ލަންޑަން (އޭޕްރީލް 16) - އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބުކޮށް ލިވަޕޫލް ގޮވައިގެން ކޯޗު ޔާގަން ކްލޮޕް ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ ލިވަޕޫލް އެފްއޭ ކަޕް ފައިނަލަށް ދަތުރުކުރި 15 ވަނަ ފަހަރެވެ. މިހާތަނަށް ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ލިވަޕޫލް އެންމެ ފަހުން ފައިނަލުގައި ކުޅުނީ މީގެ 10 އަހަރު ކުރިން، 2012 ވަނަ އަހަރު އެވެ. އެފަހަރު ފައިނަލުން ބަލިވީ ޗެލްސީ އަތުންނެވެ. މާދަމާ ރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވެސް ޗެލްސީ ކުޅޭނެ އެވެ. ލިވަޕޫލާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
ލިވަޕޫލްގެ ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެންޑީ ރޮބާޓްސަން ނަގައިދިން ކޯނަރަކުން މެޗުގެ ނުވަ ވަނަ މިނިޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ ޑިފެންޑަރު އިބްރާހިމް ކޮނާޓޭ އެވެ. މިއީ އޭނާ ލިވަޕޫލަށް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޖަހައިދިން ތިންވަނަ ލަނޑެވެ. ބެންފީކާއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ލެގުގައި ވެސް އޭނާ ލަނޑު ޖެހި އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ލީގުގައި މި ދެޓީމު ވާދަކުރި މެޗުގައި ކޮނާޓޭ އިނީ ބެންޗުގަ އެވެ.
ލިވަޕޫލްގެ ދެވަނަ ލަނޑު 17 ވަނަ މިނިޓުގައި ޖެހީ ސަޑިއޯ މާނޭ އެވެ. ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ފަހަތުން ގޯލް ލައިން ކައިރީ ހުރި އެމެރިކާގެ ގޯލްކީޕަރު ޒެކް ސްޓެފެން އަށް ޖައްސާލި ބޯޅަ އޭނާ ކޮންޓްރޯލް ކޮށްލުމާ އެކު މާނޭ ވަނީ އެ ބޯޅައަށް މަސައްކަތްކޮށް ގޯލަށް ފޮނުވާލައިފަ އެވެ. ތިއާގޯ އަލްކަންތާރާ ދިން ޕާހަކުން ލިވަޕޫލްގެ ތިންވަނަ ލަނޑު ވެސް ޖެހީ މާނޭ އެވެ.
މެންޗެސްޓާ ސިޓީގެ ފަރާތުން ފުރަތަމަ ހާފުގައި ފެނުނީ ދަށް ކުޅުމެކެވެ. އެޓީމަށް މި ހާފުގައި ފޮނުވާލެވުނީ ވެސް އެންމެ ހަމަލާއެކެވެ. އޭރިއާ ތެރެއިން ޖެކް ގްރީލިޝް އަށް ހަމަޖެހިގެން ބޯޅަ ފޮނުވާލަން ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ބްލޮކް ކުރީ ވާޖިލް ވެން ޑައިކެވެ.
ފުރަތަމަ ހާފުގައި ނުކުޅެވުނަސް ދެވަނަ ހާފު ސިޓީން ފެށީ ވާދަވެރިކޮށެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި އެޓީމުން ލަނޑެއް ވެސް ޖެހި އެވެ. ކެޕްޓަން ފެނާންޑީނިއޯ އަރިމަތިން ކުރިޔަށް އަރައި ހުސްކޮށްލާފައި ދިނީ ގެބްރިއެލް ޖީސަސް އަށެވެ. އޭނާ އޭރިއާ ތެރެއިން ފަބީނިއޯ ކައިރިން ނައްޓާފައި ދިން ބޯޅައިން ގޯލު ޖެހީ ގްރީލިޝް އެވެ.
ގޯލަށް ފަހު ސިޓީން ކުރިޔަށް ޖެހިގެން ކުޅުނު ނަމަވެސް މާ ގިނަ ފުރުސަތުތަކެއް ނުހޯދުނެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖީސަސް އަށެވެ. ރަހީމް ސްޓާލިން މުޅިން ހުސް ކޮށްލާފައި އޭނާއަށް ތަނަވަސް ކޮށްދިން ދެ ފުރުސަތުގައި ވެސް ކާމިޔާބެއް ނުވި އެވެ.
ސިޓީގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ޖެހީ ބެނާޑޯ ސިލްވާ އެވެ. އޭނާ މި ލަނޑު ޖެހީ ރިޔާދް މަހްރޭޒް އޭރިއާ ތެރެއިން ރޮބާޓްސަން ކައިރިން ނައްޓާފައި ގޮސް ހަނި އޭންގަލުން ގޯލަށް ފޮނުވާލަން ޖެހި ބޯޅަ، ކީޕަރު އެލިސަން ފައިގައި ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވެގެން އައި ވަގުތު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.