ލައިފްސްޓައިލް

ދުނިޔެމަތީގައި އެންމެ ބޮޑު އުގޫބާތު އޮތީ ބިމުގައި ފަސާދަކުރާ މީހުންނަށް! އިސްމީހުންގެ ޒިންމާ ބޮޑު

މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު ގޮވައިގެން ފުލުހަކު ދަނީ: ގޭންގު ހަދައިގެން މީހުންނަށް ބިރުދެއްކުމާއި މީހުން މެރުން ފަދަ އަމަލުތައް ވެސް ހިމެނެނީ ފަސާދައިގެ ތެރޭގައި.

ބިމުގައި ފަސާދަކުރުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. ދުނިޔެމަތީގައި ދެވޭ އެންމެ ވަރުގަދަ އުގޫބާތުތައް ކަނޑައެޅިފައި ވަނީ އެ ޖަރީމާ އަށެވެ. ބިމުގައި ފަސާދަ ކުރުމޭ ބުނާ ބަހުގެ މާނައަކީ މުޖުތަމައުތައް އިސްލާހު ކުރުމުގެ ބަދަލުގައި ފާސިދު އެންމެހައި އަމަލުތައް މުޖުތަމައުގައި ފަތުރައި އެފަދަ ކަންކަން ކުރިއަރުވަން މަސައްކަތް ކުރުމެވެ.

އެ ނުރައްކާތެރި އަމަލުން ދުރުހެލިވުމަށްޓަކައި މާތްﷲ އަންގަވަނީ، ބިން އިސްލާހު ކުރެއްވުމަށް ފަހު މީސްތަކުން އެ ބިމުގައި ފަސާދަ ނުކުރުމަށެވެ. (އަލްއައުރާފު 56، އައްޝުއަރާއު 151). ނަމަވެސް އިންސާނާގެ ތަބީއަތަކީ އޭނާ އަމިއްލަ އަށް ފުދިގެންފި ކަމަށް ފެނުމާ އެކު އަނިޔާވެރިކަމުގައި ހައްދުފަހަނަޅައި ދިއުން ކަމަށް ވާތީ ބިމުގައި ފަސާދަ އުފައްދަ އެވެ.

ބިމުގައި ފަސާދަ ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަން

އިސްލާމީ ނަޒަރުން ބަލާއިރު ބިމުގައި ފަސާދަ އުފެއްދުމުގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި ކަމަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާ ﷺ އާ އިދިކޮޅަށް ބަސްބުނެ އަމަލުތައް ހިންގުމެވެ. މިގޮތުން އިސްލާމީ ޝަރީޢަތާ އިދިކޮޅު ހަދައި އެ އަށް މަލާމާތް ކޮށް، އެ ބަދަލު ކުރުމަށް މަސައްކަތް ކުރުމާއި ޝަރީއަތް އިހުމާލުކޮށް، އެ އަށް އަމަލު ކުރުމުން ދުރުހެލިވެ އެއީ ޒަމާނަށް ނުފެތޭ އެއްޗެއް ކަމަށް ދައުވާ ކުރުމެވެ. ބިން ފަސާދަކުރާ މީހުންނަށް ދުނިޔެމަތީގައިވާ އުގޫބާތުގެ ވާހަކަ ބަޔާން ކުރާ އާޔަތުގައި މިފަދައިން ބިން ފަސާދަކޮށް އުޅޭ މީހުންގެ ވާހަކަ ބަޔާން ކުރެވިފައިވެ އެވެ. ރަސޫލުން ދޮގުކުރުމާއި ހައްގު އައުމަށް ފަހު އެއީ ތެދުކަން ޔަގީންވާ އިރު ވެސް އަނިޔާވެރިކަމާއި ބޮޑާވެގަތުމުގެ ގޮތުން އެ އަށް އިންކާރު ކުރާ މީހުންގެ ވާހަކަ އައްނަމްލު 14 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ.

ބިމުގައި ފަސާދަކުރާ މީހުންނަކީ ކޮބައިކަން ތަފްސީރު އިލްމުވެރިން ބަޔާންކުރާއިރު މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ ހިރާބާގެ ކުށްކުރާ މީހުންނެވެ. ހިރާބާގެ ތެރޭގައި ހިމެނޭ ކަންކަމަކީ ގޭންގު ހަދައިގެން މީހުންނަށް ބިރުދެއްކުމާއި މީހުން މެރުމާއި މުދާ އަތުލުމާއި އިއްފަތްތެރިކަން ފޭރިގަތުމާއި ވައްކަން ކުރުމާއި ރަހީނުކޮށްގެން މުދަލަށް ނުވަތަ ކަމަކަށް އެދުމާއި ދަނޑުފަގު ހަލާކު ކުރުން ފަދަ މަގުފޭރުމުގެ އަމަލުތަކެވެ. ނަމަވެސް އެ ޢަމަލުތައް ފިޔަވައި އެހެން ކަންކަން ވެސް ބިން ފަސާދަ ކުރުމުގެ ތެރޭގައި ހިމެނޭކަން ޤުރުއާނާއި ސުންނަތުން އެނގެ އެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ﷲ އަށް ޝަރީކު ކޮށް އެކަން ފަތުރަން އުޅުމެވެ. އެ ކަމުގައި ދެ ފަސާދައެއް އެކުލެވެ އެވެ. އެއް ފަސާދަ އަކީ (ﷲ އަށާއި އެކަލާނގެ ރަސޫލާ އަށް) ކާފިރުވުމެވެ. އަނެއް ފަސާދަ އަކީ މާތްﷲ ގެ މަގުން (އެހެން މީހުން) އެއްކިބާ ކުރުމެވެ. (އައްނަހްލު 88). މުނާފިގު ކަމަކީ ވެސް ބިން ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އަލްބަޤަރާ 11-12)

ވެރިކަމެއް ލިބުމުން ރަށްރަށް ސުންނާފަތިކޮށް، ފަސާދަކޮށް އެ ތަނުގެ އިއްޒަތްތެރިން ނިކަމެތިން ކަމުގައި ހެދުމަކީ ވެސް ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އައްނަމްލު 34). އަދި މިގޮތުން މީސްތަކުންނަށް ތިމާގެ ހުރި ނުލަފާކަން ދެއްކުމާއި ބޮޑާވެގަތުމަކީ ވެސް ބިން ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ފިރުއައުނާއި ގާރޫނަކީ އޭގެ މިސާލުތަކެވެ.

ބިމުގައި ފަސާދަކުރުމުގެ ތެރޭގައި ދެން ހިމެނޭ ކަންކަމަކީ ނާޖާއިޒު ފައިދާ ނަގައިގެން ވަކި މީހެއްގެ ނުވަތަ ބައެއްގެ މަސްލަހަތަށްޓަކައި އެކަށީގެން ނުވާ މީހުންނަށް މަގާމުތައް ދިނުމެވެ. އަދި މީސްތަކުންނަށް އަނިޔާވެރިވެ، އެ މީހުންނަށް ލިބޭ ނިއުމަތްތަކުން މަހުރޫމު ކުރުވަން މަސައްކަތް ކުރުމެވެ.

މީގެ އިތުރުން ޓެކުމާއި ހިޔާނަތާއި ރިޝްވަތާއި މިނެކިރުމުގައި މަކަރު ހެދުން ފަދަ ހުއްދަ ނޫން މާލީ މަންފާތައް ހޯދުމާއި މިފަދަ ކަންކަން އާންމު ކުރަން މަސައްކަތް ކުރުމަކީ ވެސް ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އެފަދަ ކަންކަން މަނާ ކުރުމަށް އިސްލާމް ދީނުގައި ވަރަށް ގިނަ ނައްސުތައް އައިސްފައި ވެ އެވެ. އަދި އެފަދަ ގޮތްގޮތުން ބިމުގައި ފަސާދަ ނުކުރުމަށް ޝުއައިބުގެފާނު ވެސް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ނަސޭހަތްތެރިވެލެއްވި އެވެ. (އަލްއައުރާފު 85).

ބިމުގައި ފަސާދަކުރުމުގެ ތެރޭގައި ހިމެނޭ އިތުރު ކަންކަމަކީ، އަހުދުތައް ކުރުމަށް ފަހު، އެ އަށް ވަފާތެރިނުވެ، އުވާލުމާއި ގުޅުވައި ދެމެހެއްޓުމަށް ﷲ އަމުރު ކުރެއްވި ރަހިމުގެ ގުޅުން ކަނޑާލުމެވެ. އެފަދަ މީހުންނަކީ ގެއްލެނިވެގެންވާ ބައެކެވެ. (އަލްބަގަރާ 27). އަދި ކުށްކުރުމުގައި ދެމިހުރުމާއި ނުބައި ކަންކަމުގައި ހައްދު ފަހަނަޅައި ދިއުމަކީ ވެސް ބިމުގައި ފަސާދަކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އެހެންވެ، ﷲ ދެއްވި ރިޒުގުން ކައިބޮއެ އުޅުމަށާއި ފާސިދުން ކަމުގައިވެ ތިބެ ބިމުގައި ފަސާދަ ނުކުރުމަށް މޫސާގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ނަސޭހަތްތެރިވި އެވެ. (އަލްބަގަރާ 60). އަދި ހަމަ އެފަދައިން، ޔަހޫދީންގެ ހާއްސަ ސިފައެއް ކަމުގައިވާ މީސްތަކުންގެ މެދުގައި ހަނގުރާމައިގެ ހުޅު ރޯކުރުމަކީ ވެސް ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އަލްމާއިދާ 64).

މި ފާހަގަކުރި ކަންކަން ނޫނަސް ޖުމުލަކޮށް އަހުލާގީ ކުށްތައް ފަތުރައި އާންމު ކުރުމަކީ ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އޭގެ ތެރޭގައި ޒިނޭކުރުމާއި ރާބުއިމާއި ޖުވާކުޅުމާއި ޖާހިލިއްޔަތުގެ ޒީނަތުން ޒީނަތްތެރިވުން ފަދަ ފާހިޝް އެންމެހައި އަމަލުތައް އާންމު ކުރަން މަސައްކަތް ކުރުން ހިމެނެ އެވެ. އަދި ބިން އިސްލާހު ކުރަން މަސައްކަތް ކުރާ މީހުންގެ ބަސް އަޑުއެހިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރުމާއެކު އެފަދަ މުސްލިހުންގެ އަގުވައްޓާލަން މަކަރުވެރި ރޭވުންތައް ރާވައިގެންނާއި އެ ނޫން ގޮތްގޮތުން ވިއަސް މަސައްކަތް ކުރުމަކީ ވެސް ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ.

ބިމުގައި ފަސާދަ ކުރުމުގެ ނުބައިކަން

ބިމުގައި ފަސާދަ ކުރުމަކީ އޭގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެގެންދާނެ އަދި އޭގެ ނުބައި ރަހަ ދުނިޔެމަތީގައި ލިބިދާނެ ނުރައްކާތެރި ކަމެކެވެ. (އައްރޫމް 41). އަދި އެ ކަމަކީ އެންމެ ވަރުގަދަ ދުނިޔަވީ އުގޫބާތް އޮތް ޖަރީމާ އެވެ.

އެއީ ގަތުލު ކުރުން ނުވަތަ ސަލީބަށް އެރުވުން ނުވަތަ އަތްފައި ތަފާތުވާ ގޮތުން ބުރިކުރުން ނުވަތަ އަރުވާލުމެވެ. ނުވަތަ އެ ހުރިހާ ކަމެއް އެކީ ނުވަތަ އެ އިން ބައެއް ކަންކަން އެކީ ކުރުމެވެ. (އަލްމާއިދަތު 33). މީގެ އިތުރުން އާހިރަތުގައި އެ މީހުންނަށް ގަދަފަދަ ވެގެންވާ އަޒާބު ހުއްޓެވެ. އަދި ލައުނަތާއި އާހިރަތުގައި ނުބައިވެގެންވާ ގޮވަތި އެ މީހުންނަށް ވެ އެވެ. (އައްރައުދު 25). އެއީ އަދުލުވެރި ނިޔާ އެކެވެ. އެހެނީ ސާލިހު އަމަލުކޮށް، ބިން އިސްލާހު ކުރާ މީހުންނާއި ބިމުގައި ފަސާދަ އުފައްދާ މީހުންނާ އެއްވަރު ނުކުރެވޭނެތީ އެވެ. އަދި ތަގުވާވެރިންނާއި ފާޖިރުން ވެސް އެއްވަރު ނުކުރެވޭނެތީ އެވެ. (ސާދު 28).

މުޖުތަމައު އިސްލާހު ކުރަން މަސައްކަތް ކުރުން

ބިމުގައި ފަސާދަކުރުމުގެ އަމަލުތަކުން މުޖުތަމައު ފަސާދަވެގެންދާ ހިނދު ކަމުވޮށިގެންވާ މީހުން މަޑުން ނުތިބެ އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހޭނެކަން ހޫދު ސޫރަތުގެ 116 ވަނަ އާޔަތުން އެނގެ އެވެ. އަދި މިފަދަ ހާލަތުގައި އެކަމާ އަޅާނުލުމަކީ ނަވެއްގެ އަޑީބައިގައި ތިބޭ ބަޔަކު ފެން ނަގަން ނަވުގެ މައްޗަށް އެރުމުގެ ބަދަލުގައި ނަވުން ބާގަނޑެއް ހަދައިގެން ފެން ނަގަން މަސައްކަތް ކުރަން އުޅުމުން މަތީގައި ތިބި މީހުން އެކަމާ އަޅާނުލައި ދޫކޮށްލުން ފަދަ ކަމެއް ކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާން ކުރައްވައިފަ އެވެ. ވީމާ ހިކުމަތްތެރި ގޮތުގައި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ބިން އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

އެ ގޮތުން ނަސޭހަތާއި ވައުޒު ދޭން ޖެހެ އެވެ. (އަލްގަސަސް 77) އެ އަމަލުތަކަށް ނުރުހޭކަން ފާޅުކުރަން ޖެހެ އެވެ. (އަލްއަންއާމް 68) ފާސިދުންގެ މަކަރުވެރި ރޭވުންތަކާ މެދު މީސްތަކުން ހޭލުންތެރި ކުރުވަން ޖެހެ އެވެ. އިތުރު ފަސާދައަކަށް މަގުފަހިނުވާ ފަދަ އެހެން ވަސީލަތްތައް ބޭނުން ކުރަން ޖެހެ އެވެ. އެ ހުރިހާ ކަމަކާ އެކު ﷲ ގެ ހަޒްރަތުން އެ ކަމަށް ވާގިވެރިކަން އެދެން ޖެހެ އެވެ. (އަލްއަންކަބޫތު 30). އަދި އެންމެ ފަހު ކަމެއްގެ ގޮތުގައި ހިރާބާގެ އުގޫބާތް ތަންފީޒު ކުރަން ޖެހެ އެވެ.

12 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިޢީ ސީޔާސީ މީހުންގެވެސް ކަމެއް

23 July 2022

ގޭންގު މައްސަލަތަކަށް ޒުވާނުން ވަންނަން ޖެހޭ ސަަބަބުތައް ބަޔާންކޮއް ލިޔުމެއް ހެއްދެވުމައް އެދެން. މިއީ ހަމައެކަނި ސަޅިވާންވެގެން ކުރާކަމެއްނޫން!

The name is already taken The name is available. Register?

ގޮންޖެހުން

22 July 2022

ގުރުއާނަށް ގޮންޖަހައި ދެ އަންބަށް މީހުންނާއިންނަމުން ހިނގާ ގުރޫޕުވެސް މީގަ ހިމެނޭތޯ

The name is already taken The name is available. Register?

އަފްރާޝީމް

24 July 2022

ދެ އަންބަށް މީހުންނާ އިނުމަކީ ޤުރުއާނަށް ގޮންޖެހުން ކަމުގައި ތިޔަ ބަލަނީ ކޮން ހަމަ ތަކަކުންތޯ؟ ﷲ އާއި ރަސޫލާ ވަކިގޮތަކަށް ކަމެއްގައި ނިންމެވުމުން އެއްވެސް މުއުމިނަކަށް އެކަމެއްގައި ގޮތް ކިޔުމުގެ އިޚުތިޔާރެއް ނުވޭ. އަދި އެއީ ތިމާމީހާގެ ވިސްނުމުގެ ނާގާބިލުކަމުން އޭގެ ޙިކްމަތް ނުވިސްނުނު ކަމުގައި ވިޔަސް.

The name is already taken The name is available. Register?

ކޮރުކަލި

22 July 2022

ހުޅަނގުން ނުރުހުން ވާތީ ކިތަންމެ ފަސާދައެއް ކުރިއަސް އެ މީހުންނަށް ދޭންހުރި އަދަބުތަކުން އަދަބެއް ދޭން ނުކެރޭ ފިނޑިބަޔަކު މި ދައްކާވާހަކައިގެ ގިނަކަމާއެވެ

The name is already taken The name is available. Register?

ޙހހހހހ

22 July 2022

ކީރިތި ގުރުއާނުގެ އިސްރާ ސޫރަތުގެ ފުރަތަމަ 7 އާޔަތުގައިއެވަނީ ބިމިގައި ފަސާދަކުރި ޔަހޫދީންނަށް 2 ފަހަރު ދެއްވި އުގޫބާތް. 3 ވަނަފަހަރު މިހާރު ފަސާދަ ފަށާފައިއެވަނީ. ﷲ ތައާލާ އަނިޔާވެރި ފަސާދަވެރިންނަށް ދެއްވާ އުގޫބާތް އެހުރީ ފެންނަން.

The name is already taken The name is available. Register?

ށަވިޔަނި

22 July 2022

ތި އާޔަތުގައި ބުނާ ފަސާދައިގެ ތެރޭ ޝަރުޢީ ފަރުޢީ ނުވަތަ ފިޤްހީ މައްސަލަތައް ނުހިމެނޭ. އިސްލާހުގެނަމުގައި އެފަދަ މައްސަލަތައް ނެގުމަކީ ގޯހެއް. ކިޔުންތެރިންނަށް އަރާފާނެ އޮޅުމަކަށްޓަކައި މކޮމެންޓްލިޔުނީ. މިހާރު ފިޤްހީ މައްސަލަތައް ނަގައި މުސްލިމުން ކާފިރުކޮށްހެދުން މިވަނީ އާންމުވެފަ.

The name is already taken The name is available. Register?

މިގައުމުގެ

22 July 2022

މިގައުމުގެ ފަސާދަ މަޖްލިސް އުވާލަންޖެހޭ

The name is already taken The name is available. Register?

ތަކުލީފެއް

22 July 2022

މީހަކު މެރުމަށްވުރެ ފަސާދައިގެ ނުބައިކަން ބޮޑު. (އަލް ބަޤަރާ: 191)

The name is already taken The name is available. Register?

1206

22 July 2022

ޑރ. ސައުދު ގެ މި ފަހުން ނުފެންނަ ވަރު ތަފާތު މޮޅު ލިޔުމެއް. ބައެއް ލިޔުން އާދަޔާ ޚިލާފަށް ލޮނު މަޑަސް، މި ލިޔުން ވަރަށް ވަރަށް ފުރިހަމަ. މާޝާ ﷲ. މާތް ﷲ ތިބާޔަށް ސާބިތުކަން ދެއްވަވާށި. އާމީން.

The name is already taken The name is available. Register?

ޖުލައި

22 July 2022

އެހެންވެ ދޯ ލިވާތު ކުރިން މީހުން ފިޔަވަޅެއް ނާޅާ މިނިވަންކޮށްފަ

The name is already taken The name is available. Register?

މުލޭ

23 July 2022

ތިބުނާ ފިޔަވަޅަކީ މަގުމަތިން އަޅަން އޮންނަ އެއްޗެއް ނޫން. އެއީ ޝަރީއަތުގެ މަރުހަލާއިން ނިންމަންޖެހޭ ކަންކަން.

The name is already taken The name is available. Register?

ކުޑަ ސައިހު

22 July 2022

ލަވަ އަލީމެއް އެ ކުރާ ކަންތައް ފަސާދާގެ ގިންތީގަ ހިމެނޭބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454