މާލެ ސަރަހައްދުން ބޭރުގައި މި ވަގުތު ތިބި 300 އަށްވުރެ ގިނަ ޑޮކްޓަރުންގެ ތެރެއިން ދިވެހި ޑޮކްޓަރުންގެ އަދަދު ހުރީ 35 ގަ އެވެ. ދިވެހި ޑޮކްޓަރުން އެންމެ ގިނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ދިވެހި އަށް ޑޮކްޓަރުން އެބަތިބި.
ދިވެހި ޑޮކްޓަރުންތަކެއް އޮޕަރޭޝަނެއް ކުރަނީ: ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ތަމްރީނުވާ އިރު، އަމަލީ މައިދާނަކުން އެ މީހުން ނުފެނޭ.-
19 ޖޫން 2022 - 07:24
ގައުމީ ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލާ ކޮންމެ ފަހަރަކު އެންމެ ޑިމާންޑު ބޮޑު އަދި އަވަހަށް ޖާގަތައް ފުލްވާ މަދު ކޯސްތަކުގެ ތެރެއިން އެއްވަނައިގައި އޮތީ ނާސިން ކޯހެވެ. މިހާރު ވެސް މާލޭގެ އިތުރުން ފަސް ސަރަހައްދެއްގައި 1،132 ދަރިވަރުން އަންނަނީ ނާސިންގެ އެކި ކޯސްތައް ކިޔަވަމުންނެވެ. އޭގެ ތެރެއިން 503 ދަރިވަރުން ތިބީ ނާސިން މަސައްކަތަށް ހުއްދަ ލިބޭ ފުރަތަމަ ސްޓޭޖް، ރެޖިސްޓާޑް ނާސް ލެވެލްގަ އެވެ.
ޑޮކްޓަރުކަން ކިޔަވަން ހުޅުވާލުމުން ވެސް ހަމަ އެ ޑިމާންޑެވެ.
މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި 720 ފުރުސަތުގެ ތެރެއިން ރާއްޖެއިން ބޭރުގައި އެމްބީބީއެސް ހަދަން ދިނީ އެންމެ 25 ޖާގަ އެވެ. އެކަމަކު، އެ ޖާގަ ހޯދަން 129 ދަރިވަރުން ކުރިމަތިލި އެވެ. އޭގެ ކުރިން ހުޅުވާލި ލޯނުގައި އަދި އަމިއްލައަށް ޖާގަ ހޯދައި ފީ ދައްކައިގެން މިހާރު ވެސް އެކި ގައުމުތަކުގައި އެތައް ސަތޭކަ ދަރިވަރުންނެއް އަންނަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ.
މިހާ ހިސާބުން އެތައް ބަޔަކު އުފައްދާ ސުވާލެއް އެބައޮތެވެ. ޑޮކްޓަރުކަމާއި ނަރުސްކަން ކިޔަވައިގެން ކޮންމެ އަހަރަކު ވެސް އެތައް ދިވެހި ޒުވާނުންނެއް ނުކުމެވެ. އެކަމަކު ހިދުމަތުން އޭގެ ތެރެއިން ބަޔަކު ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ޑޮކްޓަރުކަމާއި ނަރުސްކަން ކިޔަވައިގެން ގިނަ ދިވެހިން ތިއްބަސް، ސިއްހީ ހިދުމަތްދޭ ތަންތަނުން ބިދޭސީން ހުސްނުވަނީ ކީއްވެގެން ހެއްޔެވެ؟
ހެލްތު މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެ މިނިސްޓްރީން މި ވަގުތު ހިންގަމުން އަންނަ 115 ސިއްހީ މަރުކަޒާއި 14 ހޮސްޕިޓަލެއްގައި ޖުމްލަ 332 ޑޮކްޓަރުން ތިއްބަސް ދިވެހިންގެ އަދަދު އުޅެނީ 15 އެވެ. މެޖޯރިޓީ ހިއްސާކުރަނީ އެކި ގައުމުތަކަށް ނިސްބަތްވާ 317 ޑޮކްޓަރުންނެވެ.
އެ ތަންތަނުގައި ދިވެހި 625 ނަރުހުން އަދި ބޭރުގެ 414 ނަރުހުންނާއެކު، ސިއްހީ ހިދުމަތްދޭ 129 ތަނެއްގައި 1،039 ނަރުހުން މި ވަގުތު އެބަތިއްބެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި ވެސް ދިވެހި ޑޮކްޓަރުން މަސައްކަތްކުރެ އެވެ.
އެ އަދަދުތަކުގެ ތެރޭގައި ވަކި ގަވާނިން ބޯޑުތަކެއްގެ ދަށުން ހިންގާ ފަސް ސަރަހައްދެއްގެ ހޮސްޕިޓަލްތަކެއް ނުހިމެނެ އެވެ. އެއީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް، ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ. އަދި އެ ކޮންމެ އަތޮޅެއްގައި ހުންނަ ސިއްހީ މަރުކަޒުތައް ބަލަހައްޓައި އެ ތަންތަނަށް މުވައްޒަފުން ހޯދަނީ އެ އަތޮޅުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުންނެވެ.
އެ ހުރިހާ ތަނެއް ހިމަނައިގެން، މާލެ ސަރަހައްދުން ބޭރުގައި މި ވަގުތު ތިބީ ދިވެހި 35 ޑޮކްޓަރުންނެވެ. އޭގެ ތެރެއިން ދިވެހި ޑޮކްޓަރުން އެންމެ ގިނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ދިވެހި އަށް މެޑިކަލް އޮފިސަރުންނާއި ސްޕެޝަލިސްޓް ހަތަރު ޑޮކްޓަރުން އެބަތިއްބެވެ.
ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑިރެކްޓާ ހުސެއިން މާނިއު ވިދާޅުވި ގޮތުގައި މި ވަގުތު ހިދުމަތުގައި ތިބީ ދިވެހިން ހޯދަން އިއުލާނުކޮށްގެން ވެސް މުވައްޒަފުން ނުލިބުމުން ކުރިމަތިލި ބިދޭސީ ޑޮކްޓަރުންނާއި ނަރުހުންނެވެ. ފެންވަރު ރަނގަޅު ދިވެހި މުވައްޒަފުން ނުލިބުމުގެ ގޮންޖެހުންތައް އެންމެ ބޮޑަށް ދިމާވަނީ ވެސް ރަށްރަށަށް ކަމަށް މާނިއު ވިދާޅުވި އެވެ.
ރަށްރަށަށް ދިވެހި ޑޮކްޓަރުން ހާއްސަކޮށް ސްޕެޝަލިސްޓުން ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ހަރަދުގައި މީގެ ކުރިން ސްޕެޝަލައިޒްވާން މީހުން ފޮނުވި އެވެ. އެގޮތަށް ކިޔަވައިގެން އަތުވެއްޖެނަމަ މިނިސްޓްރީން ހަމަޖައްސާ ތަނެއްގައި މަސައްކަތް ކުރުމަށް ބޮންޑުކުރާނެ އެވެ.
އެކަމަކު، މާނިއު ވިދާޅުވީ ބޮންޑުކުރާ ޑޮކްޓަރުންނަށް ވެސް އެކި ސަބަބުތަކާ ހެދި މިނިސްޓްރީން ހަމަޖައްސާ ތަންތަނުގައި މަސައްކަތްކުރަން އުނދަގޫވާ ކަމަށެވެ. ނަމަވެސް، އެ ރަށްރަށުގެ ސިއްހީ ހިދުމަތް ވެސް ތަރައްގީ ކުރެވޭނީ ދިވެހިން ގޮސްގެންކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ މިސާލެއްގެ ގޮތުން ނެންގެވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. އުތުރުގެ ސިއްހީ މައި ހަބު ކުރިއަރަމުން އަންނަ އެއް ސަބަބަކީ ދިވެހި ޑޮކްޓަރުން ތިބުމެވެ.
މާނިއު ވިދާޅުވި ގޮތުގައި ކުރިއަށް ވުރެ ހެލްތު ސެކްޓާގައި ދިވެހިން ގިނަ އެވެ. ބައެއް ރަށްރަށުގެ ހެލްތު ސެންޓަރުތަކުގައި ތިބީ މުޅިން ވެސް ދިވެހި ނަރުހުންކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމާ ހެދި އެ ރަށްރަށުގައި މި ވަގުތު ނާސިންގެ އިތުރު ވަޒީފާތަކެއް ނެތުމުން، މަސައްކަތަށް ނުނިކުމެ ވެސް ބައެއް މީހުން އެބަތިއްބެވެ.
އައިޖީއެމްއެޗްގެ ނަރުހުންތަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެއްވަނީ: އެ ހޮސްޕިޓަލުގައި 500 އަށްވުރެ ގިނަ ދިވެހި ނަރުހުން މަސައްކަތްކުރޭ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
ރަށްރަށަށް ދިވެހި ޑޮކްޓަރުން ފޮނުވަން ދިމާވާ އަނެއް މައްސަލައަކީ، އެ ރަށްރަށުގައި ކްލިނިކް ނުވަތަ އަމިއްލަ ހޮސްޕިޓަލްތައް ނެތުމުން، އިތުރު އާމްދަނީ ހޯދޭނެ ގޮތެއް ނެތުމެވެ. މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ގިނަ ޑޮކްޓަރުން ރަސްމީ މަސައްކަތް ނިންމުމަށްފަހު ޕާޓް-ޓައިމްކޮށް ކްލިނިކްތަކުގައި އަންނަނީ އިތުރު މަސައްކަތްކުރަމުންނެވެ.
މާނިއު ވިދާޅުވި ގޮތުގައި ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީ ޑޮކްޓަރުންނަށް އެކޮމޮޑޭޝަން ދެ އެވެ. އެކަމަކު ދިވެހި ޑޮކްޓަރުންނަށް އެ ފުރުސަތު ނުދޭތީ ފިނޭންސް މިނިސްޓްރީއާ އެ ސުވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ފާހަގަވަނީ ޑޮކްޓަރުންނާއި ނަރުހުންގެ މާކެޓުގައި ކައިރި ތަންތަނުން ހޯދާއިރު ވެސް މުސާރައިގެ މާ ބޮޑު ފަރަގެއް ނެތް. އެހެންވީމަ، ބޮޑަށް ބޭނުންވާނީ އެ މީހުންގެ ގައުމުގައި ތިބެގެން މަސައްކަތްކުރަން،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ހިދުމަތް ހޯދަމުން އަންނަ އަދި ރާއްޖޭގައި ހަތަރު ވަނައަށް އެންމެ ގިނަ މީހުން ދިރިއުޅޭ ރ. އަތޮޅުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު ގަބޫލުކުރައްވާ ގޮތުގައި ސިއްހީ ހިދުމަތް ހޯދުމުގައި ގިނަ ބަޔަކު މިހާރު އެންމެ އިތުބާރު ކުރަނީ ދިވެހި ޑޮކްޓަރުންނަށެވެ. އެ އިތުބާރާއެކު، އެ ތަންތަން ކުރިއަރައިގެން ދާނީ ދިވެހި ޑޮކްޓަރުން ތިބެގެން ކަމަށް، އުނގޫފާރުގައި ހުންނަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ވިދާޅުވި އެވެ.
އެކަން އެނގިގެން ދިޔަ އެއް ކަމަކީ، އައިޖީއެމްއެޗާއެކު ފަށާފައިވާ އައުޓްރީޗް ޕްރޮގްރާމްގެ ތެރެއިން މިދިޔަ މަހު އުނގޫފާރު ހޮސްޕިޓަލަށް ވަޑައިގެންނެވި ކަށީގެ ޑޮކްޓަރު، ޑރ. އިސްމާއިލް ޒާހިރަށް ދެއްކެވުމަށް ލިބުނު ތަރުހީބެވެ. ތިން ދުވަހުގެ ތެރޭގައި 60 އަށްވުރެ ގިނަ މީހުން ދެއްކިއިރު، އުނގޫފާރުގައި މި ވަގުތު ވެސް ކަށީގެ ބޭރު ޑޮކްޓަރެއް އެބަހުންނެވި އެވެ.
"ދިވެހި ޑޮކްޓަރުންނަށް ކުރާ އިތުބާރުން އެ ޑޮކްޓަރަށް ދައްކަން ބޭނުންވީ ކަމަށް ގަބޫލުކުރެވެނީ،" މާހިރު ވިދާޅުވި އެވެ.
އުނގޫފާރުގައި މީގެ ކުރިން ދިވެހި މެޑިކަލް އޮފިސަރުން މަސައްކަތް ވެސް ކުރި އެވެ. އޭގެ ތެރެއިން އެއްބަޔަކު ދިޔައީ ސްޕެޝަލައިޒްވާށެވެ. އެ ތަނުގައި އުނގޫފާރު ހޮސްޕިޓަލުން ސްކޮލަޝިޕް ދިން ޑޮކްޓަރުން ވެސް ހިމެނެ އެވެ. އެކަމަކު، އެ ޑޮކްޓަރުން ކިޔަވައި ނިންމައިގެން އުނގޫފާރު ހޮސްޕިޓަލަށް ލިބުނު ހިދުމަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ރަނގަޅުކުރާ ކަމަށްވަންޏާ ދިވެހި ޑޮކްޓަރުންނާ ނުލައި މިކަމެއް ނުކުރެވޭނެ. އެކަން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، އަޅުގަނޑުމެންގެ ޓެކްނޮލޮޖީ ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައިރު މެޑިކަލް ދާއިރާ ވެސް ކުރިއަރައިގެން ދިޔައީ. އަޅުގަނޑުމެން ސަސްޓެއިންކޮށް މިކަން ކުރިއަށްގެންދަންޏާ ކިހިނެއްތޯ ކޮންޓްރެކްޓް، ކޮންޓްރެކްޓުންގެ ތެރެއިން ގޮސް މީތި ސަސްޓެއިން ކުރާނީ،" މާހިރު ވިދާޅުވި އެވެ.
"މި ގެންނަނީ ރޭޑިއޮލޮޖިސްޓެއް، މި ރޭޑިއޮލޮޖިސްޓާއެކު ހަދާފައި މި އިންނަނީ އެއް އަހަރުގެ ކޮންޓްރެކްޓެއް. އެއް އަހަރު ވާއިރު އެ ބޭފުޅާ ދަންޏާ ސެކްޓާ ޑިވެލޮޕްކުރަން އަޅުގަނޑުމެންނަށް އަންނާނީ ހަމަ އެ ސްޓްރެޓީޖިކް ޕްލޭނުގައި އިންނަ މިންވަރުތަކުން ދާނީ ޑިވެލޮޕްވަމުން ޕްލޭނެއްގެ ދަށުން. ބަލާއިރު، މަސައްކަތް ފެށި ބޭފުޅާ ނުހުރެދާނެ އަޅުގަނޑުމެން ކައިރީ. މި ސެކްޓާ ޑިވެލޮޕްކޮށް، ދިވެހިންނަށް ރަނގަޅު ހިދުމަތެއް މި ޒަމާނުގެ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދިނުމަށްޓަކައި ދިވެހި ޑޮކްޓަރުންގެ މުހިއްމުކަން ވަރަށް ބޮޑު،"
އައިޖީއެމްއެޗްގައި މި ފަހުން އިންޓާންޝިޕް ހަދަން ފެށި އިންޓާން ޑޮކްޓަރުންނަށް ކިޔަވައިދެނީ.-- ފޮޓޯ: އައިޖީއެމްއެޗް
މާހިރު ވިދާޅުވީ ކޮލެޖު/ޔުނިވާސިޓީތަކުން ދަސްވެނިވާ ދުވަސްވަރާ ދިމާކޮށް ނަރުހުންގެ ވަޒީފާއަށް އިއުލާންކުރުމުން ގިނަ ދިވެހިން ކުރިމަތިލާ ކަމަށެވެ. އެކަމަކު، އުސޫލެއްގެ ގޮތުން ވަޒީފާއަށް އިއުލާންކުރެވެނީ ބިދޭސީ މުވައްޒަފުގެ ކޮންޓްރެކްޓް ހަމަވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ނަރުހުން ތަމްރީންކުރާތާ އެތައް އަހަރެއް ވެފައިވާ ނާސިން ސްކޫލްގެ ޑީން އާސިއާ އިބްރާހިމް ވިދާޅުވި އެ ފެކަލްޓީން މިދިޔަ އަހަރު 333 ނަރުހުން ގްރެޖުއޭޓްވި ކަމަށެވެ. އެ ތަނުން ރެޖިސްޓާޑް ނަރުހުންގެ ލެވެލްގައި ދަސްވެނިވީ 174 ދަރިވަރުންނެވެ. އެއީ، އެއް ކޯހަކާ އަޅާބަލާއިރު ގިނަ އަދަދެކެވެ. ނަމަވެސް، ހިދުމަތުން ނުފެންނަ ބަޔަކު އެބަތިއްބެވެ.
އާސިއާ ވިދާޅުވި ގޮތުގައި ކިތައްމެ ގިނަ ދަރިވަރުން ނަރުސްކަން ކިޔަވައިގެން ނުކުތް ކަމުގައި ވިޔަސް އެންމެ ބޮޑު މައްސަލައަކީ ހިދުމަތާއި ސާވިސް ސެކްޓާއާ ދިމާނުވާތީ އެވެ.
ހެލްތު މާސްޓަ ޕްލޭންގައި މީގެ ކުރިން ނެތް އެތައް ކަމެއް ތަންފީޒުކޮށް، ޓާޝަރީ ހޮސްޕިޓަލްތައް އުފެދިގެން ދާއިރު ވެސް މީހުން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޔޫ ރިސާޗު ސެންޓަރުން މިހާރު އަންނަނީ ނަރުސްކަން ކިޔަވައިގެން ހިދުމަތާ ގުޅޭ މީހުންގެ މައުލޫމާތު ހޯދުމަށް ދިރާސާކުރަން ފަށައިފަ އެވެ.
އާސިއާ ވިދާޅުވީ ށ. ކަނޑިތީމް، އދ. މަހިބަދޫ އަދި ފ. ނިލަންދޫގައި މި ވަގުތު 100 ޕަސެންޓް ދިވެހި ނަރުހުން ތިބުމުން އެ ރަށްރަށަށް ނިސްބްތަވާ ދިވެހި ނަރުހުންނަށް ވަޒީފާ ނުލިބި އެބަތިބި ކަމަށެވެ.
"އެ މީހުން ދެން ޖެހޭނީ އެހެން ރަށަކަށް ދާން ނޫނީ މާލެއަށް އަންނަން.. އައިޖީއެމްއެޗްގެ ބޮޑު ބައެއް އަދި ވެސް ބިދޭސީ ނަރުހުން. އެކަމަކު އެ މީހުން މާލެއަށް އަންނަން ޖެހޭނީ ކުއްޔަށް އުޅެން. އެއީ އެންމެ ބޮޑު ސަބަބަބީ. ލިބޭ ބޮޑު އެއްޗެއް ކުއްޔަށް ދޭން،" އާސިއާ ވިދާޅުވި އެވެ.
އެމްއެންޔޫގެ ނާސިން ސްކޫލްގެ ޑީން އާސިއާ "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ 15 އަހަރު ކުރިން އުފެއްދި ނަރުހުންގެ ޖަމިއްޔާގެ ރައީސް އާމިނަތު ނަޝްފާ ވިދާޅުވީ ނަރުސްކަން ކިޔަވައިގެން މާލޭގައި ބޮޑު ކުލީގައި އުޅުމުގެ ބަދަލުގައި ގިނަ މީހުން ބޭނުންވަނީ އަމިއްލަ ރަށުގައި މަސައްކަތްކުރާށެވެ. އެކަމަކު އެ ރަށްތަކުގައި މި ވަގުތު ވެސް ދިވެހި ނަރުހުން ތިބުމުން ވަޒީފާ ނުލިބި އެބަތިބި ކަމަށް ނަޝްފާ ވިދާޅުވި އެވެ.
"އޭގައި އަސްލު ވާ ގޮތަކީ ސްޓޭންޑާޑް ނުކުރެވެނީ. އިންޓަނޭޝަނަލް ރޫލް އަކަށް ފޮލޯކުރަންޏާ މި އިންނަނީ އައިސީޔޫގައި ވެއްޖިއްޔާ ޕޭޝަންޓަކަށް ނަރުހެއް. މިހާރު ވަރަށް ގިނަ ސާވިސްތައް އަތޮޅު ތެރޭގައި ވެސް ގިނަވޭ. ގިނަވާ ވަރަކަށް ރޭޝިއޯ އެބަޖެހޭ ސްޓޭންޑާޑްވާން،" އޭނާ ވިދާޅުވި އެވެ.
"އެ ނުވާތީވެ ހިދުމަތުގައި ތިބޭ ނަރުހުން ވަރަށް ބޮޑަށް ބާންއައުޓް ވަނީ... ގާތްގަނޑަކަށް މަސައްކަތްކުރަން 10 ގަޑިއިރު... ނާސިންގައި ގިނައީ އަންހެން ކުދިން. އެކަމަކު ކުޑަކުދިން ތިބުމާއެކު އެ ވަރަށް ވަގުތު ހޭދަނުކުރެވޭތީވެ ބައެއް ކުދިންނަށް އުނދަގޫވެސް އާދޭ."
އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ނަރުހުންނަށް ފަސޭހަ ވަގުތުތައް އޮންނަ ކަމަށެވެ. ފަސޭހަ ވަގުތުތަކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތުމަކީ ހިދުމަތުން ގިނަ ބަޔަކު ނުފެންނަ އެއް ސަބަބު ކަމަަށް އޭނާ ވިދާޅުވި އެވެ.
އޭގެ އަނެއްކޮޅުން ރަށްރަށުގައި އިތުރު ވަޒީފާ ނުއުފައްދާ ކަމަށާއި މާސްޓާސް ހާސިލްކޮށްގެން ވެސް މަގާމުގެ ކުރިއެރުން ލިބޭނެ ގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަން މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ނަރުހުންތަކެއް ބައިވެރިވަނީ.-ފައިލް ފޮޓޯ: މިހާރު
"ރަށްރަށުގައި މަގާމުތައް ފުރިގެން ކުދިންނަށް ނުވަދެވިފައި. ޓާޝަރީ ހޮސްޕިޓަލްތަކަށް ކުދިން ވަންނަން ބޭނުން ނުވާ ސަބަބަކީ، އެހާ ގިނަ އިރުވަންދެން އެހާ ސްޓްރެސްކޮށް މަސައްކަތް ކުރަން ބޭނުންނުވާތީ."
ނަޝްފާ ވިދާޅުވީ ހޮސްޕިޓަލް ފަދަ ބޮޑެތި ތަންތަނާ ނުގުޅެ ތިބި ނަރުހުން ކްލިނިކް އަދި ފްލެކްސިބިލްކޮށް މަސައްކަތްކުރެވޭ އަމިއްލަ ތަންތަނަށް ދާ ކަމަށެވެ. އަދި ހޮސްޕިޓަލްތަކަށް އަލަށް ވަންނަ މީހުންނާ އެއްވަރަށް ވަކިވާ މީހުން ވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދީގެން ވެސް ވަޒީފާގައި އެ މީހުން ބޭތިއްބޭނެ ގޮތްތަކެއް ވަރަށް މުހިއްމު ކަމަށް ނަޝްފާ ވިދާޅުވި އެވެ.
އައިޖީއެމްއެޗަށް ދިވެހި ޑޮކްޓަރުން ހޯދަން ފާއިތުވި ދެ ތިން އަހަރު އިއުލާންކުރި ކޮންމެ ބުރަކު ވެސް ގިނަ ބަޔަކު ކުރިމަތިލި އެވެ. އެކަމަކު، އައިޖީއެމްއެޗަށް ވެސް ޑޮކްޓަރުން ހޯދަން އިއުލާންކުރެވެނީ ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ވަރަކަށެވެ. މި ފަހުން ވެސް ދިވެހި ދެ މެޑިކަލް އޮފިސަރުން ހޯދަން އިއުލާންކުރުމުން ތިރީހަކަށް ޑޮކްޓަރުން ކުރިމަތިލި ކަމަށް ވެ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލްގައި މި ވަގުތު ތިބި 130 މެޑިކަލް އޮފިސަރުންގެ ތެރެއިން ދިވެހިންގެ އަދަދު އުޅެނީ 100ގަ އެވެ. ސަތޭކަ ޕަސެންޓް ދިވެހިންނަށް ބަދަލުކުރަން ބޭނުންވަނީ އިތުރު 30 ޑޮކްޓަރުންނެވެ.
މިހާރު އެމްބީބީއެސް ނިންމާފައި ތިބި އަދި ކިޔަވަމުން އަންނަ ދިވެހިންނަށް ބަލާފައި އަވަސް މުސްތަގުބަލެއްގައި އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރުންގެ އަދަދު މުޅިން ދިވެހިންނަށް ބަދަލުކުރެވޭނެ ކަމަށް، އެ ހޮސްޕިޓަލްގައި ފާއިތުވި ފަސް އަހަރު މެޑިކަލް ޑިރެކްޓަރަކަށް ހުންނެވި އަދި އެޗްއާރު ކޮމިޓީގެ މެމްބަރު ޑރ. އަލީ ނަޒީމް ގަބޫލުކުރައްވަ އެވެ.
އޭޑީކޭ ހޮސްޕިޓަލް: ސަރުކާރުގެ ސްކޮލަޝިޕްގައި ކިޔެވުމަށްފަހު މިނިސްޓްރީން ހަމަޖައްސާ ތަނެއްގައި ފަސް އަހަރުވަންދެން މަސައްކަތްކުރަންޖެހޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި އައިޖީއެމްއެޗަށް ބޭނުންވާ ދިވެހި ޑޮކްޓަރުން ތަމްރީންކުރާނެ ދާއިރާތައް ތިން އަހަރުކުރިން ކަނޑައަޅައި އެ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރާ ކަމަށެވެ. މުހިއްމު ދާއިރާތަކުން ސްޕެޝަލިސްޓުންނާއި ނަރުހުން އުފެއްދުމަށް މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމުނުތަނާ އައިޖީއެމްއެޗަށް ހާއްސަކޮށްގެން 10 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިދިނެވެ. އެކަމަކު، ކޮވިޑު-19 އާ ހެދި އެ ބަޖެޓު 1.8 މިލިއަން ރުފިޔާއަށް ކުޑަކޮށްލިއަސް، މިދިޔަ އަހަރު ފަސް މުވައްޒަފުން، އިތުރަށް ތަމްރީނުވާން ބޭރަށް ފޮނުވި އެވެ.
އައިޖީއެމްއެޗްގެ ސްކޮލަޝިޕްގައި މިހާރު އަންނަނީ ކުޑަކުދިންގެ ދަތުގެ ޑޮކްޓަރާއި ކްރިޓިކަލް ކެއާ އަދި އިންޓަވެންޝަން ރޭޑިއޮލޮޖީއާ ހޭނައްތާ ދެ ޑޮކްޓަރުން ތަމްރީނުކުރަމުންނެވެ.
ޑރ. ނަޒީމް ވިދާޅުވީ އައިޖީއެމްއެޗަށް ދިވެހި ޑޮކްޓަރުން ހޯދަން މިހާރު ދިމާވާ އަނެއް ގޮންޖެހުމަކީ މީގެ ކުރިން ނޭޕާލުން ރާއްޖެ އަށް ދެމުންދިޔަ ޖާގަތައް ހުއްޓާލުމެވެ. ނޭޕާލާ އެކު ސަރުކާރުން ހަދާފައިވާ އެގްރިމެންޓުގެ ދަށުން އެ ގައުމުގެ ހޮސްޕިޓަލަކާއި ޓީޗިން ހޮސްޕިޓަަކުން ކޮންމެ އަހަރަކު ވެސް ސްޕެޝަލިސްޓުން ތަމްރީނުކުރަން ފުރުސަތު ދިނެވެ. އެކަމަކު، އެ އެގްރިމެންޓު މީގެ ދެތިން އަހަރުކުރިން ހަމަވުމުން ޔަގީން 50 ސީޓް ވަނީ ގެއްލިފަ އެވެ.
އެކަމަކު، މިދިޔަ މަހު ޖެނީވާގައި ބޭއްވި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބައްދަލުވުމުގެ ހަވާސާގައި، ނޭޕާލްގެ ހެލްތު މިނިސްޓަރު ބިރޮދު ހަތިވަޑައާ ބައްދަލުކުރައްވައި ރާއްޖެ އަށް ހާއްސަ ޖާގަތައް ކަނޑައެޅުމުގެ މަޝްވަރާކުރައްވައިފަ އެވެ.
ސަރުކާރުގެ ހަރަދުގައި ޑޮކްޓަރުން ކިޔެވި ނަމަވެސް ޑރ. ނަޒީމްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި ހިދުމަތް ކުރުމަށް އެއްބަސްވެ އެގްރިމެންޓުގައި ސޮއިކުރި ނަމަވެސް އެއަށް އަމަލުނުކުރުމެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ކިޔެވުމަށްފަހު، ބޮންޑު ފުރިހަމަނުކޮށް އެހެން ތަނަކަށް ހިދުމަތްކުރުމަކީ އިންސާފެއް ނޫންކަމަށެވެ. އެ މީހަކު ބޭނުން ތަނެއްގައި މަސައްކަތްކުރުމުގެ އިހުތިޔާރު އަންނާނީ ބޮންޑު ފުރިހަމަވުމުން ކަމަށް، ސީނިއާ ކޮންސަލްޓަންޓް އިން އިންޓާނަލް މެޑިސިން، ނަޒީމް ވިދާޅުވި އެވެ.
"ރާއްޖެ އަށް ބޭނުންވާ ވަރަށް އަދި ވެސް ޑޮކްޓަރުންނެއް މުޅިން އުފެއްދެއެކޭ ނުބުނެވޭނެ. އަނެއް ކަމަކަށް، ލޯނު ނަގައިގެން އެ ކަހަލަ ގޮތްގޮތަށް އެ ކިޔަވަނީ... ރާއްޖޭގައި ފަސްޓް ޑިގްރީގައި ހިލޭ ކިޔަވައިދޭ.. އެކަމަކު އިނގިލި ކުރިން ގުނާލެވޭ ވަރަށް އަތޮޅުތަކުގައި ތިބޭނީ ދިވެހި ޑޮކްޓަރުން. ޓާޝަރީ ހޮސްޕިޓަލްތައް ފިޔަވައި އެހެން ހުރި ތަންތަން ހެލްތު މިނިސްޓްރީގެ ދަށުގައި މި އޮންނަނީ،" ނަޒީމް ވިދާޅުވި އެވެ.
"އެ ތަންތަނުގައި 300 އަށްވުރެ ގިނަ ބިދޭސީ ޑޮކްޓަރުން ތިބޭނެ. އެތަންތަނަށް މިހާރު ދާކަށް ދިވެހި ކުދިން އެއްބަހެއް ނުވޭ. އެންމެން ވެސް ބޭނުންވަނީ މާލެ ސަރަހައްދުގައި އުޅެން. އެހެންވެ، މި އިޝޫ އަންނަނީ."
ނޭޝަނަލް ހެލްތުކެއާ އެކަޑެމީގެ ޑީންގެ މަގާމުގައި ހުންނެވި ނަޒީމް ވިދާޅުވި ގޮތުގައި ދިވެހި ޑޮކްޓަރުން ނެތް ބައިވަރު ސަރުކާރުގެ ހޮސްޕިޓަލްތައް އެބަހުއްޓެވެ.
"އެ ތަންތާ 30 ޕަސެންޓު ނުވަނީސް ދިއުން ފެއާއެއް ނޫން... އަޅުގަނޑުގެ ބޮންޑު ހަމަވިތާ ވެސް 12-13 އަހަރުވެއްޖެ. ޗޮއިސް އަންނަން ވާނީ ބޮންޑު ފުރިހަމަކުރީމަ. ބޮންޑުގައި ޖެހޭނެ ހިދުމަތް ކުރަން. ގަވަމެންޓުގައި [ކިޔަވަން] ގޮސް ސޮއިކުރާއިރު، އެ ސޮއިގެ އަގު ހުންނަންޖެހޭނެ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލް: އެ ހޮސްޕިޓަލުގައި 300 އެއްހާ ޑޮކްޓަރުން މަސައްކަތްކުރޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނަޒީމް ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލްގައި ހިލޭ ޑޮކްޓަރުކަން ކިޔަވައިދޭއިރު ވެސް، މިނިސްޓްރީން ހަމަޖައްސާ ތަނެއްގައި މަސައްކަތް ކުރުމަށް ބޮންޑެއް ނެތް ކަމަށެވެ. ހަމައެކަނި އޮންނަނީ ހިލޭ ޑިގްރީގެ ޝަރުތު، ފަސް އަހަރަށް ރާއްޖެއަށް ހިދުމަތްކުރުމަށް އޮންނަ ޝަރުތެވެ.
އެ ޔުނިވާސިޓީގެ ފަސް ބެޗެއްގައި 150 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ. އޭގެ ތެރޭގައި އަމިއްލައަށް ލޯނު ނަގައިގެންނާއި ސްކޮލަޝިޕްގައި ކިޔަވާ ކުދިން އެބަތިއްބެވެ. ހިލޭ ޑިގްރީގައި ކިޔަވައިދޭއިރު އެ ކުދިންގެ ކިޔެވުމަށް 600،000ރ. އަށްވުރެ ބޮޑު އެއްޗެއް ސަރުކާރުން ހަރަދުކުރެ އެވެ.
އެނގިފައިވާ ގޮތުގައި، ފާއިތުވި ފަސް އަހަރު ސްޕެޝަލައިޒްވި ގިނަ ޑޮކްޓަރުން ކިޔެވީ ސަރުކާރުން ދިން ސްކޮލަޝިޕްގަ އެވެ. އެކަމަކު، އޭގެ ތެރެއިން ސަރުކާރުން ހަމަޖެއްސި ތަންތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ އަދަދު ދިހައަކަށް ވުރެ މަދެވެ. އެ ޑޮކްޓަރުންނަށް ބޮންޑުކުރަނީ ފަސް އަހަރު ސަރުކާރުން ހަމަޖައްސާ ތަނެއްގައި މަސައްކަތްކުރާ ގޮތަށެވެ.
އެހެންވެ، ނަޒީމް ވިދާޅުވީ އޭގެ ތެރެއިން ބަޔަކު ދެ އަހަރު ނަމަވެސް ރަށަކަށް ހިދުމަތްކޮށްފިނަމަ ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމަށެވެ.
"މިހާރު ވަރަށް ދިވެހި [ޑޮކްޓަރުންނަށް] ހިދުމަތްކުރޭ. އުޅުމާއި މިކަންކަން ދިވެހިން މާ ބަލައިގަނޭ. އެ މީހުން ބޭނުންވޭ ދިވެހިން. އެކަމަކު ދިވެހިން ވަރަށް މަދު ސްޕެޝަލިސްޓުން ތިބީ،" އައްޑޫ ހޮސްޕިޓަލްގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ ނަޒީމް ވިދާޅުވި އެވެ.
ރަށްރަށުގައި ތިބި މެޑިކަލް އޮފިސަރުން ސްޕެޝަލައިޒްވުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ލޯނުގައި މި ފަހުން ހުޅުވާލި އެވެ. އެއީ ވަރަށް ރަނގަޅު ނިންމުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އައިޖީއެމްއެޗްގެ އިންޓާނަލް މެޑިސިނާއި އަންހެނުންގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓުގައި މި ވަގުތު ތިބީ މުޅިން ވެސް ދިވެހިންނެވެ.
އޭނާ ވިދާޅުވީ ބޮންޑު ފުރިހަމަކުރުމަށް ފަހު ޕްރައިވެޓް ސެކްޓާ އަށް ދިއުމަކީ ރަނގަޅު ކަމެއް ކަމަށާއި އެ ތަންތަން ވެސް ކުރިއަރައިގެން ދާންޖެހޭ ކަމަށެވެ.
ރަށްރަށަށް ދިވެހި ޑޮކްޓަރުން ނުލިބޭ މައްސަލަ ހައްލުކުރުމަށް ނަޒީމް ވަނީ، މެޑިކަލް ޑިރެކްޓަރަކަށް ހުންނެވިއިރު އައިޖީއެމްއެޗަށް ގިނަ ދިވެހި ޑޮކްޓަރުން ހަމަޖައްސައިދިނުމަށް ހެލްތު މިނިސްޓްރީގައި އެދިވަޑައިގެންފަ އެވެ. އޭނާގެ ވިސްނުމުގައި އޭރު ހުރީ އައިޖީއެމްއެޗްގެ އެކި ޑިޕާޓްމަންޓުތަކުގައި ނުވަ މަސް ވަންދެން މަސައްކަތް ކުރުމަށްފަހު، ކޮންމެ ހަ މަހަކުން ރަށްރަށަށް ބަދަލުވާ ގޮތަށް ޑޮކްޓަރުންގެ ޕޫލެއް އުފައްދާ ގޮތަށެވެ. ނަމަވެސް މިނިސްޓްރީން އޭރު ދިން ޖަވާބަކީ ވަޒީފާތަކަށް ބޭނުންވަނީ ދާއިމީ މުވައްޒަފުން ކަމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސްޕަޔަރިން ހޮލިސްޓިކް ޑޮކްޓަރު
22 June 2022
އަަހަރެންވެސް މި އުޅެނީ ޑޮކްޓަރުކަން ކިޔަވަން . އޯލްޓަނޭޓިވް މެޑިސިން. އަހަރެން ރާއްޖެ އައިސް ތާކުން ތާކު ނުޖެހޭ ޑޮކްޓަރުންތަކެއްގެ ތެރެއަށް އައިމަ އަހަރެން ރޮލާ ކާލާނީ. އަހަރެންނަކަށް ނޯންނާނެ އެއްވެސް ފްރީޑަމްއެއް. އިންޑިއާ ނަމަ އަހަރެންނަށް ކެންސަރު ވެސް ޓްރީޓްކުރެވޭނެ ކީމޯ އާާ ނުލާ. ރާއްޖޭގައި އަހަރެންގެ ލައިސަންސް ބާތިލުކުރާނީ. އަހަރެންނަށް ހަމައެކަނި ފަރުވާކުރެވޭނީ ބަނޑުގަ ވައި ހެދޭތީ އެއަށް އެކަނި ކަންނޭނގެ ރައްޖޭގައި. ވައި ޝުޑް އައި ކަމް؟
ރިޖެކްޓެޑް
19 June 2022
މީގެ ގާތްގަނޑަކަށް 7 އަހަރު ކުރިން އަހަރެންވެސް ތިޔަ ޑަކުޓަރުކަން ކިޔަވަން ކުރިމަތިލިން، ނިކަން ކިޔަވާ ހިތުން. ނިކަން ހިދުމަތްކޮށްދޭ ހިތުން. އެކަމަކު ކޮންމެ ލޯން ފުރުސަތެއް، ކޮންމެ ސްކޯލާޝިޕް ފުރުސަތެއްވެސް ލިބެނީ ފުދިގެން އުޅޭ، ލާރިވެރި މީހުންގެ ދަރިންނަށް. ހަމައެކަނި މޮޅެއް ހޯދުމުގެ ނިޔަތުގައި އެ ފުރުސަތުތަކަށް ކުރިމަތިލާ މީހުންނަށް..... ކުދިން ހޮވުމުގައި، ހިދުމަތްކޮށްދޭން ތިބި ކުދިންނަށް ގިނައިން ފުރުސަތު ދިނުމަށް ފެނޭ..
ކިނބޫ
19 June 2022
މިއަހަރު އިންޓަރންޝިޕް ނިންމި ވިއްސަކަށް ދިވެހި ޑޮކްޓަރުން ވަޒީފާ ނުލިބި، ލޯނު ދެއްކޭނެ ގޮތް ނެތިފަ ތިއްބާ ބޭރު ޑޮކްޓަރުން ހޯދަން އިއުލާނު ކުރީ ކީއްވެތޯ ސުވާލު ކޮށް، އޭގެ ޖަވާބު ހޯދިއްޔާ މާ ރަނގަޅުވާނެ.
ސުވާލުއުފެދޭ
19 June 2022
ބޮޑެތި އާބާދީތައް އޮންނަ ރަށްރަށުގައި ދިވެހި ޑޮކްޓަރުން ކްލިނިކް ނުހުޅުވަނީ ކީއްވެބާ؟ ކްލިނިކަކުން ފަށައިގަނެ ޓެސްޓްތައް ހެދޭނެ ގޮތަށް ފުޅާކޮށްލާ ހެދިދާނެ. ގައުމުގަ އެހާ ބަލިމީހުން ގިނައިރު ރަށްރަށުގަ ރަގަޅު ޑޮކްޓަރުން ނެތުމުން ބަލާނެ ޕޭޝަންޓުން ކައިރި ރަށްތަކުންވެސް ލިބޭނެހެން ހީވަނީ. މާލެ އައުމަށް ކުރާ ހަރަދަށްވުރެ ކުޑަނަމަ އެހެން ރަށްރަށުންވެސް އެރަށަށް ގޮސްގެން ޑރއަށް ދައްކާނެ މީހުން ވެދާނެ ކަންނޭނގެ.
ވަރުބަލި
19 June 2022
ނަރުސްކަން ކިޔަވާ ނިމިގެން އައިސް ވަޒީފާ ލިބޭތޯ ރަށު ހޮސްޕިޓަލުގައި އާދޭސް ކުރާތާ 6 މަސް ވީފަހުން ފިނޭންސުން ހުއްދަ ދީގެން އިއުލާނެއް ކުރީމައި އެއަށް ފޯމު ލައިގެން އަދި އެބަ ހުންނަންޖެހޭ މަސް ދެމަސް ވަންދެން އަދިވެސް ވަޒީފާއަށް ނުނިކުމެވިފައި. ދިވެހިން ގިނަ ކުރަން ބޭނުންނަމަ މިހުންނަ ޕްރޮސެސްތައް ތަންކޮޅެއް އަވަސްކޮއްލަދޭނަމަ…
ސިއްހީ ޚިދުމަތްތެރިޔާ
19 June 2022
އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް ދިވެހި ޑޮކްޓަރުން ޝައުގުވެރި ނުވާ ބައެއް ސަބަބުތައް # މަސައްކަތް ކުރަން ބޭނުންވާ ސާމާނުތައް، ލެބޮޓްރީ ޓެސްޓްތައް ހެދެން ނެތުން (ބިދޭސީ ޑރން ވެސް ހިތްހަމަ ނުޖެހޭ ސަބަބެއް) #މާލޭގައި ހަފްތާ އަކު 5 ދުވަހު މަސައްކަތްކުރަންޖެހޭއިރު އަތޮޅުތެރޭގައި 6 ދުވަކު މަސައްކަތް ކުރަން ޖެހުން #ބިދޭސީންނަށް ލިބޭ ލިވިން، ފުޑް އެލަވަންސް ނުލިބުން (ތިބޭ ތަނަށް ކުލި ދައްކައިގެން އުޅެން ޖެހުނަސް) #އިތުރު އާމްދަނީ އެއް ލިބޭނެ ގޮތެއް ނެތުން
އަޑަފި
19 June 2022
ބަލަގަ މަ ބުނަންތަ އަދި މިތާ ނުބުނެވި އޮތް ވާހަކައެއް. މިކަން މިގޮތައް ދާކަން ސަރުކާރަށްވެސް ވަރަށް ރަނގަޅަ އެނގިފަ އޮންނާނީ. ދިވެހި ސަރުކާރުގެ ސްކޮލާޝިޕް ގައި އެތައް ކުދިންނެއް ޔޫކޭ، އޮސްޓުރޭލިޔާ އަށް ޑޮކްޓަރުކަން ކިޔަވަން ފޮނުވާ ކޮނމެ އަހަރަކު. ބޮންޑާ އެކީ ފޮނުވަނީ. އެކަމް ލާހިކެއްނޫން މިއިން އެކަކުވެސް ކިޔަވާ ނިމިގެން ރާޖެ އަކަށް ނާންނާނެ. މިމީހުން އެ ގައުމު ތަކުގަ ކިޔަވާ ނިމުނީމާ ރާއްޖެ ސަރުކާރުންއެތާނގަ ވަޒިފާ އަދާކުރަން އެބަ ހުއްދަވެސް ދޭ!
ޑރ.
19 June 2022
އަތޮޅުތެރޭގައި މަސައްކަތްކުރަން ދިވެހި ޑޮކްޓަރުން ދިޔަޔަސް އެތަންތަން ކުރިނާރާނެ. ކުރިއަރާނީ އެ ކަމަށް މިނިސްޓްރީ އިން ވެސް އެއްބާރުލުން ދީގެން. ޑޮކްޓަރުން ހޯދަން އެދޭ ސާމާނުތައް ވީހާވެސް އަވަހަކަށް ހޯދައި ދެވިގެން. ސާމާނުތައް ހޯދަން އެދިގެން އަހަރު ދެއަހަރު ވާއިރުވެސް އެއްޗެއް ނުލިބި ކަމެއްނުކުރެވި، ލިބިފައިވާ ތަޢުލީމާއި ތަމްރީންގެ ބޭނުން ނުކުރެވޭ ތަންތަނުގައި ކިހިނެއްތޯ މަސައްކަތް ކުރާނީ. ކިހިނެއްތޯ އެތަންތަން ކުރިއެރުވޭނީ؟
ކިޔަވައިފިއްޔާ ލައިސަންސެއް ނަގަންޖެހޭ
19 June 2022
ލައިސަންސޭ ކިޔައި ޑޮކްޓަރުންނަށާއި ޓީޗަރުންނަށް ދަތިކުރާތީ ދިރިއުޅެން އެހެންކަމެއްކުރުން މާ ރަނގަޅު
މިނިސްޓްރީ އޮފް ޓޮއިލެޓް
19 June 2022
ބިދޭސީ ޑޮކްޓަރުންނާ ނަރުހުން ގެނައުމަކީ ހެލުތު މިނިސްޓްރީގެ ބޮޑަތިމީހުން އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް. ޢެކަމުން މުއްސަނދި ވަނީ ކިތައް މީހުން? މިވާހަކަ ދައްކަން ކެރޭ ބަޔަކު އެބަތިބި?