ރާއްޖޭގެ ފޯވާޑް އަހުނަފް، ނޭޕާލް ކުޅުންތެރިއެއް އަތުން ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ސާފް
25 ޖުލައި 2022 - 19:03
އިންޑިއާގައި މިއަދު ފެށި 20 އަހަރުން ދަށުގެ ސާފް ޗެމްިއަންޝިޕުގެ ފުރަތަމަ މެޗުގައި ނޭޕާލުން 4-0 އިން ރާއްޖޭގެ ޒުވާން ޓީމު ބަލި ކޮށްފި އެވެ.
މީގެ ކުރިން 18 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަ ކޮށްގެން މުބާރާތް ބޭއްވި ނަމަވެސް، 20 އަހަރުން ދަށަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ސަރަހައްދީ ފުރަތަމަ މުބާރާތުގައި ރާއްޖެ އާއި ނޭޕާލާ އެކު ފަސް ގައުމު ވާދަ ކުރެ އެވެ.
އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބުބަނޭޝްވަރު ސިޓީގެ ކަލިންގާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ރާއްޖޭން ވަނީ ނޭޕާލްގެ އެޓޭކްތައް ހުއްޓުވަން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ޓީމުގެ ދެ ފުލްބެކުން ކަމަށްވާ ހުސެއިން ޝާވިން އާއި އަހުމަދު މައީޝް މުހައްމަދު ވަނީ ނޭޕާލުން އަރިމަތިން ކުޅުނު ބޯޅަތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ރާއްޖޭން ކުރިއަށް ޖެހިލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު އިރު، ކައުންޓާ އެޓޭކުގައި ނޭޕާލުން ކުޅުން އަވަސްކޮށް، އޭރިއާ ތެރެއަށް ގިނަ ބޯޅަތަކެއް ފޯރުު ކޮށްދޭން މަސައްކަތް ކުރި އެވެ. މެޗުގައި ރާއްޖޭގެ ގޯލު ބެލެހެއްޓި ޝައިހާން އަލީ، ނޭޕާލުން ރާއްޖޭގެ އޭރިއާ ތެރެއަށް ނެގި ފުރަތަމަ ހުރަސް ކްލިއާ ކޮށްލި އިރު، އެޓީމުގެ ފޯވާޑް ގޯލް ކުރިމަތިން ހުސްކޮށް އަރައި ފޮނުވާލި ބޯޅަ ދިފާއު ކުރި އެވެ.
ރާއްޖޭން ނޭޕާޅްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ ފޮނުވާލީ ޒައިން ޒަފަރެވެ. މެޗުގެ 21 ވަނަ މިނިޓުގައި ރާއްޖޭގެ ވާތްފަޅިން ކުރިއަށް ކުޅެމުންދިޔަ އައިހަމް ހަމްދޫން (އައިހަމްސްކީ) އަށް ލިބުނު ހުސް ފުރުސަތެއްގައި ބޯޅަ ހިފައިގެން ކުރިއަށް ދަނިކޮށް ޕެނަލްޓީ އޭރިއާގެ ކައިރިން ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމުން، ޒައިން ފޮނުވާލި ބޯޅަ، ނޭޕާލްގެ ކީޕަރު އީޝްވަރު ގުރުންގް ވަނީ އޭނާގެ ބޯ މަތިން ގޯލަށް ވަންނަން ދަނިކޮށް ހުރަސް ދަނޑި މަތިން ބޭރު ކޮށްލައިފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން ވެސް އައިހަމް އަށް ފައުލް ކޮށްގެން ރާއްޖެއަށް ހިލޭޖެހުމެއް ލިބުނެވެ. ނަމަވެސް ކުރިއަށް ވުރެ ކައިރިން ލިބުނު ހިލޭޖެހުން ޒައިން އަށް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ. މީގެ އިތުރުން ވެސް ޒައިން މި ހާފުގައި ފޮނުވާލި ހަމަލާއެއް ނޭޕާލްގެ ކީޕަރު ދިފާއު ކުރި އެވެ. ނޭޕާލުން މެޗުގެ 31 ވަނަ މިނިޓުގައި ލަނޑު ޖަހާނެ ހުސް ފުރުސަތެއް ހޯދި ނަމަވެސް، އެޓީމުގެ ފޯވާޑް ހުސްކޮށް ހުރެ މިފަހަރުވެސް ބޯޅަ ގޯލާ އަމާޒެއް ނުކޮށްލެވުނެވެ.
ނޭޕާލުން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 42 ވަނަ މިނިޓުގައި، އޭރިއާ ބޭރުން ލިބުނު ބޯޅައެއް ސީދާ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން އެޓީމުގެ ދިޕޭޝް ގުރުންގް އެވެ. ނޭޕާލް ޓީމުގެ ކެޕްޓަން އަޔުޝް ގަލަން އޭރިއާ އަރިމަތިން ސީދާ ގޯލާ ދިމާއަށް ނަގައިދިން ބޯޅަ، ރާއްޖޭގެ ގޯލްކީޕަރު ޝައިހާން ޕަންޗް ކޮށްލި ނަމަވެސް، އޭރިއާ ބޭރުގައި ހުރި ދިޕޭޝް ވަނީ ބޯޅަ ހޯދައި ދުރުން ފޮނުވާލި ހަމަލައިގައި ލީޑު ނަގައިދީފަ އެވެ.
އޭގެ މިނިޓެއް ފަހުން ނޭޕާލަށް ލިލބުނު އިތުރު ފުރުސަތެއްގައި ފޮނުވާލި ބޯޅަ، ކީޕަރު ބީޓް ވެފައި ގޯލަށް ވަންނަން ދަނިކޮށް ދިފާއު ކުރީ ޑިފެންޑަރު އައިހަމް ސައީދެވެ.
ލަނޑަށް ފަހު އިތުބާރާއެކު ކުޅެމުން ދިޔަ ނޭޕާލުން ލީޑް ފުޅާކުރީ، މެޗުގެ 58 ވަނަ މިނިޓުގައި އެޓީމުގެ ސުގަމް ސުވާލް ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ އަށް ވަނީ ފުރަތަމަ ހާފުގައި ގޯލު ޖަހަން މުޅިން ހުސް ދެ ފުރުސަތު ލިބި ބޭކާރު ވެފަ އެވެ.
ނޭޕާލްގެ ތިންވަނަ ލަނޑު 62 ވަނަ މިނިޓުގައި ޖެހީ ލިބުނު ޕެނަލްޓީއަކުން ކްރިތިޝް ރަތްނާ އެވެ. މިއީ ރާއްޖޭގެ ވާތްފަޅިން ފަހަތަށް ކުޅެމުންދިޔަ ޝާވިން ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އޭނާ ޓެކްލް ކުރީ އޭރިއާ ބޭރުން ކަމަށް ބުނެ ރާއްޖޭން އެޕީލް ކުރި ނަމަވެސް ރެފްރީގެ ނިންމުން ބަދަލެއް ނުކުރެ އެވެ.
މެޗުގެ ފަހުކޮޅުގައި ނޭޕާލްގެ ދެވަނަ ކީޕަރަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ. ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ރާއްޖޭގެ ފޯވާޑް އައިހަމް އޭރިއާ ތެރެއިން ހުސްކޮށް ކޮންޓްރޯލް ކޮށްލި ބޯޅަ ކްލިއާ ކުރަން، ނޭޕާލްގެ ބަދަލު ކީޕަރު ވެއްޓިގަތް އިރު އައިހަމަށް ފައުލްކުރި ކަމަށް ރާއްޖޭން އެޕީލް ކުރި ނަމަވެސް ރެފްރީ ވަނީ ކުޅުން ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ފަހުން ފޯވާޑް އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އަށް ހުސްކޮށް ލިބުނު ފުރުސަތުގައި ބޯޅަ ފޮނުވާލުމުގެ ކުރިން ނޭޕާލްގެ ޑިފެންޑަރުން އެ ބޯޅަ ދިފާއު ކުރި އެވެ.
ނޭޕާލްގެ ފަހު ލަނޑު، އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި މަނާގިޔާ ނަކާމީ އެވެ. ކައުންޓާ އެޓޭކެއްގައި އެޓީމުގެ ސުމިތް ޝްރެސްތާ އޭރިއާ ތެރެއަށް ވަދެ، ގޯލު ކުރިމައްޗަށް ދިން ބޯޅަ، އޭނާ ފޮނުވާލުމުން، ރާއްޖޭގެ ކެޕްޓަން ހުމެއިދު ހުސެއިން ގައިގައި ޖެހިފައި ބްލޮކް ވި ނަމަވެސް، ރީބައުންސްވި ބޯޅައިގައި އޭނާ ވަނީ ނޭޕާލަށް ލަނޑު ޖަހައިދީފަ އެވެ.
ރާއްޖެ އާއި ނޭޕާލްގެ އިތުރުން މުބާރާތުގައި ދެން ވާދަކުރަނީ، ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި އިންޑިއާ އެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ލީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ ދެމެދުގަ އެވެ.
ރާއްޖޭން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މެޗް އޮންނާނީ އަންނަ ހުކުރު ދުވަހު، ރާއްޖެ ގަޑިން އިރު އޮއްސި 6:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
26 July 2022
އިރާދަކުރެއްވިޔާ އަދި ރަނގަޅުވާނެ.ތިޔަ ޓީމަކީ ކާމިޔާބް ހޯދޭނެ ޓީމެއް.ގުޑް ލަކް.ވ.ވެދުން
ޖުޖު
26 July 2022
އަދިވެސް ރަށުގަ ކަންމައްޗެއް އޮތިއްޔާ އެމީހުން ލައްވާ ކުލަބު ރަޖިސްޓްރީ ކުރުވާ ފުޓުބޯޅަ ހަލާކު ކުރޭ.
ޖެޖެ
26 July 2022
ފުޓްބޯލް އިޒް ފޯ އޯލް. ސްޕޯޓްސް އިޒް ފޯ އޯލް. ޕްލީޒް ހާޖްމޯލާ ޔޯ ސެލްފް. ނޫނީ ކަލޭ އަމިއްލައަށް ކުލަބުތައް ހިންގަންވީނު. ކަލެއަށް އިގޭތަ ކުޅިވަރު އެއީ ކޯޗެއްކަން.
8292ކއޖ
26 July 2022
ދެން ރަނގަަޅުކޮށްލާތި..ކާމިޔާބު ވާނެ
މީ ދޮގެއްތަ؟
26 July 2022
ކަރަޕުސަނާ ހެދި ހުރިހާ ކުޅިވަރެއްވެސް ހަލާކުވަނީ
ސާމްބެ
25 July 2022
ރައްޖޭގެ 10، 17، 23، އަދި 20 ނަމްބރުގެމސައކަތުގެ ރޭޓް ވަރަށް ބަރާބަރު. ނަމަވެސް ބަލިވީތީ ވަރަށް ދެރަވެއްޖެ
މާސޭ ހުއްރިއްޔާ
25 July 2022
ފަހަތުން މަދު ދެތިން މިސްޓޭކެއް ހެދިޔަސް މުޅި ޓީމު ވަރަށް މަސައްކަތްކުރި. މެދުތެރެއަށް ކުޅޭ ކުޅުންތެރިންވެސް ފަހަތަށް ފާބައި ކުރިޔަށް ކުޅެ، ވަރަށް މަސައްކތުގެ ރޭޓު ރަނގަޅު. ޓީމުގެ ކޯޗާ އޮފިޝަލުންގެ ނަސޭހަތް އަހައި ޑިސިޕްލިން ކުޅުމެއް ޓީމުން ދެއްކި. ރާއްޖެއަށް ޕެނަލްޓީއެއް ލިބުނަސް ރެފްރީން އެގޮތަށް އެކަން ނުނިންމި އަދި ދޭންނުވާ ޕެނަލްޓީ ނޭޕާލަށް ދިނީ. ހަގީގަތުގ ބަލިވީ ތައްޔާރުވާން ޓީމަށް ލިބުނު ވަގުތު މަދުވުމުން. ކޯޗުގެ ފުރަތަމަ 11 ވ.ބަރާބަރު
ލަތީފް
25 July 2022
4-0 ގަ ހިފެހެއްޓުނީތީވެސް އުފާކުރަން. ދިވެހި ސްކޮޑް ދިޔައީ ތައްޔާރުވާން މެޗުތައްވެސް ކުޅުމުގެ ފުރުސަތު ނުދީ. ނަސީބެއްނު 10 ލަނޑު ނުޖެހިކަން؟ ގައުމީ ފުޓުބޯޅަ އިދާރާ އޯވަހޯލް ކުރަންޖެހޭ
ވާދަވެރި
25 July 2022
ނޭޕާލް ވަނީ ގައުމި ޓީމާއެކީ އެތައް ފަރިތަކުރުމެއް ބާއްވާފަ. އަދި އނޑިއާ ވަނީ އެގައމުގެ ސީނިއާ ޓީމާއެކީގަ 20 އަހަރުން ދަށުގެ ޓީމުގެ ފެންވަރު ދެނެގަތުމަށް މެޗުތައް ކުޅެ އެތައް ފަރިތަކުރުމެއް ބާއްވާފަ. ރާއްޖޭގެ އެފްއޭއެމުން ދިވެހި 20 އަހަރުން ދަށުގެ ޓީމާ ގައުމީ ސީނިއާ ޓީމާ އެންމެ މެޗެއްވެސް ނުކުޅޭ ތާނގަ ކިތައް ދުވަހުތޯ ޓާފުދަނޑެއްގަ ނޫން އެހެންތާކުވުޔަސް ޕްރެކްޓިސްކުރީ؟ ލަދުކޮބާ ބައްސާމުގެ؟
ސާކަސްޓިކް ބްރޯ
25 July 2022
މަރުހަބާ މަރުހަބާ ތިޔަކުރާ ހިތްވަރަށް ސާބަސް
ހާދަދެރައޭ
25 July 2022
މަރުހަބާ! 90އިން ފެށިގެން އުއްމީދަކީ ދިވެހި ފުޓުބޯޅަ ޔޫރަޕާ ވާދަވެރި ކުޅުމެއްދެއްކުން. އެކަމަކު މިހާރު އެނގޭ އަހަރެން ދުނިޔޭގަ މިކަންނުވާނެކަން. ހާދަދެރައޭ