"އަޅުގަނޑުމެން އަތުގައި ހުރި ވަސީލަތްތަކާއި ވަގުތު ބޭނުންކުރާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމުގެ ޔަގީންކަން އަރުވަން"
25 އެޕްރީލް 2022 - 11:23
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގައި ނިޒާމުގެ ތެރެއިން އަތްނުލެވި ތިބީ ހައްތަހާ ވެސް ނުފޫޒު ގަދަ ބޭފުޅުންނެވެ؛ ދައުލަތުގެ ފައިސާގައި ޖެހި މިނިވަންކަމުގައި އުޅެވެނީ ކޮޅެއްގައި ނުޖެހުނު ތަހުގީގަކާ ހެދި އެވެ. ކުރީގެ ވެރިކަމުގައި ތަހުގީގު ނުވެސް ހިންގީ އެވެ. މި ވެރިކަމުގައި، ރިޔާސީ ކޮމިޝަނެއް ހަދައިގެން ތިން އަހަރުވި އިރު ނަތީޖާއެއް ނުނެރެވުނެވެ.
މިއީ، ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑު މައްސަލައެކެވެ.
މި ސަރުކާރުގައި އޭސީސީއަށް ފުރަތަމަ އައްޔަންކުރި މެމްބަރުން އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވި އެއް ސަބަބަކީ އެމްއެމްޕީއާރުސީގެ މައްސަލަ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން އިސްވެ އޭސީސީއާ އެކު ފެށި ތަހުގީގުން ދައުވާކުރަން ފޮނުވުނީ މަދު މީހަކަށެވެ. ދައުލަތަށް ގެއްލުނު ފައިސާއެއް ނުހޯދުނެވެ.
މި ފަހުން އޭސީސީއަށް އައްޔަންކުރެއްވި ފަސް މެމްބަރުންނަށް އޮތް ގޮންޖެހުން ބޮޑެވެ. އެ މެމްބަރުންނާއި އޭސީސީއަށް ވެސް އިތުބާރު އަލުން ހޯދަން އޮތް މުހިއްމު މަސައްކަތަކީ އެ ތަހުގީގެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް "މިހާރު"އާ ވާހަކަ ދައްކަވަނީ: ތަހުގީގު ކޮޅެއްގައި ޖެއްސޭވަރަށް ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެކަން އޭސީސީގެ ފަސް މެމްބަރުން ވެސް ގަބޫލުކުރައްވަ އެވެ. އެ ހުރިހާ ކަމެއްގެ ކުރިއަށް އެ މެމްބަރުން ދެއްވާ ޔަގީން ކަމެއް އެބައޮތެވެ.
އެކި ފަންތީގެ ނުފޫޒުގަދަ ބޭފުޅުންގެ މައްސަލަތައް ހިމެނުނަސް ތަހުގީގު ކުރުމުގައި ނުފޫޒަކަށް ދީލައި ނުލާނެ ކަމެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކޮމިޝަނުގެ މަސައްކަތްތަކާއި ތަހުގީގު ހިންގަން ކަނޑައަޅާފައިވާ މަގުން ކައްސައި ނުލާނެ ކަމެވެ.
"އަޅުގަނޑުމެންނަށް މިއޮތީ އެއް ކަމަކަށް ވަރަށް ބޮޑު އުއްމީދެއް [މިކަން ކުރެވޭނެ ކަމުގެ] އަނެއް ކަމަކަށް މިކަމުގައި ނަތީޖާ ހަމައަށް ދިއުމުގެ ޝައުގުވެރިކަމާއި އެ މަސައްކަތް އެގޮތަށް ކުރުމުގެ ނިޔަތާއި އަމަލުން ދައްކަން ބޭނުންވޭ," އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި އެވެ.
ކޮމިޝަނަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން "މިހާރު"އަށް ދެއްވި އިންޓަވިއުގައި ޝާމިލް ވިދާޅުވީ ގޮންޖެހުން ބޮޑު އެ ތަހުގީގަށް ރަނގަޅު ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އެ ޕްލޭން އެކުލަވާލާނީ ތަހުގީގުގެ ވަކި މުއްދަތުތަކަކުން ނެރޭނެ ނަތީޖާތަކެއްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަތީޖާ ހާސިލް ނުވާ ނަމަ ސަބަބު ވެސް ދެނެގަނެ ރަނގަޅު ވެސް ކުރާނެ އެވެ.
އޭސީސީއަށް އަލަށް އައްޔަންކުރި ފަސް މެމްބަރުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްއެމްޕީއާރުސީގެ މައްސަލަތައް ރައްޔިތުން އެދޭ ބާރު މިނުގައި ކުރިއަށް ގެންދެވޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރަން އެ ކޮމިޝަނުން ވަނީ ކަމާ ބެހޭ އިދާރާތަކާ ވެސް މަޝްވަރާކޮށްފަ އެވެ.
"އަޅުގަނޑުމެން އަތުގައި ހުރި ވަސީލަތްތަކާއި ވަގުތު ބޭނުންކުރާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމުގެ ޔަގީންކަން އަރުވަން," ޝާމިލް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދިޔައިރު އަވަހަށް ނިންމަން ޖެހޭ މައްސަލަތަކެއް ފާހަގަކުރި ކަމަށް ބުނެފައިވެ އެވެ. އޭގައި، ދައުލަތުގެ އެކި މަގާމްތަކުގައި ތިބި ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ނިންމުން ހިމެނެ އެވެ. އެކަމަކު އެގޮތަށް ތަހުގީގު ހިނގި ތަނެއް ނުފެނެ އެވެ.
ޝާމިލް ވިދާޅުވި ގޮތުގައި ތަހުގީގުގައި ނަތީޖާ ނެރުމަށް އާ ތަރުތީބެއް އޮތުން މުހިއްމެވެ.
ޝާމިލް "މިހާރު"އާ ވާހަކަ ދައްކަވަނީ: އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ކުރަން 12 އިންވެސްޓިގޭޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ތަހުގީގުގައި ފަންނީ ބޭފުޅުންނާ މިދަނީ މަޝްވަރާ ކުރަމުން. މިހާތަނަށް ގެންގުޅެމުން އައި އުސޫލުގެ ބަދަލުގައި މެޓްރިކްސްއެއް އުފައްދަން ޖެހޭތޯ, އެހެން ކަމަށް ވާ ނަމަ މިހާތަނަށް ލިބިފައި ހުރި ހެކި, ގަރީނާއާ އެކު އަވަސް ލަސްމިނުގައި މައްސަލަތައް ކުރިއަށް ދާނީ ކިހިނެއްތޯ," ޝާމިލް ވިދާޅުވި އެވެ.
● ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން.
● ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން.
● މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން.
● ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.
● މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން.
● ފަސް ފަނޑިޔާރުން (އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
● ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން.
އެމްއެމްޕީއާރުސީގެ ސްކީމްގައި ހިމެނެނީ ދެ ބައެކެވެ. އެއީ ނުއަގުގައި ދޫކުރި ރަށްތަކާއި ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގި ކަންކަމެވެ.
ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވެފައިވާ ކަމެވެ.
ޝާމިލް ވިދާޅުވީ އޭސީސީން އެންމެ ބޮޑު އިސްކަމެއް ދޭނީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން ކަމަށެވެ. އެމްއެމްޕީއާރުސީން ގެއްލުނު ފައިސާގެ ތެރެއިން ބޮޑެތި އަދަދުތަކެއް ދައުލަތަށް ހޯދަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކަމަކު ގާނޫނާ ޚިލާފަށް ދޫކޮށްފައިވާ ރަށްތަކުން ހަމަ އަގު ދައުލަތަށް ހޯދާނެ ވަކި ގޮތެއް މިހާތަނަށް ނިންމާފައެއް ނެތް ކަަމަށް އޭސީސީން ބުންޏެވެ. އޮޑިޓަ ޖެނެރަލް އޮފީސް މެދުވެރިކޮށް ރައީސް އޮފީހުން ވަނީ، ރަށްތަކުގެ ވެލުއޭޝަން އޮޑިޓެއް ހަދައިފަ އެވެ.
ޝާމިލް "މިހާރު"އާ ވާހަކަ ދައްކަވަނީ: އޭސީސީގެ މެމްބަރުން މަސައްކަތް ކުރާނީ ނުފޫޒެއްގެ ދަށު ނުވެ ގާނޫނީ އިމުގެ ތެރެއިން ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭސީސީން މިހާރު އަންނަނީ އެސެޓް ރިކަވާ ކުރުމާ ގުޅޭ ދިރާސާއެއް ވެސް ކުރަމުންނެވެ.
"އެސެޓް ރިކަވާ ކުރުމާ ގުޅޭ ގޮތުން ގޮތްތަކެއް އަޅުގަނޑުމެން ނިންމާނަން ދުރު ނޫން މުސްތަގުބަލެއްގައި," ޝާމިލް ވިދާޅުވި އެވެ.
އެކަން ނިންމާނީ މަޝްވަރާކޮށް ފިނޭންސާއި އެޓާނީ ޖެނެރަލްގެ އޮފީހާއި މީރާ އާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާއި އޮޑިޓް އޮފީހުގެ ވެސް ބައިވެރިވުމާ އެކުގަ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އޮތް އިރު މުއައްސަސާތައް ގުޅިގެން ފުދޭވަރެއްގެ މަސައްކަތްތަކެއް މިކަމުގައި ކޮށްފައިވާ ކަމަށާއި އަދިވެސް ކުރަން ހުރި ކަމަށް ޝާމިލް ވިދާޅުވި އެވެ. އެ ކޮމިޝަނަށް އޮތީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ތަހުގީގު ކޮޅެއްގައި ޖެއްސުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
??
28 April 2022
އޯ ޕްލީޒް! އެނަދަ ބިގް ޖޯކް!
ކިލަރވެލް
26 April 2022
ކޮއްކޮމެންނާ ތިޔަ ހަވާލުވީ ބޮޑު ކަމެއް. ތިޔަހުރި އަޒުމާ އެކީ ކުރިޔަށް ދޭ. ނަތީޖާ ނެރެފިއްޔާ ރައްޔިތުން ބަލައިގަންނާނެ. މީހުން ގޮވާ އެއްޗެއްސައް ބަލަންޏާ ކަމެއް ނުކުރެވޭނެ. ކުރީ ކޮމިސަނުން އެއް ފަހަރުވެސް ނޫހަކަށް މައުލޫމާތު ކޮޅެއްވެސް ނުދީ ދިޔައީ
ބީސީސީ
26 April 2022
ތިޔަ ކޮމިޝަނުން މައްސަލަތަކަށް އިސްކަންދޭނެ ތަރުތީބު ކަނޑައަޅާނެ ގޮތަކާއިމެދު މަޝްވަރާކޮށް ތިޔަ ކިޔާ މެޓްރިކްސްއެއް ހެދުމަށް 5 ވަރަކަށް އަހަރު ރަގަޅުވާނެކަމަށް ފެނޭ.. ފުރަތަމަ އެގޮތަށް ޕްލޭންކޮށް މަޖިލީހަށް ހުށަހަޅާ އެ ފާސްކުރަން ފެންނަނީ. އޭރުން ޓާމު ނިމެންދެން މަގާމުގައި ތިބެވިދާނެ..
އަލިކޮ
25 April 2022
ޕްރެސް ކޮންފަރެންސް ބާއްވައިގެން، ނޫސްތަކަށް އިންޓަވިއު ދީގެން ކޮރަޕްޝަންގެ މައްސަލަތައް ބެލޭ ނަމަ މިހާރު ތިޔަ ކޮމިޝަނުން އޮންނާނީ ހުރިހާ މައްސަލައެއް ބަލާ ނިންމާފަ. މިހާ ވާހަކަ ގިނަ، ފޮނި ހުވަފެން ދައްކާ އޭސީސީ އެއް އަދި ނާދޭ.
ކުރާނެ
26 April 2022
ރައްޔިތުންނާ ގާތް
ނިހަމް
25 April 2022
ރަނގަޅު ކަމެއް ކުރަންޏާ ފުރައްސާރައާ ދުއްތުރާއާ ދިމާވާނެ. އަޅާނުލާ ކުކުރިޔަށް ދޭ
އިޒްމީ
25 April 2022
ކުރިޔަށްދޭ ބަޔަކު ދައްކާ ބިރަކަށް ބަލާނެ ކަމެއްނެތް
ނުލާހިކު
25 April 2022
މިސްރާބު ރަނގަޅު ޕްލޭނެއް އޮތްހެން ހީވަނީ. ހަދާ އެއްޗެއް އެނގިދާނެތާ
ނަތީޖާ
25 April 2022
މީޑިއާއާ ދުރުގަ އޮތް އޭސީސީ މީޑިއާއަށް ވަގުތު ދޭންފެށީމަ އިދިކޮޅުން މޭކަރާނެ
ދިއްދޫމީހާ
25 April 2022
ނިކަން މިހާރުގެ ރައީސް ތިޔަ ކޮމިޝަންއަ ގެންގޮސްގެން ތަހްޤީގް ކޮއްބަލަ، މިހާރުގެ ރައީސްއަކީވެސް ތިޔަ ލާރީގާ ޖެހިފަ ހުރި ކަމަށް ތުހުމަތުވާ ފަރާތެއް..
ކޮލަމާ
25 April 2022
އަންނިވެސް ގެނެސްބަލަ
ބޮޑުމީހާ
25 April 2022
ހުރިހާ ވަގުތެއް ނޫސް ކޮންފަރެންސް ދީގެން ކޮންކަމެއް ހާސިލުވާނީ. ކަމެއް ހާސިލުކުރެވޭނެނަމަ ރައީސްގެ ލިސްޓެއްގެ ގޮތުގައި މަޖްލީހަށް ތި މީހުންގެ ނަމެއް ނުދާނެ. އަދި މަޖްލީހުން އެއްވެސް ހުރައެއްނެތި މަގާމަށްވެސް ނުހޮވޭނެ