ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން ދެއްވަނީ: މި ސަރުކާރަށް ކުރި ތުހުމަތުތަކަށް އެމަނިކުފާނަށް ވަނީ ރައްދު ދީފައި. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
26 އެޕްރީލް 2022 - 11:11
އަނިޔާވެރިވުމާއި ހިޔާނާތާއި ތަފާތުކުރުން ފަދަ ހައްގުތައް ނިގުޅައިގަންނަ ސިފަތަކަކީ މި ސަރުކާރު ހިންގާ އަމާޒެއް ނޫން ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ޖާގައެއް ނުދޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތުހުމަތުތަކުން ސަރުކާރު ދިފާއުވެއްޖެ އެވެ.
އެމްޑީޕީއަކީ މައި ޕާޓީގެ ގޮތުގައި ކޯލިޝަން ސަރުކާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިންގަވާއިރު، އެންމެ ބޮޑު ފާޑުކިއުމެއް މި ފަހުން އަމާޒުވަނީ އަމިއްލަފުޅު ޕާޓީގެ ތެރެއިންނެވެ. ވައްކަމާއި ހިޔާނާތާއި ވައުދު ނުފުއްދޭ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ނަޝީދާއި އެމްޑީޕީގައި އެ މަނިކުފާނަށް ވަފާތެރި މެމްބަރުން ދަނީ އަޅުވަމުންނެވެ.
މި ތުހުމަތުގެ ފަހަތުގައި އޮތީ ނަޝީދުގެ އަމިއްލަ މަސްލަހަތު ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ސިފަކުރެއްވުމުން، ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ "ވަރަށް އާދައިގެ ކަމެއް" ކަމަށެވެ. އެއީ، ހިޔާނާތްތެރި ނުވުމާއި އަނިޔާވެރި ނުވުމާއި ތަފާތު ނުކުރުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާއި ވެންޓިލޭޓަރުތައް ގަތުމުގައި ހިންގި ހިޔާނާތް ބެލުން ކަމަށެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ ހިޔާނާތްތެރިވުމަކަށް މި ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށެވެ. ތަފާތުކުރުމާއި އަނިޔާވެރިކަމަކީ ވެސް މި ވެރިކަމުގައި ޖާގަ އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ އަދި އަނިޔާވެރި ވުމަށް ފުރުސަތެއް ވެސް ނުދޭނެ. ކޮންމެ މީހަކާ މެދު ހުށަހެޅޭ އަދި ތުހުމަތު ކުރެވޭ މައްސަލައެއް ފުރިހަމައަށް ބަލާ ތަހުގީގު ކުރުމުގެ ފުރިހަމަ އިހްތިޔާރު މުއައްސަސާތަކަށް ވަނީ ދީފައި،" އަލީ ޒާހިރު ވިދާޅުވި އެވެ.
އަލީ ޒާހިރު: އޭނާ ވިދާޅުވީ މި ސަރުކާރުގައި ހިޔާނާތަށް ޖާގައެއް ނޯންނާނެ ކަމަށް.
އޭނާ ވިދާޅުވި ގޮތުގައި ހިޔާނާތް ބެލުން ފަދަ ޒިންމާ ހަވާލުކޮށްފައި އޮންނަ މިނިވަން މުއައްސަސާތަކުގެ މަސައްކަތަށް ނުފޫޒު ވެސް ނުފޯރުވާނެ އެވެ. ސަރުކާރުން އެދެނީ، ދައުލަތުގެ އެއްވެސް ބާރަކުން ވެސް އަދި މުއައްސަސާއަކުން ވެސް ނުފޫޒު ނުފޯރުވަން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
ނަޝީދު މި ފަހުން ވަނީ ސަރުކާރު ފެތެނީ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުން ސަރުކާރާ ފެއަށް ޖެހުމަށް ވެސް އެދިވަޑައިގެންފަ އެވެ. މިކަމުގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
27 April 2022
އެމްއެމްޕީއާރުސީ ގެ ލާރިގަނޑު ކެއިމީހުންގެ ތެރޭގައި އަންނިގެ ބައިގަނޑުވެސް ތިބިކަން އެނގެން އެބައޮތް. ލިޔުމުން ކެނޑީމަ އެހެން މީހުނަކަށް ނޭގޭނެކަމަސް އީވާމެން ހަސަން ލަތީފުމެން އުޅެނީ..
ަމަދަނަ އިބުރޭ
27 April 2022
ފައްޔާޒްއަށް ވޯޓްދީ މިވެރިކަން ގަޑުބަޑުކުރަން މަސައްކަތް ކުރުމަކީ ވަގުތީ އެދުމެއްގެ ނުވަތަ މީހަކާއި އޮތް ޒާތީކަމެއްގެ ފުއްދަން ޤައުމު ހަލާކަށް ދިނިމެވެ. ނަތީޖާ ހިތިވެފައި ކުރެވުނު ކަންތަށް ފަހުނދުވަހަކު މީހެއް ކައިރިގައިވެސް ބުނަން ނުކެރޭނެއެވެ. އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓި އަޅުންނަށް ވާން ފައިސާގެ ދަހިވެތި ކަމުގައި އުޅޭބަޔަކު މިނޫނީ ނޫޅޭނެއެވެ.
ސައިޚް
27 April 2022
ސަރުކާރުގެ ނެތް ސިފައެއްގެ ވާހަކަ ނަޝީދު ނުދައްކާ، ހިތުން ފޮރުވިތިބެ ތިގަންނަގަނޑު ނޭންގޭނެދޯ.؟ އާޚިރަތުގަ އެއްމެފަހުން ނަޝީދު ދައްކާ ހުރިހާ ކަމެއް ހަގީގަތައްވަމުން އައިސްއޮތީ.
މަރޮށި އަލީ
27 April 2022
ސަރުކާރުގެ 3 ބާރުން އެއްބާރުގެ ވެރިޔަކީ ރައީސް ނަސީދު އެން،ޑީ ޕީ ރައީސް ދެންސަރުކާރު ކިޔަނީ ވަކިމީހަކަށް ތޯ؟ ނަސީދު އަކީ ތެދުވެރި އިހުލާސްތެރި ބޭފުޅެއް
ޒިހާނިއޯ
27 April 2022
މަރޮށި އަލީ ތިން ބާރު އޮންނަނީ ދައުލަތުގެ އިނގޭތޯ؟! ސަރުކާރަކީވެސް ދައުލަތުގެ ބާރެއް. ދައުލަތަކީ ރައްޔިތުން.
ކަނބިލި
27 April 2022
ނަޝީދަކީ ވެސް ޚުދުމުޚުތާރު ވެރިންގެ ސިފަ ލިބިފައިވާ އަމިއްލަ މަސްލަހަތައް އުޅޭ މީހެެއް. ހުސް ވާހަކައިން ހިފަހައްޓާލީ. ވާހަކަ ހުއްޓާލާފައި ރައްޔިތުންނަށް ކަމެއްކޮއްދޭން ޖެހުނު ހިސާބުން އަމިއްލައަށް އިސްތިއުތިއުފާ ދީފައި ގައުމުގައި އަލިފާންޖެހީ. އިތުރައް އަނެއްކާވެސް ސަޅިބައިސާ ކަނޑަން ރައްޔިތުން ކައިރިއަށް އަންނާނެކަމެެއއ ނެތް
ގޯތިއާދަނު
27 April 2022
ނަމުގައި އެމްޑީޕީ ބަޔާން ނެރެނީ އަދާލަތު ޕާޓީން .. ހެކ ޓުވީޓު ކުރި އަލިއްޕޯ
ނަން01
27 April 2022
މީ ހުސް ޑުރާމާ
ނޯޕްލޭސް ލައިކް ހޯމް
27 April 2022
ސަރުކާރު ލަދުކޮބާ، ރިކަވަރީ ލޯން ވެސް ދިނީ ކޯލޝަން ޕާޓުނަރުންނަށް މިލިޔަނުން. މީހުންގެ ހައްގުގެއްލޭ ހާލަތެއްގައި ބަހެއް ބުނާނެ ގާބިލްކަމެއް ނެތް. ޢައްޑޫ ސިޓީ ހިތަދޫ ން ދީފައިވާ 100 ބިން ނެގުމަށް ކައުންސިލުން ދިމާކޮށް ބައެއްގެ ތެރޭގައި ހަމަ ހަމަ ކަން ގެއްލި ދާއިރު ޚަބަރެއް ނުވޭ. ހަމަ ގާބިލްކަން ނެތީ މިކަން މސާލަކަށް ފުދޭ
ރައުފާ ނަސީމް
26 April 2022
ނަޝީދު ނެތްނަމަ ވެންޓިލޭޓަރާ ހަމައިން ނުނިމޭނެއެވެ. ލަންކާއަށް ވީގޮތަށް މިޤައުމަށް ނުވީ ނަޝީދު ހަޅޭލެވީމައޭ ޤަބޫލުކުރަން މިހާރު މަޖުބޫރެވެ.
އެދުރުކަލޭގެފާނު
26 April 2022
މިސަރުކާރު ނޫނީ އަމިއްލަ ޕާރޓީ މެމްބަރުންނަށް ބިރުދައްކައިގެން ވެރި ކަމުގައި އުޅުނު ބަޔަކު ޕާރޓީ ނިޒާމުއައި ފަހުން ރާއްޖޭގައި ވެރިކަން ނުކުރެއެވެ. ތަރައްގީގެ ނަމުގައި ވައްކަން ކުރުން ހުއްޓުވާންވީ ވަޢުދު ކޮބާތޯ؟ ހައްދަވާއި ބޮޑުކުރެއްވި ރަސްކަލާކޮ ދިވެހިންގެ މައްޗަށް ހިތްހެޔޮ އަމާނާތްތެެރި ވެރިޔަކު އިސްކުރައްވާ ފާނދޭއެވެ! އަނިޔާވެރިންނާއި ފަސާދަކުރާ މީހުންގެ މައްޗަށް ދިވެހިންނަށް ނަސްރު ދެއްވާފާނދޭއެވެ!