27 އެޕްރީލް 2022 - 06:52
މީހާ މީހަކަށް ވަނީ ކަރުގައި އަޅާ ޓައީ އަކުން، ނުވަތަ ކިޔެވި އެއްޗަކާ ގުޅުވައި ނަމުގެ ކުރިޔަށް އަންނަ ދެ އަކުރަކުން ނޫނެވެ. ކުރު ސޯޓެއް ލައިގެން ފިންސަކަށް އަރައިގެން ކޮންމެ ދުވަހަކު މޫދަށް ފީނާ މީހާ އަކީ ތައުލީމެއް ނެތް، މުޖުތަމައަށް ހިދުމަތެއް ނުކުރާ މީހަކަށް ވެސް ވާކަށް ނުޖެހެ އެވެ. މިކަން އެންމެ ރަނގަޅަށް އެނގޭނީ ޑައިވިން އަށް މަޝްރޫހު "އަންނަ" އެނގޭ މީހުންނަށެވެ.
ޑރ. ޝަމްއާ އަބްދުﷲ ހަމީދު (އަންނަ) އަކީ ރާއްޖޭގެ ފުރަތަމަ ޕަޑީ ޕްލެޓިނަމް ކޯސް ޑައިރެކްޓަރުކަން ހޯއްދެވި ޑައިވިން އިންސްޓްރަކްޓަރެކެވެ. ގިނަ އަދަދެއްގެ އިންސްޓްރަކްޓަރުން ތަމްރީން ކުޜާ އަންނައަކީ މޫދާއި ވެށި ހިމާޔަތް ކުރާ ބޮޑު ޖަމިއްޔާއެއް ކަމަށްވާ ޕާލޭ މޯލްޑިވްސްގެ ޕްރޮޖެކްޓް މެނޭޖަރު ވެސް މެއެވެ. އަދި ވިލާ ކޮލެޖްގެ މެރިން ސައިންސް ފެކަލްޓީގެ ޑީން އެކެވެ. ހަމައެއާއެކު އޯޝަން ވޯރިއާޒް އުފެއްދި އެއް ފައުންޑަރު ވެސް މެ އެވެ.
އެކަމަކު އަންނަގެ ނަމުގެ ކުރިޔަށް އެ އަންނަ ޑރ. އަކީ މޫދާ ގުޅުން ހުރި ދާއިރާއަކުން އޭނާ ހޯދި ލަގަބެއް ނޫނެވެ. އެއީ މީހުންގެ ފުރާނަ އާއި ސިއްހަތާ ގުޅުން ހުރި މެޑިސިން ކިޔަވައިގެން އަދި ޕްރެކްޓިސް ކުރާ ޑޮކްޓަރެއްގެ ހައިސިއްޔަތުން ހޯދި ދެ އަކުރެވެ؛ އަންނަގެ ހަޔާތުގެ އެއް ބައެވެ.\
ޑޮކްޓަރެއްގެ ސީރިޔަސް ޕްރޮފެޝަން އާއި މޫދު ތެރޭ ހޭދަކޮށްލާ ހިތްގައިމު ދުވަސްތައް އަންނަގެ ހަޔާތާ ގުޅޭ ގޮތާއި އެ ދެ އިލްމު ބޭނުން ކުރާ ގޮތަކީ ގައުމަށް ހިދުމަތެއް ކޮށްދޭން ބޭނުންވާ ކޮންމެ މީހަކު ވެސް ދަސްކުރަން މުހިންމު އަދި ޝައުގުވެރި ފިލާވަޅެކެވެ!
އަންނަ
އަންނަ އަކީ، ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ބޭފުޅެކެވެ. ކަނޑު އަޑީގެ ރީތިކަމުގެ ތެރެއަށް އަންނަގެ ހިތް ދަމައިގަތީ އުމުރުން އެންމެ ހަތް އަހަރުގަ އެވެ. އޭރު އަންނަ އަށް ލިބޭ އެންމެ ބޮޑު އުފަލަކީ ސްކޫލް ބަންދުގައި ދަތުރު ދާއިރު ބޮޑުބެއިންނާ އެކު ފީނާލަން ދިޔުމެވެ. ކޮންމެ ދަތުރެއްގައި ކޮމްޕްރެސަރަކާއި ހަތަރު ޑައިވިން ކިޓު ގެންދާނެ އެވެ. ކަޒިންތަކާއެކު އޭރު ކަމަކަށް އޮންނާނީ މޫދަށް އެރުމެވެ.
"އޭރުއްސުރެ މޫދަކީ ދިރިއުޅުމުގެ އެއް ބައި. އެކަމަކު ބޮޑުވެގެން އެއްވެސް ވަރަކަށް ޑައިވިން ޕްރޮފެޝަން އެއް ގޮތުގައި ކުރިޔަށް ދާނޭ ހިތަކަށް ނާރާ. އަދި ވަކި ދާއިރާއެއް ކިޔަވަން ނޫނީ ކުރިޔަށް ދާން އާއިލާއަކުން ވެސް ބާރެއް ނާޅާނެ، ހަމަ އިންޓްރަސްޓް ފޮލޯ ކުރަން ބުނާނީ،" އޭރު މުނިފޫހިފިލުވާލުމަށް ޑައިވް ކުރަމުން އައި އަންނަ ވިދާޅުވި އެވެ.
އަންނަ "މިހާރު" އާ ވާހަކަ ދައްކަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަމީނިއްޔާ ސްކޫލާއި ސީއެޗްއެސްސީގައި ކިޔެވުމަށް ފަހު މެޑިސިން އަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދި މަތީ ތައުލީމް ހާސިލް ކުރަން އޮސްޓްރޭލިއާ އަށް ދިޔަ އެވެ. އެ ގައުމުގެ ޔުނިވާސިޓީއަކުން މެޑިކަލް ލެބޯޓަރީ ސައިންސް އާއި މެޑިކަލް އެންޑް އެޕްލައިޑް ބަޔޯޓެކްނޮލޮޖީ ކިޔެވި އެވެ. އަދި މެޑިސިން ދާއިރާ އިން ބެޗްލާ ޑިގްރީ ހާސިލްކޮށް އެމްބީބީއެސް ފުރިހަމަ ކުރި އެވެ.
"އޭގެ ފަހުން މަސައްކަތް ކުރަމުން އައި އޮސްޓްރޭލިއާގެ ހޮސްޕިޓަލެއްގައި. ވަރަށް ވެސް އިންޓްރަސްޓިން ފިލްޑެއް މުޅިން ތަފާތު ލައިފެއް އެއީ."
ކުޑަ އިރު މޫދުން ނާރާ އުޅުން އަންނަ ބޮޑުވެ، އޮސްޓްރޭލިއާގެ ހޮސްޕިޓަލެއްގައި ޕްރޮފެޝަނަލް ކެރިއާގައި މަސައްކަތް ކުރަމުން އައިސް ކުޑަ ބްރޭކަކަށް ރާއްޖޭގައި މަޑުކޮށްލުމުން އޭނާ އޮޔާ އެނބުރި އައިސް ވަދެވުނީ ކުރިން އުޅުން ހިތްގައިމު ދިރިއުޅުމުގެ ތެރެއަށެވެ.
އަންނަ "މިހާރު" އާ ވާހަކަ ދައްކަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ރާއްޖެ އައި ފުރުސަތެއްގައި މި ލިބެނީ ޗާންސެއް ޑައިވިން މާސްޓާސް ހަދަން. ދެން އޭގެ ބޭނުން ހިފީމަ މި އިނގުނީ މިއީ ކިހާ ސަޅި ދާއިރާއެއް ކަން. ދެން ޑައިވިން އިންސްޓްރަކްޓަރަކަށްވެ އިންސްޓްރަކްޓާ ކޯސް ހެދި ފަހުން ސެންޑި އަރިހުން ލިބުނީ ވިލާގެ މެރިން ސައިންސް ފެކަލްޓީގައި ވޯކް ކޮށްލަން."
ޑައިވިން އިންސްޓްރަކްޓަރެއް ގޮތުގައި އުޅެމުން ވެސް އެތައް ފަހަރަކު އެތައް ގޮތަކުން މެޑިސިން އާއި ޑައިވިން އަދި މެރިން ލައިފް އެއްވާ ފަހަރު އާދެ އެވެ. ސޭފްޓީ އާއި އެމެޖަންސީ ޕްރޮޓޮކޯލްތައް މީހުންނަށް ދަސްކޮށްދިނުމުގެ މަސައްކަތް އޮވެ އެވެ.
އޭގެ އިތުރުން ކަނޑުގެ ދިރުންތަކަށް އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ މިންވަރާއި އެ ތަކެއްޗާއި ދިވެހިންގެ ސިއްހަތާ އޮތް ގުޅުމުގެ ތެރެއަށް އަންނަ ދިޔައީ ފީނަމުންނެވެ. އެ މައްސަލަތަކުގެ ތެރެއަށް ވަދެ މިއަދު އަންނައަކީ ފަރުތައް ހިމާޔަތް ކުރަން އަޑު އުފުލާ އެއް ލީޑަރެވެ. އެއީ އޯޝަން ވީރިއާޒްގެ ހުވަފެނީ ޕްރޮޖެކްޓް ފަށަން ވެސް ލިބުނު ހިތްވަރެވެ.
"އޯޝަން ވޯރިއާޒްގެ ބޭނުމަކީ ޑައިވިން އަކީ ހަމައެކަނި މަޖަލަކަށް ކުރާ ކަމެއް ނޫން ކަން ބުނުން. މި ކަނޑު ދިފާއުގައި ނިކުންނަން ޖެހޭ ކަން ދެއްކުން. އެހެންވެ ވޯރިއާޒް އޭ ވެސް ކިޔަނީ. ސްކޫލް ޕްރޮގްރާމްތައް ޖައްސާއިރު ޔަންގް ވޯރިއާ ލީޑާޝިޕް ކޭމްޕް ވެސް ޖައްސަން. ކޮންމެ މީހެއްގެ އަމިއްލަ ކަމެއް ގޮތުގައި ބަލައިގެން ލީޑް ކޮށް، އެޑްވަކޭޓް ކުރުވަން ބޭނުން ވަނީ،" އަންނަ ބުންޏެވެ.
ޕާލޭ މޯލްޑިވްސް އަކީ ވެސް އެ މަގްސަދުގައި އަންނަ ބައިވެރިވި މަސައްކަތެކެވެ. އެއީ ފަރުތަަކަށް ގެއްލުންވުމުގެ ކުރިން އެކްޝަން ނަގައިގެން ކުނި އެޅުން ހުއްޓުވުމާއި އެންމެނާ ގުޅިގެން ކަލެޓްކޮށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ހިންގާ ބައެކެވެ. މިކަމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ އަންނަ ރެއާ ދުވާލު ކުރާ ކަމަކީ ކަނޑާއި ފަރުތަކުގެ ދިފާއުގައި އެޑްވޮކޭޓް ކުރުމެވެ.
އަންނަ
ޑައިވް ކުރުމުގެ ޕްރޮފެޝަންގައި ވަރަށް ކުރިއަރައި ކަނޑުގެ ދިރުންތަކުގެ ދިފާއުގައި އެތައް މަސައްކަތެއް ކުރަމުން ދަނިކޮށް ކުއްލިއަކަށް ރާއްޖެ އައި ކޮވިޑް-19 ގެ ރާޅާ އެކީ އަންނަ އެއްގަމަށް އަރައި އަނެއްކާވެސް ނިކުތީ ހޮސްޕިޓަަލަށެވެ.
"ކޮވިޑްގެ ތެރޭ ޑޮކްޓަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާތީ މިދޭތެރެއިން މި ނިކުތީ ކޮވިޑް ފެސިލިޓީ އަށް. މި ދެ ލައިފް އަކީ އެއްވެސް ވަރަކަށް ވަކި ނުވާ އެކީ އެކައްޗެއް ގޮތުގައި މިދަނީ،" އޭނާ ބުންޏެވެ.
އިންޓަވިއުގައި އަންނަ ހަމައެކަނި ދެއްކީ އޭނާ އާއި މޫދާ އޮތް ފުން ލޯބީގެ ވާހަކައެއް ނޫނެވެ. އަންނަ ތަކުރާރުކޮށް ބުނަމުން ދިޔައީ ވަށައިގެން މި އޮތް ކަނޑާއި އެހެން އެންމެންގެ ދިރިއުޅުމާ ވެސް ގުޅިފައި އޮތް މިންވަރެވެ. ތިމާވެއްޓަށް ބަލައިލުމެއް ނެތް ނަމަ ތިމާގެ ސިއްހަތާއި އަމިއްލަ ގައުމަށް ވެސް ފަރުވާލެއް ވެސް ނުބެހެއްޓޭނެ ވާހަކަ އެވެ.
ގައުމަށް އާމްދަނީ ލިބެނީ ކަނޑުގެ ރީތިކަން ވިއްކައިގެނެވެ. ކައިބޮއެ އުޅެނީ ކަނޑު މަހެވެ. އެކަމަކު އެހެން މީހުންގެ ފީކަޅާ ވާހަކަ ދައްކަމުން އެއްލައިލާ ސިނގިރޭޓުގެ ބަޓުބުރި އާއި ވައިގެ ތެރެއަށް ދޫކޮށްލާ ޕްލާސްޓިކް ކޮތަޅުން ގައުމަށް ލިބޭ ގެއްލުމަށް ވިސްނާ ނުލާ ނަމަ އެއީ ވަކި ހަރުދަނާ މީހެއް ހެއްޔެވެ؟
އަންނަ "މިހާރު" އާ ވާހަކަ ދައްކަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މަސްތައް ޕްލާސްޓިކް ކޮތަޅު ކައިގެން އަންނަ އިރު އެ މަސްތައް ކާނީ ވެސް އަހަރުމެން. ލޮލަށް ނުފެންނަ ވަރުގެ މައިކްރޯ ޕްލާސްޓިކް ވެސް އަހަރުމެންގެ ހަށިގަނޑަށް ދާނީ. ހޯމޯނަލް އިމްބެލެންސްތަކާއި ރާއްޖޭގައި ދިމާވާ ވަރަށް ގިނަ ސިއްހީ މައްސަލަތައް އެބަ އާދޭ މެރިން ޕޮލިއުޝަން އާ ހެދި. އެ ގުޅުން އޮންނާނެތާ އަހަރުމެން ވަކި ނުވާ އެއް އޯގާނިޒަމް މިއީ،" ޑޮކްޓަރެއްގެ ހައިސިއްޔަތުން އަންނަ ކިޔައިދިނެވެ.
ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމުގެ މަސައްކަތުގެ ބޮޑުކަމާއި ކުރަން ހުރި ކަންކަން އެހާ ގިނަވި ނަމަވެސް މި ދާއިރާއަކީ ކިޔަވަން އެންމެ ދަށް ނޫނީ ސްކޫލަށް ދިޔުމުގެ ޝައުގުވެރިކަން ނުހުންނަ ކުދިން އުޅޭ ދާއިރާއެއް ގޮތުގައި ސިފަ ކޮށްފައި އޮންނާތީ އަންނަ ވަރަށް ކަންބޮޑުވެ އެވެ.
މަސްވެރިކަން ނުވަތަ ފަތުރުވެރި ކަމަށް ބެލިޔަސް ދިވެހިން އެންމެ ބޮޑަށް ރައްކާތެރިކުރަން ޖެހޭ އެންމެ އަގުބޮޑު ހަޒާނާއަކީ ކަނޑެވެ. އެހެންވެ އެއީ އެކި ދާއިރާތަކުން އެންމެ މޮޅަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އެކި ތަޖުރިބާތައް ލިބިފައިވާ މީހުން އުޅޭ ދާއިރާއަކަށް ވާން ޖެހޭ ކަމަށް އަންނަ ގަބޫލު ކުރެ އެވެ. ވަކިން ހާއްސަކޮށް އިސް ސަފުގައި މަސައްކަތް ކުރުމަށް އެފަދަ ޒުވާނު ނިކުންނަން ޖެހެ އެވެ.
ޑޮކްޓަރެއް ލޯޔަރެއް ޕައިލެޓެއް ވިޔަސް ހަމަޖެހޭނީ އެންމެ ފަހަރަކު މޫދަށް އެރިލާ ފީނާލާށެވެ. އޭރުން އޯޝަން ވޯރިއާއަކަށް ވެވުނީ ކަމަށް އަންނަ ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2022
29 April 2022
ތިކަހަލަ ފުރުޞަތުތައްތައް ފަހިވެފައިވެފައި މިރާއްޖޭގައި ވަނީ ތިޔަފަދަ ޢާއިލާތަކުގެ ބޭފުޅުންނަށް. ތިޔަ ބޭފުޅުން ނުކުންނެވުމުން ތި ދާއިރާ އާއި މެދު މީހުންދެކޭ ގޮތް ބަދަލު ވާނެކަން ޔަޤީން. ތިކުދިންގެ ތަރުބިއްޔަތުގައި ބޮޑާކަންނެތުމަކީ ތަރުބިއްޔަތުގެ ހަރުދަނާކަން. ރަށްރަށުގެ ގިނަ އަންހެނުން ހަވީރު ފިންޏަށްވެސް ފީނަންދާ މީހުންއުޅޭ. ޢެކަމަކު އެމީހުންނަށްވެސް މަދީ ކަމުގެ ޢިލްމު
އޮރެންޖްބެރީ
29 April 2022
"އަންނަ އަކީ، ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ބޭފުޅެކެވެ". ނޫން. "އަންނަ އަކީ، ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ބޭކަނބަލެކެވެ". މިއީ ދިވެހި ބަހުގެ ޒާތުގައި އަންހެނުންނަށް ދެވިފައިވާ ހާއްސަ އިހްތިރާމެކެވެ.
އޮނަރަބްލް އަފީފު ދީދީ
28 April 2022
އާޓިކަލް ކިޔާފަ އަދި ވީޑިއޯ ކްލިޕްވެސް ބަލާލައިފިން. ޝައުގުން ފުރިފައިވި އިބުރަތްތެރި ލިއުންކޮޅަކާއި އޯޑިއޯ މެސެޖް ފެނިފައި ހަޤީގަތުގައިވެސް އުފާވެރިކަން ގެނުވައިދިން. # އެކަމަކު ވީޑިއޯ ކްލިޕްގައި އަންނަ ދެއްވި އެންމެރަނގަޅު މެސެޖް ލިއުމުގައި ގެނެސްދެއްވާފައިނެތުމުން ވަރަށްދެރަވި. ޑރ ޝަމްއާގެ ވީޑިއޯ ކްލިޕްގެ 13 ވަނަ މިނިޓުން 15 ވަނަ މިނެޓަށް އެއޮތީ ކަމާއި ގުޅުންހުރި މިދާއިރާގެ ހުރިހާފަރާތްތަކަށް މިކަމުގައި ފިކުރު ބަހައްޓާންވީ މިސްރާބު ބުނެދީފަ.
ޝިމްބެއްޔާ.
29 April 2022
ހަމަ މަގޭ ހިތަށްވެސް އެރީ ތިހެން.
ޝެލަރީ
28 April 2022
ނެތީ އެއްޗެއްބުނާކައް މޮޅައް ކިޔެވުމާ ފައިސާ ދޯ
އިންޓަރވިޔު ބަލާފައި އިޙްސާސްވީ.....
28 April 2022
ވަރަށް ހިތްތިރި ހިތްހެޔޮ ސާދާ ރަނގަޅު ބޭފުޅެއްގެ ގޮތުގައެވެ.
ދަބަރޭ
28 April 2022
ތިބުނާވަރައް ކަނޑުގެ ދިރުތައް ހީމާޔަތް ކުރަންބަޔަކު އުޅޭނަމަ ރިސޯޓުތަކުން މޫދައް ކުނިނާޅާނެ މިގައުމުގަ އެއްންމެ ގިނަކުނި އުފައްދަނީ ރިސޯޓުތަކުން އެތައްޓަނެގެ ކުނިމޫދައް ކުކަނީ އެމިހުން ކުރިން މަހީކުރީ ރައްފުށު މީހުން ކަމައް ކުނިއަޅަނީ
ދޮންޑު
27 April 2022
އަހާލަން ބޭނުމީ އަންނަ އުޅޭ ރިސޯޓުން ދުވާލަކު ކިތައް ޓަނު ކުނި ކަންޑައް ކުނިއަޅާތޯ. މައުޅޭ ރ އަތޮޅު ރިސޯޓުން ކޮންމެ ދުވަހަކު 2 ޓަނު ކުނި ކަންޑައް އަޅާ.
ފގފގފ
27 April 2022
ވަރަށް މޮޅު ކުދިން ތިބޭ ގެެއެއް! ޔާސީން، ހަމްދޫން، ޝާހީން، މައުމޫން، ފަޒުލޫން، އައްޒާ، ހާލާ، ފާތިން، ޝަމްއާ ހުސްމޮޅެތި ކުދިން!
ޏަމް
27 April 2022
ތަރުބިއްޔަތުގެ މުހިއްމުކަން ދޫންޏާ...... ޢެބޭފުޅުން އެތިއްބެވީ އަދުގެ މުޖުތަމައަށް ބޭނުންވާ ތަތުބިއްޔަތު ލިބިގެން...
ނަން އިތުރުގެ ނަން
27 April 2022
އަބްދުﷲ ހަމީދު ގެ ކޮންމެ ދަރިއަކީ ވަރަށް ވެސް މޮޅަށް ކިޔާފައި ތިބި ވަރުގަދަ ތައުލީމެއް ލިބިފައި ތިބި ކުދިން. މިސާލަކަށް، މައުމޫން ހަމީދު ، ހަމްދޫން ހަމީދު ، ފާތިން ހަމީދު ، ހައުލާ ހަމީދު ، ށާހިން ހަމީދު އަދި މިހާރު ށަމްއާ ހަމީދު. ރާއްޖޭގައި އާއިލާއެއްގައި ނުހުންނާނެ މިހާ ތައުލީމީ ދަރިން ތިބި އާއިލާ އެއް. ތިއީ ތައުލީމުން މަޔަކާ ބަފަޔަކު ފަހުރުވެރި ކޮށްފައި އޮތް އާއިލާ އެއް. ތައުލީމުން ރާއްޖޭގެ އެހެން ދަރީންނަށް ހުރި ވަރުގަދަ ނަމޫނާއެއް.
ޛަހިމް
27 April 2022
އުފާކުރަން. އެކަަމަކު ހިތަށް އަރާ. އެންމެންނަށް ތިގޮތަށް "ޕެޝަން ފޮލޯ" ކުރެވޭނެ ބާއޭ. އެއްދާއިރައަކުންކިޔަވައި އަނެއް ދާއިރާ އައަކަށް ދިއުމުގެއިޚްތިޔާރުއާދައިގެ މީހުނަށް އޮންނާނެބާ..... ކިތަންމެ ކިޔަވާ ހިތް ވިޔަސް... މުއްސަނދިންގެ ދަރިން އޮޓޮމެޓިކުން ކުރި އަރަނެ...ނަމަވެސް....