ކުޅިވަރު / އަންޑަ 19 ސާފް ޗެމްޕިއަންޝިޕް

ޒުވާން ޓީމު ސާފަށް ފުރީ ފައިނަލް ކުޅުމުގެ އުއްމީދުގައި

20 އަހަރުން ދަށުގެ ގައުމީ ސްކޮޑު، ސާފް ޗެމްޕިއަންޝިޕަށް މާލެއިން ފުރުމުގެ ކުރިން.-- ފޮޓޯ: އެފްއޭއެމް

އިންޑިއާގެ ބުބަނޭސްވަރުގައި މާދަމާ ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ޓާގެޓަކީ، ފައިނަލް ކުޅުން ކަމަށް ރާއްޖޭގެ ޓީމުގެ ހެޑް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އިންޑިއާ އަށް ފުރި ޒުވާން ޓީމުގައި، މިއަހަރުގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުން ފާހަގަވި ކުޅުންތެރިން ހިމެނެ އެވެ. އަދި މީގެ ތެރޭގައި މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ގަވާއިދުން ކުޅޭ ކުޅުންތެރިން ވެސް ހިމެނެ އެވެ.

މިދިޔަ އޭޕްރީލް މަހު ޕްރެކްޓިސް ފެށި ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭ ދެން ހިމެނެނީ، ޝާކިއްޓެއާ އެކު އީގަލްސް ގައި ގިނަދުވަހު މަސައްކަތްކުރި އިބްރާހިމް ސައީދު (ކަކާ) އާއި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދުގެ އިތުރުން، ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ކުޅުމަށް ފަހު ކޯޗިން އަށް އަލަށް ނުކުތް އަހުމަދު ފައްރާހު (ފައްރަ) އެވެ. ޓީމުގެ މެނޭޖަރަކީ މުހައްމަދު އަބީރު އެވެ.

ޓީމުގެ ކެޕްޓަން ހުމެއިދު (ކ) އަދި ވައިސް ކެޕްޓަނުންނަށް ހަމަޖައްސާފައިވާ އަހުނަފް (ކ) އަދި މީސަމް (ވ) އާއެކު، ކޯޗު ޝާކިއްޓޭ (ކ-2) އާއި މެނޭޖަރު އަބީރު (ވ-2). -- ފޮޓޯ: އެފްއޭއެމް

ޓީމާ އެކު ދަތުރުކުރާ ގިނަ ކުޅުންތެރިންނަކީ ސީނިއާ ޓީމާ އެކު ވެސް ލީގު މެޗުތައް ކުޅެމުން އަންނަ ކުޅުންތެރިންނަށް ވެފައި، މުބާރާތަށް ތައްޔާރުވާން ލިބުނު މުއްދަތުގައި ކުލަބުގެ މެޗުތައް ކުރިޔަށް ދާއިރު ވެސް ޒުވާން ކުޅުންތެރިން ގައުމީ ޓީމަށް ވީއްލައިދިނުމުން ޝާހިއްޓެ ވަނީ އެކަން ފާހަގަކޮށް ކުލަބުތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޒުވާން ގައުމީ ޓީމު ފުރުމާ އެކު، ލީގުގެ ބާކީ ބައި އެ ޓީމުތަކުން ކުޅެން ޖެހޭނީ، ސީނިއާ ޓީމުގައި ގަވާއިދުން ކުޅެމުން އައި ކުޅުންތެރިން ނުހިމަނަ އެވެ.

ޝާކިއްޓެ އިތުރަށް ބުނީ، ކުޅުންތެރިން ސީނިއާ ކްލަބް ލެވެލްގައި ދައްކާފައި ހުރި ކުޅުމަށް ބަލާއިރު، ޓީމުގެ ފެންވަރު ވަރަށް ރަނގަޅު ކަމަށާއި، އަމާޒަށް ވާސިލް ވުމުގެ ފެންވަރު ކުޅުންތެރިންގެ އެބަ ހުރި ކަމަށެވެ.

"މި ކުޅުންތެރިންނަކީ ޓީމުތަކުގައި ވެސް ވަރަށް މުހިއްމު ކުޅުންތެރިން. އެހެންވެ ޕްރެކްޓިސް އަށް ރިލީޒް ކުރުމުގެ ދަތިތަކާ ވެސް ކޮންމެވެސް ވަރަކަށް ދިމާވި. އެކަމަކު ވެސް ކުލަބުތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު،" ޝާކިއްޓެ ބުންޏެވެ.

"އެންމެ ބޮޑު ޓާގެޓަކީ ފައިނަލް ކުޅުން. އެހެން ޓީމުތަކުގެ ތައްޔާރީތަކާ އަޅާ ބަލާއިރު ރާއްޖޭގެ ތައްޔާރީތައް ތަންކޮޅެއް އާދައިގެކޮށް ފެނިދާނެ، އެކަމަކު ވެސް އަޅުގަނޑުމެންގެ ކުޅުންތެރިންގެ އެ ފެންވަރު އެބަހުރި."

މުބާރާތުގައި ރާއްޖޭގެ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ކްލަބް އީގަލްސްގެ ޑިފެންޑަރު ހުމެއިދު ހުސެއިން އެވެ. ވައިސް ކެޕްޓަނުންނަކީ ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ގޯލުކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ބާއްވަން އުޅުނު މި މުބާރާތް ފަސްކޮށް ބާއްވާއިރު، މިއަހަރުގެ މުބާރާތުގައި ފަސް ޓީމަކުން ވާދަ ކުރާނެ އެވެ. އެއީ ރާއްޖެ އާއި މުބާރާތް ހޯސްޓު ކުރާ އިންޑިއާގެ އިތުރުން، ނޭޕާލާއި ބަންގްލަދޭޝް އަދި ސްރީ ލަންކާ އެވެ.

މުބާރާތުގެ ފޯމެޓް އެކުލަވާލައިފައި އޮތީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ލީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް، އޮގަސްޓް ފަސްވަނަ ދުވަހު އޮންނަ ފައިނަލް ކުޅޭ ގޮތަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ހަވީރު ރާއްޖޭން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެއަށް ފަހު ޖުލައި 29 ވަނަ ދުވަހުގެ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ، 31 ވަނަ ދުވަހުގެ ހަވީރު ކުޅޭނީ ލަންކާއާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އޮގަސްޓް ދެވަނަ ދުވަހުގެ ރޭ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

20 އަހަރުން ދަށުގެ ސްކޮޑް:

ގޯލްކީޕަރުން: ޝައިހާން އަލީ (އީގަލްސް)، އަލީ ޝައިބާން (ޔޫވީ)، ޔޫސުފް މީސަމް އަބްދުﷲ (ސަސް)

ޑިފެންޑަރުން: އައިހަމް ސައީދު (ޔޫވީ)، އަހުމަދު މައީޝް މުހައްމަދު (ޓީސީ)، ހުމެއިދު ހުސެއިން (އީގަލްސް)، މުހައްމަދު ޒައިން ޝުޖާއު (ޔޫވީ)، ހުސެއިން ޝާވިން (ކުޑަހެންވޭރު ޔުނައިޓެޑް)، އަހުމަދު މައިޝް ރަޝީދު (ޓީސީ)

މިޑްފީލްޑަރުން: އިސްމާއިލް ސައިފް (އީގަލްސް)، އަހުމަދު އީރާސް (އީގަލްސް)، އަހުމަދު ޔައީޝް ޔޫޝައު (ވެލެންސިއާ)، އަބްދުﷲ އަމިން އަލީ (ޔޫވީ)، އަލީ އިޝްފާގް ހަސަން މަޖީދު (ޓީސީ)، އިބްރާހިމް ޝަރީފް މުހައްމަދު (އީގަލްސް)، މުހައްމަދު ފާއިލް ފާއިގު (އީގަލްސް)، ލަމާން ޒުހެއިރު (ޔޫވީ)

ފޯވާޑުން: އައިހަމް ހަމްދޫން 'އައިހަމްސްކީ' (ޓީސީ)، އަހުނަފް މުހައްމަދު ތަސްނީމް 'ނަފްކޮ' (ޓީސީ)، ޒައިން ޒަފަރު (އީގަލްސް)، އަހުމަދު ޒައުލް ނާޒިމް (ޓީސީ)، މުހައްމަދު ސަމާހު މޫސާ (އީގަލްސް)، ފަހުމާން އަބްދުލް ހަމީދު (ޓީސީ)

4 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިން ޓީމާއެކު

25 July 2022

ސްކޮޑު ބަރާބަރު. ފައިނަލް ކުޅޭނީ ޓީމުތެރޭ އަނޑަސްޓޭންޑިނ ރަނގަޅުވެގެން. މިހާރު ރާއްޖެ ކުޅެނުންދާ ނެޕާލު މެޗުގެ ކުރީކޮޅު ޖ.ނމްބރ 5އާ 12 ވަހކަނުދެއްކުމުގެސަބަބުން ވީ ނުރައްކަލާ އަދި 43 ވނަ މިނެޓު 23 ނަމްބަރު ބޮލުން އެރި ބޯޅަޔަށް 8 ނަމްބަރު ފަހަތުންގޮސް އެރުމާއި، 45 ވަނަމިނެޓު ޑިފެންސުން ބޯޅަ ދޭނީތޯ ނުދޭނީތޯ ޖޒނަމބ 12 އާ 2 ގެ މިސް އަންޑަސްޓޭންޑިނ ފަދަކަންތައް ރަނގޅުކޮށްލާ. މިހާތަނަށް ނެގޭނެ އެންމެ މޮޅު ފަސްޓު 11 މިއީ. ހިތްވަރޭ ހިތްވަރޭ މޯލްޑިވްސް

The name is already taken The name is available. Register?

ރީމްރީމް

25 July 2022

4-0 ން ބަލިވީމ ދެރަ ޑިފެންސުން މެޗުގެ ތެރެއަށް ބައެއްފަހަރު ނުވަދެވި ތިބޭކަން ފާހަގަކުރެވުނީ.

The name is already taken The name is available. Register?

ކުޑައްޓޭ

24 July 2022

ޝައިބާން، މީސަމް، ޝާވިން، ލަމާން، އަހުނަފް، ސައިފް އަދި ފަހުމާން މިޓީމުގައި ހިމެނުނުކަމީ ޓީމުގެ ކޯޗަ ދޭތެރޭ ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެންދިޔަ ކަމެއް. ޚާއްސަކޮށް ފޯވަޑް އައިހަމް އަދި މިޑްފިލްޑަރަށް ކުޅެމުން އެޓޭކުގަ ބައިވެރިވާ ލަމާން އަކީ މިވަގުތު ދިވެހި ޔަންގް ޓީމުގެ މައި ތަނބުތައް ކަމަށް ގަބޫލުކުރެވޭ. އޯވަރޯލްކޮށް މި ސްކޮޑު ހަބޭސް. ލަމާން އާ ޒައިން އަދި އަހުނަފްގެ ހުނަރު ފެނިގެންދާނެ ކަމަށް އުއްމީދުކުރަން. ލަމާން ފިޓްވާނެ ފޯވާޑަށްވެސް.

The name is already taken The name is available. Register?

އައްޔަ، މީދޫ

24 July 2022

ސްކޮޑު ވ. ބަރާބަރު. ނަތީޖާ ނެރެވޭނީ ކުޅުންތެރިންގެ އެކުގަ ގިނަ ޕްރެކްޓިސް މެޗު ކުޅެގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454