އިސްގާޒީ ހުޒައިފާ އާއި ޖޭއެސްސީގެ ރައީސް ހިސާންއާ އެކު: ހައި ކޯޓުގެ ބެންޗަށް އިސްގާޒީ ހުޒައިފާ އައްޔަންކުރަން ވަނީ ނިންމާފައި -- ފޮޓޯ/ޖޭއެސްސީ
23 ޖޫން 2022 - 12:33
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ ހުޒައިފާ މުހައްމަދު އައްޔަން ކުރަން ނިންމައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުން ބެންޗުން ހުސްވެފައިވާ ތިން މަގާމުގެ ތެރެއިން އެއް މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވީ ހުޒައިފާގެ އިތުރުން ވަކީލެކެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހުޒައިފާ އައްޔަން ކުރަން ނިންމީ އޭނާއަކީ "ހައިލީ ރެކޮމެންޑެޑް" ބޭފުޅެއްކަމަށް ވާތީ އެ ކޮމިޝަންގެ އިއްޔެ ބޭއްވި ޖަލްސާއިން ކަމަށެވެ.
އިސްގާޒީ ހުޒައިފާއަކީ 2007 ވަނަ އަހަރު ރާއްޖޭގައި ފަނޑިޔާރު ކަމަށް ފުރަތަމަ އައްޔަންކުރި އަންހެން ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާ އެވެ. އޭރުއްސުރެން ފެށިގެން އޭނާ މަސައްކަތް ކުރެއްވީ ފެމިލީ ކޯޓުގަ އެވެ. އެ ކޯޓުގެ އިސްގާޒީ ކަމަށް އޭނާ އައްޔަންކުރީ މިއަހަރު ކުރީކޮޅެވެ.
ހައި ކޯޓުގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ދެއްވުމުންނެވެ. އަދި މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން އިސްތިއުފާ ދެއްވި ފަނޑިޔާރަކާއި މަޖިލީހުން ފާސްކޮށްގެން މަގާމުން ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ދެ ބޭފުޅުންގެ މަގާމު އަދިވެސް ހުސްކޮށް އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން މުފީދު
23 June 2022
އަނެއްކާ ވައްހާބީ ސަލަފީން މިރޭ ތާލިބާން ދިދަ ހިފައިގެން މުޒާހަރާ ނުކުރާނެބާ ! އެމީހުން ކުރިން ބުނަމުން ދިޔައީ އަންހެނުން ގާޒީކަންކުރުމަކީ 'ބޮޑު ހަރާމް' ކަމެކޭ!
ލޭކަރުނަ
23 June 2022
ހެހެހެ އިޢުލާނު ކުރިއިރުވެސް އެނގޭ ހުޒޭފާ ނަގާނެކަން. ހިސާންއާ އެއް ޓީމެއް. ދެން ނަގާނީވެސް އަންހެނެއް.
ހުސެން ބެންގަލޫރު
23 June 2022
ދީބާނާޒް.
އެލްވިސް
23 June 2022
ޝުކުރު ﷲ އާ އަޅާ ބަލާއިރު ހުޒައިފާ ތައުލީމީ ގޮތުން ނާއި ތަޖްރިބާގެ ގޮތުން މާ ކުރީ ގައި އުޅެނީ. އެއްވެސް ނުފޫޒެއް ނެތް . ޙުޒައިފާ ހައި ކޯޓުގެ ބެންޗަށް އައުން މިހާރުވެސް މާ ލަސްވެއްޖެ.
ކޮބާތަ
23 June 2022
ބަލަ ނުފޫޒު ނެތްކަން އެނގޭނު މީހަކު ކުރިމަތި ނުލީމަ. ހުޒައިފާ ކުރިމަތި ލީ ލިބޭނެކަން އެނގޭތީ. އެހެން ބަޔަކު ކުރިމަތި ނުލީ ނުނަގާނެކަން އެނގޭތީ. ހުޒައިފާ ދެރަވެގެން ނޫން މައްސަލައަކީ ބޭނުން ބަޔަކު ޕިންޕޮއިންޓްކޮށް ނަގާތީ