01 ޖޫން 2022 - 09:40
ލަންޑަން (ޖޫން 1) - ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި 20 ވަނަ ގަރުނުގެ ފަހުކޮޅު އާޓެމިއޯ ފްރަންޗީ ކަޕުގެ ނަމުގައި ކުޅުނު މެޗު، 29 އަހަރު ފަހުން 'ފިނާލިސިމާ 2022' ނަމުގައި މިރޭ އިނގިރޭސިވިލާތުގެ ވެމްބްލީގައި ކުޅޭނެ އެވެ.
މިދިޔަ އަހަރު ބޭއްވި ޔޫރޯ ކާމިޔާބުކުރި އިޓަލީ އާއި ކޮޕާ އެމެރިކާ ހޯދި އާޖެންޓީނާ ވާދަކުރާ މެޗު، އިޓަލީގެ ނަޕޯލީގެ ހޯމް ސްޓޭޑިއަމް، ސްޓޭޑިއޯ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާގައި ކުޅޭނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް ޔޫއެފާ އާއި ކޮންމެބޮލްގެ ހާއްސަ މަސައްކަތްތަކަށް ލަންޑަނުގައި އޮފީހެއް ހުޅުވުމާ އެކު ވެމްބްލީގައި މި ހާއްސަ މެޗު ކުޅެން ހަމަޖެއްސި އެވެ.
އިޓަލީ ވަނީ ވެމްބްލީގައި މިދިޔަ އަހަރު ކުޅުނު ޔޫރޯ މުބާރާތުގެ ފައިނަލުގައި އިންގްލެންޑް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. ނަމަވެސް އެ ފޯމުގައި ކުޅުނު އިޓަލީ އަށް މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވެވޭ ގޮތެއް ނުވި އެވެ. މިއީ ޖެހިގެހިގެން އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވި ދެވަނަ ފަހަރެވެ.
އާޖެންޓީނާ އިން ތައްޓެއް ހޯދަން 28 އަހަރު ދުވަހު ކުރި އިންތިޒާރަށް ނިމުމެއް އައީ ލިއޮނެލް މެސީގެ ކެޕްޓަންކަމުގައި މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގެ ޗެމްޕިއަންކަމާ އެކު އެވެ. އާޖެންޓީނާ ވަނީ ކޮޕާ އެމެރިކާ އެންމެ ގިނައިން ކާމިޔާބުކުރި ޓީމުގެ ރެކޯޑް އޮންނަ އުރުގުއޭއާ ހަމަކޮށްފަ އެވެ.
މިއީ ކޮންމެބޯލް އާއި ޔޫއެފާގެ ޗެމްޕިއަނުން، ތާރީހުގައި ވެސް ކުޅޭ މިފަދަ ފުރަތަމަ މެޗެވެ. އެންމެ ފުރަތަމަ 1985 ވަނަ އަހަރު ފްރާންސްގައި ކުޅުނު މެޗު އެ ގައުމުން ކާމިޔާބުކުރީ 2-0 އިން އުރުގުއޭ ބަލިކޮށްފަ އެވެ. އެއަށް ފަހު 1993 ވަނަ އަހަރު އާޖެންޓީނާގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ޑެންމާކާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗަކީ އާޖެންޓީނާގެ ލެޖެންޑް މަރަޑޯނާގެ ކެރިއަރުގައި ހޯދި އެންމެ ފަހު ކާމިޔާބީ އެވެ.
އެންމެ ފަހުން އިޓަލީ އާއި އާޖެންޓީނާ ބައްދަލުކޮށްފައި ވަނީ 2018 ވަނަ އަހަރު ރަހުމަތްތެރިކަމުގެ މެޗެއްގަ އެވެ. މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު އެ މެޗު 2-0 އިން ކާމިޔާބު ކުރީ އާޖެންޓީނާ އިންނެވެ. ނަމަވެސް ބައިނަލްއަގުވާމީ ވާދަވެރި މުބާރާތެއްގައި ކުޅުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ފީފާ ވޯލްޑް ކަޕުގަ އެވެ. އެ މެޗު ވެސް ކާމިޔާބުކުރީ އާޖެންޓީނާ އެވެ. ޕެނަލްޓީ ޖަހައިގެން ފައިނަލަށް ދަތުރުކުރި އެ މެޗުގައި މަރަޑޯނާ ވަނީ އާޖެންޓީނާގެ ފަހު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ.
ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންނަށް ކޮންޓިނެންޓަލް މި މެޗު ހާއްސަވާ ސަބަބަކީ، މިހާތަނަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ވަނީ މުޅިން ވެސް މި ދެ ބައްރުގެ ގައުމުތަކުންނެވެ. ޔޫރަޕުން އިޓަލީގެ އިތުރުން ޖަރުމަނާއި ފްރާންސް އަދި ސްޕެއިން އާއި އިންގްލެންޑުން ޖުމްލަ 12 ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވެ އެވެ. އަދި އާޖެންޓީނާގެ އިތުރުން ދެކުނު އެމެރިކާ ބައްރުގެ ބްރެޒިލް އަދި އުރުގުއޭ ވަނީ މުޅިއަކު ނުވަ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ފައިނަލުގައި މިހާތަނަށް ކުޅެފައި ވަނީ ވެސް މުޅިން ވެސް މި ދެ ބައްރަށް ނިސްބަތްވާ ޓީމުތަކެވެ.
އާޖެންޓީނާ އާއި އިޓަލީ ވާދަކުރާ ޗެމްޕިއަނުންގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
01 June 2022
ރީތި ކުޅުމެއް ޝޯކޭސް ވެގެންދާނެ މެޗަކަށްވާނެކަން ކަށަވަރުވެ ޔަގީންވޭ.އިނގިރޭސީންނަށް ލިބުނު ހަމައެކަނި ބޮޑު ކާމީޔާބީ ލިބުނީ މީގެ 56 އަހަރުކުރިން. އެގޭ ފަހުން ނެތް ކާމީޔާބީ އެއް ލިބިފަ.ޔޫރޯ1996 ގެ 03 ވަނަ ލިބުނު.އެއީ ޓްރޮފީއެއް ނަމަ ދެން ތިބޭ.އެކަމަކު ވެސް ފުޓްބޯޅަ އެއީ ތިމަންނާމެން އުފެއްދި އެއްޗެއްކަމަށް މި މީހުން ދައުވާކުރޭ.ހެހެހެހެހެހެހެ.ވ.ވެދުން. #ފޯޒާއިޓާލިޔާ #ވާމޯސްއާޖެންޓީނާ #ޕުތަ3ލަޔަންސް
ޕުސްޕާ
01 June 2022
ކަލޯ ރަދީފޫ ތި ހަމަ ޖެހޭ އެއްޗެއް ކިޔާބަލަ ނިކަން.ތިޔަ ވާހަކަ ތައް ކުޑަކުއްޖެއް ކައިރީގަގޮސް ކިޔާ
ރަދީފްއޮފިޝަލް
01 June 2022
އިންގްލެންޑްގެ ސީނިއާ ފުޓްބޯޅަ ޓީމުން 1966ގެ ފަހުން ހޯދި ޓްރޮފީއެއްގެ ނަން ބުނެބަލަ.ރީޖަނަލް މުބާރާތެއް ކަމުގައިވާ Rous Cup ކިޔާ މުބާރާތެއްގަ ބައިވެރިވެ ފެންބޯ ތައްޓެއް ލިބުނު.ދެން އިތުރު މޭޖާ ޓްރޮފީއެއްގެ ނަން ބުނެބަލަ.ވ.ވެދުން @ޕުސްޕާ
ކޮށްމެބޯލް
01 June 2022
އުފެއްދުމުގެ ޝަރަފް ނެތިގެން ނުދާނެ ދުވަހަކު ތައްޓެއް ނުލިބުނަސް.
ލެއްގިކޮމިޝަނަރ
01 June 2022
މަގޭ އެކުވެރި ރަދީފްބެއްޔާގެ ވާހަކަތަކަށް ވަރަށް ތާއިދު. އިނގިރޭސިން ފުޓްބޯޅައިގެ ބަފާއަށްއަށް އަދިނެތް ދުވަހަކުވެސް ޔޫރޯ ކާމިޔާބު ކުރެވިފައެއް. 2ފަހަރު ސެމީފައިނަލްކުޅެ 2020 ޔޫރޯ ފައިނަލްކުޅެވުން ފިޔަވާ ޔޫރޯއިމް ލިބުނު އެއްޗެއްނެތް. އަމިއްލަ ގައުމުގަ ބޭއްވި ވޯލްޑްކަޕް ހޯދުނީވެސް އަސްލު ލައިން ހުރަސްކުރި ގޯލްއެއްކަން ޔަގީންނުވާ ލަނޑަކުން. ޗެމްޕިއަންލީގު ހޯދާފަހުރި އިނގިރޭސި ކުލަބުތަކަށްވެސް ފަހުގެ ތާރީހެއްގަ ލިބިފަހުރީ އެގައުމު 2ކުލަބު ކުޅެގެން.