42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ނަޝީދު.-- ފޮޓޯ: ޕޮލިސް
10 މެއި 2022 - 11:51
މިދިޔަ މާޗު މަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް އިތުރު 10 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ ދީފި އެވެ.
މއ. ނޫރުއް، އަބްދުﷲ ނަޝީދު، އެ މައްސަލައިގައި ހައްޔަރުކުރީ މާޗް 24 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގަ އެވެ. އެ އޮޕަރޭޝަނުގައި އަތުލައިގަތް 42 ކިލޯގެ ހެރޮއިން ފެނުނީ މ. ލަވްނެސްޓް ގޭގެ ތަޅުމުގެ ދަށުގައި ފޮރުވާފައި ހުއްޓަ އެވެ.
ނަޝީދު, 46 ގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި އޭރު ހުރި ހ. މަކައިރާ އަހްމަދު ހުސައިން އެވެ.
ނަޝީދުގެ މައްޗަށް ކުރަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތެވެ.
މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، ގާޒީ އާދަމް މުހައްމަދު އިއްޔެ އަމުރު ކުރެއްްވީ ނަޝީދުގެ ބަންދަށް 10 ދުވަސް އިތުރު ކުރުމަށެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން ނަޝީދުގެ އަތުން ވަނީ ގިނަ އަދަދެއްގެ ފައިސާ ފެނިފަ އެވެ. އޭނާ މަސައްކަތް ކުރާ އޮފީހުން މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތައް ފެނިފައިވާއިރު، ސީން އަށް ދިޔަ ފުލުހުންގެ ބަޔާނާއި ހެކިވެރިއެއްގެ ބަޔާނާއި އިންޓެލިޖެންސް ރިޕޯޓާއި ކޯލް ޗާޓު ވެސް ހެކީގެ ގޮތުގައި ވަނީ ހުށަހަޅައިފަ އެވެ.
''މީނާގެ އެކައުންޓު ސްޓޭޓްމަންޓްތަކަށް ބަލާއިރު މި މައްސަލައާ ގުޅިގެން މީނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ،' ކޯޓު އަމުރުގައި ވެ އެވެ.
މަސްތުވާތަކެތި ފެނުނު ލަވްނެސްޓާ ގުޅުން ހުރި މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދާ ކަމަށާއި އެހެން ކަމުން އެ ކަންކަމާ ހެދި ބަލަންޖެހޭ ކަންކަން ބެލުމަށް ނަޝީދު އެ ގެއަށް ދާ ކަމަށް ދިފާއީ ވަކީލުން ކޯޓުގައި ވިދާޅުވެފައި ވެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ބަންދުކޮށްފައިވާ އަހުމަދު ހުސައިނަކީ އެންމެ އިސް މީހާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އޭނާގެ ބަންދަށް އެންމެ ފަހުން ކޯޓުން ޖެހި 15 ދުވަސް މިއަދަށް ހަމަވާނެ އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، މުޅި އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވަން ދީފައި ވާނީ 15 ދުވަހުގެ މުއްދަތެއް ކަމަށެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 23 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީރުޒަރާ
10 May 2022
ރީތި ގޮތަކަށް ދެފަހަރު ޢައިން ކިޔާލައި ތުނބުޅި ފައިދަށުލެވޭހާ ދިގުކުރިޔަސް އަދި ސަލާމަތެއް ނުވާނެ.
ށަވިޔަނި
10 May 2022
މީނަ ޝައިޚަކާ ހާދަވައްތަރޭ. އަނެއްކާ މިއީ އެގުރޫޕް މީހެއްތަ؟
އަފްރާސިޔާބު
10 May 2022
ޗެއިން އޮފް ކަސްޓޮޑީ ގެއްލިފައިވާތީ މައްސަލަ ސާބިތުނުވުމާ ކައިރީ. އަދި ފާރަލީ ރަނގަޅު ނިޔަތުގައިތޯ އިންޓެލިޖެންސް ލިބުނު މަސްދަރު ސާފުނުވާތީ ތަކެތި އެތެރެކުރީ އޭނާކަން ސާބިތެއްވެސް ނުވާނެ.
ކޮލަމިސްޓް
10 May 2022
އަނެއްކާ ކޮން ނަޝީދެއް؟
އުފާދޯ
11 May 2022
ކޮންމެވެސް ނަޝީދެއް ބަންދުކުރި ވާހަކަ ސުރުހީގަ އެކަނި ޖަހާލާފަ އެހެން އޮތަސް ހާދަ އެހެން ކަހަލަ އިހްސާސެކޭ ވަނީ.
ތައްހާނުބޭ
10 May 2022
ނަންބަދަލު ކޮށް އިސްލާހުވެބަލަ ބޭބޭ
މޮހިތު
10 May 2022
ތުނބުޅިލައިގެން މިވެރިން އުޅޭ ވައްތަރެއް!
އައްލާ
10 May 2022
ކިތަންމެ ބައިވަރު ހެކި ހުއްޓަސް ތިވަރުގެ ބޮޑެތި ފައިސާގެ މައްސަލަތައް ކޯޓަކުން ސާބިތެއްނުވާނެ. ދޫނި ރާއްޖޭގެ ކޯޓުތައް ވަރަށް އިންސާފުވެރިވާނެ.