އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކް: ރެނޭ އަށް 2.3 މިލިއަން ރުފިޔާ ދެއްކުމަށް އެފްއޭއެމް އަށް ފީފާގެ ޓްރިބިއުނަލްއިން ވަނީ އަންގާފައި --- ފައިލް ފޮޓޯ: މިހާރު
03 އެޕްރީލް 2022 - 12:28
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު، ނެދަލެންޑްސްގެ ރެނޭ ހިޑިންކަށް، 2.9 މިލިއަން ރުފިޔާ ދެއްކުމަށް، އެފްއޭއެމް އަށް ފީފާގެ ފުޓްބޯލް ޓްރައިބިއުނަލް އިން އަންގައިފި އެވެ.
ރެނޭއާ އެކު އެފްއޭއެމުން ހެދި އެއްބަސްވުމާ ހިލާފަށް ގައުމީ ޓީމުގެ މަގާމުން އޭނާ ވަކިކުރިކަމަށް ބުނެ ފީފާ އަށް އޭނާ ހުށަހަޅައިފައިވާ މައްސަލަ ބެލުމަށް ފަހު، ފީފާގެ ފުޓްބޯޅަ ޓްރައިބިއުނަލް އިން އެފްއޭއެމަށް އަންގާފައި ވަނީ ބަދަލުގެ ގޮތުގައި 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ރެނޭ އަށް ދިނުމަށެވެ.
ހޮލެންޑުގެ ލެޖެންޑަރީ ކޯޗު، ގޫސް ހިޑިންކުގެ ކޮއްކޮ، ރެނޭ ހިޑިންކް ފީފާ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޖެނުއަރީ 2021 ގައި އޭނާއާ އެކު ތިން އަހަރަށް އެފްއޭއެމް އިން ކޮންޓްރެކްޓް ހެދި ކަމަށެވެ. އަދި އޭގެ ތިން މަސް ފަހުން އޭނާއާ އެކު ކުރިއަށް ދެވެން ނެތް ކަމަށް އެފްއޭއެމުން ހިޑިންކަށް އެނގިކަމަށް ވެސް އޭނާގެ ވަކީލާ ހަވަލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވެ އެވެ.
"ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތްގޮތަށް ރާއްޖޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާ ކަމަށް ހިޑިންކަށް އެފްއޭއެމުން އެންގި. އަދި ކޮވިޑުގެ ސަބަބުން އޭނާ ވަޒީފާގައި ދަމަހައްޓަން ފައިސާ ނެތް ކަމަށް ވެސް އެފްއޭއެމުން އެންގި،" ރެނޭގެ ވަކީލް ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.
ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ރެނޭ: އޭނާއާ އެކު އެފްއޭއެމުން ހެދި އެއްބަސްވުން އުވާލީ މިދިޔަ ޖޫން މަހު --- ފައިލް ފޮޓޯ
"އޭގެ ދުވަސްތަކެއް ފަހުން އެފްއޭއެމް އިން ހިޑިންކް ވަޒީފާއިން ވަކިކޮށްފައިވާކަމުގެ ނޯޓިސް ފޮނުވީ."
ފީފާގެ ޓްރައިބިއުނަލް އަށް ރެނޭ މައްސަލަ ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ފުޓްބޯލް ޓްރައިބިއުނަލް އިން ވަނީ ތިން ކަމެއްގެ މައްޗަށް ބަލައި ރެނޭ އަށް ފައިސާ ދައްކަން އެފްއޭއެމަށް އަންގައިފަ އެވެ. ރެނޭއާ އެކު އެފްއޭއެމުން ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތް ތާރީހަކީ ޖެނުއަރީ 2024 އެވެ.
- ޖޫން 2021 ގެ ފަހު ހަފުތާގެ މުސާރައިގެ ގޮތުގައި 1,375 ޑޮލަރު
- ޖުލައި 2021 އިން ޖެނުއަރީ 2024 ގެ މުސާރައިގެ ގޮތުގައި 170,500 ޑޮލަރު (ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ދޭން ޖެހޭ 5،500 ޑޮލަރު 31 މަހަށް ބަހާލުމުން ޖުމުލަ އަދަދު)
- ޕޮކެޓްމަނީގެ ގޮތުގައި 15,500 ޑޮލަރު (ޕޮކެޓް މަނީގެ ގޮތުގައި ދޭން ޖެހޭ 500 ޑޮލަރު 31 މަހަށް ބަހާލުމުން ޖުމުލަ އަދަދު)
- ޖުމުލަ އަދަދު 187,375 ޑޮލަރު
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ރެނޭ ހިޑިންކްއާ އެކު އެފްއޭއެމުން އެއްބަސްވުން ހެދީ ޖެނުއަރީ 2020 ގަ އެވެ. އޭރު ކޯޗަކަށް ހަމަޖެއްސީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. ދެ ކޯޗުންނާ އެކު އޭރު ހެދި އެއް އަހަރުގެ އެއްބަސްވުން ޖެނުއަރީ 2021 ގައި ހަމަވުމުން، ތިން އަހަރުގެ އެއްބަސްވުމުގައި ދެ ކޯޗުންނާ އެކު އެފްއޭއެމުން ސޮއިކުރި އެވެ. ރެނޭ ހިޑިންކްގެ ކޮންޓްރެކްޓް އުވާލީ މިދިޔަ ޖޫން މަހު އެވެ.
އޯގަސްޓް މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ރާއްޖެ ހިމެނުނު ގްރޫޕްގެ ފަހު މެޗުތަކަށް ފަހު އެފްއޭއެމުން ވަނީ ޓީމުގެ ހެޑް ކޯޗު ކަމުން ކޫޕްމަން ވެސް ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންމާ ނަގާނެ އެކަކުވެސް ނުވާނެ ކަން އެނގޭ!
05 April 2022
4 އަހަރު ކުއްޖެއް އެކަނި ބެހެއްޓުމަކީ ޖިނާއީ ކުށެއް.
މުބާރިކް ގެ މުބާރަކް
05 April 2022
ގައުމު ދަރަނީ ކޮންޓްރެކްޓް ތަކުން ނުކުންނާނެ ގޮތްވެސް ނޭގޭތީވެ!
އިބްރާހިމްދ
04 April 2022
ނާގާބިލު ބަޔަކު ތިބެގެން ދައުލަތުގެ ފައިސާއިން މިފަދަ ކަންކަން ކުރަމުންދާއިރު އެއްވެސް ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތީބާ؟
ޢިޙްސާސް
04 April 2022
ނަމަނަމަ ތިފައިސާ ދައުލަތުގެ ބަޖެޓުން ނުދޭތި.
996585
04 April 2022
އެހާ ގަޅިން ލައިގެންތަ އެފް.އޭ.އެމް އެ ހިންގަނީ؟ މިރާއްޖޭގަ މުއައްސަސާތަކުގެ ވެރިންނަށް އައްޔަން ކުރާ މީހުންގެ އަސާސީ ފެންވަރުވެސް ނުހުންނަނީތަ؟ ނޫނީ ޕްރޮފެޝަނަލްކޮށް ކޮރަޕްޝަން ހިންގަން ރައްޔިތުންނަށް ދައްކާ ދަޅައެއްތަ؟
ނަޖްވާ
04 April 2022
މި ބައްސާމަކީ ފުޓުބޯޅަ އެއްކިބާގަ ބާއްވާފަ، އެހެން ކަމެއްވެސް ކުރި މީހެއް ނޫން! އަނދީބުގެ ތައްޕާހުން އޭރު ވޯލްޑް ކަޕް ބަލަން ހިލޭ ދާންވެގެން އެފްއޭއެމަށް ވަނީ! ވަންތާ ދެދުވަސް ނުވޭ އެހެން މީހަކާ އިނދެލާފަ ވަރުގަދަ ހަނީމޫނެއް ހެދީ މީނާ! މީ ޔާމީނު އަޑީގަ ހުރެގެން ވެއްދި މީހެއް އެފްއޭއެމަށް! ޒުވާނުންނަށް ނުފޫޒު ފޯރުވަން! ދެން ކީކޭބާ ކިޔާނީ ފީފާ އޭ ކިޔައިގެން؟
ރޭނެ
03 April 2022
ތީ ރޭވުން ގަނޑެއް ތީގެން އެފްއޭއެމް ގެބަޔަކަށް ބައިއެޅިގެންދާގޮތަށް ހުންނާނިރާވާފަ.
ފީފާ
03 April 2022
ކޮބާތަ މަހްލޫފް؟ ރައްޔިތުންގެ ލާރި ހިތުހުރިގޮތަކަށް ހޭދަވެގެން މި ދަނިީ މަހްލޫފް ކަަހަލަ ބައްސާމް ކަހަލަ ތަންދޮރު ނޭނގޭ ރައްޔިތުންނަކީ ބޭކާރުބައެއްކަމުގަ ދެކޭ މީހުން ވެރިކަމަށްލީމަ
ބޯޅަބެ
04 April 2022
ކޮބާ ބައްސާމު
މެރީނާބޭ
03 April 2022
އެބަ ރަނގަޅުވޭ! މިފަހަރު ބައްސާމު ދަައްކާނެ ބަހަނާއެއް ނޯންނާނެ! މިއޮތް ހާ ދުވަހު ފީފާ އަދި އޭއެފްސީ ނިވާފައްގަނޑަކަށް ހަދައިގެން ތިމަންނަ ޖަވާބިދާރީވާން ޖެހޭ މީހަކު މި އުޑުދަށުގަ ނެތްކަމަށް ހީކޮށްގެން ހުރީ! ދެން ލަ ލަ ލާ! އަދިވެސް އިސްތިއުފާ ދޭކަށް ނުވޭބާ ނޫނީ ސްޕޯޓުސް މިނިސްޓްރީ އަށް މިކަން ބޮޑު ކަމަކަށް ނުވަނީބާ
އެމްސް
04 April 2022
ސަރުކާރުގެ ހުރިހާ މުވައްސަސާއަކުންވެސް ދައުލަތް ރޮލާ ކަނީ!
ކިކޭބާ
03 April 2022
މުސާރަ ނުދީގެން ކްލަބްތައް ސަސްޕެންޑް ކުރާ އެސޯސިއޭޝަންގެ ހާލުހުރި ގޮތަކީވެސް މުސާރައަށް ދަރައި އޮތުން.
ޙަސަން މުބީން
04 April 2022
ނުދެއްކި އަދި ނެތެންނު. ކޯޓުން އަދި ނިންމީ