ރިޕޯޓް / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ފައިސާ ހަރަދުކޮށް, ފޮރުވިގެން ތިބީ ކޮން ބައެއް؟

ޓެރަރިސްޓް ހަަމަލާގެ ކުރިން ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވާއިރު، އެ މަނިކުފާނާއި ބޮޑީގާޑާ ދެމެދަށް މީހަކު ވަދެގެން ދަނީ.

ހައްދުފަހަނައެޅި ބަޔަކު ރޭވީ ޖާނުން ފިދާވެގެން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާށެވެ. ތިން އަހަރު ވަންދެން އެކަމަށް ސެލްއެއް ހިންގި އެވެ. މީހުން ވައްދައި ރެކްރޫޓް ވެސް ކުރި އެވެ. ދީނީ ގޮތުން އުފެދުނު ހިޔާލުތަފާތުވުންތައް ރުޅި އާއި ނަފްރަތަށް ބަދަލުކޮށް ނަޝީދުގެ ލޭ ހުއްދަކުރީ އެވެ.

ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން އެ ހަމަލާ އެ މަނިކުފާނަށް އަމާޒުކުރީ މީގެ އަހަރެއް ކުރިން މަޖީދީ މަގުގަ އެވެ. ތަހުގީގަށް މިހާތަނަށް ހޯދުނު ހެކިތަކަށް ބަލާއިރު ހަމަލާގެ ފަހަތުގައި އޮތީ އެ މީހުންގެ އަމިއްލަ މަގްސަދެއް ހާސިލްކުރުން ކަމަށް ފުލުހުން ބުނެ އެވެ.

އެކަމަކު ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު، ހަސަން އަފީފަށް އެ ވާހަކަ ގަބޫލެއް ނުކުރެއްވެ އެވެ.

ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ

އޭނާ ވިދާޅުވި ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ހަމަލާ އަމާޒުކުރި ދުވަހު އެމްޑީޕީގެ އޮފީހުގައި އެ މަނިކުފާނު ދެއްކެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަތަކެވެ. ހައްދުފަހަނައެޅި ބަޔަކު ނަޝީދުގެ ފަހަތުން ދާންވީ ހަމަ އެ ރޭ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އެ ދުވަހަކު ނޫން ދެއްތޯ އެކަން ކުރަންވީކީ. އެ ދުވަހު ރައީސް ނަޝީދު ޕާޓީގެ އޮފީހުގައި ދެއްކީ އެމްއެމްޕީއާރުސީގެ ވާހަކަ. ބޮންގޮއްވާލީ އެ ރޭ. މިހިރީ ހައްތާ ވެސް އުފެދޭ ސުވާލުތައް," އަފީފް ވިދާޅުވި އެވެ.

ހަމަލާގެ ތަހުގީގަށް އެމްޑީޕީން އެކުލަވާލި "މޭ ހައެއް" ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވާ އަފީފްގެ އޮތީ ނަޝީދާއި އާއިލާގެ ކަންބޮޑުވުމެވެ.

އަޑީގައި ތިބެ ފަންޑު ކުރި ބަޔަކު ނުހޯދުމެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތައް ފެންނަ ފޮޓޯއެއް

ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް އަހަރެއް ފުރުނު އިރު ފަންޑުކުރި މީހުންނާ ހަމައަށް ނުދެވޭ ކަމުގެ ހިތްހަމަނުޖެހުމާ އެކު ނަޝީދުގެ އާއިލާ އިން ވަނީ ތަހުގީގާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ކަންބޮޑުވުން މިއޮތީ ވަކި މީހަކަށް ވެގެންނެއް ނޫން. މި ކަންތަކާ ހެދި. ރާއްޖޭގެ އެންމެ ހައި ސެކިއުރިޓީ ބޭފުޅާއަށް އެފަދަ ހަމަލާއެއް ދެވޭއިރު ދެން ތިބި މީހުންނަށް ކިހިނެއްހޭ ވާނީ؟ -- އަފީފް

އާއިލާ އިން ނެރުނު ބަޔާނުގައި ތުހުމަތު ކުރި ގޮތުގައި ކުރީ ސަފުން ފެނުނު މީހުން އަތުލައިގަނެވި ހަގީގީ މުޖުރިމުން ތިބީ ފަހަތުގައި ފޮރުވިގެންގެންނެވެ. އެއީ ހަމަލާއަށް ފައިސާ ހަރަދު ކުރި މީހުންނެވެ.

މެއި 6ގެ ކުރިން މާލޭގެ ދެ ސަރަހައްދެއްގައި ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލަން އުޅުނެވެ. ފޭލްވުމުން ތިން ވަނަ ފަހަރު ރޭވީ ޖާނުން ފިދާވެގެން ވެސް އެ މަނިކުފާނުގެ ފުރާނަ ދުއްވާލުމަށެވެ. ހައްދުފަހަނައެޅި ފިކުރުން ސިކުނޑި ދޮވެލައި އެ ޓާސްކް ހަވާލުކުރީ އަހްމަދު އަދުހަމްއާ އެވެ.

ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމާ ދިމާކޮށް ބޮން ގޮއްވާލަން އަދުހަމް މަޑުކޮށްލައިގެން.

ހަމަލާގެ ބާރު ގަދަކުރަން ރޭޒާ ފުއްތައް އެޅި އައިއީޑީ ހަރުކުރި ސައިކަލް މަޖީދީ މަގުގައި ބަހައްޓައި އޭނާ އެ ތަނަށް ގެންދިޔައީ ވެސް އެ ކަމަށް އޮޕަރޭޓްކުރި ސެލްގެ ބައިވެރިންނެވެ.

ފުލުހުން ވަނީ އެ ސެލް އޮޕަރޭޓްކުރި ގޮތާއި އިސްކޮށް އުޅުނު މީހުން ހޯދައިފަ އެވެ. ރޭވުންތަކާއި އެތައް ބައެއްގެ ފުރާނަ ނަގާލައިގެން ވެސް ޓާސްކް ފުރިހަމަ ކުރަން އުޅުނު ގޮތެވެ. އެކި ވަރަށް އެ ހަމަލާގައި ބައިވެރިވުން އޮތް އެންމެން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

މިހާތަނަށް ތަހުގީގަށް ހޯދުނު ހޯދުންތަކަށް ބަލާއިރު މިއީ ބަޔަކު ހަމަލާ ދިނުމުގެ މުގާބިލުގައި އިނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން ކުރުވާފައި އޮތް ކަމެއް ކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް ފެންނާކަށް ނެތް. -- ފުލުހުން

މިއީ ފުލުހުން މިހާތަނަށް ހިންގި އެންމެ ކާމިޔާބު ތަހުގީގުގެ ގޮތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސިފަކުރެއްވީ ކުރު މުއްދަތެއްގައި ހޯދި ކުރިއެރުންތަކާ ހެދި އެވެ. އެކަމަކު ތަހުގީގު ފުރިހަމަ ކަމަކަށް ނަޝީދާއި އާއިލާ އިން އަދި އެ މަނިކުފާނާ އަރިސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގަބޫލެއް ނުކުރައްވަ އެވެ.

ފަންޑުކުރި މީހުން ހޯދުމަށް ގޮވާލައި ދަނީ އަޑުއުފުލަމުންނެވެ.

"ތަހުގީގުގައި ސީރިއަސްކަމެއް ނެތް"!

ނަޝީދަށް އަމާޒުކުރި ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލި ކޮމިޓީއަށް ފާހަގަވި ކަންކަމާ ގުޅޭ ގޮތުން އަފީފް ވިދާޅުވީ "ފަންޑު ކުރި މީހުންނާ ހަމައަށް ނުދެވޭ" ކަމަށެވެ. ތަހުގީގު އެ ވަރަށް ފުޅާކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާ ދޭން ގޮއްވާލި ސައިކަލް: މީގައި ހަރުކުރި އައިއީޑީގެ ބާރުގަދަކުރަން ހުރީ ރޭޒާ ފުއްތައް އަޅާފައި. -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި މިކަމާ ގުޅޭ ގޮތުން ކޮމިޓީން ފުލުހުންނާ ބައްދަލުކުރުމުން ފައިސާ ހަރަދުކުރި ގޮތް ފައިނޭންޝަލް އެކްސްޕާޓުން ލައްވައި ބަލަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ބުނެފައިވެ އެވެ. އޭރު އެ ހިސާބަށް ނުދާކަމަށް ބުނެފައިވާ އިރު އަހަރެއް ފުރުމުން ވެސް އަދިވެސް އަހަން އޮތީ ހަމަ އެ ސުވާލު ކަމަށް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ޓެރަރިސްޓު ހަމަލާއެއް ހިންގާ އިރު އެކަމަށް ކުރާ ހޭދަ ޓްރާންސެކްޝަންތަކަކުން ފެންނަން ނުހުންނާނެ ކަމަށާއި ތަހުގީގު ހިންގަން ޖެހޭއިރު އެ ނޫން ގޮތްގޮތަށް އެ މުއާމަލާތް ކޮށްފައިވޭތޯ ބަލަން ޖެހޭ ކަމަށެވެ.

ފައިސާ ހޭދަކުރިތޯ ބެލުމަކީ އެންމެ އިސް އަމާޒު ކަމަށް ފުލުހުން ބުނެފައިވިޔަސް އެ ވަރަށް ތަހުގީގު ނުގެންދެވޭ ކަމަށް ވިދާޅުވި އެވެ.

"ދުނިޔޭގެ އެއްވެސް ތަނެއްގައި ޓެރަރިސްޓް ހަމަލާ ހިންގަން ބޭންކް މެދުވެރިކޮށް ފަންޑު ފޮނުވާފައެއް ނުހުންނާނެ," އަފީފް ވިދާޅުވި އެވެ.

"ރައީސް ނަޝީދު ވީމައެއް ނޫން. މާދަމާ އެހެން މީހަކަށް މި ފަދަ ހަމަލާއެއް ދީފާނެ މަގުމަތިން ދަނިކޮށް. އެތައް ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ. އެހެންވީމާ މީގެ އަޑީގައި ތިބި ކޮން ބައެއްތޯ؟ ރޭވި ކޮން ބައެއްތޯ ނުބަލައި މިކަމެއް ނުހުއްޓުވޭނެ."

ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކުގެ ފޮޓޯއެއް --- ފޮޓޯ/އޭޑީކޭ

އޭނާ ވިދާޅުވި ގޮތުގައި ހަމަލާގެ އަޑީގައި ތިބޭނީ ފުލުހުން ހޯދާފައިވާ ބޮން ގޮއްވާލި މީހުންނެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ތަހުގީގަށް ހާޒިރުކުރި މީހާ ވެސް "އަޑު އިވުނު ގޮތޭ ހީވި ގޮތޭ" ބުނުމުން އެ ހިސާބުން ނިންމާލީ ކަމަށް އަފީފް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވެފައިވާ ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ތިން މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ރައްޓެއްސެއްގެ ފަރާތުން އޭނާއަށް މައުލޫމާތު ލިބުނެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ސީރިއަސްކަމާ އެކު މި ތަހުގީގު ހިންގަން ނޫޅޭތީ," ހޯމް މިނިސްޓަރާއި ފުލުހުންނާ ބައްދަލުކުރަން އެދިގެން ޖަވާބު ނުލިބޭ ކަމުގެ ކަންބޮޑުވުންފާޅުކުރައްވައި އަފީފް ވިދާޅުވި އެވެ.

ސީރިއަސްކޮށް ނުބަލަން ޖެހޭ ސަބަބެއް އޮތްތޯ އެހުމުން އަފީފް ވިދާޅުވީ އެ އަކަށް މިވަގުތު ޖަވާބު ދެއްވެން ނެތް ކަމަށެވެ. ތަހުގީގު ނުހިންގަނީ ކަމެއް ނުވަތަ ނުހިނގަނީ ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ފުލުހުން ވިދާޅުވަނީ އެބަ މަސައްކަތް ކުރަމޭ. ކަންބޮޑުވުން މި އޮތީ ވަކި މީހަކަށް ވެގެންނެއް ނޫން. މި ކަންތަކާ ހެދި. ރާއްޖޭގެ އެންމެ ހައި ސެކިއުރިޓީ ބޭފުޅާ އަށް އެ ފަދަ ހަމަލާއެއް ދެވޭއިރު ދެން ތިބި މީހުންނަށް ކިހިނެއްހޭ ވާނީ؟"

"ފައިސާދީގެން ކުރުވި ކަމުގެ ހެއްކެއް ނެތް"

ހަމަލާގެ ތަހުގީގާ މެދު އުފައްދާ ސުވާލާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާން، ޔޫނުއްސޮބާހް ވިދާޅުވީ ފައިސާ ހޭދަކުރި ގޮތާ ގުޅޭ ގޮތުން ފުލުހުން ކުރިން އާއްމުކޮށްފައިވާ ވަރަށް ވުރެން އިތުރު ކުރިއެރުމެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދަން ބޭނުންވި އަދުހަމް ހައްޔަރު ކޮށްގެން ގެންދަނީ.

އޭނާ ވިދާޅުވި ގޮތުގައި ވަކި އިތުރު ބަޔަކު ފައިސާ ހޭދަކުރި ކަމަކަށް މިހާތަނަކަށް ތަހުގީގަށް އެނގިފައެއް ނުވެ އެވެ.

"ރައީސް ނަޝީދު އަށް ހަމަލާދިން މުޅި މައްސަލަ އަދިވެސް އޯޕަން ކޭސްއެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަނީ. އިތުރަށް އެއްވެސް މައުލޫމާތެއް ލިބިއްޖިއްޔާ ތަހުގީގު ކުރަމުން ދާނެ," އޭނާ ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާގެ ތަހުގީގަށް ލިބުނު ކުރިއެރުންތައް ހިއްސާކުރަން ޖުލައި 24, 2021 ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުން ބުނެފައި ވަނީ މުޅި މައްސަލައަށް ބަލާއިރު ހައްޔަރުކުރި މީހުން ފިޔަވައި އިތުރު ބައެއްގެ ބައިވެރިވުމެއް އޮތް ކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ބާވަތުގެ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ދެ ގޮތަކަށް ފައިސާ ހަރަދުކުރާ އިރު އެއްގޮތަކީ އެކަން ރާވައި ހިންގަން މަގުފަހި ކުރުމެވެ. އަނެއް ގޮތަކީ ހަމަލާދިނުމުގެ ބަދަލުގައި އެހެން ފަރާތަކުން އިނާމެއްގެ ގޮތުން ފައިސާ ދިނުމެވެ.

ތަހުގީގުގައި ފެންނަން އޮތީ ނަޝީދަށް ހަމަލާ ދިން ސެލްގެ މީހުން އެކަމަށް ހޭދަކުރި ގޮތާއި މިންވަރު އެކަނި ކަމަށް ޑެޕިއުޓީ ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވެފައިވެ އެވެ.

ފަންޑިންއާ ގުޅޭ ގޮތުން ފުލުހުން އާއްމުކުރި މައުލޫމާތު

- ހަމަލާ އަށް 2019 ގައި 18,000ރ. އަށް ސައިކަލެއް ގަނެފައިވޭ.

- ބޮން ހަރުކުރުމަށް ހުޅުމާލޭގެ ގަރާޖަކުން ސައިކަލް މަރާމާތުކުރި.

- އެސެޓްތަކާއި ބޭންކް ސްޓޭޓްމަންޓްތައް ބެލިއިރު ބޮން ހެދުމަށް އެޕާޓްމެންޓެއް ކުއްޔަށް ހިފާފައި ހުރި ކަން އެނގުނު.

- އަމިއްލަ އަށް ތައްޔާރުކުރި އައިއީޑީ އަށް ބޭނުންވާ ތަކެތި ގަތުމަށް ފައިސާ ހޭދަކުރި. އެތަކެތި ގަތީ މާލޭގެ ފިހާރަތަކުން ކަމަށް ފުލުހުން ބުނޭ.

- ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުން އެކަން ރޭވުމުގައި އުޅުނު އިރު ވެސް ހަރަދުތަކެއްކޮށްފައިވޭ.

- އޭގެ ތެރޭގައި ގެސްޓް ހައުސްތައް ހިމެނޭ.

ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން މަތީގައި (ކ-ވ) އަދުހަމް އަހްމަދު އާއި މުޖާޒް އަހްމަދު އަދި ތިރީގައި (ކ-ވ) އަހްމަދު ފާތިހު އާއި ތަހްމީން އަހްމަދު.

އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ، މި މައުލޫމާތަށް ފާޑުކިއުން އަމާޒުކޮށް، ވަޒީފާއަށް ނުދާ ބަޔަކު އެ ހަރަދުތަކަށް ފައިސާ ހޯދީ ކިހިނެއްތޯ ސުވާލު އުފައްދައިފަ އެވެ. ކުއްޔަށް ހިފި އެޕާޓްމަންޓުތަކާއި ގަތް ސާމާނަށް ފައިސާ ދެއްކި މީހުން ކޮބައިތޯ ވެސް ސުވާލުކުރެ އެވެ.

ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒް ވިދާޅުވެފައިވާ ގޮތުގައި މެމްބަރު އިލްޔާސް ލަބީބްގެ ފަރާތުން ލިބިވަޑައިގަތް ތިން މިލިއަން ޑޮލަރުގެ މައުލޫމާތު ވެސް ހަމަލާގެ ބައިވެރިންނާ ސީދާ ގުޅުވޭނެ ހެކިތަކެއް ލިބިފައެއް ނުވެ އެވެ.

"އޭގެ އިތުރުން މައްސަލައިގައި ހިމެނޭ މީހުންނާއި އެ މީހުންގެ އާއިލީ މީހުންނާ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިން މިކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން އޮވެދާނެ ކަމަށް ބަލައި އެ ފަރާތްތަކުގެ ފައިނޭންޝަލް އެސެސްމަންޓްތައް ވެސް ހަދަމުން އަންނަނީ. އަދި އެމްއެމްއޭގެ އެފްއައިޔޫ މެދުވެރިކޮށް, ފާއިތުވެދިޔަ ދުވަސްތަކުގައި މިފަދަ ޓެރަރިސްޓު ހަމަލާއަކަށް ފަންޑުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގާފައިވޭތޯ ވެސް އެނަލިސިސްއެއް ހެދިފައިވޭ," އޭނާ ވިދާޅުވި އެވެ.

ރަސްމިއްޔާތެއްގައި ނަޝީދު ބައިވެރިވަޑައިގަންނަވަނީ: އެމަނިކުފާނަށް ދިން ހަމަލާއަށް ފަންޑުކުރި މީހުން ހޯދަން އާއިލާ އިން އަންނަނީ ގޮވާލަމުން. --. ފޮޓޯ:ނިޝާން އަލީ/މިހާރު

ނަޝީދަކީ ސިޔާސީ ބޭފުޅަކަށް ވާތީ އެ ސަބަބާ ގުޅުވައިގެން ވެސް ފައިސާ ހޭދަކޮށްފައިވޭތޯ ބަލަން ޖެހޭ ހުރިހާ ބެލުންތަކެއް ބަލާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

"މިހާތަނަށް ތަހުގީގަށް ހޯދުނު ހޯދުންތަކަށް ބަލާއިރު މިއީ ބަޔަކު ހަމަލާ ދިނުމުގެ މުގާބިލުގައި އިނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން ކުރުވާފައި އޮތް ކަމެއް ކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް ފެންނާކަށް ނެތް," އޭނާ ވިދާޅުވެފައިވެ އެވެ.

"މި ހަމަލާގެ މޯޓިވްއަށް ބޮޑަށް ބަލާ އިރު މިއީ ނަފްރަތާއި އަދާވާތްތެރިކަމާއި ދީނީ ފިކުރުގެ ތަފާތު ކަމުގައި އޮތް ރުޅިވެރިކަމުގެ ތެރެއިން އަމިއްލަ ގޮތުން ހަމަލާ ދިން މީހުން އަމިއްލަ މަގްސަދެއް ހާސިލްކުރަން ދީފައި އޮތް ހަމަލާއެއް ކަމަށް ބެލެވޭނެ ހަރުދަނާ ހެކިތަކެއް ފެންނަން އެބަހުރި."

ފުލުހުން ތަކުރާރުކޮށް ބުނާ މި ވާހަކަ ގަބޫލުނުކުރާ ބަޔަކު އެބަތިއްބެވެ. އެ މީހުން ދެކޭ ގޮތުގައި ހަމައެކަނި ހައްދުފަހަނައެޅި ފިކުރާ ހިސާބުން މިކަން ނިންމައެއް ނުލެވޭނެ އެވެ. އެ ވަރުގެ ހަމަލާއެއްގެ އަޑީގައި ބަޔަކު ނުތިބެ ނުދާނެ ކަމަށް ދައްކާ ވަރުގަދަ ހެއްކަކީ ސިޔާސީ މައިދާނުގައި ނަޝީދުގެ ހަރަކާތްތެރިވުމެވެ.

ފުރިހަމަ ތަހުގީގެއް ކަމަށް ފުލުހުން ބުންޏަސް ހަ ފަރާތް ނުހޯދޭ ކަމުގެ އިނގިލި ދިއްކުރަން ގަބޫލުކުރުންތަކެއް އެބަހުއްޓެވެ.

39 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 6%
icon angry icon angry 71%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަމްޒީ1

10 May 2022

ލައްކަ ވާހަކަ އެބަހުރި ހުރިހާކަމެއް އެނގޭނެ އަފްރާށީމް ޤަތުލު ކުރުމަށް ފަންޑު ކުރިމީހުން ހޯދުނީމަ މުޤޫ އޮތީ ތިފަޅީގަ މީލައްކަ ވާހަކަ

The name is already taken The name is available. Register?

ވަހީދު

10 May 2022

ނަޝީދު އިސްތިއުފާދޭން ޖެހުނު މައްސަލާގައި ޑރ އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލަ ބަލާ. ޚަރަދު ކުރި މީހުން ހޯދަން ޖެހޭ.

The name is already taken The name is available. Register?

ކަޅުދައުލަތްއެބަހިންގާ

08 May 2022

ޚަރަދު ކުރިމީހުން ހޯދަންޏާ ، ވަކި އޯޑަރަކުން މިކަން ކުރަމާ. ފުރަތަމަ ހިނގާބަލަ ޑރ.އަފްރާޝީމް މަރަން ރާވާ ހޭދަކުރި މީހުން ހޯދަން. މިހާރު ޖަލުގަ އެ ގެންގުޅޭ ގާތިލަށް ރަނގަޅަށް ވިއްޔާ އަފްރާޝީމް އެއީ ކާކުކަންވެސް ނޭނގޭނެ. އހެންވީމަ އޭނަޔާ މެދު ދުޝަމްނުކަެއް އުފެދިގެން އޭނަ ހިންގި ޖަރީމާއެއްނޫން އެއީ. ހަމަގައިމުވެސް އޭނަޔަށް ފައިސާ ދީގެން ބަޔަކު ކުރުވިކަމެއް. އެމީހުންވެސް އެތިބީ ފިލާ. ނުހޯދޭނެ. ދެން ވަކި ނަޝީދު ވީމަ އެކަން ވޭތަ. މިއީ ކަޅުދައުލަތް

The name is already taken The name is available. Register?

އަލިފުޅު1111

08 May 2022

އަފީފޫ. ތިޔަ ތަހުޤީޤަށާ ނަޝީދަށް ބިލިޔަނެއްގެ ފައިސާ ދިވެހި ދައުލަތުން ކޮށްފި. ބަހައްޓާފަ ހުންނަނީ ރަސްކަލެއްހެން ވަކިތަނެއްގަ ހައި ސެކިއުރިޓީއާއެކު. ދެދުވަހުން އެއްދުވަހު ކޮންމެވެސް ކަމެއްގަ ދުނިޔޭގެ ކޮންމެވެސް ޤައުމަކަށް އެބަފޮނުވާދޭ. އިނގިރޭސިވިލާތުގައި 6 މަހު ދައުލަތުން ޚަރަދުކޮށްގެން ބެހެއްޓި. ބޮޑު ލޯޔަރެއްގެ ގެނެސްފަ އެބަހުރި. އަޅުގަނޑަށް ހީވަނީ ދިވެހިރައްޔިތުންނަށް ޚަރަދުކުރެވިއްޖެހެން. ތިޔަ އެމްޑީޕީ ހިތްހަމަޖެހޭނީ އޭނާއަށް ވެރިކަން ދިނީމަ

The name is already taken The name is available. Register?

އިބްރާޙީމްބެ

07 May 2022

ފަހުގެ ތާރީޚްގައި ހިންގާފައިވާ އުދުވާނީ ހަމަލަތައް: ރައީސް އަމީން އަވަހާރަކޮށްލުން. 1988 ގެ ނޮވެމްބަރ 3 ގައި 19 ދިވެހީން ޝަހީދު ކޮށްލުން. ރައީސް މައުމޫނަށް ތޫނު އެއްޗަކުން ހަމަލާ ދިނުން. ރައީސް ޔާމީން އިންނެވި ލޯންޗްގައި ބޮމެއް ގޮއްވުން. ޑރ. އަފްރާޝީމް ޝަހީދު ކޮށްލުން. 2012 ވަނަ އަހަރުގެ ފެބުރުއަރީ 8 ގައި މުޅި ރާއްޖެ ރޯކުރުން.

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

07 May 2022

ރައީސް ނަޝީދަށް ހަމަލާ ދިނުމަކީ ވެސް ބޮޑުކުށެއް. އެކަމަކު ހީވަނީ ރާއްޖެގެ ތާރީޚުގައި މިފަދަ ހަމަލާއެއް ދީފައިވަނީ ނަޝިދަށް އެކަނި ހެން. ރަސްކަމުގެ ދުވަސް ވަރު އެތައް ޤަތުލެއް ހިނގާފައިވޭ. އަދި ފަހުގެ ތާރީޚަށް ބަލާއިރު ރައީސް އަމީނަށް ހަމަލާދީ އަވަހާރަކޮށްލުން. ރައީސް މައުމޫނުގެ ބަނޑަށް ވަޅިއެއް ހަރަން އުޅުން. ރައީސް ޔާމީނުގެ ލޯންޗްގައި ބޮމެއް ހަރުކޮށް ޔާމީނު މަރާލަން އުޅުން. 1990 ގެ ރާއް ސާކްސަމިޓާ ދިމާކޮށް ބޮން ގޮއްވުން.

The name is already taken The name is available. Register?

ފައިސާ

07 May 2022

ތިވަރުގެ ހަމަލާއަކަށް ފައިސާ ޚަރަދު ކުރި ބަޔަކު އެކަން ފޮރުވަން އަދި މާ ބޮޑު ޚަރަދުކުރާނެ ކަމަށް ބެލެވެނީ.

The name is already taken The name is available. Register?

އަފްރާސިޔާބު

07 May 2022

ފުލުހުންނަށް އެއްޗެއް ހޯދިއްޖެތޯ؟ އެމީހުން ބެލިކަމަށް ބުނާ ކަންކަން ބެލިދާނެ ގޭގައި އިންނަ މީހަކަށްވެސް. ވަރަށް ކުޑަ މިސާލެއް. އެބުނަނީ އެމީހުން ބޭނުންކުރި ތަކެތި ގަނެފައިވަނީ މާލޭގެ ފިހާރަ ތަކުންނޭ. އަހަރެމެންނަށްވެސް އެނގޭ އެގަންނާނީ އެމެރިކާ އިން ނުވަތަ ޔޫ.ކޭ އިން ނޫންކަން. ކީއްވެބާ ނުބުނީ ތަކެތި ގައުމަށް ހޭދަކުރީ ދިވެހިރުފިޔާ ނުވަތަ ޑޮލަރޭ. އެމީހުން ބޮން ގޮއްވާލީ އަމިއްލައަށޭ. ތިބާވަތުގެ ތަހްގީގުތައް ތިގޮތަށް ހިންގައިގެން ކޮންކަމެއް އެނގޭނީ؟

The name is already taken The name is available. Register?

އަލީ

06 May 2022

ތިޔައީ މިގައުމުގަ ހައި ސެކިއުރިޓީ ދިން މީހަކަށް ހަމަލާ ދިން ފުރަތަމަ ފަހަރު ނޫންކަން އަފޫފުއަށް ހަނދާން ކޮށްލަދެމެވެ. މިޤައުމުގެ ރައްޔިތުންނަށް ނުރައްކާ އޮވެގެން މިއަދު މާކަންތައް ބޮޑުވެގެން ތިޔައުޅުއްވަނީ އަމިއްލަ އެދުމުން ކަން ވަރަށް ސާފު

The name is already taken The name is available. Register?

ފެއިލް ބޯ

06 May 2022

ތީގަ ހުރިހާކަމެއް ވަނީ ލަބީބު މާރިޔާއައް ކުރިން ކިޔާދީފަ ކަމައް ލަބީބު ބުނެފަވަނީ. އެދެމީހުން ކީކޭބާ މިހާރު ބުނަނީ. ރައްޔިތުންނައް ސާފުކޮއްލަދިނުން އެދެން މިހާރު އެ 2 މީހުން ބުނާ އެއްޗެއްވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454