ކުޅިވަރު / އިނގިރޭސި އެފްއޭ ކަޕް

އިނގިރޭސި އެފްއޭ އިން ލިވަޕޫލާއި ސިޓީ ސަޕޯޓަރުންނަށް ހިލޭ ބަސް ދަތުރު ދެނީ

2018 ވަނަ އަހަރު ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި ކޮމިއުނިޓީ ޝީލްޑް މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މާޗް 26) - އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި ވާދަކުރާ ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ސަޕޯޓަރުންނަށް ހިލޭ ބަސް ދަތުރު ދޭން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

މިގޮތުން 5000 އެއްހާ ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން ލަންޑަނަށް ގެންގޮސް އަނބުރާ ގެންނަން އިނގިރޭސި އެފްއޭ ހަރަދުގައި 100 ބަސް ދަތުރު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

"އެފްއޭ އިން އެންފީލްޑް އަދި އިއްތިހާދު ސްޓޭޑިއަމް އިން ވެމްބްލީ ސްޓޭޑިއަމާ ދެމެދު 100 ބަސް ޗާޓަރު ކުރާނެ. ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ 5000 ސަޕޯޓަރުންނަށް ސެމީ ފައިނަލް މެޗް ބަލަން ވެމްބްލީ ސްޓޭޑިއަމަށް ހިލޭ ދަތުރުކުރެވޭނެ،" އެފްއޭ އިން ނެރުނު ބަޔާނުގައި ވެއެވެ.

އެފްއޭ އިން މިހެން ނިންމީ މެޗު ކުޅޭ ހަފްތާ ބަންދުގައި މަގު ހެދުމުގެ މަސައްކަތްތަކަށް އިނގިރޭސިވިލާތުގެ ހުޅަނޑު އުތުރުގެ ގިނަ މަގުތަކެއް ވަނީ ބަންދުކުރަން ނިންމާފަ އެވެ. މީގެ ސަބަބުން ސަޕޯޓަރުން މެޗު ބަލަން ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތި ވާތީވެ، މެޗު ކުޅޭ ދަނޑު ބަދަލު ކޮށްދޭން ދެ ކުލަބު ނިސްބަތްވާ ސިޓީގެ މޭޔަރުން ވަނީ އެ އެސޯސިއޭޝަނުގައި އެދިފަ އެވެ. ނަމަވެސް އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗް 2008 އިން ފެށިގެން ކުޅެމުން އަންނަނީ ވެމްބްލީ ސްޓޭޑިއަމްގައި ކަމުން މި އަހަރުވެސް އެކަން އެގޮތަށް ދަމަހައްޓަން އެފްއޭ އިން ވަނީ ނިންމައިފަ އެވެ.

މެޗު ކުޅޭ ދުވަހު މެންޗެސްޓާ އަދި މާސީސައިޑުން ވެސް ލަންޑަނަށް ކުރާ ސީދާ ޓްރެއިން ދަތުރުތައް ވަނީ ކެންސަލްވެފަ އެވެ. އަދި މަސައްކަތް ކުރަން މަގުތައް ބަންދު ކޮށްފައި ވުމުން ދަތުރުތަކަށް ގިނަ ވަގުތު ހޭދަވާނެތީވެ ސަޕޯޓަރުންގެ ޗާޓާޑް ބަސް ދަތުރުކުރާ މަގުތަކުގެ މަސައްކަތްތައް ވެސް އެދުވަހަށް މަޑު ޖައްސާލާނެ ކަމަށް އެފްއޭ އިން ބުނެ އެވެ.

"ސަޕޯޓަރުންނަށް މި މުނާސަބަތުގެ އުފާ ލިބިގަތުމަށާއި ދަތުރުތަކުގައި އިތުރަށް އެހީތެރިވުމުގެ ގޮތުން އެތައް ސަތޭކަ މޭލެއްގެ މަގުތަކުގެ ޒަރޫރީ މަސައްކަތްތައް ވެސް މަޑުޖެހޭނެ،" އެފްއޭގެ ބަޔާނުގައި ބުނެ އެވެ.

އެފްއޭ ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗު ކުޅޭނީ ޖެހިގެން އަންނަ ދުވަހު އެވެ.

މިއާ ގުޅިގެން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ބުނީ، ވެމްބްލީގައި ކުޅުމަކީ އަބަދުވެސް ޝަރަފެއް ކަމަށާއި، ނަމަވެސް މިކަމުގައި ސަޕޯޓަރުންނަށް ތަކުލީފަކާ ނުލައި މެޗު ބަލަން ދަތުރު ކުރެވޭނެހެން، ކުޅޭ ދަނޑު ބަދަލުކޮށްދިނުން މާ ރަނގަޅު ވާނެ ކަމަށެވެ.

"ސަޕޯޓަރުންނަށް މި މެޗް ވަރަށް ހާއްސަ ވާނެ އެކި ގޮތްގޮތުން. މިހާރު ލަންޑަނަށް ދަތުރުކުރަން ގިނަ ސަޕޯޓަރުން އަތުން ބައިވަރު ހަރަދު ދާނެ. އަހަރެންނަށް ވިސްނޭ އެންމެ ރަނގަޅު ގޮތަކީ އެހެން ދަނޑެއްގައި މި މެޗް ކުޅުން. އަނެއްކާ ދެ ޓީމަކީ ވެސް ހުޅަނޑު އުތުރުގެ ދެ ޓީމު،" ހެންޑަސަން ބުންޏެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީ މީގެ ކުރިން އެފްއޭ ކަޕުގައި ވާދަކޮށްފައެއް ނުވެ އެވެ. މި ދެޓީމު ވެމްބްލީގައި މިހާތަނަށް ބައްދަލުކުރި ދެ ފަހަރު ވެސް ޕެނަލްޓީ ޖަހައިގެން ކުރި ހޯދީ މެންޗެސްޓާ ސިޓީ އެވެ. ފުރަތަމަ 2016 ވަނަ އަހަރު ލީގް ކަޕް ފައިނަލުގައި މި ދެޓީމު ވާދަކުރިއިރު ދެން ކުޅުނީ 2018 ވަނަ އަހަރު ސީޒަން ހުޅުވަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454