މަޖިލީހުގެ ކޮމެޓީއެއް: ކޮމެޓީގައި ދެއްކި ވާހަކައަކާ ގުޅިގެން ކުރި އަބުރުގެ ދައުވާއެއް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
29 މާޗް 2022 - 19:26
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ދެއްކި ވާހަކަތަކަކާ ގުޅިގެން، އެ ޖަމްއިއްޔާއާ ދެކޮޅަށް ކުރި އަބުރުގެ ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޓްރާންސްޕޭރެންސީއާ ދެކޮޅަށް އައިމާ ކުންފުނިން ދައުވާކުރީ 2020 ވަނަ އަހަރު ބޭއްވި މަޖިިލީހުގެ ހިއުމަން ރައިޓްސް އެން ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގައި، އައިމާގެ ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ ހައްގުތައް ދިނުމެއް ނެތި އެ މީހުން ގައުމަށް ފޮނުވާލާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނުމުންނެވެ.
އައިމާ އިން ދައުވާކުރީ އަބުރާ ބެހުމުން ލިބުނު މައުނަވީ ގެއްލުމަށް 5،000ރ. ގެ ބަދަލެއް ނަގައި ދިނުމަށާއި އަދި މާލީ ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި މަޖިލީހަށް ޝަކުވާ ހުށަހެޅީ ޓްރާންސްޕޭރެންސީން ކަމަށް ވިޔަސް، ކޮމިޓީގައި އެ ޖަމިއްޔާ އިން ވާހަކަ ދެއްކީ ކޮމިޓީން އެންގުމުން ކަމަށް ވާތީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން އިމްތިޔާޒު ލިބޭނެ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް ދެއްކީ ދޮގު މައުލޫމާތެެއްް ދިނުމުގެ ގޮތުން ކަމަށް ބެލެވުން ނެތުމުން އަބުރާ ބެހުމުގެ ދައުވާ ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އިމްތިޔާޒްގެ ގާނޫނު ބުނާގޮތުން މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ދޭ މައުލޫމާތަކާ ގުޅިގެން އެއްވެސް ދައުވާއެއް ނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy