މެއި 7، 2022؛ ރަޝިޔާގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ނަސްރުގެ ދުވަސް (މެއި 9) ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ތައްޔާރީތަކުގެ ތެރެއިން، އަސްކަރީ ދައްކައިލުމުގެ ރިހާސަލެއް ބާއްވަނީ. --އޭއެފްޕީ
08 މެއި 2022 - 11:17
ދެ ވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަން ސިފައިންގެ މައްޗަށް، އޭރުގެ ސޯވިއެޓް ޔޫނިއަންގެ ސިފައިން ހޯދި ކާމިޔާބީ ފާހަގަކުރާ ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުތަކަށް ރަޝިޔާ ތައްޔާރުވެފައިވާ އިރު، މިފަހަރުގެ ނަސްރުގެ ދުވަހުގައި އެންމެ ހާއްސަވެގެންދާނީ، އިނގިރޭސި އަލިފުބާގެ "ޒެޑް" އަކުރެވެ.
ރަޝިޔާގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ނަސްރުގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 9 ވަނަ ދުވަހެވެ. މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް، ވެރިރަށް މޮސްކޯގެ ރަތް މައިދާނުގައި ބާއްވާ ރަސްމިއްޔާތުގައި، ކުރީ އަހަރުތަކެކޭ ވެސް އެއް ގޮތަށް އެންމެ ހާއްސަ ކަމަކަށް އޮންނާނީ، އެތައް ހަށް ސިފައިން ބައިވެރިވާ އަސްކަރީ ހިނގާލުމާއި އަސްކަރީ ހަތިޔާރުތައް ދައްކައިލުމެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުގެ އެންމެ ފަހުގެ ރިހާސަލް އިއްޔެ ބޭއްވި އިރު، އަސްކަރީ ދައްކައިލުމުގެ ކޮންމެ ހަރަކާތެއް ރަމްޒުކޮށްދިނީ، އިނގިރޭސި އަލިފުބާގެ "ޒެޑް" އަކުރެވެ. ރަތް މައިދާނުގެ މަތިން، ރަޝިޔާގެ ހަނގުރާމަތީ މަތިންދާބޯޓުތައް އުދުހެމުން ދިޔައީ ވެސް، ޒެޑް އަކުރު ސިފަވާ ބައްޓަމަށް އެތުރިގެންނެވެ.
މެއި 7، 2022؛ ރަޝިޔާގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ނަސްރުގެ ދުވަސް (މެއި 9) ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ތައްޔާރީތަކުގެ ތެރެއިން، އަސްކަރީ ދައްކައިލުމުގެ ރިހާސަލެއް ބާއްވަނީ. --އޭއެފްޕީ
މިފަހަރުގެ ރަސްމިއްޔާތުގައި "ޒެޑް" އަކުރު ހާއްސަވެގެން ދަނީ، ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާ ރަޝިޔާގެ އަސްކަރީ ގިނަ އުޅަނދުތަކުގައި "ޒެޑް" އަކުރު ބޮޑުކޮށް ލިޔެފައިވާތީ އެވެ. ނަމަވެސް އެ ޒެޑް އަކުރުގެ މާނައަކީ ކޮބައިކަމެއް އަދި އެއިން ރަމްޒުކޮށްދެނީ ކޮން އެއްޗެއް ކަމެއް، ރަޝިޔާ އިން މިހާތަނަކަށް ނުބުނެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު، އެއްގަމާއި ވަޔާއި ކަނޑުމަގުން ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށުމަށް ފަހު، އެއްގަމު މަގުން ޔޫކްރޭނަށް އެރި ރަޝިޔާގެ ޓޭންކުތަކާއި ސިފައިން އުފުލާ އުޅަނދުތަކުގައި، ބޮޑުއަކުރުން ޒެޑް ލިޔެފައި ހުރުމުން، ބައިނަލްއަގުވާމީ މީޑިއާތަކުގައި އެކަން ވަރަށް ބޮޑަށް ފާހަގަކުރި އެވެ. އަދި އެ އަކުރުގެ މާނަ އެކި ނޫސްތަކުން އެކި ގޮތްގޮތަށް ކުރަން ފެށުމާއެކު ސޯޝަލް މީޑިއާގައި ވެސް "ޒެޑް" އަކުރާ ބެހޭ ގޮތުން ބޮޑު ބަހުސެއް ފެށުނެވެ.
މެއި 7، 2022؛ ރަޝިޔާގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ނަސްރުގެ ދުވަސް (މެއި 9) ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ތައްޔާރީތަކުގެ ތެރެއިން، ވެރިރަށް މޮސްކޯގެ ރަތް މައިދާނުގައި ސިފައިންގެ އަސްކަރީ ހިނގާލުމުގެ ރިހާސަލެއް ބާއްވަނީ. --އޭއެފްޕީ
ޔޫކްރޭނަށް ވަދެގަތް ރަޝިޔާގެ އުޅަނދުތަކުގެ ތެރެއިން "ޒެޑް" އަކުރު ޖެހި ޓޭންކުތަކާއި އުޅަނދުތައް މައިގަނޑު ގޮތެއްގައި މިސްރާބު ޖެހީ ޔޫކްރޭންގެ ވެރިރަށް ކިޔޭވްއާ ދިމާއަށެވެ. އެހެންކަމުން ގިނަ ބަޔަކު މާނަކުރި ގޮތުގައި ޒެޑް އަކުރުން ފާހަގަކޮށްފައިވާ އުޅަނދުތަކަކީ، ކިޔޭވް ހިފައި ޔޫކްރޭންގެ ރައީސް ޒެލެންސްކީ އަވަހާރަކޮށްލުމަށް ނުވަތަ ހައްޔަރުކުރުމަށް ޚާއްސަކޮށްފައިވާ އުޅަނދުތަކެވެ.
ޖަރުމަން ވިލާތުގެ ނާޒީ ސިފައިން ބަލިކުރެވުނީ ރަޝިޔާ ސިފައިން ކުރި ވަރަށް މަތިވެރި ވަތަނީ ހަނގުރާމައަކުން ކަމަށް ރަޝިޔާ އިން ގަބޫލުކުރާއިރު، އެކާމިޔާބީ ފާހަގަކުރުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގައި ވެސް އެތައް ހާސް ސިފައިންނެއް ބައިވެރިވާނެ އެވެ. އަދި ރަޝިޔާގައި އުފައްދާފައިވާ އެންމެ ޒަމާނީ ހަތިޔާރުތައް ދައްކައިލާނެ އެވެ.
މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރާ އިރު، ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާތީ، މާދަމާގެ ރަސްމިއްޔާތުގައި ބައިވެރިވާ ސިފައިންގެ އަދަދު މަދުވާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް، ރަޝިޔާގެ 77 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގައި، އަސްކަރީ ޓޭންކުތަކާއި ހަތިޔާރުއެޅި އުޅަނދުތަކާއި މިސައިލްތަކާއި މިސައިލް ހަރުތައް ދައްކައިލާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފްޙާ
09 May 2022
އިނގިރޭސިބަހުގަ އޮންނާނީ އޭބީސީ، އަރަބިބަހުގަ އަލިފުބާ، ދިވެހިބަހުގަ ހާށަވިޔަނި. އަލުން ބަލުން ޕްރީސްކޫލަށް ދާންވީ.
ބީރުބޯ
08 May 2022
ކީކޭ ދެން ބުނާނީ.
ލެއްގިކޮމިޝަނަރ
08 May 2022
ތިޒެޑްގެ މާނަޔަކީ ޒެލެސްކީ. ރަސިޔާޢާ ޕުޓިންއަށް މިހާރު ގަބޫލު ކުތެވުނީ ޒެލެސްކީ ބަލިނުކުރެވޭނެކަން. ޢެހެންވެ ބިރުން ޒެޑްއަކުރު ޖަހައިގެން ހިތުން ނަސްރު ލިބުނީކަމަށް އެއުޅެނީ. އަސްކަރީ ހެވިކަމުގެ ދައްކާލުމުގަވެސް ބޭނުންކުރާނީ ސޯވިއެޓް ޒަމާނުގެ ބާހަތިޔާރާ ދަބަރަށްވެފަހުރި އުޅަދުތައް. ސިންގާ މިހާރުތިޔޮތީ ދަތްކޮޅުވެރި ބާރުކެޑިފަ. އެކަން ގަބޫލު ނުކުރަނީ މިޔާކޮމެންޓްކުރާ ބީރުބޮލު ވަޒީރާ ރަދީފާ ބައެއް ޖާހިލުން.
އަލިފްހާ.
08 May 2022
"އިނގިރޭސި އަލިފުބާ" އޭ ތޯ؟؟ އަނެއްކާ އަލިފުބާގެވެސް "ޒެޑް"؟؟ މިވާގޮތެއް ގެޓެއް ނުވޭ..
އަސްލުވާގޮތް
08 May 2022
މިހާރު ތިދެން އާދައެއް. ހާރުކެއުން ޒުހޫރަށް . ރޯދަވީއްލުން އިސްތާރަށް. މިނޫންގޮތަކަށް ކިޔާފި މީހާއަށް ތަފާތުކުރުން
އިނގިރޭސި އަލިފުބާ
08 May 2022
ގެޓް ނުވިޔަސް ވިސުނެއްޏާ ރަނގަޅިވާނެ