ރިޕޯޓް / ސްކޫލް

ދަރިވަރުންގެ އަހުލާގު: އަތް ބަނދެވުމުން ދެން ނުކުތް މައްސަލަތައް!

ސްކޫލެއްގެ ދަރިވަރުންތަކެއް ނޯޓިސްބޯޑުގައި ތަތްކޮށްފައިވާ ޓައިމް ޓޭބަލްއެއް ބަލަނީ-- ފޮޓޯ: ނިޝާން އަލީ /މިހާރު

ސްކޫލުތަކުގެ ދަރިވަރުންގެ އަހުލާގާ މެދު މި ރިޕޯޓަށް މައުލޫމާތު ދިން އެއް ޓީޗަރެއްގެ ވާހަކަ އިން އެއް ތަންކޮޅަކީ މިއެވެ؛

"ގްރޭޑު 5،6 ގައި އުޅޭ ކުދިން އަމިއްލައަށް އެބަ ބުނޭ ތިމަންނައަކީ މިވެނި ގޭންގަކަށް ނިސްބަތްވާ ކުއްޖެކޭ. މި ފަހުން ވެސް ގްރޭޑު 7 ގައި އުޅޭ ކުއްޖަކު ހިތްހަމަނުޖެހިގެން އޭނާ ގެންގުޅޭ ހުރިހާ އެއްޗެއް ހިފައިގެން ގެއިން ނުކުމެގެން ދިޔައީ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާގެ ގެއަށް،" އޭނާ ކިޔައިދިނެވެ.

"އިންސްޓަގްރާމްގައި ގްރޫޕްތައް ހަދައިގެން ޓީޗަރުންގެ ފޮޓޯއާ ހަޑިހުތުރު ބަސްތައް ބޭނުންކޮށްގެން އެއްޗެހި ކިޔުން އާންމު ވެއްޖެ. އެ ގްރޫޕްތައް ފެނިގެން އޭގެ ތެރެއިން ބައެއް ގްރޫޕްތައް ޑިލީޓްކޮށްފައި ވެސް ހުންނާނެ."

"އިންސްޓަގްރާމްގައި ގްރޫޕްތައް ހަދައިގެން ޓީޗަރުންގެ ފޮޓޯއާ ހަޑިހުތުރު ބަސްތައް ބޭނުންކޮށްގެން އެއްޗެހި ކިޔުން އާންމު ވެއްޖެ. އެ ގްރޫޕްތައް ފެނިގެން އޭގެ ތެރެއިން ބައެއް ގްރޫޕްތައް ޑިލީޓްކޮށްފައި ވެސް ހުންނާނެ."

މިއީ އަދި ބައެއް ދަރިވަރުންގެ އަހުލާގުގެ ވަރަށް ކުޑަ މިންވަރެކެވެ. އެއަށް ވުރެ ބޮޑަށް ފެންނަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކުގައި ވަރަށް ފާޅުގައި ކުދިން އުޅޭތަނެވެ. ބައެއް ސްކޫލުތަކުގައި ކުދިން އިސްވެ "ގޭންގުތައް" ހަދައިގެން ވެސް އުޅެ އެވެ. އެ ގުރޫޕުތައް އެ ސްކޫލުތަކުގެ ވެރިންނާއި ޓީޗަރުންނަށް ވެސް މައިތިރި ނުވެ އެވެ. އެކަހަލަ މައްސަލަތަކުގައި ދަރިވަރު ހާޒިރުކުރުމުން އިންޒާރު ދީ، ބިރު ދައްކައި ހަދަ އެވެ. ސްކޫލުތަކުގެ ވެރިން ބުނަނީ އެޅޭނެ ފިޔަވަޅެއް ނޯންނަ ކަމަށެވެ.

ދެން އޮތީ ކޮން ހައްލެއް ހެއްޔެވެ؟ ބައެއް ކުދިންނާ ހެދި ދެން ތިބި ހުރިހާ ކުދިންގެ ކިޔެވުން މަހުރޫމް ކުރަންވީ ހެއްޔެވެ؟ ޓީޗަރުންނާއި ސްކޫލުތަކަށް އެޅޭނެ ފިޔަވަޅެއް ހަމަ ނެތީ ހެއްޔެވެ؟

ޓީޗަރުންގެ ކަންބޮޑުންތައް ވަރަށް ގިނަ

ނަން ނުޖެހުމަށް އެދި ވާހަކަދެއްކި، އުތުރުގެ ރަށެއްގެ ސްކޫލެއްގައި މަސައްކަތްކުރާ ޓީޗަރަކު ބުނީ މީގެ ހައެއްކަ އަހަރު ކުރިން ސާނަވީ ގްރޭޑުތަކަށް އޭނާ ކިޔަވައިދޭން ފެށިއިރު ދަރިވަރުންގެ އުޅުން ވެސް ރަނގަޅު ކަމަށެވެ. އެކަމަކު، އަހަަރަކަށް ވުރެ އަހަރެއް ގޯސްވަމުން ގޮސް، މިހާރު ބައެއް ދަރިވަރުންގެ އަހުލާގު ވަރަށް ގޯސް ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލަތައް އިތުރަށް ގޯސްވާން ފެށީ، ބައެއް ޓީޗަރުން ބުނާގޮތުން ދަރިވަރުންނަށް އަދަބު ދިނުން އެއްކޮށް ހުއްޓާލުމުންނެވެ.

ކުޑަކުދިންތަކަކާއެކު، މީހަކު ހުޅުމާލޭ ބީޗްގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކްލާހުގައި އަޑުގަދަކޮށް އެހެން ކުދިންނަށް އުނދަގޫކުރާ ނަމަ ކުޑަ ވަގުތުކޮޅަކަށް ކޮއްޅަށް ނެގުން ނުވަތަ ކްލާހުން ބޭރުކޮށްލުމަކީ މީގެ ކުރިން ކުރަމުން ގެންދިޔަ ކަންކަމެވެ. އެ ފިޔަވަޅުތަކާ ހެދި ދަރިވަރުންގެ އުޅުމަށް ހެޔޮ ބަދަލުތައް އައި ކަމަށް އެ ޓީޗަރުން ގަބޫލުކުރެ އެވެ. ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ، ކުދިންގެ އަހުލާގާއި ސުލޫކާ ގުޅޭ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ސަބަބުން އެ ހުރިހާ ކަމެއް ވަނީ ހުއްޓިފަ އެވެ.

އޭނާ ބުނީ ކުޑަކުދިންނަށް ވާތީ ހާއްސަ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. ނަމަވެސް ނަސޭހަތް ދިނުން ފިޔަވައި ކުރެވޭނެ އިތުރު ކަމެއް ނެތުމަކީ ވެސް މައްސަލައެއް ކަމަށް ބައެއް ޓީޗަރުން ގަބޫލުކުރެ އެވެ.

"މިހާރު ކުއްޖަކު ކޮޅަށް ނެގުން މަނާ، ކްލާހުން ބޭރަށް ލުން މަނާ. ވަރަށް ބޮޑު ކަމެއް ކޮށްގެން، މާރާމާރީއެއް ހިންގައިގެން ވެސް ނޯވޭ ކުއްޖަކު ސަސްޕެންޑެއް ކުރެވޭކަށް. އެ ވަރިހަމަ ދެން ހުންނަ ކުއްޖާ އަށް ވަރަށް ބޮޑަށް ބުލީކޮށް ކޮންމެ ކަމެއް ކުރިއަސް. ޗައިލްޑް ރައިޓްސް، ހިއުމަން ރައިޓްސްއާ މި ހުރިހާ ކަމަކާ ހެދި އަސްލު ވަރަށް ދަތި ކުދިންގެ އަހުލާގަށް އެއްވެސް ކަމެއް ކުރަން،" ޓީޗަރު ބުންޏެވެ.

"ޓީޗަރުން ވެސް ސްކޫލުތަކުގެ ދެ އަތް މި އޮންނަނީ އަތް ބަނދެވިފައޭ ބުނާނީ. ކުދިންގެ އަހުލާގު ރަނގަޅުކުރުމުގެ ގޮތުން ނޯވޭ ކުރެވޭނެ އެއްވެސް ކަމެއް ނަސޭހަތް ދިނުން ފިޔަވައި. މާ ބޮޑެތި އަދަބުތަކެއް ނޫނޭ ކުދިންނަށް އަސްލު މި ދެނީ ކުރީގައި ވެސް.

އެކަމަކު އެކަހަލަ ކަންތައްތައް ކުރީމަ ކުދިން ތިބެނީ ޓީޗަރުންގެ ކޮންޓްރޯލްގައި. އެކަމަކު މިހާރު ޓީޗަރުންނަށް ކުދިންނެއް ކޮންޓްރޯލެއް ނުކުރެވޭ، ކުދިންނަށް އިނގޭ ކޮންމެ ގޮތަކަށް އުޅުނަސް ކްލާހުން ބޭރަކަށް ނުލެވޭނެކަން، ގެއަށް ނުފޮނުވާލެވޭނެކަން، ސަސްޕެންޑެއް ނުކުރެވޭނެކަން."

ނަމަވެސް ރާއްޖޭގެ އެކި ސްކޫލްތައް ހިންގެވުމުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ޑރ. އަހުމަދު އަންވަރު އެކަންކަމެއް ގަބޫލެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަހުލާގު ރަނގަޅުކުރުމުގެ ބޭނުމުގައި އެހެން ކުދިންގެ ކުރިމަތީގައި އެ ކުދިންގެ އަގުވެއްޓޭ ފަދަ ފިޔަވަޅުތައް އެޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ސަބަބުން ލިބޭނީ ގެއްލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަންވަރު ވިދާޅުވީ ކުދިންގެ އަހުލާގަށް އަސަރުކުރުމުގައި މުޖުތަމައުގެ ބަދަލުތައް ވެސް ބޮޑު ހިއްސާއެއް އަދާކުރާ ކަމަށެވެ. މީގެ ބައިގަރުނު ކުރިން ތައުލީމީ ދާއިރާ އަށް ހިދުމަތްކުރައްވަން ފެއްޓެވިއިރު އޮތީ ވަރަށް ސުލްހަވެރި، އަމާން މުޖުތަމައުއަކަށް ވިޔަސް މިހާރު މި ތިބީ ހުރިހާ ކަމަކަށް ހުޅުވާލެވިފައި ކަމަށް ޑރ. އަންވަރު ވިދާޅުވި އެވެ.

ކުއްޖެއްގެ ފަރާތުން ފެންނަ ކޮންމެ ކަމަކާ ގުޅިގެން ވެސް އަޅާ ފިޔަވަޅުތަކެއް ހުންނާނެ. އެކަން އިނގޭނެ ޓީޗަރުންނަށް ވެސް އަދި ސްކޫލްތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް -- ޑރ. އަންވަރު

"އެ އެކްސްޕޯޝާގެ ސަބަބުން ކުދިންނަށް ލިބިފައި ހުންނަ ބައި ވެސް ހުންނާނެ. އޭރު ހުންނަ ގޮތަކަށް ނޫން އިންޑިސިޕްލިންގެ ކަންތައްތައް ދާނީކީ. އެކަމަކު އިންޑިސިޕްލިން އާ އެކު އުފެދޭ ކަންކަން ކުރިން ހުރި ގޮތާއި މިހާރު ހުރި ގޮތް ވަރަށް ތަފާތު،" ޑރ. އަންވަރު ވިދާޅުވި އެވެ.

"ކުއްޖެއްގެ ފަރާތުން ފެންނަ ކޮންމެ ކަމަކާ ގުޅިގެން ވެސް އަޅާ ފިޔަވަޅުތަކެއް ހުންނާނެ. އެކަން އިނގޭނެ ޓީޗަރުންނަށް ވެސް އަދި ސްކޫލްތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް،" އޭނާ ވިދާޅުވި އެވެ.

ބިހޭވިއާ މެނޭޖްމަންޓް އުސޫލުގައިވާ ފާހަގަކޮށްފައިވާ ކަންތައްތައް

- ކްލާހުގައި ކިޔަވައިދޭއިރު ޓީޗަރަށް ހުރަސްއަޅާ ކޮންމެ އަމަލަކީ ކަމުނުދާ އަމަލެއް. އެ އަމަލުތައް ހިމެނޭ ދެ ކެޓަގަރީއަކީ ނޮން ކޮމްޕްލަޔަންޓް ބިހޭވިއާ އަދި ސީރިއަސް މިސްބިހޭވިއާ.

- ނޮން ކޮމްޕްލަޔަންޓް ބިހޭވިއާއަކީ ހުއްދަ ނުނަގައި ވާހަކަދެއްކުމާއި ސްކޫލުން ހަވާލުކުރާ ފިލާވަޅުތައް ނުހެދުމާއި އެހެން ކުދިން ފިލާވަޅު ހެދުމުން ދުރުކުރުމުވުން.

- ސީރިއަސް މިސްބިހޭވިއާގައި ބޭއަދަބީ ބަހުން ޓީޗަރުންނާ މުއާމަލާތްކުރުމާއި ތަކެއްޗަށް ގެއްލުން ދިނުން އަދި ރުޅިވެރިކަމާއެކު އެހެން ކުދިންނަށް ނުވަތަ ޓީޗަރުންނަށް ޖިސްމާނީ ގެއްލުން ދިނުން ހިމެނޭ.

އިސްލާހީ ފިޔަވަޅުތައް

- ގޮތް ނިންމުމުގެ ކުރިން ދަރިވަރާ އަދި ކަމާގުޅޭ އިތުރު ފަރާތްތަކާ ސުވާލުކޮށް ކަން ހިނގިގޮތް އޮޅުންފިލުވައި އަދި ދަރިވަރާ މަޝްވަރާކޮށްގެން އެއްބަސްވުމެއްގެ ދަށުން ފިޔަވަޅު އެޅުން.

- މަޝްވަރާކޮށްގެން ނިންމޭ ކަންކަމާ އެއްގޮތަށް ކުރިއަށްނުދާނަމަ ދަރިވަރާ އެކު ވެފައިވާ އެއްބަސްވުން އަލުން މުތާލިއާކުރުން.

- އަޅާ ފިޔަވަޅެއްގެ ސަބަބުން ދަރިވަރުގެ ކިޔެވުން ގެއްލޭނެ ފަދަ ފިޔަވަޅުތައް ނޭޅުން. އޭގެ ތެރޭގައި ކްލާހުން ބޭރަށް ލުމާއި ސަސްޕެންޑުކުރުން އަދި ސްކޫލުން ވަކިކުރުން ފަދަ ފިޔަވަޅުތައް ހިމެނޭ.

- ދަރިވަރުގެ ކިބައިން ސީރިއަސް ސުލޫކީ އަމަލުތައް ފެންނަ ނަމަ ފުރަތަމަ ފަހަރަށް ކްލާސް ޓީޗަރު ދަރިވަރާ ވާހަކަދައްކައިގެން ކަން ހިނގިގޮތް އަދި އެކަން މެދުވެރިވާން ދިމާވި ސަބަބު އޮޅުންފިލުވަންޖެހޭ. އެއަށްފަހު އެ ބޭނުމެއް ފުދޭ ގޮތަށް މައްސަލަ ހައްލުކުރަން ދަރިވަރު ކުރަންޖެހޭ ކަންކަން ސާފުކޮށް ބަޔާންކުރަންޖެހޭ.

- ދެ ވަނަ ފަހަރަށް ވެސް އެ ކަހަލަ އަމަލެއް ފެނިއްޖެ ނަމަ ކްލާސް ޓީޗަރު ދަރިވަރާ ވާހަކަދެއްކުން. ތިން ވަނަ ފަހަރަށް އެކަން ތަކުރާރުވެއްޖެ ނަމަ ބެލެނިވެރިޔާ އަށް އެކަން އެންގުމަށްފަހު ބެލެނިވެރިޔާއާ އެކު ދަރިވަރަށް އެހީތެރިވުމަށް މަޝްވަރާކުރުން. ޕްރިންސިޕަލްގެ ސަމާލުކަމަށް އެ ފަދަ ހާދިސާއެއް ގެންނަން ޖެހެނީ ހަތަރު ވަނަ ފަހަރަށް އެކަން ތަކުރާރުވުމުން.

އެ އުސޫލު އާއްމުކުރިއިރު އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހުމަދު ޝަފީއު ވިދާޅުވީ ދަރިވަރުންނަށް އަދަބުތައް ދިނުމުގެ ބަދަލުގައި އެ އުސޫލުގައި ބޮޑަށް އިސްކަންދީފައި ވާނީ ކައުންސެލިންނާއި ސަޕޯޓު ދީގެން ކުދިންގެ އުޅުމަށް ހެޔޮ ބަދަލުތައް ގެނައުމަށެވެ. ކުދިން ގޭގައި މަޑުކުރުވުން ފަދަ ކަންތައްތަކަކީ އެންމެ ފަހުގެ ފިޔަވަޅުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ އަތިރިމަތީގައި ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ބޮޑަށް ބަލާފައި ވާނީ އެ ފަދަ ދަނޑިވަޅެއްގައި ވެސް ސްކޫލަށް ގެނެސްގެން ސްކޫލްގައި އެ ކުދިންނަށް ސަޕޯޓު ދެވޭނެ ގޮތްތަކެއް ކަނޑައަޅައިގެން ކުރިއަށް ގެންދިއުން،" ޝަފީއު ވިދާޅުވި އެވެ.

ބޭނުންވަނީ ކުދިންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަން ކަމަށްވާތީ އެ ކުދިންނަށް އަދަބު ދީގެން އުޅުމަށް ބަދަލެއް ނާންނާނެ ކަން ޝަފީއު ފާހަގަކުރެއްވި އެވެ.

"ކުޑަކުޑަ ކަމަކުން ނިންމާލެވޭ ކަމެއް ނޫން ކުދިން އިސްލާހުކުރުމަކީ. ކުދިން އިސްލާހުކުރުމަކީ ކުދިންނާ އެކީގައި އަދި ބެލެނިވެރިންނާ ވެސް އެކީގައި ގުޅިގެން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ބަލާ ކަމެއް،" ޔުނިވާސިޓީގައި ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އަހުލާގީ ބޮޑެތި މައްސަލަތައް ގިނައިން ހުންނަނީ ގޭންގުތަކާ ގުޅިގެން ނުވަތަ އާއިލާގެ އަޅާލުން ނުލިބޭ ކުދިންނަށެވެ. އެ ކުދިންނަށް ޖުވެނަލް ޖަސްޓިސް ސިސްޓަމްގެ ތެރެއިން އެޅޭނެ ފިޔަވަޅުތައް އެބަހުއްޓެވެ.

ކިޔެވުމަށް ޝައުގުވެރިކަން ނުހުންނަ ކުދިން ސްކޫލަށް ހާޒިރުވެގެން ވެސް ޓީޗަރު ކިޔަވައިދޭ ފިލާވަޅުތަކަށް ޝައުގުވެރިކަން ނުބަހައްޓާ ނަމަ އެ ކުދިންނަށް އަމަލީ މަސައްކަތެެއް ދަސްކޮށްދެވިދާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި އެ ކުދިންނަކީ ބޭނުންތެރި، އަމަލީ މަސައްކަތުގެ ތެރެއިން ކާމިޔާބު ހޯދޭނެ ކުދިންކަން އަންގައިދެވިއްޖެ ނަމަ ތަފާތުތަކެއް ފެންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެ ކަހަލަ ކަންތައްތައް މި ހިމެނެނީ. ޓްރެޑިޝަނަލް ނިޒާމުގައި އަބަދު ވެސް މި ގޯސްކުރެވެނީ ކުދިން. އެކަމަކު ތައުލީމީ ނިޒާމުގައި މައްސަލައަކަށް މި ވަނީ އަޅުގަނޑުމެންނަށް އެ ކުދިންނަށް އެކަށީގެންވާ ޕްރޮގްރާމެއް ނުދެވޭތީ، ކިޔަވައިދިނުން އެ ކުދިންނަށް ގުޅޭގޮތަށް، ޝައުގުވެރިވާ ގޮތަށް ނުގެންދެވޭތީ -- ޝަފީއު

"އެ ކަހަލަ ކަންތައްތައް މި ހިމެނެނީ. ޓްރެޑިޝަނަލް ނިޒާމުގައި އަބަދު ވެސް މި ގޯސްކުރެވެނީ ކުދިން. އެކަމަކު ތައުލީމީ ނިޒާމުގައި މައްސަލައަކަށް މި ވަނީ އަޅުގަނޑުމެންނަށް އެ ކުދިންނަށް އެކަށީގެންވާ ޕްރޮގްރާމެއް ނުދެވޭތީ، ކިޔަވައިދިނުން އެ ކުދިންނަށް ގުޅޭގޮތަށް، ޝައުގުވެރިވާ ގޮތަށް ނުގެންދެވޭތީ. މީގެ ކުރިން ގެންގުޅުނު ނިޒާމަކީ ހަމަ ކަމެއް ގޯސްވެއްޖިއްޔާ، ގޯސްވަނީ ކުއްޖާއޭ. ނިޒާމުގައި ހުރި މައްސަލައެއް ފާހަގަކުރާކަށް މަސައްކަތެއް ނުކުރޭ،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިހޭވިއާ މެނޭޖްމަންޓް ޕޮލިސީގެ ކުރިން ވެސް ކުދިންނަށް އަދަބު ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އެކަން 1990ގެ އަހަރުތަކުން ފެށިގެން ހުއްޓާލާފައިވާތީ ނިޒާމަށް ފަހުން ގެނައި ބަދަލުގެ ސަބަބުން މައްސަލަތައް އިތުރަށް ގޯސްވެދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ގިނަ ކުދިން ނިސްބަތް ވަނީ ރޫޅިފައިވާ އާއިލާތަކަށް، މުހިއްމީ ޕޭރެންޓިން ސްކިލްސް

މާލޭގެ ސްކޫލެއްގެ ކައުންސެލަރަކު ބުނީ އަހުލާގުގެ މައްސަލަތައް އެންމެ ގިނައީ މައިންބަފައިން ވަކިވެފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންގެ މެދުގައި ކަމަށެވެ. އެ މައްސަލަތަކާ އެކު ގްރޭޑު 5-8 ގެ ކުދިންގެ ތެރޭގައި އަހުލާގުގެ މައްސަލަތައް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ފަހަރަށް މަންމައާ އެކު އެ ކުދިން މި އުޅެނީ. އެކަމަކު، މަންމަ ބުނާ ބަހެއް ނާހާ. ރޭގަނޑު ގޭމް ކުޅެން ހޭލާ ހުރެފައި ހެނދުނު ސްކޫލަކަށް ނުދޭ. އެ ކުދިންގެ މަންމަމެން މި ބުނަނީ ވަރަށް އުނދަގުލޭ ބިހޭވިއޭ ރަނގަޅުކުރަން،" ކައުންސެލަރު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގެ ހުނަރު ބެލެނިވެރިންނަށް ދަސްކޮށްދެވިއްޖެ ނަމަ ކުދިންގެ އަހުލާގަށް ހެޔޮ އަދި ބޮޑު ބަދަލުތަކެއް އަންނާނެ އެވެ.

"އެ ކުދިންނަށް ވެސް މިސްޓޭކް ހެދޭނެ. އެކަމަކު އެ ކުދިންގެ މުޅި އުމުރަށް ބެލެނިވެރިން މި ތިބެނީ އެ މިސްޓޭކްތައް ހަނދާންކޮށްދީ ހަނދާންކޮށްދީ. އެ ކުދިން ބޭނުންވޭ ރަނގަޅުވާން. އެކަމަކު އެގޮތަށް ވާހަކަދައްކާތީ އުނދަގޫތައް މި ދިމާވާނީ،" އޭނާ ވިދާޅުވި އެވެ.

"އާއިލާގެ ފަރާތުން އެހީތެރިކަން ނުލިބޭތީ ރައްޓެހިން މި ދެކެނީ ގާތް މީހުންގެ ގޮތުގައި. އެހެންވެ، އާއިލާގެ އެހީތެރިކަން ބޮޑަށް މި ބޭނުންވަނީ."

50 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 42%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެހެހެޖެޖެޖެޖޖޖސޖެޖސޖ

14 June 2022

އަހްލާޤުވެސް ދެން ހުރިއެއްޗެއްވެސް ގޯސްނުވިއްޔާދެރަ ، މިހާރު އެންމެ ތުއްތުކުއްޖައަށް ފެންނަނީ ސިޔާސީ ގޮތުން ލަދުހަޔާތްކެނޑިފަ އޮތް މުޖުތަމައުއެއް ، އަދި އިންސާނިއްޔަތުކަމެއްނެތި މީހުންނަށް އަނިޔާކުރާމަންޒަރު އެކުލެވިފައިވާ ބޭރު ދުނިޔޭގެ ފިލްމްތައް ، ހާއްސަކޮށް އެންމެން ދަންނަ ތަމަޅަ ފިލްމުތައް ، އެއީ ދައުލަތަށް މުހިއްމު ނުވާ ސަބަބަކަށް ވުމުން މިއަދު މިދުވަސް މިވަނީ އަރާހަމަކޮށްފައި ،

The name is already taken The name is available. Register?

ޙައްވައިދީ

12 June 2022

ގިނަފަހަރަށް ސްކޫލް ކްލާސްތެރެއިން ބޭއަދަބީ ބަސްތަށް ކިޔުމާ ބުލީ ކުރަން ދަސްމިވަނީ. ސަބަބކީ ޓީޗަރުންނަށް ކްލާސް ކޮންޓްރޮލް ނުކުރެވި އެފަދަ ކުދިންނަށް ފިޔަވަޅެއް އެޅެންނެތީތީ.މިފަދަ ކުދިންގެ ސަބަބުން މައިންބަފައިން ނަށް ނޭނގި ކުއްޖާ ގޯސް ކަންތައް ދަސްވޭ..ކޮންފަރާތަކުންތޯ ޒިންމާވާނީ؟މިކަހަލަވާހަކައެއް ގިނަފަހަރަށް ޓިޗަރ އަށް އެންގިއެސް އަޅައެއް ނުލާ.އެފަދަ ކުދިންނަކަށް ފިޔަވަޅެއްނާލާ.މީވަރަށް ދެރަކަންކަން.

The name is already taken The name is available. Register?

ގފޗނ

12 June 2022

ކުށެއްތަކުރާރުވަންޔާ ނަސޭހަތް ދީގެންވެސް އިސްލާހު ނުވަނޔާ ދެންޖެހޭނީ އަދަބެއްވެސް ދޭން އެކަމަކު އެދޭ އަދަބަކީ އެކުއްޖާގެ މުޅި ތައުލީމީ ހަޔާތަށް އަސަރުކުރާވަރުގެ އަދަބަކަށް ވެގެންނުވާނެ. އަދި މިހާރަށްވުރެން ކައުންސިލިންގ އާ ކުދިންގެ ބެލެނިވެރިންނާ އެކުގައި މަސައްކަތްކުރަންވީ އަދި ބެލެނިވެރިން ހޭލުންތެރިކުރުވަންވީ. އިސްލާމް ދީނުގަވެސް އޮވޭ ނަމާދު ނުކުރާނަމަ ގެއްލުންނުވާ ވަރުގެ އަދަބެއް ދޭން

The name is already taken The name is available. Register?

ކަންބޮޑުވޭ

11 June 2022

ގުރޭޑް 6 ގަ އުޅޭ ކުދިން ވޭޕް އެބަ ބޮއެ. ޒިންމާ ވަނީ ކޮން ފަރާތަކުންބާ؟ ދެން ތިބޭ ކުދިންގެ ހައްގަކީ ކޮބައިބާ؟ ކުދިންނަށް އެލިބެނީ ކިހިނެއްވާ.

The name is already taken The name is available. Register?

މައްސަލަ

11 June 2022

ޝާފިއު ތިވިދާޅުވާ ގޮތައް ކަންތައްކުރީމަ ކަންކަން ހައްދުފަހަނަޅައިގޮސްގެން އަނެއްކާވެސް ޝާފިއުއާ އަންވަރު ކާރީ “މިހާރު” އިން ތިއައްސަވަނީ އެމީހުން ކުރީގައިވެސް ކީ އެއްޗެއް އަނެއްކާވެސް އެކިޔަނީ ދެން ކީއްކުރަން ލިޔާ ލިއުމެއްތޯމީ? އެމީހުން އެކިޔަނީ ބަޔަކް ހާދާފައި އޮތް އެމީހުން ދެކުނު “ބިހޭވިޔާ/ ބިހޭވިޔާ އެއް އެމީހުންނައް މި ވާނުވާއެއް އިގެނީކީނޫން..

The name is already taken The name is available. Register?

އެއްކަލަ މީހާ ދޯ

11 June 2022

މިރާއްޖެއަށް ޖެހިގެން އުޅޭ ހުރިހާ މައްސަލަތަކުގެ އަސްލަކީ ލަފްޒީ މާނައަށް ބުރަވެވޭގޮތަށް ހެދިފައިވާ ދޯހަޅި ގާނޫނުތައް. ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރެއް ނުކުރެވޭ. ހައްޔަރު ކުރިޔަސް ސާބިތެއް ނުކުރެވޭ. މިހުރިހާކަމެއް މިހެން ހުރެމެ މީއިންއެއްވެސް ކަމެއް ރަނގަޅުކުރުމަށް ގާނޫނުތަކަށް ގެނެވުނު އިސްލާހެއް ނެތް!

The name is already taken The name is available. Register?

ކުރިން ދެވުނު ގޮތަށް އަދަބު ދީގެން ނުވާނެ

11 June 2022

މި ރިޕޯރޓަށް މަޢުލޫމާތު ދިން ޓީޗަރުންނަކީ ޓީޗަރު ޓެގް އަޅުވައިގެން ބޮޑުކަން ދައްކައި އަދަބުގެ ނަމުގައި ދަރިވަރުންނަށް ފިސާރި އަނިޔާދޭން ބޭނުންވާ ބައެއްކަން ހާމަވެއެވެ. އެފަދަ ޓީޗަރުންނާއިހެދި ވެސް ކުދިން އިސްލާޙްވުމުގެ ބަދަލުގައި އިތުރަށް ގޯސްވެއެވެ. ދަރިވަރުން ގޯސްމަގުން ދަނީ ބެލެނިވެރިންގެ އިހުމާލު އޮތީމައެވެ. މީގައި 5،6،7 ގެ ދަރިވަރުންގެ ވާހަކަ ދައްކަން އެޓީޗަރުން ލަދެއް ނުގަނޭހެއްޔެވެ؟ އެއީ އަދި ކުޑަ ކުދިންނެވެ. ނޭދެވޭ ކަންކުރާނެއެވެ.

The name is already taken The name is available. Register?

ދަލޭކަ ދައިތަ

11 June 2022

ކުރީގަ އިސްލާހިއްޔާއަށް ކުދިން ގެންދިޔައީ މިހާރު ކުދިން މިކުރާކަހަަލަ ބޮޑެތި ކުއްތައްކޮށް އުޅުނު ޒަމާނެއްގައެއްނޫން. ނަތީޖާ ރަނގަޅު ކަމަށް އެންމެންވެސް ގަބޫލު ކުރޭ. މިހާރު މިއޮތްހާލަތުން އެފަދަ ކުދިން ގެންދާނެ ތަނެއްހުރިނަމަ ކިތަންމެ ބަޔަކު އެކަމަށް އެދޭނެ. މިކަމާ ވިސްނަންނޫޅެނީ ކީއްވެބާ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

11 June 2022

އަތްބަނދެވޭގޮތަށް ގާނޫނުތަކާ ގަވައިދުތައް ހެދީ ހަމަ މިގައުމުގެ ބޮޑުން. އެމީހުންގެ ދަރިން ދާނީ އެލީޓު ސްކޫލުތަކަށް. އެހެންވީމާ އެހެންމީހުންގެ ދަރިންނަށް ކޮންމެގޮތެއްވިޔަސް އެމީހުންނަށް ހެޔޮވާނެ.

The name is already taken The name is available. Register?

އަސްލުގައި

11 June 2022

ކުދިންގެ އަޚްލާގު ރަގަޅުކުރުމުގެ ގޮތުން ނަސޭހަތްދިނުން ފިޔަވައި އެއްވެސް ކަމެއް ނުކުރެވޭނަމަ އަދި ދޭ ނަސޭހަތުން ކުދިން އިސްލާހުނުވާނަމަ އެކުދިންނާ އިތުރަށް ވާހަކަ ދެކެވެންޖެހޭ. ކުދިންނަށް އުނދަގޫވާ އަދި އެކުދިންނަށް ނުވިސްނޭ އެތައް މައްސަލައެއް އެކުދިންގެ އެތެރޭގަ ހިނގާތީ ކުދިން ގޯސްކޮށް އުޅޭނީ. އެކަންކަން ހައްލުކުރެވޭނީ ވަރަށް ވަގުތު ނަގައިގެން އެކުދިންނާ ވާހަކަ ދައްކައިގެން އެކުދިން ބިރުނުގަނެ ކޮންމެވެސް މީހަކަށް އިތުބާރުކުރެވި ކިޔައިދީގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454