"ކުނީގެ މައްސަލަ މުޅި ރާއްޖެއަށް ބޮޑު. މިފަދަ މައްސަލައެއްގައި ހައްލަށް މަސައްކަތް ކުރާއިރު އުނދަގޫތަކެއް އަންނާނެ، ދަތިވާނެ. އެކަމަކު ނުވާވަރުގެ ކަމެއް ނޫން"
ނިއުސް ކޮންފަރެންސްގައި އެންވަޔަރްމަންޓް މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ގޭގެއިން ކުނި ވަކިކޮށްގެން ނެރެން އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
02 ޖޫން 2022 - 11:34
މާލޭގެ ގޭގެއިން ކުނި ވަކިކޮށްގެން ނެރެން ފަށާއިރު އުނދަގޫތަކެއް ހުއްޓަސް މިކަން ކާމިޔާބު ކުރެވޭނެ ކަމަށާއި މަޑުކޮށްގެން ތިބޭ ނަމަ ދުވަހަކު ވެސް މި މައްސަލައަށް އޮންނާނީ ހައްލު ނުހޯދިފައި ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
"ކުނީގެ މައްސަލަ މުޅި ރާއްޖެއަށް ބޮޑު. މިފަދަ މައްސަލައެއްގައި ހައްލަށް މަސައްކަތް ކުރާއިރު އުނދަގޫތަކެއް އަންނާނެ، ދަތިވާނެ. އެކަމަކު ނުވާވަރުގެ ކަމެއް ނޫން. މިއީ، ފަށަން ހަމަ އެންމެ ރަނގަޅު ވަގުތު، މަޑުކޮށްގެން ތިބޭ ނަމަ ދުވަހަކު ވެސް ތައްޔާރެއް ނުވެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޭބީސީތަކުން ކުނި ވަކިކޮށްގެން ނެރުމަކީ ކުނީގެ ބޮޑު ހައްލަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއަށް އިތުރުވި ކުރިއެރުމެކެވެ. އޭޑީބީގެ އެހީގައި ވެސް ރާއްޖޭގެ ކުނީ މައްސަލަ ހައްލުކުރަން 201 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް ހިންގަމުން އަންނައިރު، މާލެއާ އެކު 32 ރަށެއްގެ ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ އެވެ.
މާލޭގެ ގެތަކުން ވެސް އިއްޔެއާ ހަމައަށް ކުނި ނެރެމުން އައީ ހުރިހާ ބާވަތެއްގެ ކުންޏެއް މަސްހުނިކޮށެވެ. އެކަމަކު ރަށްރަށުގައި މާކުރިއްސުރެން ވެސް ކުނި ނެރެމުން އަންނަނީ އެކި ބާވަތްތައް ވަކިންނެވެ. ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދަށް މިދިޔަ އަހަރު ގެނައި ފަސްވަނަ އިސްލާހުގެ ދަށުން ހުރިހާ ރަށެއްގައި ކުނި ވަކިކޮށްގެން ނެރޭ ގޮތަށް ހަމަޖައްސައި މިދިޔަ ޖެނުއަރީ މަހުުގެ ތެރޭގައި ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ގޭބިސީއަކުން މިއަދު ކުނި ނެރެފައި ހުރިއިރު އެކި ބާވަތްތައް ވަކިކޮށް ކޮތަޅަށް އަޅާފައި.
ދުވާލަކު އެތައް ސަތޭކަ ޓަނުގެ ކުނި އުފައްދާ މާލޭގައި އެ ގަވާއިދަށް އަމަލުކުރަން ފެށީ އިއްޔެ އިން ފެށިގެންނެވެ. ކުނި ވަކިކޮށްފައި ނެތް ނަމަ ވެމްކޯ އިން ނުގެންދާނެ އެވެ. އެއާއެކު، ގަވާއިދާ ހިލާފުވާ މީހުންނަށް ބޮޑު ޖޫރިމަނާއެއް ވެސް ކަނޑައަޅާފައިވެ އެވެ.
ކުނި ވަކިކޮށްގެން ނެރެން އެންގުމާ އެކު ބައެއް މީހުންގެ ޝަކުވާ ބޮޑުވިޔަސް މާލޭގެ ގިނަ ގޭގޭތަކުން އިއްޔެ ކުނި ނެރުނީ ވަކިކޮށްގެންނެވެ. ވެމްކޯ އިން ވަނީ ފޮޓޯތައް އާއްމުކޮށް، އެކަން ފާހަގަކޮށްފަ އެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ އަލަށް ތަންފީޒުކުރަން ފެށި ބަދަލަށް އާއްމުންގެ އެއްބާރުލުން ވެމްކޯއަށް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. ރަށްތަކަށް ވުރެން މާ ލަހުން މާލޭގައި ފެށީ ތައްޔާރުވާން ވަގުތު ދޭން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ގެނައި އިސްލާހާ އެކު ކުނި މެނޭޖްކުރުމުގައި އުޅޭ އެންމެންނާ އެކު މަޝްވަރާކޮށް ބަދަލުތަކަށް ތައްޔާރުވާން ޖެހޭކަން ވެސް ވަނީ އަންގައިފަ އެވެ.
"ހުރިހާ ގައުމެއްގައި ވެސް މިކަން ކުރަނީ، ފުރަތަމަ ފަށައިގެން ކުރިއަށް ގެންގޮސް ހެދޭ މިސްޓޭކްސްތައް ވެސް ރަނގަޅުކޮށްގެން. ރާއްޖޭގެ އެހެން ރަށްރަށުގައި ވަރަށް ރަނގަޅަށް ކުނި ވަކިކޮށްގެން އުކާލަމުން އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވި ގޮތުގައި ހިޔާ ފްލެޓުގެ ޓަވަރުތަކުން ކުނި ވަކިކޮށްގެން އުކާލަން ފެށިތާ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަސް ވެއްޖެ އެވެ.
"ވެމްކޯ އިން ދިން ފީޑްބެކަކީ އެ 12 ޓަވަރުގެ 90 ޕަސެންޓް ގޭބީސީތަކުން ކުނި ނެރެނީ ސޯޓްކޮށްގެންނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި ވެސް ކުނި ވަކިކޮށްފައި ނެރުމުން ވެމްކޯ އިން ގެންދާނީ ވަކިވަކިންނެވެ. ހުރިހާ ކުންޏެއް އެއް ލޮރީއަކަށް އަޅައިގެން ނުގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ވެމްކޯގެ އޮޕަރޭޝަންސަށް ބަދަލު ގެނެސްގެން އެ މީހުން ތިބީ ތައްޔާރުވެގެން. ކުނި ކަލެޓްކޮށްގެން ވަކި ޕޮއިންޓްތަކެއްގައި ބަހައްޓައިގެން ވަކިވަކިން ގެންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ވެމްކޯގެ މުވައްޒަފަކު ކުނި ގެންދިއުމުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ | މިހާރު
މިގޮތަށް ކުނި އުކާލަން ވުމުން ހަރަދު ބޮޑުވާނެ ކަމުގެ ޝަކުވާ ބޮޑެވެ. މިނިސްޓަރު ވިދާޅުވީ މިގޮތަށް ހެދުމުން ކުނި ވަކި އިތުރު ނުވާ ކަމަށާއި ހަމައެކަނި ބަދަލަކަށް އަންނަނީ ކުނި ވަކިކުރުން ކަމަށްވާ އިރު ޕްލާސްޓިކް ފުޅި ފަދަ ތަކެތި ކޮތަޅަށް ލައިގެން ނުނެރެ، އައްސައިގެން ވެސް ނެރެވޭނެ ކަމަށެވެ.
ކޮތަޅުތައް ގިނަވާ މައްސަލައިގައި ވެސް މިނިސްޓަރު ވިދާޅުވީ ހައްލެއް ހޯދަމުން އަންނަ ކަމަށެވެ.
އެކަމަކަށް ވެމްކޯ އިން ހޯދާ ހައްލަކީ، ސްޓާޗް ކޮތަޅު ނުވަތަ ބައޮޑިގްރޭޑަބަލް ކޮތަޅު ގެނައުމެވެ.
ޝައުނާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ވަގުތެއް ބަލަބަލައި ކުނީގެ މައްސަލަ ހައްލުނުކޮށް މަޑުކޮށްގެން ތިބެވޭކަށް ނެތެވެ. މިކަން ކުރަން ޖެހޭ ސަބަބަކީ، ކުނި މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމެވެ. ކުނި އުފައްދާ ހިސާބުން ބައިބަޔަށް ވަކިން ނެރުން ނޫން ގޮތެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ނޫނީ ވާ ގޮތަކީ މާލެއިން ތިލަފުއްޓަށް އެ ގެންދާހާ ކުނި ފުނި ވަކިކުރަން މިޖެހެނީ ކޮންމެވެސް އިންސާނަކު، ވެމްކޯގެ މުވައްޒަފުން. މިއީ ވެމްކޯގެ އޮޕަރޭޝަނުގެ ހަރަދު ވެސް ބޮޑުވެ މުވައްޒަފުންގެ މަސައްކަތު މާހައުލަށް ވެސް އެންމެ ރައްކާތެރި ގޮތެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގައި މިހުރިހާ ދުވަހަކު ކުނި މެނޭޖެއް ނުކުރޭ. އެކަން ފަށަން މި ޖެހެނީ ގެބީސީތަކާ ހިސާބުން."
ޝައުނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށް އޮތް ތަނުގައި ކުނި މެނޭޖްކުރާ ނިޒާމް ގާއިމްކުރާ އިރު ބޭނުންކުރާއިރު މައްސުނިކޮށްގެން ކުނި ނެރުމުން އެ ނިޒާމުގެ ބޭނުމެއް ނެތެވެ. އެހެންކަމުން އޮތް ހައްލަކީ، ކުނި ވަކިކޮށްގެން ނެރުން ކަމަށާއި ކުޑަ ހިތްވަރަކުން މިކަން ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޝައުނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޮސްބެ
03 June 2022
ޝައުނާ އަންނަންވީނު މިގޭ ކުނި ވަކިކޮއްދޭން، އަހަރެމެން އެކަމެއް ނުކުރާނަން. ރައްޔިތުންނަށް ދުއްޕާން ޖައްސަންނޫޅޭ. މިހާރުވެސް ވެމްކޯ މުއައްޒަފުންލައްވަ އަމިއްލަ ކުންފުންޏަކަށް ހުރިހާ ފުޅިއެއް ވަކިކޮއްދޭކަން ޝައުނާއަށް އެގޭތަ.
މައުލޫމާތު
02 June 2022
ދިވެހި ސަރުކާރުން މިގޮތައް ކުނި އުކަން ގޭބިސީތަކައް ކޮތަޅު ދޭން އަޅުގަނޑައްފެނޭ. ކޮތަޅުންނަގަ ޑިއުޓީބޮޑުކުރަންވެސް ޖެހެ. މި ގުރިހާކަމަކުންވެސް ރައްޔިތުމިހާއަށް ގެއްލުންމިވަނީ. ޚޮބާތޯ އިންސާފު؟؟
ޖެންޓުލްމެންވާރކް
02 June 2022
އޭޑީބީން މިހާތަނަށް ރާއްޖޭގައި ހިންގި ޕްރޮޖެކްޓެއް ނެތޭ ކާމިޔާބު ވެފައި އަދި ތިމާވެށި މިނިސްޓްރީން ކުރާ ހުރިހާ ކަމަކީ އެއީ ސުއްދާނު ނުހިފޭ ކަންކަމޭ ތިޔާ މަޖްލީހުގައި އިންނަ ހޯރަފުށީ ގޮލައަކު އެމިނިސްޓްރީައި ހުރެގެން އޭނާ ފެށި ރާ ވަންދޫ ކުނި ނައްތާލާ ޕްރޮޖެކްޓް އެއޮތީ ސުއްދާނު ނުހިފިފައޭ 20 އަހަރު ވަނީއޭ 550 މިލިއަން ޑޮލަރު ކަނޑަށް އަޅާލީއޭ ވެލް ތިމާވެށި މިނިސްޓްރީން މިހާތަނަށް ކުރާ އެއްވެސަް ކަމަކީ އެއީ ސުއްދާން ނުހިފޭ ކަންކަމޭ ވެލް ޔޫ ކާންޓް ޑޫ
މެޝިނޭގެނައީ
02 June 2022
ކުނި ވަކިކޮށްގެން ނެރެން މިއީ އެންމެ ރަނގަޅު ވަގުތު ކާމިޔާބު ވާނެ ކަމަށް މާލޭގެ ބޮޑެތި މަގުތަކަށް ކިޔާ ނަންވެސް ނުދަންނަ މިނިސްޓަރަކު ތިމާވެށި މިނިސްޓަރަކަށް ލައިގެން ރައީސް އިބޫ މިއުޅެނީ އާންމުން ފެލާލަން ނޫންތޭ ދުނިޔޭގެ އެންމެ މުއްސަނދި ގައުމު ކަމުގައިވާ ސިންގަޕޯރ ގައި ވެސް ކުނި ވަކިނުކުރެއޭ އެންމެ ފަހުން ސިންގަޕޯރގެ ނެޝަނަލް ޔުނިވަރސިޓީން ހެދި ދިރާސާ އިން ދައްކަނީ ކުނި އެއީ ވަކިނުކޮށް އިންސިނިރޭޓް ކޮށްފިނަމަ މާބޮޑަށް ރަނގަޅު ކަމަށޭ ކައްޕަޅި
ޖާދު
02 June 2022
،ލޮލް. އޭޑީބީ އިން ދިން ލާރިން ކުނި ވަކިކުރާ މެސިނެއް ގަނެބަލަ. އޮޓަމެޓިކް ވޭސްޓް ސެގްރިގޭސަން މެސިން ހުންނާނެ
ކަނބިލި
02 June 2022
ކަމަނާއޭ ދަންނަވަންތޯ ވާހަކައެއް. ޕާޓީ ހަރުގޭގައި ކަންކަން ކުރަން ބުނާގޮތަކަށް ކަންކުރަން ނޫޅޭ. ބޮޑު ރަސްމިއްޔާތެއް ބާއްވާފައި މިވަނަ ތާރީިޚަކުން ފެށިގެން މިކަން ކުރާނީ މިވަނަ ގޮތަކަށޭ ބުންޏަސް އެކަމެއް ނުހިނގާނެ ބޭނުންވާ ގޮތައް. ބޭނުންވާ އާލަތްތަކާއި ވަސީލަތްތައް އަތްމަތިކޮށް އެކަންކުރަން ތިބޭ ބަޔަކު ތަމްރީނުކޮށް ރައްޔިތުން އެކަމަށް ތައްޔާރުވާންޖެހޭ. ތަންކޮޅެއް ރިއަލިސްޓިކު ވާންޖެހޭ އެބަ
ރައްޔިތުސޮރު
02 June 2022
ކަމެއްވަކިގޮތަކަށް ކުރަންނިންމާއިރު އެންމެފުރަތަމަ ކަންކަންރޭވުމަށް ފަސޭވާނެގޮތްތަކާ އާލާތްތަށް ހަމަޖެއްސުމަށްފަހު ކަންކަން އިންޕްލިމެންޓުކުރާނީ. މިސާލަކަށް އެންމެކުޑަމިނުން ވަކިވަގުތުތަކެއްގަ ވެމްކޯއިން ތިންކެޓަގަރީގެ ޑަސްބިން ކުނިއެޅުމަށް އެކިތަންތަނުގަ ބެހެއްޓުމަށްފަހު ވަކިވަގުތަކުން ނަގާގޮތަށް ހަމަޖައްސައިފިނަމަ މުޅިމާލޭގެ މަގުތަކަކު ކުނިފުނިތަކެއް ނޯންނާނެ. އަދިކޮތަޅު ބޭނުންކުރެވޭ މިންވަރުވެސް ދައްވާނެ. އެހެންނޫނީ ތީހަމަ ނަމަކަށްކުރެވޭކަމެއް
ޢައިންތު
02 June 2022
ކުނިއަޅާނެ ޑަސްބިން ބަހައްޓައަދީފަ ބުނެބަލަ ގޭގެ ދޮރުމަތީ ޖާގަޢެއް ނެތް ކޮތަޅު އަތުރާއިގެން ތިބެޭނެ އަދި ދެ ޑަސްބިން ވެސް ކޮނތާކު ބަހައްޓާނީ ޑަސްބިން އަތުރައިދީބަލާ ސަރަހައްދު ތަކެއްގާއި
އައިމިނާ
02 June 2022
ރައްޔިތުންގެ އިޙްސާސެއް ނޭނގޭނެ. އެ މީހުންނާ ހަމަޔަށް އާދެވޭ ވަރުގެ ބައެއް ނޫން. ގަދަކަން ދައްކާފަ ބޭނުން ގޮތަކަށް ނިންމަނީ.
ރުޅިގަދަ އާބިދު
02 June 2022
އުމުރުން 40 އަހަރު ނުވާ ހިންގުމުގެ ތަޖުރިބާއެއް ނެތް މީހަކަށް ބޮޑު މިނިސްޓްރީއެއް ހަވާލުކުރީމާ ވާނީ މިހެން. މިއާޓިކަލް ކިޔާލީމާ ހީވަނީ މާލެ ނޫން ހުރިހާ ރަށެއްގައި ކުނި ވަކިކޮށްގެން ނެރެނީހެން. މާލެ ނޫން ކިތައް ރަށުގައި ކުނީގެ މައްސަލަ ހައްލުނުވެ އޮތީ. ވެމްކޯއިން ހިންގާ ކިތަންމެ ރަށެއްގައި ވެސް ކުނި ނެރެނީ ވަކިކޮށްގެންނެއް ނޫން