ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ގްރާންޑޭ ބަލިކޮށް ޓީސީ ގަދަ ހަތަރަކަށް

ޓީސީ އަށް ފުރަތަމަ ލަނޑު ޖަހައިދިން ހައިޝަމް ރަޝީދު ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ: ޓީސީ ވަނީ މެޗުން މޮޅުވެ ހަތަރުވަނަ މަގާމަށް ޖެހިލާފަ --- ފޮޓޯ: އެފްއޭއެމް

07 މެއި 2022 - 00:31

1 comments

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ޓީސީ ސްޕޯޓްސްއިން ވަދެއްޖެ އެވެ.

ކުރިން 11 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައި އޮތް ޓީސީން، މިރޭ ގްރާންޑޭ ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު އެޓީމުން ވަނީ ޖުމުލަ 14 ޕޮއިންޓް މިހާރު ހޯދައިފަ އެވެ. އަދި ޕޮއިންޓްގެ ގޮތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ޔުނައިޓެޑް ވިކްޓަރީއާ އެއްވަރެވެ. ޓީސީ އަށް ހަތަރު ވަނަ ލިބެނީ ފައިދާ ގޯލެއް އަދި ގެއްލުން ގޯލެއް ވެސް ނެތުމުންނެވެ. މިއަދު ހަވީރު މާޒިޔާ އަތުން 7-1 ން ބަލިވި ޔުނައިޓެޑް ވިކްޓަރީ އަށް މިހާރު ގެއްލުން ފަސް ގޯލް އެބައޮތެވެ. ތިންވަނައިގައި އޮތް ސަސް އަށް ފައިދާ އެއް ގޯލް އެބައޮތެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީގެ ލަނޑުތައް ޖެހީ ހައިޝަމް ރަޝީދު އާއި މުހައްމަދު މުސްލިހް (މުއްޓި) ގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ކުޅުނު މެޗު ޓީސީން ކާމިޔާބު ކުރީ 4-0 ންނެވެ.

ޓީސީ އާއި ގްރާންޑޭ މިރޭ ކުޅުނު މެޗުގެ ތެރެއިން: ޓީސީން މެޗު ކާމިޔާބު ކުރީ 3-0 ން --- ފޮޓޯ: އެފްއޭއެމް

މިރޭގެ މެޗުގައި ޓީސީގެ ފަހު ދެ ލަނޑު ޖެހީ މެޗުގެ އެންމެ ފަހު 10 މިނެޓްގަ އެވެ. މެޗުގެ 27 ވަނަ މިނެޓްގައި ހައިޝަމް އެޓީމަށް ލީޑް ނަގައިދިނެވެ. އޭނާ ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ގްރާންޑޭގެ އޭރިއާގެ އަރިމަތިން އޭރިއާގެ ބޭރުން ޓީސީ އަށް ހިލޭ ޖެހުމެއް ލިބުމުން ހައިޝަމް ބޯޅަ ފޮނުވާލަން ދިއުމުން، ޓީސީގެ ،ކުޅުންތެރިންނާއި ގްރާންޑޭގެ ކުޅުންތެރިން ވެސް އޭރިއާ ތެރެއަށް އެރީ އޭނާ ގޯލް ކުރިމައްޗަށް ހުރަސް ނަގާނެ ކަމަށެވެ.

އެކަމަކު ހައިޝަމް ވަނީ މަތިމަތިން ގޯލްގެ ފާ ޕޯސްޓް ކަނަށް ބޯޅަ ފޮނުވާއިލައިފަ އެވެ. ގޯލްގެ ހުރަސް ދަނޑިއާ ކައިރިން ދިއުމުން ގްރާންޑޭގެ ކީޕަރު ހަސަން މުއާޒަށް އެބޯޅަ ދިފާއުކުރަން ވެސް އުނދަގޫވި އެވެ.

މެޗުގެ ގިނަ ވަގުތު އެއް ލަނޑުގެ ލިޑެއްގައި އޮތުމުން ނަތީޖާ ހަމަހަމަ ކުރުމަށް ގްރާންޑޭ އަށް ވެސް ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ. ޓީސީގެ ދެވަނަ ލަނޑު މުސްލިހް ޖެހީ 80 ވަނަ މިނެޓްގަ އެވެ. ޓީސީގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ތަނަވަސްކޮށް ދިން ބޯޅައިން މުސްލިހް ލަނޑު ޖެހީ އޭރިއާގެ ތެރޭގައި މުޅިން ހުސްކޮށް ހުރެ އެވެ. އޭރިއާ ބޭރުން ސަލާހް ބޯޅަ އޭރިއާ ތެރެއަށް ހުރަސްކޮށްދިނެވެ. މުސްލިހް ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ވަނީ ފަސޭހަ ކަމާއެކު ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. އޭނާ އޮފްސައިޑްގައި ހުރިކަމަށް ގްރާންޑޭގެ ކުޅުންތެރިން އެޕީލް ވެސް ކުރި އެވެ.

ޓީސީގެ ތިން ވަނަ ލަނޑަކީ ގްރާންޑޭގެ ޑިފެންޑަރަށް ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވުމުން ލިބުނު ފުރުސަތެއްގައި ތަނަވަސް ކުރި ފުރުސަތަކުން ނިޝާމް ޖެހި ލަނޑެކެވެ. ގްރާންޑޭގެ ހާފުގެ ތެރެއިން ޓީސީގެ ކުޅުންތެރިން ފޮނުވާލި ބޯޅަ އޭރިއާގެ ބޭރުން ގްރާންޑޭގެ ޑިފެންޑަރު ބޮލުން ޖެހި އެވެ. ނަމަވެސް އެބޯޅަ ރަނގަޅަށް ފޮނުވައި ނުލެވުމުން ކައިރީގައި ހުރި މުސްލިހް ބޮލުން ފޮނުވައިލައި އޭރިއާގެ ތެރެއަށް ދިނެވެ. އެވަގުތު ނިޝާމް އަށް އެބޯޅަ ލިބުމުން އޭނާ ވަނީ ކީޕަރު މުއާޒު އަށް ވެސް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހައިޝަމް އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސްގޮޑި

07 May 2022

ފަހަތުން ފެންނަ ހުސްގޮޑިތައް ވަރަށް ރީތި. މަށަށްފެންނަނީ ކުޅޭ މުސާރަނުދެވޭ ދެޓީމުގެ ކުޅުން ތެރިންނަށާއި، ބެންޗާއި، ރެފްރީންނާއި އޮފިޝަލުންވެސް ޓިކެޓް ގަންނަން ޖެހޭގޮތަށް ހަދާ އަދި އެވެރިން އިށީންނަން ޖެހޭ އިރެއްގައި ސިޑިބަރިތަކުގައި ތިބެން ގަވާއިދުތައް އިސްލާހުކުރުން. ޢޭރުން ސްޓޭޑިމް ފުރިދާނެކަމަށްބަލާ، ބޭރުގެ މާހިރުންކާރީ ފޮނިކެޑީމާ، އެމީހުންވެސް ބުނާނެތާ، އަންތަރީސް ވެއްޖެޔޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454