ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ސަރުކާރުގެ ވައުދު ނުފުއްދޭ ކަމަށް ވިދާޅުވުމަށް ފަހު ތާއީދެއް ވެސް ނެތް ކަމަށް ރޭ ވަނީ ވިދާޅުވެފައި. -- މިހާރު ފޮޓޯ: ފަޔާޒް މޫސާ
19 އެޕްރީލް 2022 - 09:25
މަސްވެރިންނަށް ވީ ވައުދުތައް ވެސް ނުފުއްދުނު ކަމަށް ވިދާޅުވުމަށް ފަހު, އެމްޑީޕީ ހިމެނޭ މި ސަރުކާރަށް ތާއީދު ނެތް ކަމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އެ މަނިކުފާނުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ވާދަވެރި ކެމްޕޭނެއް ހިނގަނިކޮށް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕެއްގައި ރޭ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
ނަޝީދު ވިދާޅުވީ މި ވެރިކަމަށް ތާއީދު ބޮޑު ކަމަށް ސަރުކާރުން ލަފާކުރިއަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އުނދަގޫވާނެ ކަމަށެވެ. ވަރަށް ގިނަ ގޯސްތައް ހެދިއްޖެ ކަމަށާއި އެ ގޯސްތައް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލު ވެސް ނުކުރާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓް އަށް ވުރެ އިތުރަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް. މާ ގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ," ނަޝީދު ވިދާޅުވި އެވެ.
"ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް."
އިންތިހާބުގައި 50 ޕަސެންޓަށް ވުރެން އިތުރަށް ހޯދަން އުނދަގޫވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު ސިޔާސީ ޕާޓީތަކުގެ ނިޒާމު އައި ފަހުން ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގައި އެމްޑީޕީ އަށް ވެސް އެކަނި 50 ޕަސެންޓަށް ވުރެ އިތުރަށް ނުހޯދެ އެވެ. ވެރިކަން ކުރާ ޕާޓީއަކަށް އިންތިހާބު ކާމިޔާބު ކުރެވެނީ އެހެން ޕާޓީތަކާ އެކު ހަދާ ކޯލިޝަނަކުންނެވެ.
މަޖިލީހުގައި ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ޕީޕީއެމްގެ މައްޗަށް 2018 ގައި ކުރި ހޯދީ ވެސް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު އަދި އެމްއާރުއެމް ހިމެނޭ, މިހާރު ސަރުކާރު ހިންގާ ކޯލިޝަނުންނެވެ. މި ކޯލިޝަނުން ވެރިކަން ކުރާތީ އެމްޑީޕީގެ ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވެ ނަޝީދު ފެކްޝަނުގެ ހިތްހަމަނުޖެހުން ސަރުކާރަށް ބޮޑެވެ.
އިންތިހާބުގެ ވާހަކައަކާ ގުޅުވައި ނަޝީދު ދެން ފޮނުއްވި މެސެޖުގައި ވިދާޅުވީ މިއީ ވަރަށް ގިނަ ފައިސާ އަނބުރާ ދައްކަން ޖެހޭ އަހަރެއް ކަމަށެވެ.
"ރިސްކް ބޮޑު އަހަރެއް. މިއިން އެއް ކަމަކަށް ވެސް ބަލައެއް ނުލެވޭ،" ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ރޭ ވެސް ވަނީ ސަރުކާރުގެ މަސްވެރި ކަމުގެ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ.
މިފްކޯގެ ކެޕޭސިޓީ ބޮޑު ކުރުމުގެ ކަންކަން ނުކުރަން ތަކުރާރުކޮށް ދެންނެވި ކަމަށް ވެސް ވިދާޅުވި އެވެ. މިފްކޯގެ ކަންތައް ނުކުރެވި އެމްޑީޕީ ސިޔާސަތުގެ ރަށްރަށު މަސް ޕްލާންޓްސް ވެސް ނުހެދުނީ ކަމަށް ވިދާޅުވި އެވެ.
އެތެރޭގެ އިންތިހާބަށް ބަހުގެ ހަމަލާތައް ކެމްޕޭން ޓީމުތަކުން ދެމުން ދަނިކޮށް ސަރުކާރަށް ތާއީދެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުގައި ވެސް ދެ ފެކްޝަނުގެ ކޯޅުން ބޮޑެވެ. އެ މަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން މަޖިލީހުގެ ބައެއް ވޯޓުތަކުގައި އިދިކޮޅު ޕީޕީއެމް ބޭނުންވާ ގޮތަށް ވޯޓު ދެއްވި އެވެ.
މިއީ، އިދިކޮޅާ ގުޅިގެން މަސައްކަތް ކުރުން ކަމަށާއި 2023 އެމްޑީޕީއަށް ގެއްލުވާލަން ޕާޓީ ތެރެއިން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ވެސް ދަނީ އަޅުވަމުންނެވެ.
ސަރުކާރުގެ އެކި ކަންކަމަށް އެމްޑީޕީގެ ތެރެއިން މި ފަހުން ވަރަށް ފާޅުގައި ފާޑުކިޔަމުންދާއިރު، މީގެ ކުރިން ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ދެން އޮތް ގޮތަކީ އިދިކޮޅު ޕީޕީއެމާ އެކު ސިޔާސީ މަސައްކަތް ކުރުން ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވެފައިވެ އެވެ.
ނަޝީދު އޭރު ވިދާޅުވެފައި ވަނީ އެމްޑީޕީން ބޭނުން ވަނީ އިދިކޮޅު ޕީޕީއެމާ އެކު އިއްތިހާދުވެ ސަރުކާރެއް އެކުލަވާލަން ކަަމަށެވެ. ނަޝީދު، ޕީޕީއެމަށް މި ދެއްވި ދައުވަތާ އެ ޕާޓީން އޭރު ދެކޮޅުހެދީ އެވެ.
މި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭރު ވިދާޅުވެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމް އެކުވުމަކީ ސިޔާސީ ނިޒާމް ރޫޅިދާނެ ކަމެއް ކަމަށެވެ. އެފަދަ ކަމަކަށް އެމްޑީޕީގެ މެމްބަރުން ތާއީދު ނުކުރަން ރައީސް އެދިވަޑައިގަތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ނަޝީދު އެދިވަޑައިގެން ތަކުރާރުކޮށް އެ ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. ބަރުލަމާނީ ނިޒާމަކަށް ނަޝީދު މަސައްކަތް ކުރެއްވިޔަސް އެކަމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥެލާހައްވަ
20 April 2022
މައްސަލައެއްނެތޭ، 80% އޮތީ ނަޝީދަށްއޯކޭނު؟
ާއުނިމާ
19 April 2022
އެހެންނޫނަސް 2023 އެމްޑީޕީން ހަދާންނައްތާލާ..
ފަސޭހަހިސާބު
19 April 2022
މަޖެހި ހިސާބުން ދައްކަނީ ކުރިއަށް އޮތް އެއްވެސް އިންތިޚާބެއްގަ މި ސަރުކާރުގަ ހިމެނޭ އެއްވެސް ބަޔަކަށް މަދު ވޯޓުކޮޅެއް ނޫނީ ނުލިބޭނެކަން. ސަރުކާރު ކޯލިޝަނާ ނުލާ ވާދަކުރަން ޖޭޕީ ވެސް އެ ތައްޔާރުވަނީ އެހެންވެ.
ގުދުގުދާބެއްޔާ
19 April 2022
ލަދުން ބޯހަލާކު! މަސްވެރިންނަށްވީ ވައުދުތައް އެކަނިތަ ނުފުއްދެނީ! ކޮބާ މާލޭ ރައްޔިތުންނަށް ގޯތި ދޭން ވީ ވައުދު! އެފުއްދުނުތަ؟ އަދުނޫން މާދަމާ! އަދުނޫން މާދަމާ! ގައި ދެން ބުނާނެ ނެތޭބިމެއް ޖެހޭނީ އެޓްލާންޓިކް ކަނޑު ހިއްކައިގެންނޭ ގޯތިދޭން!ނަސީދުގެ ކުޑަވެސް ހަޔާތެއްހުރިނަމަ އެޗްޑީސީއަށް 2009ވަނަ އަހަރު ނަސީދުގެ ގަރާރަކުން ފަރުކޮލުފުއްޓާއެއްކޮށް އެޗްޑީސީއަށް ހުޅުމާލެ 2ވަނަފޭސް ނުދުނީސް.
އިންޑިއާރާއްޖެ
19 April 2022
އެމްޑީޕީ މަސްވެެރިންނާ ދެކޮޅަށްނުކުމެ ވެރިކަން ކާމިޔާބު ނުކުރެވޭނެ، ސީދާ ދޭނީ ކުރުދޮށިން މިފަހަރު
ފިކުރު
19 April 2022
މިއަދު މަޖުލިސްގައިތިބި ބައެއް މެމްބަރުންނަށް ހީވަނީ އެމީހުން ބުނާހާ އެއްޗަކަށް ޕާޓީގެ އާއްމު މެމްބަރުން ގަބޫލު ކުރާނެތޯ ؟ މުޅި ސަރުކާރު މިއޮތީ "ހިންގާލަ " ނަމުގައި ޕާޓީ ބައިބައިކުރުމެވެ. ބޮޑު ފަޅި ދެއްކުމުގެ ގޮތުން މަގާމާއި ޕްރެޖެކްޓް ފައިސް އަދި ނުފޫޒް ބޭނުންކޮއްގެން ފޮޓޯ ދެއްކުމަކީ ހަގީގަތެއްނޫނެވެ. 2013 ގައި ވެސް މަޖުލިސްގެ މެމްބަރުން ބުރޯ ފަހަތުގައި އެލިގަނެގެން އިޚުލާސްތެރިކަމާއެކުގައޭ ކިޔާފައި ފޮޓޯ ދެއްކި ނޫންތޯ ؟ ތިބުނާ ވަރު ތާއިދެއްނެވެ.
ބާބިލް
19 April 2022
އެމްޑީޕީ ތެރޭގައި އޮތް ކެނެރީ ގޮފިއަށް ދެން އެންމެރަގަޅުވާނީ ޕީޕީއެމް ޕީއެންސީއަށް ސޮއެކުރުން
ފާނޫޒް
19 April 2022
ރާއްޖޭގައި ވެރިކަން ކުރަން އެއްމެ ރަގަޅު ނިޒާމަކީ ރިޔާސީވެރިކަން. ޕާލަމެންޓްރީ ވެރިކަމަށް ތާއީދެއްނެތް. އަހަރެން ވޯޓްލާނީ އެވަގުތަކު އެއްމެ ރަގަޅު ކެންޑިޑޭޓަކަށް. އެއީ އާމޫނަކަށް ވާންޖެހޭ އިހްލާސްތެރި އަދި ތަޖްރިބާލިބިފައިހުރި ޒުވާންނަކަށްވެސް ވާންޖެހޭ.
ޓާޒަން / ބ.ހިތާދޫ
19 April 2022
ތާއިދުގެއްލެނީ އަނގަގަދަމިތުގެ އަނގަޔާހެދި. ދުލުގާ ޓޭޕުއަޅައިގެންނަމަވެސް އަނގަމައިތިރިކުރެވެގެންނޫނީ ސަލާމަތެއްނެތް.
ލަދަކު
19 April 2022
ތިޔަ ވިދާޅުވަނީ ތިމަންމަނިކުފާނު މިނުކުއްނަވަނީ ސަރުކާރުވައްޓާލަންށޭ ތޯ؟ ނޫނީ ޔާމީނާއި ނަގޫ ގޮށް ޖެހިގެން ސަރުކާރު ވައްޓާލަން ބޭނުން ފުޅުވަނީ ތޯ؟ އަމިއްލަ އެދުން ބޮޑު މީހެއް