12 އެޕްރީލް 2022 - 12:32
ރަޝިޔާ އިން ހަކަތައިގެ ބާވަތްތައް ގަންނަ މިންވަރު އިތުރުކުރުމަށް އިންޑިޔާ އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ތަކުރާރުކޮށް ބާރުއަޅުއްވައި އިންޒާރު ދެއްވުމުން ވެސް، އެ ނިންމުން ބަދަލުކުރެއްވުމުގެ އެއްވެސް އިޝާރާތެއް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނުދެއްވި އެވެ.
މި މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް، ރައީސް ބައިޑެން އާއި ބޮޑުވަޒީރު މޯދީ އިއްޔެ ވަނީ ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ބައްދަލުކުރައްވައިފަ އެވެ. ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، އެ ގައުމުގެ ތެޔޮ ގަތުން ހުއްޓައިލުމަށް ނިންމައިފަ އެވެ.
ރަޝިޔާގެ ތެޔޮ ގަތުން އެމެރިކާ އިން ހުއްޓާލާފައި ވިޔަސް، ވިލާތުގެ ގައުމުތަކުން މިހާތަނަށް އެ ނިންމުން ފުރިހަމަ އަށް ތަންފީޒެއް ނުކުރެ އެވެ. ނަމަވެސް ރަޝިޔާގެ ތެޔޮ ގަންނަ މިންވަރު ވަނީ ދަށްކޮށްފަ އެވެ.
I spoke today with Prime Minister Modi of India. We committed to strengthening our defense, economic, and people-to-people relationship to together seek a peaceful and prosperous world. pic.twitter.com/o30ij9reIY
— President Biden (@POTUS) April 11, 2022
އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގިނަ ގައުމުތައް ރަޝިޔާ އަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވިޔަސް، އިންޑިޔާ އިން އިސްކުރީ، ރަޝިޔާއާ އެކުގައި ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ ސިޔާސަތެކެވެ. އެ ގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އިންޑިޔާ ވަނީ، ރަޝިޔާ އިން 13 ބިލިއަން ފީފާ ތެޔޮ ގަނެފަ އެވެ.
އިއްޔެގެ ބައްދަލުވުމުގައި ރައީސް ބައިޑެން ވަނީ، ރަޝިޔާގެ ތެޔޮ ގަތުން އިތުރު ނުކުރުމަށް ބޮޑުވަޒީރު މޯދީ އަރިހުން އެދިވަޑައިގެންފަ އެވެ. އޭގެ ބަދަލުގައި އިންޑިޔާ އަށް ބޭނުންވާ ހަކަތައިގެ ވަސީލަތްތައް ހޯދުމުގައި އެމެރިކާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ބައިޑެން ހުށަހެޅުއްވި ކަމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވި އެވެ.
ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށް، ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވަނީ އިންޑިޔާ އަށް ވަޑައިގެން އެ ގައުމުގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފަ އެވެ. ލަވްރޯވްގެ މި ދަތުރުގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރި އެންމެ މުހިންމު ކަމަކީ، އިންޑިޔާ އާއި ރަޝިޔާއާ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި، އެމެރިކާ ޑޮލަރުގެ ބަދަލުގައި ރަޝިޔާގެ ރުބެލް އާއި އިންޑިއާގެ ރުޕީ ބޭނުންކުރަން ފެށުމާ ގުޅޭ ގޮތުންނެވެ.
އެމެރިކާ އާއި އިންޑިއާގެ ވެރިން އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގެ ކުރިން ދެ ގައުމުގެ މެދުގައި ވަޒީރުން ފެންވަރުގެ ދެ ބައްދަލުވުމެއް ބޭއްވި އެވެ. އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، އިންޑިޔާގެ ހާރިޖީ ވަޒީރު ޖައިޝަންކަރާ ބައްދަލުކުރެއްވި އިރު، އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ، އިންޑިޔާގެ ދިފާއީ ވަޒީރު ރާޖުނާތު ސިންގާ، ވޮޝިންޓަންގައި ބައްދަލުކުރައްވައިފަ އެވެ.
ދެ ގައުމުގެ ވެރިންގެ ބައްދަލުކުރެއްވުމަށް ފަހު، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އިންޑިޔާ އިން ވަކި ކަމެއް ކުރުމަށް އެމެރިކާ އިން ނޭދޭ ކަމަށެވެ. އަދި ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން އަޅާ ކޮންމެ ފިޔަވަޅެއް އެ ގޮތަށް އެޅުމަކީ ކޮންމެ ގައުމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް، އެމެރިކާ ގަބޫލުކުރާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަސްފުޅު
13 April 2022
އިންޑިއާ ބޭނުމެއް ނުވާނެ އަޅުވެތިވާކަށް.، އެހެން ގައުމުތަށް އަޅުވެތިކުރަންބޭނުންވާނީ، އިންޑިޔާއަކީ ސައުތު އިސްޓު އޭސިޔާއަށޤ ޖެހިފައިއޮތް ބަލާއެއް!
ވިކިލީކުސް
12 April 2022
އިންޑިއާ ބޭނުމެއް ނުވާނެ އަޅުވެތިވާކަށް.
މިސާލެއްތަ
12 April 2022
ޔުކްރެއިންއަށް އެރުމުގަ ރަޝިޔާއަށް އިންޑިއާއިން ސަޕޯޓްކުރުމަކީ އިންޑިޔާއިން ބޭނުންވެއްޖެނަމަ ރާއްޖެ ހިފުމަށް ތާއީދުކުރުން ކަހަލަ ކަމެއް.
މުދިންބެ.
12 April 2022
ދުވަސްކޮޅަކުން އަދި ފެންނާނެ އެމެރިކާގެސް ބަސް ބޮލާލާ ޖަހާފަ ހުޅަނގު ޔޫރަޕުގެ ގައުމުތައްވެސް ރަސިއާ ފަހަތުން ދުވާތީ. އެމެރިކާއަށް އޮބިއެޅުވޭނީ ޢަރަބި ގަލްފު ގައުމުތަށް. ދެން އެހެން ބައެއް އިސްލާމީ ގައުމުތައް. މިއީ ޑޮލަރުގެ އަޅުވެތިކަމުން ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ ހަނގުރާމައިގެ ފެށުނު. އެމެރިކާގެ އިމްޕީރިއަލްގެ ނިމުން އަންނަތަން މިފެންނަނީ.
އިދްރީސް
12 April 2022
ވަރަށް ބޮޑު ތެދެއް ތިބުނީ ތިއީ ހަމަ ވެގެން އުޅޭ ގޮތް
އަބޫބަކުރުބެ
12 April 2022
ސާބަހޭ މޮދީ. މޮދީއަކީ އެހެންހުއްޓަސް ވަރަށް ފައްކާ ގޮލައެއް.
ށަވިޔަނި
12 April 2022
މޯދީގެ ކަމެއްނޫން. އިންޑިއާއަކީ ކޮންމެ ވެރިއަކު ހުއްޓަސް ނުގުޑާ ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެއް. ޕާކިސްތާނާ ކުޅުނުހެން އިންޑިއާގެ ވެރިންނާ އެމެރިކާއަށްވެސް ނުކުޅެވޭނެ. އިމްރާނު ވެރިކަމުން ދުރުކުރީ ރަޝިޔާއާ ގުޅި އެމެރިކާއާ ހުޅަނގަށް ނޫނެކޭ ބުނެ ސީރިޔާ ތެރެއިން އިޒްރޭލަށް ހަމަލާ އާމާޒުކުރުމުން.