ބައެއް ކްލިނިކްތަކުން އައިވީއެފް ހަދާއިރު އޮޅިގެން އެމީހާގެ ދަރިން ނޫން ދަރިން ވެސް މީހުންނަށް ލިބިފައިވޭ
01 ޖެނުއަރީ 2017 - 06:49
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުންނަށް ފަރުވާ ދޭ ކްލިނިކެއްގައި އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ހެދިއިރު އެރި އޮޅުންތަކެއްގެ ސަބަބުން، ނުވެސް ދަންނަ މީހުންގެ ދަރިންނަށް ބައެއް އަންހެނުން ބަލިވެ އިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އައިވީއެފް އަކީ ދަރިން ލިބޭނެ އެހެން ހުރިހާ މަގެއް ބަންދުވުމުން ދަރިން ހޯދޭނެ އެންމެ ފަހު ގޮތްކަމަށް ދެކިގެން މީހުން ހޯދާ ފަރުވާ އެކެވެ. މި ފަރުވާ ދެނީ އަންހެންމީހާގެ އޯވަރީން ފައްކާވެފައިވާ ބިސް ނަގައި ފިރިހެންމީހާގެ ދަރިފަންޏާ ގުޅުވައި ދަރިމައިކޮށްގެންނެވެ. މިކަން ކުރަނީ ލެބޯޓްރީގަ އެވެ. ދަރިމައިކުރުމަށް ފަހު އަނެއްކާވެސް އެ ބިސް އަންހެންމީހާގެ ރަހިމުގައި ހަރުލައްވަ އެވެ. އެ ބިހުން ދަރިއަކު އުފެދޭނެކަމުގެ އުންމީދާ އެކުގަ އެވެ.
ނެދަލެންޑްސްގެ އުޓްރެކްޓް ޔުނިވަސިޓީ މެޑިކަލް ސެންޓަރުގައި މި ގޯސް ހެދުނީ 2015ގެ އޭޕްރީލް މެދުތެރޭގަ އާއި 2016ގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި ކްލިނިކުން ފަރުވާ ހޯދި 26 މީހަކަށް މި މައްސަލަ ދިމާވި އެވެ. މީގެ ތެރޭގައި ހިމެނޭ 13 އަންހެނުންގެ ބިސް ނުބައި ދަރިފަންޏާ އެކު ދަރިމައިކުރެވިފައިވާ ކަމަށް ކްލިނިކުން ވަނީ އެއްބަސްވެފަ އެވެ.
މިގޮތަށް ދިމާވި މީހުންނަށް އެކަން އަންގައި އެކަން ދިމާވި ސަބަބު ހޯދަން ތަހުގީގެއް ފަށައިފި ކަމަށް ވެސް އެ ކްލިނިކުން ބުންޏެވެ. އެތަނުން ބުނެފައި ވަނީ އިތުރު މައުލޫމާތު ދެވޭނީ ތަހުގީގު ނިމުމުން ކަމަށެވެ.
އެ ކްލިނިކުން މިކަން ހާމަކުރިއިރު އައިވީއެފް ހެދި އަންހެނުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އިނީ ބަލިވެ އެވެ. ނުވަތަ މިދިޔަ އަހަރު އައިވީއެފް ހެދި މީހުންގެ ތެރެއިން ގިނަ މީހުން ވިހައިފި އެވެ. އެހެން ބައެއް މީހުންގެ ދަރިފަނި ކޮންމެވެސް އެހެން މީހެއްގެ ބިހުގައި ވަނީ ދަރިމައިވެފަ އެވެ.
މިކަން ހިނގި ކްލިނިކުގައި މީގެ ކުރިން ވެސް ހަމަ މިފަދަ މައްސަލައެއް ކުރިމަތިވެފައިވެ އެވެ. އެހެންވެ މިކަން ތަކުރާރު ވެފައި ވުމުން ވެސް ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ސިންގަޕޫރުގައި ވެސް 2012 ގައި މިފަދަ ކަމެއް ހިނގި އެވެ. އެފަހަރު އައިވީއެފް ހެދި އަންހެނަކު ބުނީ އޭނާއަށް ވެސް އައިވީއެފް ހަދައިދީފައިވަނީ އެމީހުން ދިން ދަރިފަނިން ނޫން ކަމަށާއި ލެބޯޓްރީން އޮޅުވާލާފައިވާ ކަމަށެވެ. އެމީހާއަށް އެކަން ފާހަގަކުރެވުނީ ކުއްޖާ ވިހެއުމަށްފަހު ކުއްޖާގެ ހަންގަނޑުގެ ކުލަ އެ ދެމަފިރިންނާ މާ ބޮޑަށް ތަފާތު ވެސް ޓެސްޓް ކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy