ޚަބަރު / ޑްރަގް ޓްރެފިކްކުރުން

މިފަހަރު މައްސަލައަކީ 42 ކިލޯ ޑްރަގްސް ހޯދަން ހުއްދަ ދިން މީހާ

ގެ އޮތީ ޑްރަގް ޓްރެފިކިން އަށް ތުހުމަތުވި މީހާއަށް ވިއްކާލާފައި. އެކަމަކު ގެ ވިއްކާލި މީހާގެ އެޑްރެސް އޮންނަނީ ވެސް އުޅެނީ ވެސް ހަމަ އެ ގޭގައި

ފުލުހުންގެ އަތުލައިގަތް 45 ކިލޯގެ މަސްތުވާތަކެތި.ލާފައި ހުއްޓާ ހޯދި ޑްރަގްސް. -- ފޮޓޯ: ޕޮލިސް

ގެއެއްގެ ޓައިލް ދަށުގައި ޖާގައެއް ހަދައި އެތަނުގެ ތެރޭގައި ޑްރަގްސް ގުދަންކޮށްގެން އުޅުނު މައްސަލަ ވެސް "ނުވާ ކަމަކަށް" ވެގެން ނިމުނީ އެވެ. ބަސްތާއިން، ކިލޯއިން ޑްރަގްސް ގެންގުޅޭ މީހުންނަށް ތަނަވަސްވާ ގާނޫނީ ބާގަނޑު މިފަހަރު އުފެދުނީ ގޭގެ ވެރިފަރާތް އޮޅިގެންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ 42 ކިލޯ ޑްރަގްސް ފެނުނު ގެޔާ ބެހޭ މައުލޫމާތު ފުލުހުންނަށް މާކުރިން އެނގި އަދި ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ލިބުމުން ވެސް ބަލައި ފާސްކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް، ކޯޓު އަމުރު ނުހޯދާ ކަމަށެވެ. އަމަލުކުރަމުން އަންނަތާ 11 އަހަރު ވެފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުނުގައި އޮތް ކަމެއް ފުލުހުންނަށް "އޮޅުމަކުން" ނުކުރެވި ހިނގައިދާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ގަބޫލެއް ނުކުރައްވާނެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރަން ނިންމި ސަބަބުތައް ހާމަކުރި އިރު، ގޭގެ ވެރިފަރާތް އެނގެން އޮވެމެ އެ ފަރާތުގެ ބަދަލުގައި އެހެން މީހެއްގެ ހުއްދަ ހޯދައިގެން ތަން ފާސްކުރި ކަމަށް ބުނާ ވާހަކައިގެ ތަފްސީލަކީ މިއެވެ؛

ގެ އޮތީ ތުހުމަތުވި އަހްމަދަށް ވިއްކާލާފައި

މަސްތުވާތަކެތި ވިއްކުމަށް "ކެފޭ" އުސޫލުން ހިންގާތީ މީގެ ކުރިން ފުލުހުން ވަނީ ޑައިމޯފިން ރައްކާކޮށްފައި ހުރި މ.ލަވްނެސްޓް ގެޔަށް އެކި ފަހަރުމަތިން ވަދެފަ އެވެ. އަދި އެ ގެޔަށް ދާ މީހުން އެތަނުން ނެރެ އެތަން ބޭނުންކުރުމަށް ހުރަސްތައް އެޅި އެވެ. ލަވް ނެސްޓަކީ ޓީޖެޓީ ހާބަރާ ކައިރި ތަނަކަށް ވުމުން އެއީ ޑްރަގްސް ވިއްކުމުގައި "ހާއްސަ" ލޮކޭޝަނަށް އޮންނަނީ ވެފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުން ލަވް ނެސްޓްގައި ޑްރަގް ވަޅުލައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ކުރިން ވެސް ކޯޓު އަމުރު ނަގައިގެން ބެލި އެވެ. އެކަމަކު އެއީ ފުލުހުންގެ އިންޓެލިޖެންސުން ހިންގި އޮޕަރޭޝަންތަކެކެވެ. އެ އޮޕަރޭޝަންތަކުގައި ގޭތެރެއިން ޑްރަގްސްއެއް ނުފެނުނެވެ. އެކަމަކު ފަހުން އަނެއްކާވެސް ހަމަ އެގޮތަށް މައުލޫމާތު ލިބެން ފެށުމުން އިތުރަށް ވެސް ބެލި އެވެ. ޑްރަގްސް ފެނުނީ އެ ގޭގެ އެޑްރެހުގައި އޮންނަ އަދި އަބަދުވެސް އެ ގޭގައި އުޅެމުން އައި މީހަކު ލިޔުމުން ހުއްދަ ދިނުމުން މުށިގަނޑު ތަޅާލައި ބެލުމުންނެވެ.

ގެ ފާސްކުރަން ހުއްދަ ދިން މީހަކީ ފެނުނު ޑްރަގްސްގެ މައްސަލާގައި ހައްޔަރުކުރި އަހްމަދު ހުސައިނަށް ގެ ވިއްކާލި މޫސާ ނަސީމެވެ.

މަސްތުވާތަކެތި ފެނުުނު ލަވްނެސްޓް ގެޔާއި އެ ގެ ހުރި ބިން 2016 ވަނަ އަހަރު ވަނީ، އަހްމަދު ހުސައިނަށް މޫސާ ނަސީމް 1.5 މިލިއަން ރުފިޔާ އަށް ވިއްކާލައިފަ އެވެ. އެއީ 625 އަކަފޫޓުގެ ބިމުގެ އަގަށް 1 މިލިއަން އަދި ބިމުގައި ހުރި މުދަލަށް ފަސް ލައްކަ ރުފިޔާއަށެވެ. މި މުއާމަލާތް ފުރިހަމަކޮށް، ތަނުގެ މިލްކުވެރިޔަކީ އަހްމަދު ހުސައިން ކަމަށް ސިވިލް ކޯޓުން ވަނީ އޯގަސްޓް 18، 2016 ގައި ވަނީ ހުކުމްކޮށްފަ އެވެ.

މިކަން މިހެން ކޮށްފައިވާކަން، އޮޕަރޭޝަންސް އަށް ނޭނގި ކޯޓު އަމުރުތައް ނަގާ އިންޓެލިޖެންސަށް އެނގެ އެވެ. އެކަމަކު ފުލުހުންގެ އޮޕަރޭޝަނަށް ދިޔަ ޓީމާ ބައްދަލުކޮށް، ޓައިލްސްތައް ތަޅާލައިގެން ގެ ފާސްކުރަން ހުއްދަ ދިން މޫސާ ނަސީމު ވެސް ބުނަނީ ގެޔަކީ އޭނާގެ ބާރު ހިނގާ ތަނެއް ކަމަށެވެ. އޭނާގެ ދާއިމީ އެޑްރެސް އޮތީ އެ ގޭގަ އެވެ. ގޭގެ މައްސަލާގައި މިހާރު ވެސް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވާތީ އެ ވާހަކަ ވެސް ވަނީ ބުނެފަ އެވެ.

42 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން: މި މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ވަނީ ދޫކޮށްލާފައި.-- ފޮޓޯ: ޕޮލިސް

އޭނާ ބުނާ ގޮތުން ނަމަ "ނުއަގުގައި" ގެ ވިއްކާލާފައި ވަނީ އޭނާ ޖަލުގައި ހުއްޓާ އޮޅުވާލުމެއްގެ ތެރެއިންނެވެ. އެއީ އޭނާ ޖަލުން ސަލާމަތްކޮށްދޭނެ ކަމަށް ބުނެ ހިންގި ކަންތައްގަނޑެއް ކަމަށް ބުނި ނަމަވެސް ކޯޓުތަކުން ވަނީ އެއީ ސައްހަ މުއާމަލާތެއް ކަމަށް ނިންމައި އަހްމަދު ހުސައިންނަށް ގޭގެ މިލްކުވެރިކަން ދީފަ އެވެ.

އޮޕަރޭޝަނަށް ދިޔަ ފުލުހުންގެ ޓީމަށް އެއީ މޫސާ ނަސީމްގެ ގެއެއް ނޫންކަން އެންގީ ގެޔަށް ވަދެ ފާސްކުރަން ފެށި ފަހުން އަދި ޑްރަގްސް ވެސް ފެނުނު ފަހުން އިންޓެލިޖެންސުން ކަމަށް ވަނީ އެނގިފަ އެވެ. އެއީ އިންޓެލިޖެންސުން މީގެ ކުރިން އަމުރު ހޯދައިގެން އެ ގެ ފާސްކޮށްފައި އޮތުމާ ވެސް އެކު ލިބިފައި ހުރި މައުލޫމާތެވެ. އޮޕަރޭޝަންސް އަށް ކުރިން މިކަމެއް ނޭނގެ އެވެ. އެނގުމާ އެކު ބަލައި ފާސްކުރުން މެދުކަނޑާލައި، އަހްމަދު ހުސައިނަށް ރައްދުވާ ގޮތަށް ކޯޓު އަމުރު ހޯދީ އެވެ.

އޭގެ ފަހުން އަހްމަދު ހުސައިން ހޯދަން މަސައްކަތް ފަށައި އޭނާ ހައްޔަރުކުރީ ޑްރަގްސް ފޮރުވާފައި ހުރި ތަން ހެދީ ކޮން ބައެއްކަމާއި އެ މަސައްކަތް ކުރި އިރު އެކަން ކުރިއަށްދާ ގޮތް ބެލީ ކޮން ބައެއްކަން ވެސް ފުލުހުންނަށް އެނގި، އުފެދުނު ތުހުމަތުތަކާ ވެސް އެކުގަ އެވެ. އަހްމަދު ހުސައިނާ އެކު ހައްޔަރުކުރި އަބްދުﷲ ނަޝީދަކީ ކާކުކަމާއި އޮންނަ ގުޅުން ވެސް ފުލުހުން އޮތީ ދެނެގެންފަ އެވެ.

ގާނޫނާ ހިލާފުވާ ސަބަބު

ޕީޖީ އޮފީހުން ބުނި ގޮތުން ނަމަ 2011 ވަނަ އަހަރުން ފެށިގެން އަަމަލުކުރަމުން އަންނަ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 149 މާއްދާއާ ކަނޑައެޅިގެން ހިލާފަށް ކަމަށް ވާތީ މިކަމުގައި ކުރެވޭނެ ކަމެއް ނެތެވެ. އެ މާއްދާގައި އޮންނަ ގޮތުން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ ނުވަތަ ގާނޫނުގައި އޮތް ކުށެއް ކުރާކަން ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ އަދި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ނަމަ، ކޯޓު އަމުރަކާ އެކު، އެ ގެއަކަށް ނުވަތަ އެ ތަނަކަށް ވަދެ ފާސްކުރެވޭނެ ކަމަށެވެ. "ކޯޓު އަމުރާ އެކު" ވަދެގެން ނޫނީ ނުލިބޭ ބާރުތަކެއް ހުރެ އެވެ. އެއީ؛

▪️ ތަޅުލާފައި ހުރި ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން އެދޮރެއް ހުޅުވުން،

▪️ ބަންދުކޮށްފައިވާ ކުޑަދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ނުވަތަ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ކުޑަދޮރެއް ހުޅުވުން،

▪️ ތަޅުންގަނޑުން ބައެއް، ނުވަތަ ފާރުން ބައެއް، ނުވަތަ ފަންގިފިލާއިން ބައެއް ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ނުވަތަ ތަނެއް ބެލުން،

▪️ ބަންދުކޮށްފައި ހުރި ފޮށްޓެއް ނުވަތަ އެއްޗެއް ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ބެލުން.

މި ކަންކަން ކޯޓު އަމުރަކާ ނުލައި ނުކުރެވޭނެ އެވެ. އެހެންވެ އެންމެ ބޮޑު ސުވާލަކީ ކޯޓު އަމުރު ނުހޯދި ސަބަބެވެ.

މިހެން މިކަންކަން ހުރުމަށް ކޯޓުގައި ދައުވާ ދިފާއުކުރެވޭނެ އެއްވެސް ގޮތެއް އޮތް ކަމަކަށް ޕީޖީން ނުދެކެ އެވެ.

ފުލުހުން އަހްމަދަށް ތުހުމަތުކުރީ ކީއްވެ؟

ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި މަޖިލިސްތަކުގައި އަހްމަދު ހުސައިން ބުނެފައިވަނީ އިމާރާތަކީ އޭނާގެ ތަނެއް ކަމަށާއި އެކަމަކު އެތަނުގައި އުޅޭ މީހުންނަކީ ކުއްޔަށް އުޅޭ ބައެއް ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ކުއްޔަށް ދިނުމުގެ އެއްބަސްވުން ވެސް ކޯޓަށް ހުށަހެޅި އެވެ. އޭނާ ބުނެފައި ވަނީ ކުއްޔަށް އުޅޭ މީހުން ކެފޭ އުސޫލުން އެތަނުގައި ޑްރަގް ވިއްކަނީ ކަމަށެވެ.

ޑްރަގްސް ވަޅުލާފައި ހުރި ތަނަކީ އެންމެންނަށް ވެސް ވަދެވޭ ގޮތަށް ހުރި ތަނެއް ކަމަށާއި އެއީ އޭނާއާ ދެކޮޅުވެރިކަމެއް އޮތް ބަޔަކު ދެރައެއް ދިނުމުގެ ގޮތުން ކޮށްގެން އުޅޭ ކަމެކޭ ކޯޓުގައި ބުންޏެވެ. ބެލެވޭ ގޮތުން އޭނާ އެ ބުނަނީ ގެ ވިއްކާލި މުއާމަލާތުގައި މޫސާ ނަސީމާ އުފެދިފައިވާ މައްސަލައިގެ ވާހަކަ އެވެ. އެކަމަކު ސުވާލަކީ މީހަކަށް ލަނޑެއް ދޭން ވެސް އެތައް މިލިއަން ރުފިޔާއެއްގެ ޑްރަގްސް، އެގޮތަށް ފޮރުވާފައި ބަހައްޓަންޖެހޭތޯ އާއި ލަނޑެއް ދިނުމުގެ ނިޔަތް އޮތް ކަމަށް ބުނާ މީހާ އަކީ އެހާ ގިނަ އަދަދެއްގެ ޑްރަގަސް ގަނެގެން ގެނެސް، ފުލުހުންނާ ހަވާލުކޮށް ދޫކޮށްލިޔަސް ގެއްލުމެއް ނުވާ ވަރުގެ ފޯރުންތެރި މީހެއްތޯ އެވެ.

މ. ލަވް ނެސްޓުގައި ޑްރަގްސް އަޅާފައި ހުރި ތަން. -- ފޮޓޯ: ޕޮލިސް

ލަވްނެސްޓުން ޑްރަގްސް ފެނުމާ އެކު ފުލުހުން ވަނީ އަހްމަދު ހުސައިން އަކީ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހާ ކަމަށް ބުނެ އޭނާ ހޯދާކަން އިއުލާނުކޮށްފަ އެވެ. އަހްމަދުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔައިރު ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ވަނީ ފިލުމުގެ ބޭނުމުގައި ފޯނު ނަންބަރާއި ފޯނު ވެސް ބަދަލުކޮށްފަ އެވެ. މިއީ ފެނުނު ޑްރަގްސްއާ އޭނާއާ ގުޅުމެއް ނެތް ކަމަށް ބުނާ ބުނުމާ ދިމާނުވާ ކަންތައްތަކެއް ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އަހްމަދާ ގުޅޭ އިންޓެލިޖެންސް އެތައް މައުލޫމާތެއް އެއްކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުން އަހްމަދު ހޯދަން ފެށިތާ 12 ގަޑިއިރު ފަހުން ހައްޔަރުކުރީ އޭނާ އަމިއްލައަށް ފުލުސް އޮފީހަށް ގޮސް ހަވާލުވުމުންނެވެ.

އަހްމަަދާ އެކު ދެން ހައްޔަރުކުރި އަބްދުﷲ ނަޝީދަކީ ޑްރަގްސްގެ މައްސަލައެއްގައި 2006 ވަނަ އަހަރު އުމުރަށް ޖަލަށް ލާފައި ހުއްޓައި ޕެރޯލްގެ ދަށުން ޝަރުތުތަކާ އެކު ދޫކޮށްލާފައި ހުރި މީހެކެވެ.

ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ ނިންމެވި ސަބަބުތައް

▪️ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިމެ، ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށް ވާތީ

▪️ ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވުން

▪️ މަސްތުވާތަކެތި ފެނުނު ގެޔަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވުން.

▪️ ސީންގައި ކަން ހިނގިގޮތާ މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރުން.

▪️ ބަލައިފާސްކުރިއިރު ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތުން

▪️ މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވުން

▪️ ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވުން.

މަސްތުވާތަކެތި ފެނުނީ މި ބުނި ކަންކަމާ ހިލާފަށް ކަމަށް ވާތީ، ފުލުހުން ތުހުމަތުކުރި މީހުންނާ މަސްތުވާތަކެއްޗާ ގުޅުވޭނެ ގޮތެއް ނެތީ ކަމަށް ވަނީ ބުނެފަ އެވެ.

ދެން އަނެއްކާވެސް އޮތީ، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި "ހޭކިފައިވާ" ބަޔަކު މި މައްސަލައިގެ ޕްރޮސިކިއުޓަރުންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގައި އެބަ ތިބި ތޯ އާންމުން އުފައްދާނެ ސުވާލެވެ. އެފަދަ މީހަކު ހިމެނޭ ނަމަ އަނެއްކާވެސް އިތުރު ޝައްކު އުފެދޭނެ އެވެ. މިއީ ގުޅިގެން ހިންގާ ޖަރީމާ ކިޔާ ކިޔުން ކުރިއަށް ދާނެ އެވެ.

55 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 4%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިރިހި ފަތް

05 June 2022

ހިންދީ ފިލްމުތަކުގައި ކަންހިނގާކަމަށް ދައްކާގޮތާއި ދިވެހި ރާއްޖެގައި ކަންހިނގާގޮތުގެ އެއްވެސްތަފާތެއްނެތް. މައުމޫނު އަބުދުލްގައްޔޫމް ވެރިކަމުގައި ސިޔާސީ މީހުންބުނާގޮތުން ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ވެރިކަން ކުރިއިރު ގައުމު އަމާން. ސުލްހަ މަސްލަސްކަންއޮތް. މީހުންމެރުންފަދަ ކުށްތައްމަދު. ގޭންގުތަށް އުފެދުނަކަ ނުދޭ. ސަރުކާރު ބަރުބޮޑެއްނޫން. ނުދެއްކޭވަރުގެ ލޯނުތަކެއް ނެތް.

The name is already taken The name is available. Register?

ލުތުފީ

05 June 2022

މިއީ ރާވައިގެން ހިންގާ ޖަރީމާ. ފުލުހުންގެ ތެރޭގަ މަސްތުވާތަކެތީގެ ވިޔަފާރީގެ ބައިވެރިން ތިބިކަމަށް މިހާރު ނކުރެވެނީ ޝައްކެއްނޫން. ޔަގީން ކަމެއް އެއީ. ފުލުހުންގެ ތެރޭގައި ތިބި ޑްރަގްގެ ކަންކަމުގައި އުޅޭ މީހުންނަށް ފާރަލައި، އެމީހުންގެ ފައިނޭޝަލް ޓަރާންސެކްޝަންތައް ބެލީމ އެގޭނެ އެމީހުންގެ ޑްރަގް ފައިސާ ލިބޭ ފުލުހުން.

The name is already taken The name is available. Register?

އަޙުމަދު.

04 June 2022

ވަރަށްސާފު ކޮން މިހިރަ ފެންނަނީ .މީ ހަމަ އެނގިގެންތިބެ ހިނގާ ޖަރީމާ. ޤާނޫނުގަ އެކަން ކުރަން ބުނެފަ އޮންނަގޮތަށް ނޫން ގޮތްގޮތަށް ކުރުމަށް ފަހު ޕީޖީއަށް މައްސަލަ ފޮނުވާލުމުން އެތަނުން ބުނެފާނެ ކޯޓުއަމުރު ހޯދީ ހޯދަންވި މީހާއަތަކުން ނޫނޭ. އަމުރުހޯދީ ފޫޅުމަޔަކު އަތުންނޭ ނުވަތަ ޖަމާއަތް ތެރިއަކު އަތުންނޭވެސް. ވީމާ ދައުވާ ކުރެވޭކަށް ނެތޭ. މިކަހަ ދޯދިޔާ ގޮތަކަށް މިދަނީ. ޥަރަށްދެރަ.

The name is already taken The name is available. Register?

ކީއްވޭ

04 June 2022

މަޖިލިސް ކުރާނެ މަސައްކަތެއް ނެތިގެން އުޅޭއިރުވެސް، ހަމަ ގަސްތުގައި ގޯސް ހަދައިގެން ޑްރަގް ޑީލަރުން މިނިވަންކުރުވާ މީސްމީހުނާ ދޭތެރޭ ކީއްވެ ފިޔަވަޅު ނާޅަން ނޫޅެނީ؟ އެންމެ އާދައިގެ ވިސްނާލުމަކުން ވިސްނާލީމަވެސް ގަބޫލުކުރަންޖެހޭ ކަމަކީ މިފަދަ ކަންކަމުގައި އިހުމާލުވާ މީހުން ޒިންމާވާން ޖެހޭނެކަން. ނޫންނަމަ ކީއްވެތޯ އިހުުމާލުން އަނިޔާއެއް ލިބުން، ދައުލަތުގެ މުދަލެއް/ފައިސާއެއް ގެއްލުންފަދަ ކަންކަމުގައި ދައުވާ ކުރަންވީ؟

The name is already taken The name is available. Register?

ގުޅިގެން

04 June 2022

މި ސަރުކާރު އައިފަހުން މިފަދަ ގުޅިގެން ހިންގާ ޖަރީމާތައް ބޮޑުތަނުން އިތުރުވެފައި ވާކަން އެއީ ރެކޯރޑްތަކުން ފެންނަން އޮތް ހަގީގަތެއް. ހާއްސަކޮށް މަސްތުވާ ތަކެތީގެ ބިޔަ ކޭސްތަކާއި ރޭޕް ކޭސްތަކުގަ.

The name is already taken The name is available. Register?

އަލީހަމީދު

05 June 2022

މިސަރުކާރު އައިފަހުން އަތުލައިގަންނަލެއް އިތުވި ވާހަކަ ބުނެބަލަ.

The name is already taken The name is available. Register?

ވޯޓަށް ހުށިޔާރު ވަމާތޯ!

04 June 2022

އަހަރުމެން އިންސާނުން ތެރޭ (ފުލުހުންނާއި ޤާނޫނީ ވަކީލުންވެސް ހިމެނޭހެން) ހުރިހާ ޒާތެއްގެ ނުބައި ނުލަފާ މީހުން އުޅޭތީވެ އެމީހުންގެ އެފަދަ ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރުމުގެ ބޭނުމުގަ ޤާނޫނާއި ޤަވާއިދު މިހަދަނީ. ހިތާމައަކީ އަދިވެސް އަޅުގަނޑުމެން ދިވެހީން މަޖިލީހަށް މެންބަރުން ހޮވަން ވޯޓު ދެނީ މީހާގެ އަޚްލާޤާއި ތަޢުލީމަށް ވުރެ އެމީހެއްގެ ސިޔާސީ ބާރުވެރިކަމަށް ބަލާފަ. މިއީ މައްސަލައިގެ ރޫޓް. މިކަން ރަނގަޅު ނުކޮށް ޤައުމު އިސްލާޙް ވާނެ ގޮތެއް ނެތް

The name is already taken The name is available. Register?

ދިރާސާ

04 June 2022

ރާއްޖެއަށް ޑްރަގު އެތެރެ ކުރަނީ ، ނިކެމެތި އާއިލާގެ ހުންނަ އެ ބޯން ދެވިހިފާފައިވާ ކުއްޖާއެއް ނޫން. ގިނަ ފަހަރު ބޭނުންކުރާ ކުދިންނަށް ޑްރަގު ނެޓްވޯރޓްގެ ފުޅާ ވަރާއި،މީގެން ބަޔަކު މުއްސަދިވާ ކަމެއް ނޭނގެ.ރާއްޖޭގެ އެންމެ ކުރިން ފެށިގެން ޑްރަގް އެތެރެ ކުރަނީ ފައިސާ އޮތް ބާރުވެރި ފަރާތްތަކުން. ކޮލަންބިޔާ އާއ ނިސްބަތުން އެއް ހިސާބެއްގައި ރާއްޖޭގެ ޑްރަގުގެ ހާލަތު އޮތީ. ރާއްޖޭގެ ރިސޯރޓްތަކާއި ފަޅުރަށްރަށުގައި ހުރިވަރެއް ﷲ ދެނެވޮޑިގެން ވަނީ.

The name is already taken The name is available. Register?

އަޒީޒޫ

04 June 2022

މޮޅަށް ގާނޫނު ލިޔެފައި އޮންނަނީ ބޮޑުން ސަލާމަތް ކުރަން. މަސްތުވާތަކެތި އަތުލަން ހިންގި އޮޕަރޭޝަންގައި ފުލުހަކު ހީސްލަވައިގަނެފަ ހުރެ ހެކި ހޯދީކަމަށްޓަކައި ދައުވާ ނުކުރުން ނުވަތަ ފުލުހުން އޮޕަރޭޝަން ހިންގީ އިރު އޮއްސި 6 ގެ ފަހުން ކަމަށްވީތީ މައްސަލަ ނުބެލުން.. ހުސް ހެއްވާ ކަންތައް

The name is already taken The name is available. Register?

ީިިިިިދޖ

04 June 2022

ޕީޖީއާއި ފުލުހުން، އަދި ކޯޓް ތެރޭވެސް ރަނގަޅަށް ނެޓްވޯރކް އަޅާފަ. މަޖިލީހުގަ ކުރާނެ މަސައްކަތެއް ނެތިފަ. މުޅިގައުމު މަސްތުވާ ތަކެކީގެ ވަބާގައިޖެހި އޮޔާގޮސް ގެއްލެނީ. މިކަމާ ކަންބޮޑުވެ މައްސަލަ ހައްލު ކުރުމައް އެކަށީގެންވާ މަސައްކަތްތަކެށް ކުރާ އެއްވެސް ވެރިޔަކު ނުފެނޭ. ވެރިކަމާ ނުތޮޅެންޏާ އޯކޭ. ޕީޖީއަށް ކޯޓްތައް މެދުވެރިކޮށް މިކަންނުވާނަމަ ގާނޫނު ބަދަލުކޮށް ސިފައިންނާއި ފުލުހުންނަށް ބާރުތައް ދީގެންވެސް މިކަން ހައްލު ކުރާކަށް ނުވޭތޯ!

The name is already taken The name is available. Register?

އިހުމާލުގެޒިންމާނަގާ

04 June 2022

އިޖްރާޢަތް ތަކާ އެއްގޮތަށް ކަންކަން ނުކުރެވޭ އަދި އެއް މުއައްސަސާގެ ދެ ޑިޕާރޓްމެންޓްގެ މެދުގައިވެސް، ދައުލަތުގެ ދެ މުއައްސަސާގެ ދެމެދުގައިވެސް، އެއްވެސް ކޯޑިނޭޝަންއެއް އަދި މަޢުލޫމާތު ބަދަލުކުރުމެއްނެތް. ނަތީޖާއަކީ މިމީހުން އެއްބަޔަކު އަނެއްބައެއްގެ ބޮލަށް މިކަންކަނޑާލާފަ ނިންމާލާއިރު، ޤައުމީ ބޮޑު މައްސަލަ އިތުރަށް ގޯސްވެ ރައްޔިތުންނާއި ދައުލތަށް ފޫނުބެއްދޭފަދަ ގެއްލުންވުން. ޕޮލިސް ކަމިޝަނަރ ނޫނީ، ދެ ޑޕާރޓްމެންޓްގެ ހެޑުން އިސްތިޢުފާދޭންޖެހޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454