އޭނާއާ ފޯނުން މަޝްވަރާކޮށް، އެއްބަސްވުމަކަށް އައި ކަމަށް އައްމަޓީ ބުންޏެވެ.
އޭނާ ބުނިގޮތުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ ވެސް އޭނާ ގިނަ މެސެޖްތަކެއް ބަދަލުކޮށް، ވާހަކަތަކެއް ދެކެވުނެވެ. އަދި ރާއްޖެއިން ބޭރުގައި ހުއްޓާ ވެސް އޭނާއާ ވާހަކަ ދެއްކި ކަމަށް އައްމަޓީ ބުންޏެވެ.
ޖިނާއީ ދައުވާ ކުރުމާ ބެހޭގޮތުން އެ ބައްދަލުވުންތަކުގައި އެއްވެސް މަޝްވަރާއެއް ކުރެވުނުތޯ، އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ސުވާލުކުރެއްވި އެވެ. ޖަވާބުގައި އައްމަޓީ ބުނީ އެ މައްސަލާގައި ޖިނާއީ އެއްވެސް ދައުވާއެއް ނުކުރާނެ ކަމަށް ރައީސް އޮފީހުން ބުނި ކަމަށެވެ.
ދައުލަތުން ބުނީ ރައީސް އޮފީހުން މަޝްވަރާކުރީ އާންމުންގެ ފައިސާ ހިމެނޭ ކަމަކަށްވާތީ އެ މީހުން މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށާއި އަދި އެ މަޝްވަރާތަކާއި ޖިނާއީ ދައުވާތަކާ ގުޅުމެއް ނެތް ކަމަށެވެ. އަދި އައްމަޓީއަށް ދައުވާކުރީ ފުލުހުންގެ ތަހުގީގަށް ފަހު ހެކި ލިބުމުން ކަމަށް ދައުލަތުން ބުންޏެވެ.
އައްމަޓީގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ ސީލައިފްގެ އެއްބަސްވުން އެޗްޑީސީން ބާތިލްކުރީ ގޯސްކޮށް ކަމަށް ރައީސް އާއި އޭޖީ ރިފްއަތާއި އިތުރު ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ ކޮމެޓީއަކުން މިދިޔަ އަހަރު ނިންމުމަށް ފަހު އެޗްޑީސީއަށް އެކަން އަންގާފައި އެބައޮތް ކަމަށެވެ. އެގޮތަށް އެންގީ ގާނޫނީ ލަފާ ވެސް ހޯދުމަށް ފަހު ކަމަށް ރައީސް އޮފީހުގެ ސިޓީއަކާ ހަވާލާދީ ނިހާޔަތު ވިދާޅުވި އެވެ.
އެކަމަކު ދައުލަތުން ބުނި ގޮތުގައި އެ ސިޓީ އަކީ ސީލައިފާ އެކު ރައީސް އޮފީހުން ކުރި މަޝްވަރާތަކަށް ފަހު އެޗްޑީސީން ދެކޭ ގޮތް ހާމަކުރަން އެދި ރައީސް އޮފީހުން ފޮނުވި ސިޓީއެކެވެ. އެ ސިޓީއާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ރިޕޯޓެއްގައި، އެޗްޑީސީގެ އެއްވެސް ގޯހެއް ނެތްކަން ސަބަބާ އެކު ބުނެދީފައި އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ. އަދި ފުލުހުންގެ ތަހުގީގުގެ ތެރެއިން ވެސް އެކަންކަން ވަރަށް ރަނގަޅަށް ބެލި ކަމަށް ދައުލަތުން ބުންޏެވެ.
ކުންފުންޏަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ޑިރެކްޓަރަކު ފަރުދީ ގޮތުން ޒިންމާ ކުރުވޭނީ ކުންފުނީގެ ޝަހްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވުމުން: އައްމަޓީގެ ވަކީލް
މިއަދުގެ އަޑުއެހުމުގައި ދެން ބަހުސް ކުރެވުނީ ކުންފުންޏަކުން ހިންގި މުއާމަލާތަކާ ގުޅިގެން ކުންފުނީގެ ޑިރެކްޓަރުގެ މައްޗަށް ފަރުދީ ގޮތުން ދައުވާ ކުރެވޭނެ ކަމާ މެދު އެވެ. ނިހާޔަތު ވިދާޅުވީ ކުންފުންޏަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ޑިރެކްޓަރަކު ފަރުދީ ގޮތުން ޒިންމާ ކުރުވޭނީ ކުންފުނީގެ ޝަހްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވުމުން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އައްމަޓީގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނީ ސިވިލް ކޯޓުގައި އެކަން ސާބިތުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުން ބުނީ އެކަން ސާބިތުކުރަން ސިވިލް ކޯޓަށް ދިއުން ލާޒިމް ނޫން ކަމަށެވެ. އަދި އެ މައްސަލާގެ ތެރެއިން ކްރިމިނަލް ކޯޓަށް ވެސް އެކަން ކުރެވޭނެ ކަމަށާއި އަދި އެކަން ނުކުރެވޭނެ ކަމަށް ގާނޫނުގައި ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ނިހާޔަތު ވިދާޅުވީ ބުކިން ފީ ނެގުމުގައި އައްމަޓީގެ އިތުރުން ކުންފުނީގެ ފަރާތުން އެހެން ބަޔަކު ވެސް ބައިވެރިވި ކަމަށެވެ. އެހެންވީއިރު، އެއިން އެއްވެސް ބަޔަކަށް އަދި ކުންފުނީގެ މައްޗަށް ވެސް ދައުވާ ކުރުމެއް ނެތި ހަމައެކަނި އައްމަޓީއަށް ދައުވާ ކުރުމަކީ ތަފާތު ކުރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައްމަޓީ އޭރު ކަންކަން ކުރަމުން ދިޔައީ އެ މަޝްރޫއުއާ ގުޅިގެން ކުންފުނީގެ ބޯޑުން ދީފައިވާ ހުއްދައެއްގެ ދަށުން ކަމަށް ވާއިރު، އެ ހުއްދަ އަނބުރާ ގެންގޮސްފައި ވެސް ނެތް ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ.
އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ މިއަދު ނިންމެވި އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އައްމަޓީގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކެއް ހުށަހަޅާފައިވާތީ އެއާ މެދު ގޮތެއް ނިންމަން އަންނަ މެއި މަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންން
21 March 2022
ކީއްތޯކުރާނީ އޯގާތެރި ސަރުކާރެއް ގެނެއްސަ ތިއޮތީ. އެއްވެސް ކަމަކަށް ޖިނާއީ ދައުވާ ކުރާކަށް ބޭނުމެއްނުވާނެ. އެއްބަސްވުމެއް ހަދާލައިގެން ކުށްވެރިޔާވެސް އޮޑިއަށް އަރުވާފަ ބެހެއްޓޭތޯ ބެލުން އޮންނަނީ. ކުށްވެރިންގެ ދަށުވެފަ ސަރުކާރު އޮންނަނީ.
މާކުންބޭ
21 March 2022
ދައުވާ ނުކުރާނެކަމަށް ސަރުކާރަކަށް ނުބުނެވޭނެ، ދައުވާ ނުކުރަންޏާ އެކަންކުރާނީ ދައުލަތުގެ ފަރާތުން ޕީޖީ. ދައުލަތުން މިނިވަން ޕީޖީ އަކަށް ދައުލަތުން (ޓެކްސްޕޭޔަރސް) މުސާރަ ދެނީ ތިފާޑުގެ ޖަރީމާ ހިންގާ ހުރިހާ ފަރާތްތަކާމެދު އިންސާފު ލިއްބައިދިނުމަށް ޕްރޮސިކިއުޓް ކުރުމަށް، އެއީ ޕޮލިޓީޝަންސް ގެ އަތް ބޭނެންޖެހޭ ދާއިރާ އެއް ނޫން. ދޯ ޕީޖީ ޝަމީމް
އަލީ އަލީ
21 March 2022
އެހެންވީމާ ފިލައިގެންނޭ ކިޔައިގެން އުޅުނު އިރުވެސް ދައުލަތުގެ ވެރިންނަށް އައްމަޓީވީތަން އެނގިލައްވާތާ! މިއީ ހުސްވެސް މުޅި ދަތުލަތް ގުޅިގެގެން ހިންގާ ޖަރީމާތައް! މިނޫނުއްޔާ ނޯންނާނެ މުޅި ދައުލަތް އަތާއަތް ޖޯޑުކޮށްގެން ވައްކަން ކުރާ ދައުލަތެއް! މައުމޫނެއް ޔާމީނެއް ނަސީދެއް އިބޫއެއް ކިޔާނެ ކަމެއްނެތް ހަމަ ހުސްވެސް އެކައްޗެއްގެ އެއްޗެހި!
ސުރުހީކިޔާފަ ކޮމެންޓުކުރާ ގޮއްޔެ
21 March 2022
ޖިނާއީ ދައުވާ ނުކުރާނެކަމަށް ބުނީމަ ނިމުނީ؟ އާޚިރަތަށް އީމާންވުމެއް ނެތް؟
ގައުމީ
20 March 2022
މީ އިންސާފު އިނގޭތޯ ،، މިފަދައިން އެންމެނަށް ވާނަމަ ދިވެހިރާއްޖޭގައި ކުށްކުރާ ބަޔަކު ނޫޅޭނެ.. ޝުކުރިއްޔާ
އަލީ އުމަރު
20 March 2022
ތިޔަ ފައިސާގެ މިލްކުވެރިންނާއި ވާހަކަ ދައްކައިގެން މާފު ހޯދުމަކީ ތިޔަކަމަށް ހަމައެކަނި ހައްލު. މީސް މީހުނަށް އޮޅުވާލާ މަކަރު ހަދައިގެން އެތަށްމިލޔަން ރުފިޔާއެއްނަގައި އެޔަށް ހިޔާނާތްތެރިވީމަ ދައުލަތުން ތިޔަ ކަމަށް މާފުދެނީނަމަ ދައުލަތުން އެދެނީ ވައްކަން ކުރާ މީހުނަށް ހިއްވަރު ނޫންތޯ، އަދި ސަރުކާރުން އެފަދަ ނާތަހުޒީބު އަލަލެއް ކޮށްފިނަމަ އެކަމާއި ދެކޮޅުހެދުމަކީވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް
ވަހީދު
20 March 2022
ފުރަތަމަ ކަމަކަށް ރައީސް އޮފީހުން ނުޖެހޭ މިކަހަލަ ކަމެއްގެ ތެރެއަށް ވަދެ މަޝްވަރާކުރާކަށް، ދައުލަތް ތަމްސީލު ކުރާ ޕީޖީގެ ވިސްނުމުން ވިސްނަންޏާ. ރައީސް އަކީ ދައުލަތުގެ ވެރިޔާކަމަށް ގާނޫނު އަސާސީގައި އެބަ އޮވޭ، އެހާލަތުގައި ރައީސް ވާ ވައުދުތައް ދައުލަތް ތަމްސީލު ކުރާ ޕީޖީން އިހްތިރާމު ކުރަންޖެހޭނެ ކަމަށް ދެކެން.
ފަސީހު
20 March 2022
ސަރުކާރުން ޖިނާއި ދައުވާ ނުކުރުން އެއީ އެމީހުންގެ ކަމެއް.. މަށަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭނެ.. މިއަދު ނުލިބިއްޖެއްޔާ ގިޔާމަތް ދުވަހު ވިޔަސް އެލިބެން ޖެހޭ މިފަދަ ބޮޑުޖަރީމާވެރިން ނަކަށް މާފެއްނެތް..
އަލީ ރަމީޒު
20 March 2022
ފުލެޓު އަޅާނެ ކަމަށް ބުނެ އެތަށް ބައެއްގެ އަތުން އެތަށް މިލިޔަން ރުފިޔާއެއް ނެގުމަށް ފަހު އެލާރިއަށް ވީ ނުވީއެއް އަބްނަޓީ އަކަށްވެސް އެގެނީކީނޫން، ތިޔަ ފައިސާއިން ކުރިކަމަކީ ކޮބާ. ބަލަ ބައެއްގެ ފައިސާގަ ޖެހިފަ ގާނޫނީ ވަކީލުންލައިގެން އުޅުނަސް ތިޔައީ މީހުންގެ ފައިސާއަށް ހިޔާނަތްތެރިވުން، ތިޔައީ މަކަރާއި ހީލަތުގެ އަމަލެއް. ތިޔަ ހުރިހާ ފައިސާއަކަށް އަންމަޓީ ކުރިކަމަކީ ކޮބާ. ދައުލަތަކަށް ތިޔަކަމުގަ މާފުދެވިގެން ނުވާނެ. ތިޔައީ އަަހަރެމެންގެ ފައިސާ،
އުދުހޭމުފީދު
21 March 2022
ވަރަށް ރަގަޅު ވާހަކައެއް. މިފަދަ ޚިޔާނާތްތެރިންގެ ދިފާއުގައި ވަކާލާތުކުރާ ވަކީލުންވެސް ރަގަޅު.. ކަޑައެޅިގެން ކުށެއްކުރިކަން އެގޭއިރުވެސް ލާރިކޮޅަކަށްޓަކާ ދޮގުހެދުމާއި ކުށްވެރިޔާ ހިމާޔަތްކުރުމުގަ/
ފެންނަނީދޯ
21 March 2022
ވަކީލުންނަކީ ވަރަށް ސާފުކޮށް ލާރި ނަގައިގެން މަސައްކަތްކުރާ ބައެއް. އެކަމު ދައުލަތުގެ އެންމެ މަތީ އޮފީހުން އެ ކުޅެނީ މާ ހަޑި ކުޅިގަނޑެއް. ކުށްވެރިންނަށް ހިމާޔަތް ދިނުން މިސަރުކާރުގެ ކަމަކީ.
ބޮޑުމީހާ
20 March 2022
މިސަރުކާރުން ނޫނީ ކުށްވެރިންގެ ފައިބުޑަށް ވެއްޓިގެން އުޅޭ ސަރުކާރެއް ނުދެކެން. އެމްއެމްޕީއާރުސީ ވަގު ގޭގަ، ސީލައިފް ވަގު ޑީލް ހަދާފަ، ދީބާޖާއެކު ޑީލް ހަދާފަ. އެންމެ ޒީރޯ ޓޯލަރެންސް ވަރުގަދަ ސަރުކާރުގެ ފެންވަރު