ނިއު ޔޯކް: މާޗް 2، 2022: ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައި ވަރުގަދަ ހަމަލާތައް ދިނުން ކުށްވެރިކޮށް އަދި ރަޝިއާގެ ސިފައިން ޔުކްރެއިން ވަގުތުން ފޭބުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހުގައި ބޭއްވި ޖަލްސާގައި ޔުކްރެއިނުން އދ. އަށް ކަނޑައަޅާފައިވާ އެމްބަސަޑަރު ސާޖީ ކިސްލީސިޔާ ވާހަކަ ދައްކަވަނީ: މި ވޯޓުގައި ރަޝިއާއާ ދެކޮޅަށް 193 ގައުމުގެ ތެރެއިން 141 ގައުމަކުން ވޯޓުން ދިން.-- ފޮޓޯ: އޭއެފްޕީ
07 އެޕްރީލް 2022 - 12:16
ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް، އދ. ގައި މިއަދު ވޯޓު ނަގަން ނިންމައިފި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރުމުގެ މައްސަލަ އާންމު މަޖިލީހަށް ހުށަހެޅި އެމެރިކާ އިންނެވެ. އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރުމުގެ މައްސަލައިގައި، އދ.ގެ އާންމު މަޖިލީހުގައި ވޯޓެއް ނެގުމަށް ނިންމީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ރަށްބޭރު ސަރަހައްދުތަކުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔައިރު، ގިނަ އަދަދެއްގެ އާންމުން މަރާފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި ކިޔޭވްގެ ހުޅަނގުއުތުރުން އޮންނަ ބޫޗާއިން އެކަނި ވެސް، އާންމުންގެ 400 އަށް ވުރެ ގިނަ މީހުން މަރާލާފައިވަނިކޮށް ފެނިފައިވެ އެވެ. ނަމަވެސް ރަޝިޔާ އިން ބުނެފައިވަނީ އެފަދަ އަމަލެއް ނުހިންގާ ކަމަށާއި ބޫޗާގައި އާންމުން މަރުވެފައިވާ ނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫކްރޭން ސިފައިން ކަމަށެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވާ ގޮތުގައި، ރަޝިޔާ ސިފައިން ފައިބައިގެން ދިޔަ ކޮންމެ ސަރަހައްދަކުން ފެންނަނީ، ބޫޗާގައި ރަޝިޔާ ސިފައިން ހިންގާފައިވާ ޖަރީމާތަކާ އެއްވަރުގެ ނުވަތަ އެއަށް ވުރެ ވެސް ނުރައްކާތެރި ޖަރީމާތަކެއް ހިންގާފައިވާ މަންޒަރެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު ވޯޓެއް ނެގުމަށް ތާވަލުކުރި އިރު، އެ މައްސަލަ އެ ގޮތަށް ފާސްވާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެ އެވެ. އެއީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ރަޝިޔާއާ ދެކޮޅަށް އދ.ގެ އާންމު މަޖިލީހުގައި މިހާތަނަށް ނެގި ދެ ވޯޓުގައި ވެސް ރަޝިޔާ ކުށްވެރިކޮށް ގިނަ އަދަދެއްގެ ގައުމުތަކުން ވޯޓު ދީފައިވަތީ އެވެ.
އދ.ގެ އާންމު މަޖިލީހުގެ މެމްބަރުންގެ ގޮތުގައި 193 ގައުމު ހިމެނޭއިރު، އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ގައުމެއް ވަކިކުރަން ފާސްވާނީ، އދ.ގެ އާންމު މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ތިން ބައިކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ. މީގެ ކުރިން ނެގި ދެ ވޯޓުގައި ވެސް ރަޝިޔާއާ ދެކޮޅަށް ގާތްގަނޑަކަށް 140 ގައުމު ވޯޓު ދީފައިވުމުން، މިއަދު ނަގާ ވޯޓުގައި ވެސް އެއަދަދަށް ވޯޓު ލިބޭނެ ކަމަށް ބެލެވެ އެވެ.
ޔޫކްރޭން ހަނގުރާމައިގެ މައްސަލައިގައި އދ.ގެ ތަފާތު އިދާރާތަކުގައި މިހާރު ކުރެވެމުންދާ ބަހުސްތަކުގައި ވެސް، ރަޝިޔާ ވަނީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފަ އެވެ. އެމެރިކާ އިން ހޭދަކޮށްގެން ޔޫކްރޭންގައި ހިންގާ، ބަޔޮލޮޖިކަލް ހަތިޔާރުގެ އަޖުމަބަލާ ލެބޯޓެރީތަކެއް ހުރި ކަމަށް ރަޝިޔާ އިން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން، ސަލާމަތީ މަޖިލީހުގައި އިއްޔެ ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ވެސް، ރަޝިޔާ ވަރަށް ބޮޑަށް އެކަހެރިވެ ބާކިވި އެވެ.
އެފަދަ ލެބޯޓެރީތަކެއް ހުރި ކަމަށް ބުނާ ބުނުން ފިޔަވައި، އެ ތުހުމަތުތައް ސާބިތުކުރެވޭ ވަރުގެ ހަރުދަނާ ހެއްކެއް ރަޝިޔާ އިން ނުދެއްކުމުން، ސަލާމަތީ މަޖިލީހުގައި މެމްބަރު ގައުމުތަކުން ވަރަށް ބޮޑަށް ރަޝިޔާ އަށް ފާޑުކިޔުންތަކާއި ނަފްރަތުގެ ބަސްތައް ރައްދުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމްކޮއެ
08 April 2022
ޕާކިސްތާނުގާ ކައިވެނިޕާޓީބާއްވައިގެން އުފާފާޅުކުރަންތިއްބާ އެމެރިކާއިން ބޮންއަޅާމަރާލީ ކިތައްއާއިލާގެމެންބަރުންތޯ ؟ އިރާގުގާ ކިތައްމީހުންތޯ ޖަނާޒާތަކުގައެމަރާލީ ؟ އިޒްރޭލުން ފަލަސްތީނުގެ ކިތައްކުޑަކުދިންނާ ކިތައްމުސްކުޅިންނާއި ކިތައްއަންހެނުންތޯމަރާއެލީ ؟ ރޭގަނޑުނިދާފަތިއްބާ ލީބިޔާއިންއެމަރާލީ ކިތައްއާންމުރައްޔިތުންތޯ ؟
ވިކިލީކުސް
08 April 2022
93-24 ވޯޓުން ރަޝިއާ ވަކިކޮށްފި. އެމެރިކާ އަރައި ސުންނާފަތިކުރި އިރާގާ ލީބިޔާ ކަންތައްކުރީ އެމެރިކާ ބުނިހެން. އެއީ ވޯޓުގައި ބައިވެރިނުވުމަށް. އެހެންވެ އެމީހުންނާ ސައޫދީވެސް ވޯޓުގަ ބައިވެރިނުވޭ. ޗައިނާއާ އިރާން ކިއުބާ އަދި ސީރިއާހިމެނޭހެން 24ގައުމަކުން ރަޝިއާ ވަކިނުކުރުމަށް ވޯޓުދިންއިރު، ރާއްޖެ އިންޑިއާ ހިމެނޭހެން ސައުތު އޭޝިއާގެ އެއްވެސް ގައުމެއް ރަޝިއާ ވަކިނުކުރާށޭ ނުބުނި. ރަޝިއާއިން ބުނީ ވޯޓުގަ ބައިވެރި ނުވުމަކީ ބީރެއްޓެހި އަމަލެއް ކަމަށް.
ކޮޑޭ
07 April 2022
އެމެރިކާ ފުރަތަމަވަކިކުރަންވީ
ބީރުބޮލު ވަޒީރު.
07 April 2022
އެއްވެސް ތަމްރީނެއް ލިބިފައިނެތް ޔޫކުރޭންގެ ޢާންމުންގެ އަތަށް ހަތިޔާރު ދީފައި ނެރުނީ ރަސިއާތޯ؟ އެމީހުން ރަސިއާ ސިފައިންނާ ދިމާލަށް ބަޑިޖެހީމަ ރަސިއާ ސިފައިން އަމާންދޭންވީތޯ؟ އަމިއްލަ ގައުމާ ގައުމުގެ ރައްޔިތުން ހަލާކުކޮށްލީ ޔަހޫދީ ކާޓޫނު ފިލްމުކުޅޭ ޖޯކަރު. ދެން މަރުވި މީހުންގެ ފޮޓޯ ދައްކައިގެން ދުނިޔޭގެ ސިންޕަތީ ހޯދަން އެނިކުތީ. މިހާރު އޮންނަނީ ނޭޓޯގެ ބައިވެރިވުމުގެ އެދުން ފިލާފަ.
އަބޫބަކުރުބެ
07 April 2022
ރަޝިޔާއަށް ހީނުވާނެ ކެހެރުވަކެކޭވެސް.