ފީޗާސް / އައިޖީއެމްއެޗު

ޑރ. ވަހީދު: ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ސާޖަން

ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ސާޖަން ޑރ. ވަހީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަލިފާނުގެ ހާދިސާތަކާއި ގޭސް ފުޅި ގޮވައިގެން ނުވަތަ ގަޔަށް ހޫނު ފެން އެޅިގެން މީހާގެ ސިފަ ގެއްލޭ ވަރަށް ފިހުމާއި ގައިގައި ހެދިފައި ހުންނަ ބޮޑެތި ފާރުގަނޑުތައް ނޫނީ މަގުމަތީގެ އެކްސިޑެންޓުތަކުގައި މީހާގެ އަތާއި ފައި އަދި މޫނު މައްޗަށް ލިބޭ ބޮޑެތި އަނިޔާތަކުގައި ޒަހަމްވާ ބައެއް މީހުންނާއި އެ އާއިލާތަކަށް ލިބޭ އެންމެ ބޮޑު ދެރައަކީ ފުރާނަ ސަލާމަތްކުރެވޭ ވަރަށް ރާއްޖެއިން ފަރުވާ ހޯދުމަށްފަހު ވަކި ހިސާބަކުން ބޮޑު ހަރަދެއްކޮށްގެން ބޭރަށް ދާން ޖެހުމެވެ.

އެ ޒަހަމްތަކުން ފަސޭހަވުމަށް އޮތް އެންމެ ރަނގަޅު އެއް މަގަކީ ހަށިގަނޑުގެ އެހެން ތަނަކުން މަސް ނަގައިގެން ނުވަތަ ހަން ނަގައިގެން އެ ތަނެއް ފޮރުވާލުމެވެ. އެކަމަކު، އެ އޮޕަރޭޝަން ކުރެވޭ ފެންވަރަށް ތަމްރީންވެފައި ހުރި ޑޮކްޓަރެއް މިދިޔަ މަހާ ހަމައަށް ރާއްޖޭގައި ނެތެވެ.

ނަމަވެސް އެ އުނދަގޫ ތަހައްމަލްކުރާ މީހުންގެ ވޭނަށް ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ސާޖަން، ޑރ. މުހައްމަދު ވަހީދާއެކު ގާތްގަނޑަކަށް މި ވަނީ ނިމުމެއް އައިސްފަ އެވެ.

ޕްލާސްޓިކް ސާޖަރީގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ޔުނިވާސިޓީ، ތައިލެންޑުގެ މަހިޑޯލް ޔުނިވާސިޓީގައި ތިން އަހަރު ކިޔެވުމަށްފަހު މިދިޔަ މަހުގެ ފަހުކޮޅު އައިޖީއެމްއެޗާ ގުޅިވަޑައިގެންފަ އެވެ.

ޑރ. ވަހީދު، 50، ވިދާޅުވި ގޮތުގައި ޕްލާސްޓިކް ސާޖަރީއޭ ބުނުމުން އެންމެންގެ ސިކުނޑިއަށް ވެސް އަންނަނީ މީހާގެ ސޫރަ ރީތިކުރުމަށް ކުރާ އޮޕަރޭޝަންތަކެވެ. އެކަމަކު، މިއީ، އޭނާ ވިދާޅުވި ގޮތުގައި ފަރުވާގެ ރޮނގުގައި ރާއްޖެއަށް ހުރިހާ ގޮތަކުން ވެސް މުހިއްމު ދާއިރާއެކެވެ.

ގައުމީ ކާރިސާތަކުގައި އެހީތެރިއެއް

މަޖީދިއްޔާގައި ކިޔަވާ ވިދާޅުވަމުން އައިއިރު ޑޮކްޓަރަކަށް ވުމުގެ އަޒުމްގައި ހުރުމުން ޑރ. ވަހީދު، އޭރުގެ ސައިންސް އެޑިއުކޭޝަން ސެންޓަރަށް އޭ ލެވެލްއާ ގުޅިވަޑައިގަތުމަށްފަހު އެމްބީބީއެސްއަށް ބޭނުންވާ މުހިއްމު މާއްދާތައް ކިޔެވި އެވެ. އެކަމަކު، އެ ބެޗުގައި މޮޅެތި އަދި ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ގިނަ ދަރިވަރުން ތިބުމުން ސްކޮލަޝިޕެއް ލިބުން ފަސޭހައެއް ނުވި އެވެ.

އޭނާގެ އަތުގައި ނަސީބް ހިފީ، 1993 ވަނަ އަހަރު އައިޖީއެމްއެޗަށް ގުޅިވަޑައިގެންނެވިތާ ތިން އަހަރު ފަހުން ކިއުބާއިން ޑޮކްޓަރުކަން ކިޔަވަން ލިބުނު ސްކޮލަޝިޕް ފުރުސަތާއެކުގަ އެވެ.

ޑރ. ވަހީދު (ވ) ޔުނިވާސިޓީގެ ބޭފުޅަކާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރުކަން ކިޔެވުން ނިންމަވައި 2003 ވަނަ އަހަރު އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑެތި ހާދިސާތަކުގައި ޒަހަމްވި މީހުންނަށް ފަރުވާ ދޭން ޖެހިވަޑައިގެންނެވި ކަމަށެވެ. އެ ތަނުން ފުރަތަމަ ހާދިސާއަކީ ކ. މާފުށީ ޖަލުގައި ބަޑި ޖަހައިގެން ހާލު ދެރަވި މީހުންނެވެ.

އޭނާ ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ހުޅުލޭގައި ވަގުތީ ސެންޓަރެއް ހަދައި އެ ތަނުގައި ވެސް ޑިއުޓީ އަދާކުރައްވަން ޖެހުނު ކަމަށެވެ.

ދެ ވަނަ ހާދިސާއަކީ ޑިސެމްބަރު 2004 ގައި ރާއްޖެއަށް ސުނާމީ އެރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހެން ރަށްރަށަށް ވަޑައިގެން ފަރުވާ ދެއްވަން ޖެހުމެވެ. ޑރ. ވަހީދު ވިދާޅުވީ ރާޅު އެރިތާ ގަޑިއިރެއްގެ ތެރޭގައި ކަނޑުމައްޗަށް އެރުމަށް ސަރުކާރުން އެންގުމުން ކޯސްޓްގާޑުގެ އުޅަނދުގައި ކ. ގުޅިއަށް ވަޑައިގެން، އެ ރަށުގައި ތިބި މީހުންނަށް ފަރުވާ ދެއްވަން ފެއްޓެވި ކަމަށެވެ.

"އެ ދުވަހަކީ ތަފާތު ތަޖުރިބާތަކެއް ކުރެވުނު ދުވަހެއް. ވަރަށް އަންއެކްސްޕެކްޓެޑްލީ ދިވެހިރާއްޖެއަށް ދުވަހަކު ވެސް އަންނާނެ ކަމަށް ހީނުކުރާ ކަހަލަ ކަންތައްތަކެއް ކުރަން ޖެހުނު. ބިން މަތީގައި މީހުން ބާއްވައިގެން ހަލާކުވެފައި ހުންނަ ތަންތަން ފެހުމާއި ބޭސް އެޅުމާއި ބުޅި ބައްތި އަލީގައި މަސައްކަތްކުރަން ޖެހުމާ. އެ ކަހަލަ ތަފާތު ތަޖުރިބާއެއް ކުރެވުނު،" މާލެއަށް އުފަން ޑރ. ވަހީދު ވިދާޅުވި އެވެ.

ގުޅީގައި މަސައްކަތްކުރެއްވުމަށް ފަހު، ސުނާމީ އެރިތާ ދެ ވަނައަށް ވީ ދުވަހު އޭނާ ބަދަލުކުރެއްވީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. އެ ރަށުގައި ހަފްތާއެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު އިންޓަޕޯލްގެ އެންގުމަކާ ގުޅިގެން ލ. އަތޮޅަށް ވަޑައިގެން، މަރުވެގެން ފަރުތަކަށާއި އެކި ތަންތަނަށް ލައްގާފައި އޮތް ތިރީހަކަށް މީހުންގެ ހަށިގަނޑުން އޭނާ ސާމްޕަލް ނެގި އެވެ.

އެ ދެ ހާދިސާއަށް ވިއްސަކަށް އަހަރުވެގެންދާއިރު ވެސް، އެ ހަނދާންތައް ޑރ. ވަހީދުގެ ހިތު ތެރޭގައި ބިންވަޅު ނެގިފައި އެބަހުއްޓެވެ.

ސްކޯޕް ބޮޑު، ގިނަ މަސައްކަތްތައް އެބަހުރި

ސްކޮލަޝިޕްގައި ޑޮކްޓަރުކަން ކިޔެވުމަށްފަހު އައިޖީއެމްއެޗާ ގުޅިވަޑައިގަތުމަށްފަހު އޭގެ ހަތަރު އަހަރު ފަހުން އޮޕަރޭޝަނުން ހާއްސަވުމަށް ޑރ. ވަހީދު ވަޑައިގެންނެވީ މެލޭޝިޔާއަށެވެ.

އެ ގައުމުން ސްޕެޝަލައިޒޭޝަން ނިންމަވައި 2012 ވަނަ އަހަރު އަނބުރާ އައިޖީއެމްއެޗާ ގުޅިވަޑައިގަތުމުން މީހުންގެ ގައިގައި އުފެދޭ ފާރު ރަނގަޅުނުވުމުގެ މައްސަލަ ގިނަކަން ޑރ. ވަހީދަށް ގަބޫލުކުރެއްވުނެވެ. އެއީ ވެސް ރާއްޖޭގައި ކުރިއަރުވަން ޖެހޭ މުހިއްމު ފަރުވާއަކަށް ވާތީ އެ ދާއިރާއަށް އޭނާގެ ހާއްސަ ޝައުގުވެރި ކަމެއް އޮތެވެ.

ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ސާޖަން ޑރ. ވަހީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑރ. ވަހީދު ވިދާޅުވީ ހަކުރު ބަލީގެ މީހުންގެ ފައިގައި އުފެދޭ ފާރު ނުވަތަ އެނދުމަތި ކޮށްފައި ތިބޭ މީހުންގެ ބުރަކައްޓާއި ފައި އަދި އަރިކަށީގައި ފާރު ހެދި، އެ ފާރުތައް ފަސޭހަނުވުމުގެ މައްސަލަތައް އޭރު ފާހަގަކުރެއްވުނު ކަމަށެވެ. ނަމަވެސް އެ ފާރުތައް ފަސޭހަކުރުމަށް އެކަށީގެންވާ ވަސީލަތްތައް އޭރު ނެތުމުން ޑރ. ވަހީދާއި އޭނާގެ ޓީމުން އެކި ގޮތްގޮތަށް މަސައްކަތާއި ދިރާސާކޮށް، ފާރުގަނޑަށް ބޭސް އެޅުމަށް ބޭނުންކުރާ ސާމާނަށް ބަދަލުތަކެއް ގެންނަން ނިންމި އެވެ.

އެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މެލޭޝިޔާގެ ވޫންޑް ކެއާ އެސޯސިއޭޝަނާއި އާޝިޔާން ސަރަހައްދުގެ ވޫންޑް ކެއާ ސޮސައިޓީގެ ފަރާތުންނެވެ. އެއީ ވަގުތީ ކަމަކަށް ނުހެދުމަށް އެ ބޭނުންވާ ތަކެތި އައިޖީއެމްއެޗުން ގެނެސް 2015 ވަނަ އަހަރު ވޫންޑް ކެއާ ނުވަތަ ފާރު ރަނގަޅުކުރުމަށް ދޭ ފަރުވާ ވަރުގަދަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޑްވާންސްޑް ވޫންޑް ކެއާ ސާމާނު ހުއްޓަސް ހުރިހާ ފާރުތަކެއް ރަނގަޅެއް ނުކުރެވެ އެވެ. އޭރު ވެސް ދިމާވި އެއް ދައްޗަކީ، ޑރ. ވަހީދު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ފުރިހަމަކޮށްދޭނެ ޕްލާސްޓިކް ސާޖަންއެއް ނެތުމެވެ. އެހެންވެ، މެލޭޝިޔާގެ ވޫންޑް އެސޯސިއޭޝަނާ ގުޅިގެން ބޭއްވި ބައްދަލުވުންތަކުގައި ވެސް ރިކޮންސްޓްރަކްޓިވް ސާޖަރީ ހެދުމަށް ރާއްޖެއިން ބޭރަށް ބަލި މީހުން ފޮނުވުން ހުއްޓުވުމަށްޓަކައި ޕްލާސްޓިކް ސާޖަންއެއް ތައްޔާރުކޮށްދިނުމަށް ރާއްޖެއިން އެދުނެވެ.

ތައިލެންޑުގެ ރަސްގެފާންގެ ޔުނިވާސިޓީން އެ ފުރުސަތު ލިބުނީ މެލޭޝިޔާއިން ވެސް ކޮށްދިން މަސައްކަތުންނެވެ. އޭނާ ކިޔެވުން ނިންމެވީ އައިޖީއެމްއެޗްގެ ޕޭ ލީވް އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ބޮޑު އެހީއެއްގަ އެވެ.

"ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ރިކޮންސްޓްރަކްޓިވް ސާޖަރީގެ ބައި ބޭނުންވޭ. ރިކޮންސްޓްރަކްޓިވް ސާޖަރީއަކީ ލިބޭ އަނިޔާއަކުން އަތް ނޫނީ ފައިގެ މަސްގަނޑުގެ ބައެއް އުނިވެގެން ދިއުން. އުނިވެގެން ދިޔައީމަ އެތަނަށް ބޭނުންވާ މަސް ލާ، ހަން އަޅައި އެ ކަހަލަ އޮޕަރޭޝަންތަކެއް ކުރުން. އެއީ އެއްކަންތައް. މިސާލަކަށް ފިހޭ މީހުންގެ ތަންތާ ހަން އަޅައި އެ ހުންނަ ކޮންޓްރެކްޓާ އެއްޗެހި ދުއްވާލައި އެ ކަންތައްތައް ވެސް އެއީ ޕްލާސްޓިކް ސާޖަރީގެ ދަށުން ކުރާ ކަންތައްތައް،" ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރުކަން 2018 ވަނަ އަހަރު ކުރެއްވި ޑރ. ވަހީދު ވިދާޅުވި އެވެ.

އޭނާ ތަމްރީން ފުރިހަމަކުރެއްވީ އެ ޔުނިވާސިޓީގައި މީގެ 50 ވަރަކަށް އަހަރު ކުރިން ހެދި ޕްލާސްޓިކް ސާޖަރީ ޑިޕާޓްމަންޓުގަ އެވެ. ރާއްޖެއާ ހިލާފަށް އެ ތަނުގައި ކޮންމެ ދުވަހަކު ވެސް އެތައް އޮޕަރޭޝަނެއް ކުރެ އެވެ. ޑރ. ވަހީދު ބައިވެރިވެވަޑައިގެންނެވި އެންމެ ތަފާތު ކަމަކީ ވިހެއިރު ގުޅިފައި ތިބި އެއްމާބަނޑު ދެ އަންހެން ކުދިން ވަކިކުރުމަށް ހެދި ސާޖަރީ އެވެ.

ބޮޑު ޓީމަކުން އެތައް ގަޑިއިރެއް ވަންދެން ކުރި އޮޕަރޭޝަން ކާމިޔާބުކަމާކޮށް، އެ ދެ ކުދިން ވަނީ ވަކިކޮށްފަ އެވެ.

މުހިއްމު ކަމެއްގެ ފެށުން

ސާޖަންއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނަމަވެސް ފިހިގެން އަންނަ މީހުންނާއި ހަލާކުވެފައި ހުންނަ ފާރުތައް ފަސޭހަކުރުމުގެ ޒިންމާގައި އިސްކޮށް ހުންނެވީ ޑރ. ވަހީދެވެ. އެކަމުގެ ތެރޭގައި އުޅުއްވަނިކޮށް އޭނާއަށް ކުރެއްވުނު އެންމެ ތަފާތު ތަޖުރިބާއަކީ 22 ޓޫރިސްޓުން ގޮވައިގެން ހުޅުލެއިން ފުރައިގެން ރިސޯޓަކަށް ދަނިކޮށް 2017 ވަނަ އަހަރު ލޯންޗެއް ގޮވައިގެން އެއް ފަހަރާ ގިނަ ބަޔަކަށް ފަރުވާ ދޭން ޖެހުމެވެ.

މީހެއްގެ ފައިގައި ހަލާކުވެފައި އިން ފާރުގަނޑެއް (ކ) އަދި އެ ފާރުގަނޑު ރަނގަޅުކުރުމަށް ޑރ. ވަހީދުގެ ޓީމުން ސާޖަރީކޮށްފައި އިން ފޮޓޯއެއް.

އެ ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ދެ މީހަކު އިމަޖެންސީގައި އޮޕަރޭޝަންކޮށް އެންމެންގެ ފުރާނަ ސަލާމަތްކުރެވުމަކީ އެ ދުވަހު ޑރ. ވަހީދަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ފިހޭ މީހުންގެ އިތުރުން ހަކުރު ބަލީގައި ހަލާކުވާ ފައިގެ ފާރުތައް ރަނގަޅުކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް ރަނގަޅަށް ދެމުން އަންނަ ފަރުވާއެކެވެ. ރާއްޖޭގައި ވެސް ހަކުރު ބަލި ގިނަ ވަމުންދާތީ އެއީ ކުރަންޖެހޭ ކަމެއްކަން ފާހަގަކުރެއްވި އެވެ.

ޑރ. ވަހީދު ވިދާޅުވީ ޕްލާސްޓިކް ސާޖަންއެއްގެ ގޮތުން އޭނާ އިސްކަންދެއްވާނެ އެއް ކަމަކީ ހަކުރު ބަލީގެ މީހުންގެ ފައިގައި ނަގާ ފާރުގަނޑު ރަނގަޅުކުރުމުގެ މަސައްކަތެވެ. ދެ ވަނަ ކަމަކީ ފާރުގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ފަރުވާ ހޯދަން ކޮންމެހެން މާލެ އަންނަން ނުޖެހި، އެ ރަށަކުން ފަރުވާ ލިބޭނެ ގޮތް ހަމަޖެހުމެވެ.

ރާއްޖޭގައި އެންމެ ގިނަ އަންހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަންކޮށް އެ ގުނަވަން ނެގުމަށްފަހު އައިބު ފިލުވުމަށް ވެސް ޕްލާސްޓިކް ސާޖަންގެ އެހީ ބޭނުންވެ އެވެ. އައިޖީއެމްއެޗްގައި މިހާރު ވެސް ކެންސަރުގެ އޮޕަރޭޝަނާއެކު އުރަމަތީގެ އައިބު ފިލުވުމުގެ މަސައްކަތްކޮށްދެ އެވެ. އެކަމަކު، އެ ފަރުވާ އެންމެ ފުރިހަމަވެގެން އަންނަނީ ޕްލާސްޓިކް ސާޖަންއަކާއެކުގަ އެވެ.

"މިސާލަކަށް އުރަމަތީގެ އޮޕަރޭޝަންތައް، އުރަމަތި އެއް ފަރާތަކުން ނަގާފައި ދެން ހަދަން ޖެހޭ ރިކޮންސްޓްރަކްޝަންތައް. އެ އައިބެއް ނުހުންނަ ގޮތަށް އުރަމަތި އަލުން ހެދުން ނޫނީ ބޭރަށް ފެންނައިރު އައިބެއް ނުފެންނަ ގޮތަށް ހަދައިދިނުން. އައިޖީއެމްއެޗްގައި ކުރެވޭ ކެންސަރު އޮޕަރޭޝަންތަކުގައި މިހާރު ވެސް އެ މަސައްކަތް ކުރެވޭ. އެއަށް ލިބިގެންދާ އިތުރު ބާރަކަށް ވާނެ ޕްލާސްޓިކް ސާޖަރީ މި ކޮޅުގައި ފެށުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ސާޖަން ޑރ. ވަހީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އައިޖީއެމްއެޗްގައި މަސައްކަތް ފެއްޓެވި ފުރަތަމަ ހަފުތާގައި ވެސް ހަތަރު ވަރަކަށް ސާޖަރީ ކުރެއްވި..-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުކާރުގެ މައި ހޮސްޕިޓަލްގައި މަސައްކަތް ފެއްޓެވިތާ ފުރަތަމަ ހަފުތާގެ ތެރޭގައި އެކަނި ވެސް ޑރ. ވަހީދު އިސްވެ ހުންނަވައި ހަތަރު ވަރަކަށް އޮޕަރޭޝަން ކުރައްވައިފި އެވެ. މިއީ، އޭނާ ނެތް ނަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭނެ ބައެކެވެ. އަދި ރަސްމީކޮށް އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވުމުގެ ކުރިން، މޫނުގެ ބޮޑުބައެއް ފިހުނު ކުޑަ އަންހެން ކުއްޖެއްގެ ޕްލާސްޓިކް ސާޖަރީ ހައްދަވައިދެއްވާފައިވެ އެވެ.

ރީތިވުމަށް ހަދާ ސާޖަރީއަށް އަދި ޕްރޮޓޮކޯލެއް ނެތް

ސިއްހީ އެއްވެސް މައްސަލައެއް ނެތް ނަމަވެސް މޫނުގެ ވަކި ތަނެއް ނުވަތަ ގުނަވަނަކަށް ބަދަލެއް ގެންނަން ބޭނުންވާނަމަ އެ ފަރުވާ އެހެން ގައުމުތަކުން ލިބެ އެވެ. ޕްލާސްޓިކް ސާޖަރީގައި އޭޝިޔާގައި އެންމެ ކުރިއަރާފައިވަނީ ސައުތު ކޮރެއާ އެވެ. ރާއްޖެއާ އެންމެ ކައިރިން އެންމެ ފުޅާ ދާއިރާގައި އެ ކަން ކުރަމުން އަންނަނީ ތައިލެންޑުގަ އެވެ.

ނަމަވެސް، ޑރ. ވަހީދު ވިދާޅުވީ ރީތިވުމަށް ނުވަތަ އެސްތެޓިކް ސާޖަރީ ހެދުމަށް މި ވަގުތު އެއްވެސް ގަވައިދެއް ނުވަތަ ޕްރޮޓޮކޯލެއް ނެތް ކަމަށެވެ.

"މޫނު ރީތިކުރުމާއި ބައެއް ތަންތަން ބޮޑުކުރުމާއި ބައެއް ތަންތަން ކުޑަކުރުމާ، މި ކަހަލަ ބައިވަރު އޮޕަރޭޝަންތަކެއް ވެސް މީގެ ތެރޭގައި ހިމެނިގެންދޭ. ހުރޭ ބައެއް ކަހަލަ އައިބު މީހުންގެ. ބައެއް ކަހަލަ ފިލުވޭ ކަހަލަ އައިބެއް ވިއްޔާ ފިލުވައި ދިނުމާ. ހާއްސަކޮށް މޫނުމަތީގައި މި ހުންނަ ގަނޑާ މޫނުމަތީގައި ހުންނަ، މިސާލަކަށް ބުނަންޏާ ބިއްސެއް ނަގާފައި. ބައެއް ފަހަރު ހުރޭ އޮޕަރޭޝަން ކޮށްފައި ނަގަންޖެހޭ ބިހި. އެ ކަހަލަ އެއްޗެހި ނަގާއިރު ސްކާ ކުޑަކޮށް އަންނާނެ ގޮތަށް އެކަން ކުރުން ނުވަތަ ނަގާފައި މޫނާ އެންމެ ގުޅޭ ތަނަކުން ހަން ނަގާފައި އެޅުން ކަހަލަ އޮޕަރޭޝަންތަކަކީ ޕްލާސްޓިކް ސާޖަރީގައި ހިމެނޭ ކަންތައްތައް،" އޭނާ ވިދާޅުވި އެވެ.

"..އިންޕްލާންޓްތައް ހެދުން. އޭގެ އިތުރުން ބަނޑު ކުޑަކުރުމާއި ބަނޑުގެ ސަރުބީ ނަގައިދިނުމަށް ވެސް އޮޕަރޭޝަން ކުރެވޭނެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ލިބުމުން ހިދުމަތް ފެށޭނެ ކަމަށް އުއްމީދުކުރެވޭ،"

ޑރ. ވަހީދު އޮޕަރޭޝަނެއް ކުރައްވަނީ.-

ޑރ. ވަހީދު ވިދާޅުވީ ހޮސްޕިޓަލަކުން ރީތި ވުމަށް ކުރާ އޮޕަރޭޝަންތައް ކުރުމުގެ ކުރިން ބަލަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން ދީނުގައި އެ ސާޖަރީ ހެދުން އޮންނަ ގޮތްތަކާއި ހޮސްޕިޓަލުން އެކަހަލަ ފަރުވާ ދިނުން ކަހަލަ ކަންތައްތައް ހިމެނެ އެވެ.

"މުސްތަގުބަލުގައި އެސްތެޓިކް ސާޖަރީ ނުހަދާނެއެކޭ ވެސް ނޫން. އައިޖީއެމްއެޗުގައި ވެސް އެކަން ކުރެވިދާނެ. އެކަމަކު މި ދެންނެވި ހުރިހާ ޕާސްޕެކްޓަކުން ބަލާފައި، ވަކި ގޮތްތަކެއް ހަމަޖެހިގެން އެ ކަންތައް ފަށައިގަނެވޭނީ،" ޑރ. ވަހީދު ވިދާޅުވި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްގައި މަސައްކަތް ފެއްޓެވިތާ ފުރަތަމަ ހަފުތާގެ ތެރޭގައި އެކަނި ވެސް ޑރ. ވަހީދު އިސްވެ ހުންނަވައި ހަތަރު ވަރަކަށް އޮޕަރޭޝަން ކުރައްވައިފި އެވެ. އަދި ރަސްމީކޮށް އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވުމުގެ ކުރިން، މޫނުގެ ބޮޑުބައެއް ފިހުނު ކުޑަ އަންހެން ކުއްޖެއްގެ ރިކޮންސްޓްރަކްޝަން ސާޖަރީ ހައްދަވައިދެއްވާފައިވެ އެވެ.

މިއީ، އޭނާ ނެތް ނަމަ ބޮޑު ހަރަދެއް ކޮށްގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭނެ ބައެކެވެ. ޑރ. ވަހީދަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ވެސް އެތައް ބައެއްގެ ވޭނަށް ލުއިތަކެއް ގެނެސްދެވުމެވެ.

23 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 31%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސީގަލް އޮން އެއަރ

11 July 2022

ޑރ. ވަހީދު ކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާ ބަލިހާލުގައިވާމީހުންނަށް ޝިފާދެއްވާށި. އާމީން. ޑރ. ވަހީދު އަކީ މީހުންނާއިގުޅޭ ފަރުވާތެރި ރަނގަޅު ޑޮކްޓަރ އެކެވެ.

The name is already taken The name is available. Register?

ބާއަލިފް

11 July 2022

ކޮރެއާގައި، މައްޗަށް ބަލާލަން މޫނު އަނބުރާލިތަނާ، މަތިން ވެއްޓުނު އެއްޗެއް މަގޭ ކަރުގައި މީގެ 4 އަހަރުކުރުން ޖެހުނުފަހުން، ކަރުގައި އިނގިލި ޖެހުނަސް ތަދުވޭ. ކޮރޮއާ ކިތައްމެ ތަރައްގީއަސް، އެތާހުރެ ކަންކަންކުރާކަށް ނުކެރުނު. ޑަކްޓަރު ބުނެފައިއޮތީ ކަރު ޕްލާސްޓިކް ސަރޖަރީ ހަނދަންޖެހޭކަމަށް. ދިވެހި ޑަކްޓަރެއް ހުރީތީ އަލްޙަމްދުލިﷲ. ހަމާގުޅޭ ކަމެއްގައި ކޮރެއާގައި 6 މަހު ބޭސްކުރުމުން ވެސް ރަނގަޅު ނުވިކަމެއް، ރާއްޖޭގައި ދައްކައިގެން ވަނީ ރަނގަޅުވެފައި.

The name is already taken The name is available. Register?

ފަރާ

10 July 2022

ވަރަށް އުފާވެއްޖެ. ރާއްޖޭންބޭރަށްނުގޮސް މިކަހަލަކަންތައް ތައް ރައްޖޭގަ ތިބެގެން ކުރެވޭނެގޮތްވީމަ. ރާއްޖޭން ބޭރުގަ އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހިއްޖެނަމަ ޕްރައިވެޓްހޮސްޕިޓަލް ތަކުގެރޫމް ގެއަގު ރާއްޖެއަށް ވުރެދެގުނަތިންގުނަ ބޮޑުވުމާ އެކުރާއްޖޭން ލިބޭޚިދުމަތުގެ ފެންވަރުމާބޮޑަށްވެސް ރަގަޅުކަމަށް ފާހަގަ ކޮށްލަން.

The name is already taken The name is available. Register?

ދިއްދޫމީހާ

10 July 2022

ޑރ ވައްޑޭއަކީ މިހާތަނަށް އަހަރެންނަ ފެންނުނު އެއްމެ ހިތްހެޔޮ ޑޮކްޓަރު އެހެން ޑޮކްޓަރުން ނަމުނާއަކަށް ބަލަން ރަނގަޅު ބޭފުޅެއްމީ، ބަލިމީހުންނާ ވާހަކަ ދައްކާނީ އެހާމެ އޯގާތެރިކަމާ ލޯތްބާއެކު..

The name is already taken The name is available. Register?

ކުޑަ ސައިހު

10 July 2022

އިންޑިޔާއައް ދެވޭހާ ދުވަހަކު ތިކަންކުރަން މާލެނުދާނައް ކުޑަދޮރު ނުހުންނަ ފާނާތަށި މަތީ ފެންވަރަން އިންނަންޖޭހޭ ކުޑަ ގުދަނަކައް ނުފުދޭ ކޮޓަރި މާލޭގަ ހުރީ ގިނަ ދިވެހިންނައް އަތްފޯރާ އަގަކުނޫން

The name is already taken The name is available. Register?

މަގުލަސް.

16 July 2022

100 ގެ ވާހަކަ އެއް.

The name is already taken The name is available. Register?

ޕްލާސްޓިކް

10 July 2022

ތައިލެންޑް ޔުނިވާސިޓީއަށް 50 އަހަރު ޑރ. އުމުރުން 50 އަހަރު ރާއްޖޭގެ ފުރަތަމަ ޑޮކް. ހިއްވަރަށް ސާބަސް މިއީ 2022

The name is already taken The name is available. Register?

ހޯރަބެ

11 July 2022

އޭނާ ތަމްރީން ފުރިހަމަކުރެއްވީ އެ ޔުނިވާސިޓީގައި މީގެ 50 ވަރަކަށް އަހަރު ކުރިން ހެދި ޕްލާސްޓިކް ސާޖަރީ ޑިޕާޓްމަންޓުގަ އެވެ..މިއޮތް އެއްޗެއް ދެލޯ ހުޅުވައިގެން ކިޔާ ަ

The name is already taken The name is available. Register?

ޕްލާސްޓިކް

10 July 2022

ޕްލާސްޓިކް މަނާ ކުރާ ޤާނޫނުން މިކަން ހުއްދަވާނެބާ؟؟

The name is already taken The name is available. Register?

ކިމް

10 July 2022

ނޫހުގަ ޑިސްޓްރެސިންގ އިމޭޖަރސް ޖަހާއިރު ޑިސްކްލެއިމަރ އެެއް ބައިންދާނަަމަ

The name is already taken The name is available. Register?

ދާވޫދު އަލީ

10 July 2022

މަރުޙަބާ...ރާއްޖޭގަ ހިދުމަތްދިނުމަށް މަޑުކުރާނެ ކަމަށް ހީކުރަން.

The name is already taken The name is available. Register?

އުފާވެރި ޚަބަރެއް

10 July 2022

الحمدلله! ވަރަށްވެސް އުފާވެރި ޚަބަރެކެވެ. ﷲ، ޑރ. ވަޙީދަށް އިތުރު ހުނަރާއި، ކާމިޔާބާއި ޘާބިތުކަން ދެއްްވައި ފަރުވާއަށް ޖެހިފައިތިބި މީހުންނަށް ޑރ. ވަޙީދުގެ ޚިދުމަތް ފަހި ކުރައްވާފާނދޭވެ! އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454