ރާއްޖެ އާއި އިންޑިއާގެ މަތީ ތައުލީމުގެ ނެޓްވޯކްތައް ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކުރުން.-- ފޮޓޯ: ފޮރިން މިނިސްޓްރީ
27 މާޗް 2022 - 11:55
ރާއްޖޭގައި މަތީތައުލީމުގެ ރިސާޗް ނެޓްވޯކެއް ގާއިމްކުރުމުގެ މަސައްކަތް ފަށައި، އެ ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ގުޅާލައިފި އެވެ.
އެ ދެ ނެޓްވޯކް ގުޅާލުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ އެކު، އިންޑިއާގެ ނޭޝަނަލް އިންފޮމެޓިކްސް ސެންޓަރުން އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް މިހާރު އައްޑު އަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.
ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގެ ދަށުން އިންޑިއާގެ 1،700 އަށް ވުރެ ގިނަ މަތީތައުލީމާއި ރިސާޗް އިންސްޓިޓިއުޓް ގުޅާލައި، އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކްގެ ހިދުމަތް ސީދާ ރާއްޖޭގެ މަތީތައުލީމާއި ރިސާޗް އިންސްޓިޓިއުޓްތަކުން ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ.
އެ މަސައްކަތް ފެށުމުގެ ގޮތުން ރާއްޖޭގެ ދެ ޔުނިވާސިޓީ ކަމަށްވާ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) މިހާރު އެ ނެޓްވޯކާ ގުޅާލާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ މަތީ ތައުލީމާއި ރިސާޗުގެ މަސައްކަތް ކުރާ އެހެން އިންސިޓިޓިއުޓްތައް އެ ނެޓްވޯކާ ގުޅާލުމުގެ މަސައްކަތް ހަޔަ އެޑިކޭޝަން މިނިސްޓްރީ އާއި އެންސީއައިޓީ އަދި ޓެކްނޮލޮޖީ މިނިސްޓްރީ ގުޅިގެން ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
The Maldives and India signs the Peering Agreement between @ncitmv and @NICMeity on extending National Knowledge Network of India to the Higher Education Network of Maldives immensely benefit higher education institutes and students. #MaldivesIndiaPartnership pic.twitter.com/SfnCo0GQNO
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 26, 2022
އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކަކީ 2010 ވަނަ އަހަރު އިންޑިއާ ސަރުކާރުން ގާއިމްކުރި ނެޓްވޯކެކެވެ. އެ ނެޓްވޯކަކީ ރިސާޗް އަދި އިންޓަނެޓްގެ ހިދުމަތް އެއް ޕްލެޓްފޯމްއަކުން ފޯރުކޮށްދިނުމަށް އިންޑިއާގެ ހުރިހާ ނޮލެޖް އަދި ރިސާޗް އިންސްޓިއުޓްތަކެއް ގުޅާލުމަށް ގާއިމްކުރި، ރޯބަސްޓް ހައި ސްޕީޑް ނެޓްވޯކެކެވެ.
- އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތެއްގެ ކަނެކްޝަން މެދުވެރިނުކޮށް، ރާއްޖޭގެ މަތީތައުލީމުގެ ނެޓްވޯކްގެ ތެރެއިން، އިންޑިއާގެ ނޮލެޖް ނެޓްވޯކްގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކާއި ޑިޖިޓަލް ހިދުމަތްތަކަށް ސީދާ އެކްސެސް ވެވޭނެ.
- ޑިޖިޓަލް ލައިބްރަރީ ކޮންސޯޓިއަމްގެ ހިދުމަތާއި ހަޔަ އެޑިއުކޭޝަން އިންފޮމޭޝަން ސަވިސަސްގެ ހިދުމަތް ލިބި، އޮންލައިން ލަނިން އަށް ފުރުސަތު ފަހިވާނެ.
ޓެކްނޮލޮޖީ މިނިސްޓްރީން ބުނި ގޮތުގައި، އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ 11 ނޭޝަނަލް ރިސާޗް އެންޑް ހަޔަ އެޑިއުކޭޝަން ނެޓްވޯކްތައް މިހާރު ވެސް ގުޅާލައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާއި އާއި ޔޫރަޕާއި އަދި އޭޝިއާގެ ގައުމުތަކުގެ މަޝްހޫރު މަތީ ތައުލީމުގެ ނެޓްވޯކްތައް ހިމެނެ އެވެ.
އެ މިނިސްޓްރީން ބުނީ ސާކް ގައުމުތަކަކީ ގުޅާލެވިފައިވާ އަދި ފުދުންތެރި ގައުމުތަކަށް ހެދުމުގެ ވިސްނުމުގައި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ މި ސަރަހައްދުގެ އެހެން ގައުމުތައް ގުޅާލުމުގެ ވާހަކަ 2014 ވަނަ އަހަރު ބޭއްވި 18 ވަނަ ސާކް ސަމިޓްގައި އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމުތަކުގެ ލީޑަރުންނާއި ހިއްސާކުރައްވާފައިވާ ކަމަށެވެ. ރާއްޖޭގައި ވެސް އެ ނެޓްވޯކް ގާއިމްކުރަނީ ސާކް އިނިޝިއޭޓިވްގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއުނިމާ
27 March 2022
ތައުލީމީ ކޯޗެއް ގުޅަންތޯ! އިންޑިޔާއަކީ މުޅި ދުނިޔެއިންވެސް ތައުލީމީ ސެޓުފިކެޓް އެންމެ ގިނައިންވިއްކާ ގައުމު! ކޮން ފެންވަރެއްތޯ ރަނގަޅުވާނީ
އުދުހޭ
27 March 2022
އިންޑިޔާގެ ސްކޫލުތަކުގައި އިމްތިހާނު ހަދާއިރު ބެލެނިވެރިން އިމާރާތުގެ ބޭރުން އަރާ އެހީމާ މަންޒަރުގެ ފޮޓޯ އަޅުގަނޑު ދުށީމު. ތިޔަ ގުޅާލުމުން އެގޮތަށް ބެލެނިވެރިންގެ ޚިދުމަތް ދިވެހި ދަރިވަރުންނަށް ލިބޭނެތޯ؟
އުޑުހޭ
27 March 2022
ތިދައްކަނީ ވިލެޖެއްގެ ސުކޫލެއްގެ ވާހަކަ. މިތާގައި މިދައްކަނީ ޔުނިވަސިޓީތަކައް ބޭނުންވާނެ ރިސާޗުގެ ވާހަކަ. އަދި އެނެޓުވާކު ގުޅާލެވިފައިވާ ގައުމުތައްވެސް ބަލާލާ. ތައުލީމީ މީހުންނަށް މީގެ މުހިއްމުކަން އެނގޭނެ
ސީޒަން ޖެކުހަން
27 March 2022
ގުޅިގުޅިނުން މިހާރު މިއޮތީ އެކީއެކައްޗަކަށް އެކަތިގަނޑަކަށްވެފާ.
ކުޑަކަތީބު
27 March 2022
ޝުކުރިއްޔާ ރައީސް އިބޫ، ޝުކުރިއްޔާ އަވައްޓެރި އިންޑިޔާ
އަތްޖަހާ
27 March 2022
އިންޑިއާ މީހުންނަށް ރާއްޖޭގެ ރައްޔިތުންގެ ހުރިހާ މައުލޫމާތެއް ވަގުތުން ލިބޭނެ ގޮތް އެހެދީ. ހިތުން ވަރަށް މުޅުކަމަށް މި ކެރީ
ބަރެނާ
27 March 2022
ތިއީ ތި އިންޑިއާ އިން ރާއްޖެ އިސްތިއުމާރު ކުރާ ގޮތަކީ! ދެން ފެނާ ނަރުދަމާ ގުޅާލާ ދެ ގައުމު ދޭތެރޭ! ދެން އިމިގްރޭޝަން، ދެން ހޯމް މިނިސްޓްރީ، ދެން ސިފައިން އަދި ފުލުހުން! އެ ނިމުނީނު! މިއީ ސަމާސާ ވާހަކައެއް ނޫން! 20 އަހަރު ނުވަތަ 10 އަހަރު ފަހުން އަހަރެމން އަމިއްލަ އައިޑެންޓިޓީ އެއް ނޯންނާނެ ކަން ކަށަވަރު ވާން ފަށައިފި! އިންޑިއާ މީހުނަށް ރާއްޖޭގެ ގުދުރަަތީ ހަޒާނާ ފެނިއްޖެ! މި ހަޒާނާގެ ތަޅުދަނޑި އޮތް ގައްދާރުންގެ ސަބަބުން.
އަލިދީދީ
27 March 2022
ސްކޫލަށް ވަންނަންޏާ ބުރުގާ ނަގަން މަޖުބޫރުވާނެތަ؟