ޕްލާސްޓިކް ކޮތަޅުތަކެއް: ފިހާރަތަކުން ކޮތަޅު ވިއްކަން ޖެހޭ ގޮތަށް ހަދަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
18 މެއި 2022 - 17:01
ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކް ކޮތަޅު ގަންނަން މަޖުބޫރުވާ ގޮތަށް ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖް ކުރުމުގެ ބިލުގައި ވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ އެވެ.
ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ލެވީގެ ވަރު ހިމަނަން ޖެހޭނެ ކަމަށް އެ ބިލުގައި ވެ އެވެ.
- ޑިއުޓީ ފްރީ ފިހާރަތަކުން ކުރާ ވިޔަފާރި.
- ބަންދު ނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅު.
- ބަންދު ނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުން ކުރާ ކޮތަޅު.
- 50 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި.
- ކުނި މެނޭޖް ކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅު.
ރާޝިދުގެ ބިލުގައި ބުނީ، ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ ކޮންމެ ވިޔަފާރިއަކުން ވެސް މީރާ އަށް ދައްކަން ޖެހޭނެ ކަމަށެވެ.
ޕްލާސްޓިކް ކޮތަޅުން ލެވީ ނުނަގައި ވިޔަފާރި ހަރަކާތްތަކުން ކަސްޓަމަރުންނަށް ކޮތަޅު ހިލޭ ދޭ ނަމަ 5،000ރ. އާއި 50،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެ ބިލުގައި ބުނެ އެވެ.
ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަ ކަން ކަށަވަރު ކުރުމަށް ގާނޫނަށް އަމަލު ކުރާތާ ހަ މަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީން ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށް އެ ބިލުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
20 May 2022
ދެން ހުރިހާ ކަމެއްގެ ހައްލަކީ ކޮންމެސް ބޭރުގައުމަކުން ފެނުނު ކަހަލަ މަނާކަމެއް މިތާ ވެސް މަނާކުރުންކަމުގަ ދެކިގެން ކަންކަން މަނާކުރާވަރުން ބޮޑު ދުއްޕާނަކަށް ވެއްޖެ. ކުރިންމީ ދިރިއުޅެން ނިކަން ފަސޭހަ އަމިއްލަވަންތަ ގައުމެއް. ތިޔަށް ވުރެ ރަނގަޅެއްނު މީހުންގެ ބޯހިޔާވަހިކަން ހައްލުވާ ކަހަލަ ގާނޫނު ހެދިއްޔާ. މިދާކަށް ދުހު ރައްޓެއްސަކު ގަތް ލަގްޒަރީ އެޕާޓުމެންޓު ފެނުނު އިރު އެތާގެ ސިޓިންރޫމު ވެސް ހީވަނީ އެހެން ކޮޓަރިތަކަށް ވަންނަން ހުރި ކޮރިޑޯއެއްހެން
ލެއްބެ
19 May 2022
ކޮތަޅަކުން 2 ރުފިޔާ ސަރުކާރަށް ނަގާފަ ވޯޓް ހޯދަން ނާންނާތި.
ދަހިދަހީނޫ
19 May 2022
މަށަށް ރަނގަޅީ ތިޔައިން ހަމަ ގިނައިން ލާރި ނެގިއްޔާ. ކިރިޔާ ކަހާނުލީ މަގުމަތީ އުކާފަ ހުއްޓާ ވާރޭވެހުނީމަ އެޔަށް އެރިފަ. ރީތި ކޮތަޅެއް ފަހާލައިގެން އެ ހިފައިގެން މަ ދެން ފިހާރަޔަށް ދާނީ. މިހާރުވެސް ފެންޓަސީ ތަންތަނުން ޖެހެނީ ގަންނަން ކަރުދާސް ކޮތަޅުވެސް. ސަރުކާރަށް ބައި ރުފިޔާ ނަމަވެސް ދޭކަށް ބޭނުމެއް ނުވޭ. އެކަމު އުޅެންޖެހެނީ ސަރުކާރު ހަރަދުގަ، އަދި ބޮޑު މުސާރައިގަ
ޗޮސްބެ
19 May 2022
އަހަރެން އަޑުއަހަނީ އުޅޭގޮތަކުން އެއްޗެއްސަށް ފައިންއެރޭ ވާހަކަ. ބަލަ އެހެންވިއްޔަ ކޮތަޅަށް %200 ޑިއުޓީނުނަަ، އަދި ކޮތަޅުވިއްކާފަ މީރާޔަށް ލާރިހޯދަން ނޫޅެ ކޮތަޅު އެތެރެކުރުން މަނާކުރަންވީނު. 2 ރުފިޔާއަށްވެސް ކޮތަޅު ވިއްކީމަ އަމިއްލަ ކޮތަޅަށް ފައިން ނޭރުނަސް އެހެންމީހުންގެ ކޮތަޅަށް ފައިން އެރޭނެނު. ދެން ފެންޓަސީއަށް ދާދުވަހަކުން ގަންނަ އެއްޗެހި އަމިއްލަ ކޮތަޅަށް އަޅާލައިގެން އާދޭ. އޭރުން ކޮތަޅު ގަންނާކަށްވެސް ނުޖެހޭނެ.
ސީލައިން
19 May 2022
ތިޔަކަމަކުން ތިމާވެއްޓަށް ވަކި ތަފާތެއް ނާންނާނެ. އެކަމަކު ކާން ބޯކޮށް ސަރުކާރަށް ލާރި ވަންނާނެ.
ގަބޭ
19 May 2022
ކޮންމެހެން ތިފާޑަށް ރައްޔިތުން ފެލަން އުޅޭނެކަމެއްނެތް. ކޮތަޅު އެތެރެކުރުން މަނާކޮއްގެންނުވޭ. އޭގެން %200 ޑިޔުޓީވެސް ބެނުން، އިތުރުން ކޮންމެ ކޮތަޅަކުން 2 ރުފިޔާވެސް ރައްޔިތުންއަތުން ނަގަންބޭނުން. ތިހާ ވަރަށ ތިމާވެށިވާން ބޭނުމިއްޔަ ކޮތަޅު އެތެރެކުރުން މަނާކޮއްބަލަ. މި މެމްބަރަށް ނޭގޭބާ ތިކަން ތިހެން ހަދައިފިނަމަ ކޮންމެ އެއްޗެއްގެ އަގަށްވެސް 2 ރުފިޔާލާނެ. މިސާލެއް، އައިނުހައްދަން އާސަންދައިން 1ހާސް ރުފިޔާ ދޭން ނިންމާއިރަށް1 ހާސް ރުފިޔާބޮޑުކޮއްލި.
ލޮއްލަތު
19 May 2022
ޕްލާސްޓް ކޮތަޅުގެ ގަވާއިދު ހެދީ ތިމާވެށި ރައްކާކުރަން ޝޯލަ.... ދެން އަދި އޭގެން ޑިއުޓީ އިތުރުކޮށްފަ ޓެކްސް ނެގީމާ ތިމާވެއްޓަށް ވާނެ ފައިދާއެއް މަކަށް ނުވިސްނުނު. އެނގޭ މީހެއް ބުނެދިނުން އެދެން. މީ ހަމަ އެއްކަލަ ހައްޤުތައް ހިމާޔަތް ކުރަން "ދުވުން" ފަދަ "އުރީދޫ ރަން" ކަހަލަަ ކަމެއް.
މިވެސް
20 May 2022
މި ކަހަލަ ޤައުމުތަކުގަ، ކަންކަން މަނާކުރުމަށްވުރެ، މިފަދަ ގޮތް ހަދާލުން ރަގަޅު، އަތްފޯރާމީހާ ކޮތަޅު ގަންނާނެ، އޭގެ އަގު ދޭނެ، ނުފޯރާ ނޫނީ ގަންނަން ބޭނުންނުވާ މީހާ، އެހެން ގޮތެއް ހޯދާނެ، އަމިއްލަ ކޮތަޅު ހިފާގެން ދާން އާދަވާނެ. ހަމަ ރަގަޅު ގޮތެއް ކަމަށް މަށަށް ފެންނަނީ
ރަންބޯ
19 May 2022
ކޮތަޅު ޓެކްސް ނަގައިގެން އަމްބޮޑި ބޮޑުކުރަން ތިޔަ އުޅެނީ. އަހަރުމެންނަށް ދުއްޕާން ޖައްސައިގެން.
ކަތިބުރުމާ
19 May 2022
ސަރުކާރުގެ ބޮޑުން ވަގަށް ކާނެ ފައިސާ އިތުރުކުރަން ޖަހާ ދަންމަޅިޔެއް ތީ......
ހައިރާނ
19 May 2022
މިހާރުވެސް ކޮތަޅު ވިއްކާނީ. ތިޔަ އުޅެނީ ތިމާވޮއްޓޭ ކިޔާފަ ކޮތަޅުން ހަތަރުވަނަ ޓެކްސް އެއް ނެގުން.
ސޮރާަ
19 May 2022
ތިޔަ ކަމުން ވާނީ ދެކަމެއް ކަމެއް ސަރުކާރަށް ވަރަށް ބޮޑު އާމުދަނީއެއް ވާންނާނެ. ދެވަނަކަމަކަށް ވާނެ ކަމަކީ އާއްމު މީހާއަށް ވާނެ ތަކުލީފު.
އަބްޑޫޅް
19 May 2022
50 އަށް ވުރެން ގިނަ ކޮތަޅުގެ ބޮނޑި އެއް ގަނެގެން އެ ހިފައިގެން ބާޒާރުކުރަން ގޮސް އެއިން ކޮތަޅަށް ގަންނަ ތަކެތި އެޅީމަ، މި ޓެކިސް ނުދީ މިކަހަލަ ކޮތަޅުގެ ބޭނުން، ކުރިއެކޭ އެއްގޮތަށް، ކުރެވޭނެ. ގަނޑުކޮށް މިކަހަލަ ކޮތަޅު ގަނެފަ ގޭގަ ބެހެއްޓުން ބުއްދިވެރި ވާނެ. މިކަހަލަ. ތާކުންތާކު ނުޖެހޭ، ގާނޫނު ރާޑި ކޮށްލުން އެއީ، އަތަށް ކުޅުޖެހުން ކަހަލަ، ފަސޭހަ ކަމެއް.