01 މެއި 2022 - 16:45
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ޚެރްސޯން ސަހަރުގައި މިއަދުން ފެށިގެން ބޭނުންކުރާނީ، ރަޝިޔާގެ ގައުމީ ފައިސާ ކަމަށްވާ ރުބެލް ކަމަށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ރަޝިޔާގެ މަދަދު ލިބޭ ލަޝްކަރުތަކުން ބުނެފި އެވެ.
ރަޝިޔާ ސިފައިން ޚެރްސޯން ހިފުމަށް ފަހު މަގާމުން ދުރުކޮށްފައި ހުރި އެ ސަހަރުގެ މޭޔަރު އީހޯރް ކޮލީޚައިވް ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން އެގޮތަށް ނިންމިޔަސް، އެކަން ތަންފީޒުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޚެރްސޯންގައި ހިންގަމުންދާ ހަމައެކަނި ބޭންކަކީ ޔޫކްރޭންގެ ބެންކަކަށް ވެފައި، ރަޝިޔާގެ ބޭންކެއް ނެތުމުން، އެ ސަހަރުގައި ޔޫކްރޭން ފައިސާ ހަރީވިންޏާގެ ބަދަލުގައި ރަޝިޔާގެ ރުބެލް ބޭނުންކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ.
ޚެރްސޯން އަށް އެރި ރަޝިޔާ ސިފައިން އެ ސަހަރު ހިފައިގެން ތިބޭތާ ދެ މަސްދުވަސް ވެގެން ދިޔައިރު ވެސް، އެ ސަހަރުގެ މީހުންގެ ފަރާތުން ރަޝިޔާ ސިފައިންނަށް އެއްބާރުލުން ދިނުމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި އެ ސަހަރުގެ މީހުންގެ ފަރާތުން މިހާރުވެސް ފެންނަނީ، ރަޝިޔާ ސިފައިންނާ ދެކޮޅު ހެދުމުގެ އަމަލުތައް ކަމަށް، މޭޔަރު ވިދާޅުވި އެވެ.
އެ ގޮތުން ރަޝިޔާ ސިފައިންގެ ފަރާތުން ލިބޭ ރުބެލް ވެސް، ޔޫކްރޭންގެ ފައިސާ އަށް ބަދަލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ރަޝިޔާ ސިފައިން ގެންދަނީ އެ މީހުންގެ ފުރިހަމަ ބާރު އެ ސަހަރުގައި އޮތް ކަން ދެއްކުމުގެ އަމަލުތައް ފުޅާކުރަމުންނެވެ.
އެ ގޮތުން، ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިން ބޭނުންކުރަމުން އަންނަ ނިޝާން ކަމަށްވާ، އިނގިރޭސި އަލިފުބާގެ ޒެޑް އަކުރު، އެ ސަހަރުގެ އެކި ސަރަހައްދުތަކުން ފެންނާނެ ގޮތަށް ފާރުތަކުގައި ލިޔެފައިވެ އެވެ. އޭގެ އިތުރުން، އެ ސަހަރުގައި ހުރި ސަރުކާރުގެ އިމާރާތްތަކުގައި ރަޝިޔާގެ ދިދަ ނެގުމާއި، ޔޫކްރޭންގެ ޓީވީ ޗެނަލްގެ ޕްރޮގްރާމްތައް ހުއްޓާލައި ރަޝިޔާގެ ހަބަރުތައް ގެނެސްދިނުން ހިމެނެ އެވެ.
ޚެރްސޯންގެ އާންމުން ބުނާ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައި އެ ސަހަރުގެ ރައްޔިތުން ބޭތިއްބުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ރަޝިޔާ ސިފައިން އެ ސަހަރަށް ވެރިވާން ފެށުމާއެކު، އެ ސަހަރުން މީހުން ފައިބަން ފަށައި، މިހާރު އެ ސަހަރުގެ އާބާދީގެ 40 ޕަސެންޓް މީހުން އެހެން ސަރަހައްދުތަކަށް ހިޖްރަކޮށްފައިވާ ކަމަށް އެ ސަހަރުގެ މޭޔަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަހޭ
02 May 2022
ރުބެލް, ރުބުލް. މިތާ ރަގަޅުގޮތަކީ ކޮބާތަ?
ބީރުބޮލު ވަޒީރު
02 May 2022
ދެގޮތްވެސް ރަނގަޅު.