ދުނިޔެ / ބޮރިސް ޖޯންސަން

ދިފާއީ ގުޅުން ބަދަހިކުރަން ޖޯންސަން އިންޑިއާ އަށް

ނޮވެމްބަރު 2021 ގައި އިނގިރޭސި ވިލާތުގެ ގްލަސްގޯގައި ބޭއްވި ކޮޕް-26 ބައްދަލުވުމުގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން (ވ) އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ. --އޭއެފްޕީ

17 އެޕްރީލް 2022 - 11:17

1 comments

ދެ ގައުމުގެ ދެމެދުގައި ދިފާއީ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.

މިއީ ބޮޑުވަޒީރު ބޮރިސް ޖޯންސަން މަގާމާ ހަވާލުވެވަޑައިގެން ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިންޑިއާ އަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ތާވަލުގައި ހިމެނުއްވިޔަސް، މިދިޔަ ދެ އަހަރު ވެސް އެ ދަތުރު ނުކުރެއްވުނީ މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދިޔަ ކޮވިޑް-19ގެ ސަބަބުންނެވެ.

އިނގިރޭސި ބޮޑުވަޒީރު އިންޑިއާ އަށް ވަޑައިގަތުމަށް މި ނިންމެވީ، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ހުޅަނގުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، އިންޑިޔާ އިން ރަޝިޔާއާ ގާތް ގުޅުމެއް ބާއްވަމުންދާ ދުވަސްވަރެއްގަ އެވެ. އެ ގޮތުން އިންޑިއާ އާއި ރަޝިޔާއާ ދެމެދު ކުރާ ތެލާއި ގޭހުގެ ވިޔަފާރީގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ރަޝިޔާގެ ރުބެލް އާއި އިންޑިއާގެ ރުޕީ ބޭނުންކުރަން ފެށުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް، ދެ ގައުމުގެ ހާރިޖީ ވަޒީރުންގެ މެދުގައި ވަނީ މަޝްވަރާތަކެއް ބާއްވައިފަ އެވެ.

އެ ކަންބޮޑުވުންތަކާ އެކު، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހަފުތާގައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރެއްވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ބައިޑެން ވަނީ، ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުއްޓާލައިފި ނަމަ، އިންޑިއާ އަށް ރަނގަޅު ގޮތްތަކެއް ހަދައިދޭނެ ކަމަށް، ބޮޑުވަޒީރު މޯދީ އަށް ދަންނަވައިފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރު މިހާރު ހަމަޖެހިފައި އޮތީ، އަންނަ ހުކުރު ދުވަހަށެވެ. އެ ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި، އިންޑިއާ އާއި އިނގިރޭސި ވިލާތާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރަ ކުރައްވާނެ އެވެ. އޭގެ އިތުރުން ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު، އިނގިރޭސި ވިލާތުން އަންނަނީ، ހަކަތައިގެ ވަސީލަތްތައް ހޯދުމާއި ވިޔަފާރީގެ ކަންކަމުގައި އިންޑިއާ އިން ރަޝިޔާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އިނގިރޭސި ހާރިޖީ ވަޒީރު ލިޒް ޓްރަސް، މިދިޔަ ހަފުތާގައި އިންޑިއާ އަށް ވަޑައިގެން، ވިޔަފާރިއާއި ދިފާއީ ކަންކަމުގެ އިތުރުން ކާނާގެ ރައްކާތެރިކަން އިންޑިއާ އަށް ކަށަވަރުކޮށްދިނުމުގައި އިނގިރޭސި ވިލާތުން އެހީތެރިވާނެކަން އޭނާ އިންޑިއާގެ ހާރިޖީ ވަޒީރަށް ދެންނެވި އެވެ.

ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަކުރާ މައްސަލައިގައި ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާ އިރު، އިންޑިއާ އިން އެކަމަށް އެއްވެސް އެއްބާރުލުމެއް ނުދެ އެވެ. އަދި ރަޝިޔާގެ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އދ.ގެ އާންމު މަޖިލީހުގައި މިހާތަނަށް ނެގި އެއްވެސް ވޯޓެއްގައި ވެސް އިންޑިއާ ބައިވެރިއެއް ނުވެ އެވެ.

އިންޑިއާ އަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ އަމިއްލަ ހިތަށް ފެންނަހާ ގޮތަކަށް އަމަލުކުރާ ދައުލަތްތަކުގެ ފަރާތުން އަހަރެމެންގެ ސުލްހަ އާއި ކުރިއެރުމަށް ނުރައްކާ ކުރިމަތިވެފައިވާ އިރު، ޑިމޮކްރެސީތަކާއި ރަހްމަތްތެރިން އެކަތިގަނޑެއްގެ ގޮތުގައި ތިބުން ވަރަށް މުހިންމު ކަމަށެވެ.

އިންޑިއާ އަކީ އިގްތިސާދީ ގޮތުން ބޮޑު ބާރަކަށް ވުމުގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމަށް ވާތީ، މިހާރުގެ ނާޒުކު ދަނޑިވަޅުގައި އިންޑިއާއަކީ އިނގިރޭސި ވިލާތަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ވެސް ޖޯންސަން ވިދާޅުވި އެވެ. އަދި މި ފަހަރުގެ ދަތުރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް މަންފާ ހުރި ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހީހީހީހީ

17 April 2022

ﷲސވޢގެ ކުޅަދުންވަންތަކަމާއިއެވެ!!!! އިންޑިޔާ އަޅުވެތިކޮށްގެން އުޅުނު ސާހިބުން މިދަރަޖައަށް ވެއްޓިދާނެކަމުގައި އިނގިރޭސިން ދުވަހަކުވެސް ހީކުރިބާވައެވެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454