14 އެޕްރީލް 2022 - 13:20
ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާގައި އުފައްދައި ބޭނުން ކުރަމުން އަންނަ ސިނޮވެކް ވެކްސިން ޖަހާފައިވާ މީހުންގެ ކިބައިން، ކޮވިޑް ބަލީގެ އަލާމާތްތައް ފެންނަ މިންވަރާއި، ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ފުރުސަތު، ކޮވިޑްގެ އެހެން ވެކްސިންތަކާ އަޅައި ބަލާއިރު އިތުރު ކަމަށް، ދިރާސާއަކުން ދައްކައިފި އެވެ.
ސިންގަޕޫރުގެ ތަފާތު ކުންފުނިތައް ގުޅިގެން ކުރި ދިރާސާގައި ބުނެފައިވާ ގޮތުން، ފައިޒާ ކުންފުނީގެ ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންގެ ހަށިގަނޑުން، ކޮވިޑް ބަލީގެ އަލާމާތްތައް ފެންނަ މިންވަރަށް ވުރެ، ސިނޮވެކް ޖެހި މީހުންގެ ހަށިގަނޑުން އަލާމާތްތައް ފެންނަ މިންވަރު ފަސް ގުނަ އިތުރެވެ. އަދި ވެކްސިން ޖަހާފައިވާ މީހުންނަށް އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު އޮތް މިންވަރަށް ބަލާއިރު ވެސް، ފައިޒާ ވެކްސިން ޖަހާފައިވާ މީހުންނަށް ވުރެ، ސިނޮވެކް ޖަހާފައިވާ މީހުންނަށް ދެ ވަނަ އަދި ތިން ވަނަ ފަހަރަށް އެ ބަލި ޖެހުމުގެ ފުރުސަތު ދެ ގުނަ ބޮޑެވެ.
އޭގެ އިތުރުން މޮޑާނާ ވެކްސިން ޖަހާފައިވާ މީހުންނާ އަޅައި ބަލާއިރު، ސިނޮވެކް ޖަހާފައިވާ މީހުންނަށް ކޮވިޑް ޖެހުމުގެ ފުރުސަތު ހަ ގުނަ ބޮޑެވެ.
ސިންގަޕޫރުގެ ކަމާ ގުޅޭ ކުންފުނިތަކުން ކުރި ދިރާސާގައި އަޅައިބަލާފައިވަނީ ކޮވިޑް ބައްޔާ ދެކޮޅަށް ވެކްސިން އުފެއްދުމުގައި ބޭނުންކުރި ޓެކްނޮލޯޖީގެ ތަފާތުތަކުން، ބަލިން ދިފާއުވުމާއި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ކޮވިޑް ޖެހުމުގެ ފުރުސަތު އޮތް މިންވަރުގެ ތަފާތަށް އަންނަ ބަދަލުތަކެވެ. އެ ގޮތުން އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ފައިޒާ ވެކްސިން އާއި މޮޑާނާ ވެކްސިންގެ އިތުރުން، ބަލިކަށި ކޮށްލާފައިވާ ކޮވިޑް ވައިރަސް ބޭނުންކޮށްގެން އުފައްދާފައިވާ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ސިނޮވެކް އާއި ސިނޮފާމް ވެކްސިން އަޅައިކިޔާފައިވެ އެވެ.
މި ދިރާސާ ހަދާފައިވަނީ އޮކްޓޫބަރު 1، 2021 ން ފެށިގެން ނޮވެމްބަރު 21، 2021ގެ ނިޔަލަށެވެ. ހަތް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދިރާސާގައި، އުމުރުން 20 އަހަރުން މަތީގެ ގާތްގަނޑަކަށް ތިން މިލިއަން މީހުންގެ މައުލޫމާތު ހިމަނާފައިވެ އެވެ. އެ އެންމެންނަކީ ވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ.
ފައިޒާ ވެކްސިނާ އަޅައި ބަލާއިރު، ޗައިނާގެ ސިނޮފާމް ވެކްސިން ޖަހާފައިވާ މީހުންނަށް، ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ފުރުސަތު 1.62 ޕަސެންޓް ބޮޑެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުން، ފައިޒާ ވެކްސިނާ އަޅައި ބަލާއިރު، މޮޑާނާ ވެކްސިން ޖެހި މީހުންނަށް ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ފުރުސަތު އޮތް މިންވަރަކީ 0.42 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތަ
16 April 2022
މިގައުމުގަ އެކަމު ޗައިނާ ވެކްސިންޖެހި މީހުންނަށް ކޮވިޑް އެންމެ ނުޖެހުނީ.
ޚކ555
15 April 2022
ފައިޒާ އެންމެ ނުރައްކާތެރީ
މުދިންބެ
14 April 2022
ތިއަބުނާ ވެކްސިނެއް ޖަހައިގެން ވަކި ވީކަމެއް ބުނެބަލަ. ހުސް ދިރާސާ. އަނެއްކާ ތިއަ ދިރާސާ ރަނގަޅުތޯ ބަލަންވެސް ދިރާސާއެއް ހަދަންވީ.
ށަވިޔަނި
14 April 2022
މަޖެއްސީ ކޮވިޝިލްޑް 2 ފައިޒާ 1. ބަޔަކު އިތުބާރުނުކުރިއަސް މެޑިސިންގައި ޗައިނާއަށްވުރެ ބޮޑަށް އިންޑިއާއަށް މަގޭ އިތުބާރު ބޮޑު.
ހުސެން
14 April 2022
މިއީ ހަމައެއްވެސް ތާކުންތާކުޖެހޭ ވާހަކަތަކެއްނޫން، އަދި މިބުނާގޮތަށް ޕަސެންޓުން އެކިއުރޭޓުކޮށް މިކަން މިހެންނުވެސް ބެލޭނެ، މިއީ ޗައިނާއާދެކޮޅަށް ފަތުރާ ޕުރޮޕަގެންޑާއަކާ ވައްތަރީ
ޖދވގޗދގފޗދ
14 April 2022
ޗައިނާގެ ފޭކުއެއްޗެއް މަށަަށްނުޖެހުނުކަން ނަސީބު.