ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: ބޮމުގެ ހަމަލާއާ ގުޅިިގެން ފަހުން ލިބޭ ހެކިން އިތުރު ބަޔަކަށް ދައުވާ ކުރެވިދާނެ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
10 މެއި 2022 - 10:28
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ތަހުގީގުތަކުގައި ލިބޭ ހެއްކަށް ބަލައި އިތުރު ބަޔަކަށް ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
މިދިޔަ އަހަރުގެ މޭ 6 ގައި ނަޝީދަށް އަަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަށް ފަންޑްކުރި މީހުން ނުހޯދޭ މައްސަލައިގައި ފާޑުކިޔުން ވަރަށް ގިނަ އެވެ. މިހާތަނަށް ދައުވާކުރީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި އެ ކަމުގައި އެހީތެރިވި މީހުން އަދި ރޭވި މީހުންނަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ޓެރަރިޒަމްގެ ގާނޫނު އޮންނަ ގޮތުން ފަހުން ލިބޭ ހެއްކަށް ބަލައި ދައުވާ ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެހެންވެ، މިހާރު ވަކި ބަޔަކަށް ދައުވާ ކުރެވިފައި ނެތުމަކީ ކުރިމަގުގައި އެ މީހުންނަށް އެ މައްސަލައާ ގުޅިގެން ދައުވާ ކުރަން އޮތް ހުރަހެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެ މައްސަލާގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާ މެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ،" ޕީޖީ އޮފީހުން ބުންޏެވެ.
ބަޔާނުގައިވާ ގޮތުން، މި ވަގުތު ދައުވާ ކޮށްފައި ތިބި މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ކުރެވޭނެ ހެކި ކޯޓަށް ވާނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އިއުތިރާފު ބަޔާނާއި ޑީއެންއޭ އެވިޑެންސާއި މާއްދީ ހެކިތަކާއި އެކްސްޕާޓުންގެ ބަހާއި އެ ނޫން ވެސް ހެކި ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
"އެ ހެކިތަކުގެ ހަރުދަނާކަމާ މެދު ގޮތެއް ނިންމުމަކީ ކޯޓުތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެކެވެ. އެ ފުރުސަތު ކޯޓުތަކަށް ލިބިދޭންވާނެ އެވެ،" ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ވަނީ އެ މައްސަލައިގެ ތަހުގީގުގެ މަރުހަލާ އިން ފެށިގެން ޕްރޮސެކިއުޓަރުންގެ ޓީމުތަކެއް ފުލުހުންނާ އެކު މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވަސީލަތްތައް ހޯދުމުގެ އިތުރުން އެމެރިކާ އާއި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދާފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އަދި ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް އެ ހަމަލާގެ ކަންކަން ބެލުމަށް އައްޔަން ކުރެއްވި ރައީސްގެ ޚާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެފައިވާ ކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ބޮމުގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމް ކުށަށް އިއުތިރާފު ވުމުން އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. އެ ކަމުގައި ދެން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ނުވަ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދި ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަމަ
10 May 2022
އެއްކަމެއް ވެސް ވާ ބައެއްނޫން.. ހަމަ ހުސް އަނގަ... ސަރުޢީ ނިޒާމް ފެއިލް
ނަނީ
10 May 2022
ދޮށި އެއްލައިގެން ހުރީ. ހަމަ ކޮންމެ އިރަކުންވެސް މަސް އޭގަ ގަނެދާނެ. މަސްނުބޭނުނޭ ކިޔާވަރެއް އަދި ނުވޭނު.