ޖަސްޓިސް ބިލްޑިން: މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ކޮންމެ ރަށެއްގެ ކޯޓުން އަމިއްލައަށް ހަދަން ވަނީ އަންގާފައި -- ފޮޓޯ/މިހާރު
07 ޖޫން 2022 - 12:09
މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ކޮންމެ ކޯޓަކުން އަމިއްލައަށް ހެދުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ. މިގޮތަށް ހެދުމުން ކޮންމެ ރަށެއްގެ ކޯޓުން ވަކި ގަވާއިދެއް ގެންގުޅޭތީ ބައެއް ވަކީލުންގެ ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އާންމުކޮށް ޝަރީއަތް ކުރުމާ ބެހޭ މިފަދަ ގަވާއިދުތައް ހަދަން ގާނޫނުތަކުން ލާޒިމްކުރަނީ ސުޕްރީމް ކޯޓަށެވެ. އެކަމަކު މިމަހު އަމަލުކުރަން ފަށާ މަދަނީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ޝަރީއަތް ކުރުމާބެހޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދަންޖެހޭ ކަމާބެހޭ ކޯޓުތަކުންނެވެ. ސުޕްރީމް ކޯޓުގެ ދައުރެއް ނެތެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ އެ ގާނޫނުގެ ދަށުން ކޯޓުތަކުން ހަދަންޖެހޭ ގަވާއިދުތައް އެ ކޯޓެއްގެ އިޖްރައާތާ އެއްގޮތަށް ހެދުމަށް އަންގާ ކަމަށެވެ. އަދި އެކަމަށް ބޭނުން ކުރެވިދާނެ 374 ސޮފްހާގެ ނަމޫނާ ގަވާއިދެއް ސުޕްރީމް ކޯޓުން އިއްޔެ އާންމުކުރި އެވެ.
ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި މިގޮތަށް ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 425 ވަނަ މާއްދާގެ ހ. ގައި އެހެން އޮންނާތީ އެވެ. އެ މާއްދާގައި އޮންނަނީ؛
⬤ މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ޝަރީއަތްކުރުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ކޯޓުތަކުން ހަދަންޖެހޭ ގަވައިދުތައް ހަދާނީ ކަމާބެހޭ ކޯޓަކުންނެވެ.
ރަށްރަށުގައި 200 އަށް ވުރެ ގިނަ މެޖިސްޓްރޭޓް ކޯޓު ހުންނާތީ ކޮންމެ ކޯޓަކުން ވަކި ގަވާއިދެއް ހަދަން ޖެހުމުން އެކި ރަށްރަށުގައި އޮންނާނީ އެކި ގަވާއިދެވެ. މިކަމާ ގުޅިގެން ބައެއް ވަކީލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮންމެ ރަށެއްގެ ކޯޓަށް ވަކި ގަވާއިދެއް އޮތުމުން ބޮޑެތި މައްސަލަތަކެއް ނިކުންނާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން ހަދާ ނަމޫނާ ގަވާއިދާ އެއްގޮތަށް ހުރިހާ ކޯޓުތަކުން ގަވާއިދު ހަދާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށް އެ ވަކީލުން ވިދާޅުވެ އެވެ.
މި ގަވާއިދުތައް މި މަހުގެ 16 ވަނަ ދުވަހު އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެތެރޭ ފަޑިޔާރު
08 June 2022
ރާއްޖޭގެ ގިނަ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މި އުޅެނީ އެޑްމިން މަސައްކަތް ކުރާނެ ވަރަށްވެސް މުވައްޒަފުން ނެތިގެން. ދެން ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ތިޔަ ގަވާއިދެއް އެ ކޯޓުތަކުން ހަދާނެ ގޮތެއް ނުވިސްނޭ.. އޭގެ ތެރެއިން ގިނަ ކޯޓުތަކުގައި ތިބި މުވައްޒަފުންނަށް އަހަރު ދުވަހު މަސައްކަތް ކުރިއަސް ތިޔަ ގަވާއިދެއް ހެދޭނެހެން ހީނުވޭ..
ހިތަދޫ 2
08 June 2022
މިބުނާ ވާހަކަ މީ، އެތަނަކަށް ނުކަތާ ގަވާއިދު އެހެން ގައުމުތަކުން ޓްރާންސްލޭޓް ކޮއްގެން ގާނޫން އުފެއްދީމަ ވާގޮތް. މަގިލިސް ހަދާގެއަށްވެސް މި ހޮވަނީ ތަންދޮރު އޮޅުން ނުފިލާ މީހުން.
ވަކީލު
07 June 2022
މިހާރުވެސް ގިނަ ކޯޓުތަކުން އަމަލު ކުރަމުން އަންނަ ގޮތް ، ހަމައެކަނި ތަފާތަކީ މިހާރު ޢަމަލުކުރާ ގޮތް ލިޔުމުން ފެންނަން އޮންނަ ކަން. ނިޒާމް ހަރުދަނާ ކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް.
އެމް ޑީ ބޯހަރު މިޔާ
07 June 2022
މަގެ ބުނަނި ވަޞުޢީ ގާނޫނު ހަދަނީމަ މިބައްތަރު ބައިވަރު މައްސަލަ އަންނަނީނު. ކަލޭ ރާއްޖޭ މީހުން ބޯ ނެތީނު.
ޝަފީރު
07 June 2022
ޝަރީޢަތް ހިންގުމަށް އުނދަގޫ ޤާނޫނެއް އޮތްނަމަ. ކޯޓުތަކުގެ ކަންކަން ބަލަހައްޓާ އިސް ފަރާތުން އެކަންކަން ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ދައުލަތުގެ ވެރިފަރާތަށް ހުށަހަޅައިގެން އެކަންކަން ރަނގަޅުކުރާނީ. އެނގިލައްވާނެ ތިޤާނޫނަކީ މައުމޫނަށް ދުއްޕާންކޮށް މައުމޫނުގެވެސް ސަރުކާރުގެވެސް ބާރުކަނޑުވާލަން އޭރު އެމްޑީޕީގެ އިސްކޮށްތިބި މީހުނާ ސުޢޫދުމެން އިބުރާމެން މަވޯޓާމެން މުނައްވަރުމެން ޖަހާފަހުރި ސަކަރާތްތަކެއްކަން. އެއިލޮށި ނެގޭތޯ ދެންބަލަންވީ
ކުފޫ ހަމަނުވެ
07 June 2022
ތްރީލައިން ވިޕް ނެރެގެން ބަޓަނަށް ފިއްތާ ބަޔަކު މަޖިލީހަށްހޮވިމާ ވާގޮތް ތިފެންނަނީ. ނަޞީބެއްނު ކޮންމެ މައްސަލައަކަށް ޤަވާއިދެއް ހަދަންނެތްކަން. ލަދު ނުގަންނަ މަޖިލިސް
އިޖުރާބެ
07 June 2022
ވަކީލުން ތިކަމާއި ވަރަށް ކަންބޮޑުވާނެއެވެ. ތެދެކެވެ. ތިގޮތަށް ކަންކުރީމައި މިހާރު ހިހޫތަނުން ކާގޮތަކަށް ނުކެވޭނެއެވެ. އެކި ދިމަދިމާލުގައި މީހުން ބައިތިއްބައިގެން ކަންކުރަންވިޔަސް ނުވަތަ ލަފާދޭންވިޔަސް ލައްކަގިނަ ޤަވާޢިދުބަލައި ތައްޔާރުވާން ޖެހޭނެއެވެ. އަދި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްވެސް ބުރޫތަކެއް އަރާނެކަމުގައި ބެލެވެއެވެ.
ގަދަމީހާ9
07 June 2022
މަޖިލީހެވެ ކިޔާ ތަނަކުން ރައްޔިތުންނަށް ދޭ ހަދިޔާތައް މީ. ސުޕްރީމް ކޯޓު ރަގަޅު މަށަށް
ށަވިޔަނި
07 June 2022
ހާދަ މޮޅު ސިސްޓަމެކޭ.
ސަލީމް
07 June 2022
ޤާނޫނުހައްދަވާ ބޭފުޅުން ހިސާބަށްވުރެ މޮޅިވީމާ ވާނީ މިހެން.