ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ.
17 މެއި 2022 - 19:04
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް މީހަކު ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވީ ނަމަވެސް, އެކަން ސާބިތު ނުވާ ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިިިފި އެވެ.
އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ''މިހާރު'' އަށް މިއަދު ވިދާޅުވީި މި މައްސަލައިގައި ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށާއި ނަމަވެސް އިސްތިއުނާފުކުރަން އަދި ހުށަނާޅާ ކަމަށެވެ. އެ ކަމަށް ހޭދަވާނެ ދުވަހެއް ވެސް ވިދާޅެއް ނުވެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ރޭ މަސްއޫދާއި އޭނާގެ އަނބިކަނބަލުން ފޮނަދޫގެ ބޯޅަދަނޑު ކައިރިން ސައިކަލުގައި ވަޑައިގަންނަވަނިކޮށް، އެހެން ސައިކަލެއްގައި ދިޔަ މީހަކު ވަނީ ދަގަނޑުބުރިއަކުން ހަމަލާދީފަ އެވެ.
މަސްއޫދަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑީއޯ އޭރު ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާއިރު, ހަމަލާ ދޭ ވަގުތު މަސްއޫދުގެ އަނބިކަނބަލުން ބިރުން އަޑުގަދަ ކުރައްވާ އަޑު ވެސް އިވެ އެވެ. އަދި ހަމަލަދޭ މީހާ ވެސް އެ ވީޑިއޯއިން އެނގޭވަރު ވެ އެވެ.
މަސްއޫދަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް
މަސްއޫދަށް ހަމަލާާދިންކަމުގެ ތުހުމަތުގައި ދައުވާ އުފުލީ ފޮނަދޫ, ދިލްކުސާގޭ އަހުމަދު ޝަމީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާ ސާބިތު ކުރުމަށް ދައުލަތުން 11 ހެއްކެއް ހުށަހެޅިއިރު އޭގެ ތެރޭގައި ބައެއް ފުލުހުންނާއި ޑޮކްޓަރަކު ވެސް ހިމެނެ އެވެ.
އަދި މި މައްސަލައާ ގުޅިގެން ފުލުހުން ތައްޔާރުކުރި "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް" އަކީ ސައްހަ އެއްޗެއްކަން ސާބިތު ކުރުމަށް ހެއްކެއްގެ ގޮތުގައި ފުލުހެއްގެ ނަން ދައުލަތުން ހުށަހެޅި އެވެ. ހަމަލާ ދިން ވަގުތު މަސްއޫދުގެ ސައިކަލުގެ ފަހަތުގައި އިން އޭނާގެ އަނބިކަނބަލުން ނެންގެވި ވީޑިއޯ ތަހުލީލުކޮށްފައިވާއިރު, މަސްއޫދަށް ޝަމީމް ހަމަލާ ދޭ މަންޒަރާއި އެ އަށް ފަހު، ޝަމީމް ފިލައިގެން ދާ މަންޒަރު ވީޑިއޯއިން ފެންނާތީ ފުލުހުން ތައްޔާރުކުރި މޮބައިލް ފޮރެންސިކް ރިޕޯޓްގެ ސައްހަކަން ކަށަވަރު ކުރުމަށް ވެސް ހެއްކެއްގެ ގޮތުގައި ފުލުހެއްގެ ނަން ހުށަހެޅި އެވެ.
މި ވީޑިއޯ އެނަލައިޒް ކުރި ފުލުސްމީހާ ބުނެފައިވާ ގޮތުގައި ވީޑިއޯގައި ތުހުމަތު ކުރެވޭ މީހާއާއި ސާމްޕަލް ފޮޓޯ އަޅާކިޔާއިރު އެއްގޮތް ހަތަރު ސިފައެއް ފާހަގަ ކުރެވުނެވެ.
ޝަމީމުގެ ފަރާތުން ހުށަހެޅި ހެކިން މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ މަސްއޫދަށް ހަމަލާދިން ކަމަށް ބުނާ ވަގުތު ޝަމީމް އުޅުނީ ގޭގައި ބެޑްރޫމް ސެޓެއް ރޭވުމުގެ ކަންތައްތަކުގައި ކަމަށާއި އޭނާ ގެއިން ބޭރަށް ނުދާ ކަމަށެވެ. އަދި މަސްއޫދަށް ބަޔަކު ހަމަލާދިން ކަމުގެ އަޑުތައް ރަށުތެރޭގައި ފެތުރުނު އިރު ވެސް ޝަމީމް ހުރީ ގޭގައި ކަމަށް ދިފާއީ ހެކިން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް އިއްވެވި ހުކުމުގައި ބުނެފައިވަނީ ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ނަގާފައިވާ ފޯނު ފުލުހުން ހުޅުވާފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށެވެ. ނުވަތަ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 115 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހިލާފަށް ކަމަށާއި އެހެންވެ އެ ހެކި ޝަރީއަތަށް ބަލައެއް ނުގަނެވޭނެ ކަމަށެވެ. އަދި ހަމައެއާއެކު ދައުވާ ރައްދުވާ ޝަމީމް އެ ދައުވާއަށް އިންކާރު ކޮށްފައިވާ ކަމަށާއި, ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ދައުވާ ސާބިތު ނުވާ ކަމަށެވެ.
ފޮނަދޫ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް
ދަށު ކޯޓުތަކުން ޖޭއެސްސީ އަށް އިންތިހާބުކޮށްފައިވާ މެންބަރު އަލީ ޝަރީފާ ދެކޮޅަށް މަސްއޫދުގެ ފަރާތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލައިގައި ބުނީ، ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކުރިން ހުށަހެޅި ހެކިތަކުގެ ތެރެއިން މަސްއޫދާއި އޭނާގެ އަނބިކަނބަލުންގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ޝަރީއަތުން ނިންމާފައިވާ ކަމަށެވެ. އަދި އެ ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ނިންމި ގޮތް މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިނުވާ ކަމަށް ބުންޏެވެ.
ނަމަވެސް މެޖިސްްޓްރޭޓް އަލީ ޝަރީފް ހުކުމް ކުރެއްވީ، އެ ދެ ފަރާތުގެ ހެކި ބަސް ޝަރީއަތަށް ބަލައިގަނެވެން ނެތް ކަމަށް ކަން ވެސް ޖޭއެސްސީ އަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައި ވެ އެވެ.
މެޖިސްްޓްރޭޓް އަލީ ޝަރީފް ކުރެއްވި ހުކުމުގައި އެ ދެ މީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ސަބަބެއް ކަމަށް ބުނެފައިވަނީ މަސްއޫދަކީ އަނިޔާ ލިބުނު ފަރާތް ކަމަށް ވާތީ އޭނާގެ މަސްލަހަތު އޮތުމާއި އޭނާގެ އަނބިކަނބަލުން މަސްއޫޫދާ އެއްކޮޅަށް އަދި ހަމަލާ ދިން މީހާ އާ ދެކޮޅަށް ދީފައިވާ ހެކިބަހަކީ ނިޔާ ކަނޑައެޅުމުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށެވެ.
ނަމަވެސް އެ ދެ ހާލަތަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމެވިއިރު ވެސް, ވުޖޫދުގައި އޮތް ހާލަތެއް ކަމަށާއި މައްސަލަ ނިންމާފައި ވަނީ ވަކި ފަރާތެއްގެ މަސްލަހަތަށް ބުރަވެ އަދުލު އިންސާފުގެ ހަމަތަކާ ހިލާފަށް ކަން އެނގޭ ކަމަށް މަސްއޫދުގެ ފަރާތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލީ
18 May 2022
އަސްލު މިފަދަ ސާފް މައްސަލަތަކުގެ ގާޒީން ހުކުމް ކުރާ ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލެނީ... ވަކީލުން ވެސް ސާފް މައްސަލަތައް އޮޅުވާލާ ދޮގު ހަދާތީ ދެރައީ.
ޖާބެ
17 May 2022
ޖަންގަލް ރާޖް މޯދީ ރާޖް، އެމީހެއްގެ ސަލާމަތް އެމީހަކު ހޯދާނީ ވިސްނުން ދެއްވީ ހުރިހާގޮތަކައްްވެސް ބޭނުންކުރެވޭނެފަދަ ބުއްދި އިންސާނާގެ ކިބައިގަ ހުންނާނެ ބޭނުންކުރުން އިއްނާނީ.،،