02 މެއި 2022 - 18:07
ރަޝިޔާގެ ޖާސޫސީ އަސްކަރީ މަތިންދާބޯޓުތައް ޑެންމާކް އާއި ސްވިޑްންގެ ވައިގެ ސަރަހައްދަށް ވަންނަމުންދާ މައްސަލަ ބޮޑުވެ، އެ ދެ ގައުމުގައި ތިއްބަވާ ރަޝިޔާގެ ސަފީރުން އެ ދެ ގައުމުގެ ޚާރިޖިއްޔާ އަށް އިއްޔެ ހާޒިރުކޮށް، އެކަމާ ދެކޮޅު ހެދުން ފާޅުކޮށްފި އެވެ.
ޑެންމާކް އާއި ސްވިޑްން އިން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު، ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތައް ޖާސޫސް ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވަނީ ބޯލްޓިކް ކަނޑުގައި އޮންނަ ޑެންމާކްގެ ޖަޒީރާއެއް ކަމަށްވާ ބޯންހޯލްމްގެ ވައިގެ ސަރަހައްދު ތެރެއަށެވެ. އޭގެ ފަހުން ސްވިޑްންގެ ވައިގެ ސަރަހައްދަށް ވެސް، ރަޝިޔާގެ މަތިންދާބޯޓުތައް ވަންކަމަށް އެ ދެ ގައުމުން ބުނެ އެވެ.
ޑެންމާކްގެ ހާރިޖީ ވަޒީރު ޔެޕް ކޮފޯޑް ވިދާޅުވި ގޮތުގައި އެ ގައުމުގައި ހުންނަވާ ރަޝިޔާގެ ސަފީރު އިއްޔެ ވަނީ ޑެންމާގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށް، ރަޝިޔާގެ މި އަމަލު ކުށްވެރިކޮށްފަ އެވެ. އަދި އެ އަމަލަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، ރަޝިޔާގެ ސަފީރަށް ދަންނަވާފައިވާނެ ކަމަށް ވެސް، ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް ރަޝިޔާގެ އަސްކަރީ ޖާސޫސީ ހަތަރު މަތިންދާބޯޓެއް ޑެންމާކްގެ ވައިގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެފައިވެ އެވެ. އަދި މިހާރު ޔޫކްރޭންގައި ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ރަޝިޔާގެ މަތިންދާބޯޓުތަކުގެ މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްވިޑްންގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި، އެ ގައުމުގައި ހުންނަވާ ރަޝިޔާގެ ސަފީރު ވެސް ވަރަށް އަވަހަށް ޚާރިޖިއްޔާ އަށް ހާޒިރުކުރާނެ އެވެ. ސްވިޑްންގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ރަޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރާ އޭއެން-30 މަރުކާގެ މަތިންދާބޯޓެއް މިދިޔަ ހުކުރު ދުވަހު ސްވިޑްންގެ ވައިގެ ސަރަހައްދަށް ވަނުމުން އެ ބޯޓުގެ ހަރަކާތްތައް، ސްވިޑްންގެ އަސްކަރިއްޔާ އިން ދިޔައީ ބަލަމުންނެވެ. އަދި އެ ހަރަކާތްތައް ރެކޯޑްކޮށްފައި އެބަހުރި ކަމަށް ވެސް އަސްކަރިއްޔާ އިން ބުންޏެވެ.
ޑެންމާކްގެ ޑިފެންސް ކޮމާންޑުން ބުނި ގޮތުގައި ރަޝިޔާގެ ޖާސޫސީ މަތިންދާބޯޓު ޑެންމާކްގެ ވައިގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަނުމާއެކު، މާ ގިނަ އިރުތަކެއް ނުވަނީސް، ޑެންމާކްގެ ވައިގެ ސިފައިންގެ އެފް-16 މަރުކާގެ ދެ މަތިންދާބޯޓުން ވަނީ، ރަޝިޔާގެ މަތިންދާބޯޓަށް ހުރަސްއަޅައިފަ އެވެ. އެހެންކަމުން ރަޝިޔާގެ މަތިންދާބޯޓު، ޑެންމާކްގެ ވައިގެ ސަރަހައްދުގައި ހޭދަވީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށް ވެސް ޑިފެންސް ކޮމާންޑުން ބުންޏެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، އަސްކަރީ ގޮތުން ވަކި ފަރާތަކަށް ނުޖެހި އޮތުމަށް، މީގެ ކުރިން އިސްކަން ދިން ނޯޑިކް ގައުމުތައް ކަމަށްވާ ސްވިޑްން އާއި ފިންލޭންޑް ފަދަ ގައުމުތައް މިހާރު ބޮޑަށް ބުރަވަނީ ނޭޓޯއާ ގުޅުމަށެވެ. އެ ދެ ގައުމު ވެސް ނޭޓޯއާ ގުޅުމަށް، މި މަހުގެ މެދުތެރޭގައި ރަސްމީކޮށް ހުށަހަޅާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އެކަމަށް ބާރުއަޅައި ހިތްވަރު ދެމުން އަންނަ އިރު، ރަޝިޔާ އިން އަންނަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
03 May 2022
ގޮޔްހުސްވުމުން ވަގަށް އެހެން ގައުމަކުގެ ވައިގެ ސަރަހައްދަށްވެސް ވަންނާނެ. ބޮޑުބާރެއްކަމަށް ދައުވާކުތަމުންދާ ސިންގާގެ ދަޔްކޮޅުވެރުނީމަ ދެންފެންނާނީ ހުސްމިކަހަލަ ބައިނަލް އަގުވާމީ ޤާނޫނާޚިލާފް ކަންކަން ކުރަމުންދާތަން. ހެއްވާކަމަކީ އިންސާފަށް ލޯބިކުރާކަމަށް ދައުވާކުރާ ގިނައަދަދެއްގެ ދިވެހިންވެސް ރަސިޔާގެ ޣައިރުޤާނޫނީ އަމަލަށް ތާއިދުކުރާތީ. ބީރުބޮލު ވަޒީރާ ރަދީފް ވެއްޔާއާ ދެމީހުން މިކަމުގަ އަރާހުރިކަން ފާހަގަކިރަން. ހިތުން ވަރަށް އިންސާފުވެރިޔޯ
ބީރުބޮލު ވަޒީރު.
03 May 2022
އަޅުގަނޑުމެން ރަސިއާއަށް ތަޢީދުކުރަނީ ސަބަބުތަކެއް އޮވެގެން. އެއީ އެމެރިކާގެ ފެޑްރަލް ބޭންކު ނުވަތަ ޑޮލަރުގެ އަޅުވެތިކަމުން ދުނިޔެ ސަލާމަތްކޮށް އެމެރިކާ ސައިޒްކުރަން ރަސިއާ މަސައްކަތްކުރޭ. ފަލަސްތީނުގެ ދިފާއުގަ އިޒްރޭލަށް ވޯނިންގ ދޭ. އެއް ޖިންސުން ގުޅުން ހިންގުމުގެ ހުތުރު ޢަމަލާވެސް ދެކޮޅު. ރަސޫލާއަށް ފުރައްސާރަކުރުމާ ޕޫޓިންގެ ދެކޮޅު. ޔޫކުރޭން ތުރޫކޮށް ރަސިއާ ފުނޑާލުމަށް އެމެރިކާ ރޭވި ރޭވުން ފެއިލްވެ ރަސިއާގެ ބާރު ދެމިއޮތުމަށް ބޭނުންވޭ.
އައްލާ
03 May 2022
ބީރުބޮލު ވަޒީރު، އަޅުގަޑު ރަސިޔާއަށް ތާއީދުކުރަނީ، އެއްވެސްކަމަކާނުލާ މިނިވަން ގައުމަކަށްއަރާ އެތަން ސުއްނާފަތި ކޮއްލީމަ. ރަސިޔާގެ ރައީސް ޕުޓިންނަކީ އެއްވެސް އިންސާނިއްޔަތުކަމެއްނެތް މޮޔައެއްވީމަ. ހަގުރާމައަކީ އެއްވެސް ބަޔަކަށް ފައިދާއެއްކުރާނެ ކަމަކަށްނުވެފަ މުޅި ދުނިޔެ ބިރުވެރިކަމެއްގެތެރެޔަށް ވައްޓާލީމަ. ނިޔުކުލިޔަރ ހަތިޔާރު ބޭނުންކޮއްގެން ދުނިޔެ ފުނޑާލަންވެސް ފަހައްނުޖެހޭނެ ގައުމަކަށްވީމަ. 3 ވަނަ ބޮޑު ހަގުރާމަފެށި ރާއްޖެވެސް ބަޑަށް ޖެހޭނެތީ.
ގްރޭޓާރ އޭޝިއާ
02 May 2022
ރަޝިއާ އެ ކުރަނީ ހަމައެކަނި އަޝްކަރީ ހަނގުރާމައެއް ނޫން. އިގްތިސޯދީ، ޓެކްނޮލޮޖީ އަދި އެއިރޯ ސްޕޭސްގެ ކޮންޓްރޯލް ވަށާ ޖެހޭނޭގޮތަށް މުޅި ކުޅިބައި އަތުރާ ވަނީ ނިންމާފަ. ރަޝިއާ އަދި ޗައިނާ ވަނީ ހުޅަނގުގެ އެހީއާއި ނުލާ މުޅި އޭޝިއާ/އެފްރިކާ/މިޑިލްއީސްޓްގެ އިންސާނުން ތަރައްގީގައި ކުރިއަށް ދެވޭނެ ކުޅިބައި އަތުރާފަ. އިންޑިއާ އަށް އޭގެ މަންފާ އިނގޭ. ރާއްޖޭގެ ދެކުނުގައި އިންޑިއާ ފާރަލަނީ އެމެރިކާގެ ޑިއަގޯ ގާސިއާގެ ހަރަކާތްތަކަށް. ޕީޕީއެމް ކުދީން މޮޔަވާނެ!
މޮޑާރން ކޮމިއުނިޒަމް އީރާ
02 May 2022
މިހަނގުރާމައިގެ މައިގަނޑު މަގުސަދަކީ ނިއު ވޯލްޑް އޯޑާރ އެއް ގާއިމްކުރުން. ހުޅަނގުގެ ދުއްޕާނުން ގައުމުތައް ސަލާމަތްކުރުން. މީ މޮޑަރން ކޮމިއުނިޒަމް އާއި މުސީބާތަކަށް ވެފަވާ ޑިމޮކްރަސީ އާއި ދެމެދު ހިނގާނެ އެންމެ ބޮޑު ހަނގުރާމަ. ހުޅަނގުގެ ޑިމޮކްރެޓިކް ވެރީން ބައު ހަތިޔާރު މުސްލިމް ގައުމުތަކަށް އެޅިގޮތަށް ޔޫކްރެއިނަށް އުކާލާ އައު ހަތިޔާރު ގަތުމުގެ ނަމުގައި ގައުމުގެ ރައުސްމާލުން ވައްކަން ކުރާތަން މިހާރު އެދަނީ ފެންނަމުން. ރުބެލް އަދި ޔުއާން ކުރިހޯދާނެ
ރަދީފުގެ ކާފަ
03 May 2022
ވަރަށް ބޮޑު ތެދެއް ތިއަވިދާޅުވީ. ލެއްގި ކޮމިޝަނަރާ ސަލީމް އިދުރީސް ކަހަލަ ހުޅަނގުގެ ފެން ބޮއިގެން އުޅޭ މަދުބަޔަކު އެމެރިކާއަށް ސަޕޯޓްކުރަނީ.
ލެއްގިކޮމިޝަނަރ
04 May 2022
ރަދީފުގެ ކާފަ އަދި ދުނިޔޭގެ ކަންކަމަށް ލޯހުޅުވިފަހުރިވަރު ވަރަށްކުޑައިގޭ. ޥެދާނެ ދުވަސްވެ މުސްކުޅިވީމަކަމަށްވެސް. ޙުނޅަގުގެ ފެންނުބޯ އެއްވެސް ދިވެއްސެ ނުހުންނާނެ. މަނިކުފާނު ކޮމެންޓްކުރަނީވެސް ހުނޅަގިގެ އުފެއްދުމެއް ބޭނުންކޮށްގެން. ވައިބާއާ ޗެޓްކުރުމާ ޓްވީޓާ ބޭނުން ކުރަންޏާ އެވާނީވެސް އެމެރިކާއާ ހުނޅަގުގެ ބޭނުން ފެންބުއިންކަމަށްދޯ؟. ގައިމު އެޔަކީ ރަސިޔާއާ ޗައިނާގެ އުފެއްދުމެއް ނޫންވީޔާ. ދެންއަވަހަށް ޑިސްލައިކުޖަހާ ފުރާލިޔަސް މިވާނީ ތެދުކަމަށްދޯ؟