17 އެޕްރީލް 2022 - 12:57
ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށާއި، އެކަން ހުއްޓާނުލައިފި ނަމަ "ލަފާ ވެސް ނުކުރެވޭ ފަދަ ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ" ކަމަށް ބުނެ ރަޝިޔާ އިން އެމެރިކާ އަށް އިންޒާރުކޮށްފި އެވެ.
ރަޝިޔާ އިން މި ހަފުތާގެ ތެރޭގައި، އެމެރިކާ ސަރުކާރަށް ރަސްމީކޮށް ދިން އިންޒާރުތަކުގައި އަންގާފައިވަނީ، އެމެރިކާ އިން ރަޝިޔާ އަށް ދޭ ޒަމާނީ ހަތިޔާރުތަކަކީ، ރަޝިޔާގެ ސަރަހައްދުގެ ތެރެއަށް ޔޫކްރޭނުން ހަމަލާ ދިނުމަށް ބޭނުންކޮށްފާނެ ހަތިޔާތުތަކެއް ކަމަށެވެ. އެހެންކަމުން އެފަދަ ހަތިޔާރުތައް ޔޫކްރޭނަށް ފޮނުވުން ހުއްޓާނުލައިފި ނަމަ، ހީވެސް ނުކުރާ ފަދަ ނަތީޖާއަކާ ކުރިމަތިލާންޖެހުމުގެ ނުރައްކާ އެބަ އޮތް ކަމަށް ރަޝިޔާ އިން އެމެރިކާ އަށް އަންގާފައިވެ އެވެ.
ރަޝިޔާ ސަރުކާރުގެ އިސް ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް އަންގައި، މި ހަފުތާގައި ރަޝިޔާ ސަރުކާރުން ވަނީ އެމެރިކާ ސަރުކާރަށް ޑޭމާޝްއެއް ފޮނުވައިފަ އެވެ. ޑޭމާޝްއަކީ، ކަންކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން، ނުވަތަ ނުރުހުން ފާޅުކުރުމުގެ ގޮތުން އެއް ގައުމުން އަނެއް ގައުމަށް ފޮނުވާ ޑިޕްލޮމެޓިކް ނޯޓެވެ.
އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ރަޝިޔާ އެމްބަސީގެ ފަރާތުން އެމެރިކާ ސަރުކާރާ ހަވާލުކުރި ޑޭމާޝްގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ނުވަތަ ސަރުކާރުގެ އިސް އެހެން ވެރިއަކު ސޮއިނުކުރެއްވި ނަމަވެސް، އެފަދަ ނޯޓެއް ފޮނުވުމަކީ ރަޝިޔާގެ ވިސްނުން އަންގައިދޭ އިޝާރާތެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް ޔޫކްރޭން ސިފައިން މިހާރު އާންމު ގޮތެއްގައި ބޭނުންކުރަމުން އަންނަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދެމުން ދާ ހަތިޔާރުތަކެވެ. އެ ފަދަ ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާގެ ލަޝްކަރުތަކަށް، ޔޫކްރޭން ސިފައިން އަންނަނީ ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.
ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ދޭ މައިގަނޑު ހަތިޔާރުތަކަކީ، ޓޭންކާ ދެކޮޅަށް ބޭނުންކުރާ ޒާތުގެ މިސައިލާއި ރޮކެޓާއި، މަތިންދާބޯޓާ ދެކޮޅަށް ހަމަލާ ދޭ ރޮކެޓާއި މިސައިލެވެ. ހުޅަނގުގެ ގައުމުތަކުން ދޭ ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާގެ އިމުގެ ތެރެއަށް، ޔޫކްރޭނުން މިހާތަނަށް ހަމަލާއެއް ދީފައި ނެތަސް، އެފަދަ ހަމަލާއެއް ދިނުމުގެ ގާބިލްކަން ޔޫކްރޭނަށް ލިބިފައިވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާ1
19 April 2022
މި ލިއާ މީހާކީ ވެސް އިހު ބުނެވުނު ފަދައިން ޒަމާނީ ރޯނު އެދުރު ކަނޑުކޮހެކެވެ. އެހެންވީމަ ކުރިން ކުރި ކޮމެންޓް ގެނެސް ދޭން ލަދު ގަންނާނެއެވެ.
ސަޅިބައިސާ
17 April 2022
މިހެން ހޫނުވަމުން ގޮސް މި ހަނގުރާމަ ތިންވަނަ ބޮޑުހަނގުރާމައަކަށް ބަދަލުވާނެ. ޕޫޓިންވެސް މިހާރު ވިދާޅުވެފަ އެއޮތީ މި ހަނގުރާމަ ތިންވަނަ ބޮޑުހަނގުރާމައަކަށް ބަދަލުވާނޭ. ހުރިހާ އެންމެންވެސް ވިސްނައިގެން ތިބުނާ ބުއްދިވެރި.
ރުސީން
17 April 2022
އެމެރިކާ އިން ރަޝިޔާ އަށް ދޭ ޒަމާނީ ހަތިޔާރުތަކަކީ، ރަޝިޔާގެ ސަރަހައްދުގެ ތެރެއަށް ޔޫކްރޭނުން ހަމަލާ ދިނުމަށް ބޭނުންކޮށްފާނެ ހަތިޔާތުތަކެއް ކަމަށެވެ. މިހެންވާނީ ކިހިނެތް؟
އުއްޗު
17 April 2022
އެގޮތަށްވާނީ ހަމަބުއްދި ފިލީމަހެން ހީވަނީ???