ރައީސް ޔާމިންގެ ގެ ކައިރީގައި މިއަދު އިދިކޮޅުގެ ސަޕޯޓަރުން ހަރަކާތްތެރިވަނީ. ފޮޓޯ: މިހާރު
21 އެޕްރީލް 2022 - 20:42
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސްގެ ގަރާރަކުން ހަނިކުރެވޭނެ ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގަރާރެއް ނެރުއްވުމާ ގުޅިގެންނެވެ.
ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދި އަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި އެ ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.
އެކަން ފާހަގަކުރައްވައި އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސް ނެރުއްވާ ގަރާރަކުން ހަނިކުރެވޭނެ އަދި ހުއްޓުވޭނެ ކަންކަން ނޫން ކަމަށެވެ.
ރައީސް ނެރުއްވި ގަރާރުގައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ. އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.
''....ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި މިކަން މި ގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި މި ގަރާރު އެކަށައެެޅީމެވެ.'' ރައީސް ނެރުއްވި ގަރާރުގައިވެ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން ހިމެނެ އެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސަރަަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއެކު ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ގައުމީ ސިޔާދަތަށް އިހްތިރާމުކުރުން އިތުރުު ކުރުވުމާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި, އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި, ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުން ހިމެނެއެވެ.
"އިންޑިއާ އައުޓް" ނަމުގައި ހިންގާ ކެމްޕޭނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިދިޔަ ފެބްރުއަރީގައި ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރި އެވެ.
އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ފަހުގެ ތާރީހެއްގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށެވެ. އަދި އެ ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި, ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާވެ ރާއްޖޭގެ ގައުމީ ދިފާއު އާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަށީދު
24 April 2022
7 ފެބް ގަވެސް ގަރާރެއް ފާސްކުރަން އޮތޭ ކިޔާ ...
ސިކްސް
22 April 2022
ފުރަތަމައިނުން އިންޑިއާ ސިފައިން މިގައުމުގައި އެތައް އަހަރަކަށް ގާއިމުވެ ތިބުމަކީ ގައުމީ ސަލާމަތަށް ކިހާ ވަރެއްގެ ނުރައްކަލެއް އޮތްކަމެއްކަން އެއްވެސް ބަޔަކު ދިރާސާކޮށް ބަލައިފިބާ؟ ނުރަސްމީކޮށް ތިބުމަށްވުރެ ރަސްމީކޮށް އެބަޔަކު ބައިތިއްބަން މިސަރުކާރުން އެހާ ލަދުގަންނަނީ ކީއްވެބާ؟ މިގައުމަށް އެމީހުން އަރާ ހިފަން ގޮވާލީމަ މިގައުމު ހިފާފަ އޮތްކަމުގެ އިހްސާސް މިހާރު ނުކުރެވި އޮތީ ކިހާ ވަރަކަށްބާ؟ އިންޑިއާ މިނެދޭ ވަރަކުންބާ މިގައުމު ތަރައްގީކުރަންވީ؟
ސިކްސް
22 April 2022
ގައުމެއްގައި ބޭރު ގައުމެއްގެ ސިފައިން ގާއިމުވެ ތިބުމަކީ އެތައް ގޮތަކުން އެގައުމުގެ ގޮނޑިކޮއްކޮކަން އަންގައިދޭ ކަމެއް. އެކަމުގެ ސަބަބުން އެގައުމަކީ ވަކި ގޮތަކަށް ލޭބަލްވާނެ ގައުމެއް. އެގައުމެއްގެ ޚާރިޖީ ސިޔާސަތު އެއްކޮޅަށް ބުރަވެފައި އޮތްގޮތުގެ ސާފު ހެކި ދައްކައިދޭނެ ކަމެއް. އަމިއްލަ ސިޔާސަތުތަކެއް ނެތް އެހެން ގައުމެއްގެ ބަނޑުދަށުގަ އޮތް ގައުމެއްކަން ދައްކައިދޭނެ ކަމެއް. ހަނގުރާމައެއްގެ ހާލަތުގައި ސިފައިން ތިބޭ ގައުމަކަށް ހަމަލާ އަންނާނެ ގޮތާމެދު
ތަމީމު
22 April 2022
ރާއްޖެއާ ދޭދޭ ގައުމުތަކުގެ ދެމެދުގައިވާ ގުޅުންތައް ޚަރާބު ކުރަން، އެއްވެސް ބަޔަކަށް ފުރުސަތު ދެވިގެން ނުވާނެ! އެއީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ހިމާޔަތް، އެބަޔަކަށް ލިބެންޖެހޭ ކަމެއް ނޫން!
ރާވެރިބެ
22 April 2022
ގައުމީ ސަލާމަތީ މަޖިލިސްގެ ލަފަޔާއެއްގޮތަށްް އެއްވެސް އަމަލެއް އެއީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑަ އެޅީމަ އަލީ ހުސެއިނަކަށް ނުވަތަ އެހެން މީހަކަށް އެކަމަކަށް ޗެލެންޖު ނުކުރެވޭނެ. މިގައުމުގެ ސުލްހަ މަސަލަސްކަމާ ސަލާމަތަށް ޒިންމާނަގާ ފަރާތުން މިގޮތަށް ނިންމާނީ ސަބަބެއް އޮވެގެން. ބަރާބަރު ނިންމުމެއް!
އަލީ ހުސައިންއަށް
22 April 2022
އަމަޔަތް ބަފަޔަތް ގޮވުމަކީވެސް ހިޔާލު ފާޅުކުރުންތޯ އަލީ ހުސައިން؟ ވަރަށް ރަގަޅު ވާހަކަ ދައްކަވާ ބޭފުޅެއްތީ، އެކަމު މިފަހަރު ޖަޒުބާތުގަ ޖެހުނީ ކަންނޭނގެ.
ބަތޭލި
22 April 2022
ބޭފުޅާ ދެން ކޮމަންޓްކުރާނީ ދިވެހިން ލިޔަން ދަސްކޮށްގެން. މިގައުމުގައި އަމަޔަށް ބަފަޔަށް ގޮވީވެސް ގޮޅާބޮލަށާއި ގޮޅާ ފޯހަށް ގޮވީވެސް ޗައިނާއައުޓަށް ހޮވަން ފެށީވެސް ތި ބަލާގާތްތެރި އެމްޑީޕީ.
މުހައްމަދު.
22 April 2022
ގައުމާއި ގައުމުގައި ވާހާ އެއްޗަކީ ރައްޔިތުންގެ އެއްޗެއް. ގާނޫނު އަސާސީ އާއި ގާނޫނުތައް ހަދަނީ ރައްޔިތުން ބުނާގޮތަށް ރައްޔިތުން ހަވާލުކުރާ ބަޔަކު. ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގާ ކޮންމެ ފަރާތަކީ ރައްޔިތުންގެ މުވައްޒަފެއް. ރައީސުލް ޖުމްހޫރިއްޔާ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދީފައި ނުވާ ބާރަކުން ކުރާ ކޮންމެކަމަކީ ބާތިލު ކަންކަން. އަދި ކުށެއް. ތަންފީޒުކުރާ ބަޔަކު އެކުރަނީ ކުށެއް. ކުށެއް ކޮށްފިނަމަ ގާނޫނުގައިވާ އަދަބު ލިބޭނެ.
އަސްތާ
22 April 2022
"އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް" ކަމަށް ގަރާރުގައި އޮތީމާ ދެން އެހެންވީމާ އިޒްރާއީލެކޭވެސް ނުކިޔޭނެތާ!!!!؟؟؟؟ ޕާކިސްތާނާއި ޗައިނާގެ އަގު ވައްޓާލަން އަމާޒުކޮށްގެން ރ.ޓީވީ އާއި ރ.އެމްވީ ގައި ދައްކާ ވާހަކަތައްވެސް ދެއްކިގެން ނުވާނެތާ؟ ނަޝީދުއަށް ޗައިނާއޭވެސް ނުކިޔޭނެތާ؟
ނަސްތާ
22 April 2022
އެއްބަޔަކަށް ކިޔޭނެ ގޮތަށް އެއޮންނަނީ. ގައުމުތަކާ ޖައްސާލަން ފުރަތަމަ ފެށީވެސް އެމީހުން. މިހާރު އެބަޔަކަށް ހަޖަމުނުވެގެން އެކަމު އެއުޅެނީ. ޔާމީންގެ އަނިޔާވެރި ޚުދުމުހުތާރު ވެރިކަމުގައި ޗައިނާއާ ސައުދީގެ އަގު އެމީހުން ވައްޓާލީތީ އެކަމާ ފިޔަވަޅެއް އެކަމު ނާޅާ.
ށަވިޔަނި
22 April 2022
ކަލޭމެން މުސްލިމުންނޭ ކިޔާއިރު އިސްލާމްދީނުގައި ތިކަން އޮތްގޮތްބަލާބަލަ. ތިއީ ޚިޔާލު ފާޅުކުރުމެއްނޫން.
Okay 123
22 April 2022
މި ހިޔާލު ފާޅުކުރުމެއްނޫންތީކީ ފިތުނަ އެފެއްދުން!!