ރިޕޯޓް / ޕީޕީއެމް/ޕީއެންސީ އިއްތިހާދު

ރިޔާސީ ޓިކެޓުގައި ޔާމީނަށް ވާދަކުރެއްވިދާނެތަ؟

"ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަން ބޭނުންވެގެން އެއްވެސް ބޭފުޅަކު މިހާރު ވެސް ހުށަހަޅުއްވައިފިއްޔާ އަޅުގަނޑުމެންގެ އެބަހުރި އެ ހިތްވަރު ޕްރައިމަރީއެއް ބޭއްވުމުގެ،"

ޔާމީނަށް ފުރަތަމަ އިއްވި ޖަލު ހުކުމާ ގުޅިގެން ގޭބަންދުގައި ހުންނެވި އިރު އިދިކޮޅުން ކުރި މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަތުމަށް ގައުމީ ދިދަ އާއި ޕީޕީއެމްގެ ދިދަ ހިފަހައްޓަވައިގެން: އެމަނިކުފާނަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭން ނިންމާފައިވިޔަސް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން ލިބޭނީ ކޯޓުގައި ހިނގާ މައްސަލަތަކަށް ފަހު. ފޮޓޯ \ މިހާރު

މި ގައުމުގެ ވެރިއަކަށް އިދިކޮޅު ލީޑަރު, ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ބޭފުޅަކަށް ޕީޕީއެމާއި ޕީއެންސީގެ ތާއީދެއް ނެތެވެ; ދެ ޕާޓީގެ ކައުންސިލުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ މި ރޫހުގަ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދަށް ގެނައި ކުއްލި އިސްލާހަކާ އެކު, ޕްރައިމަރީ ބާއްވައިގެން "ވަގުތާއި ހަރަދު ބޭކާރު ކުރަން" ވެސް ބޭނުން ނުވީ އެވެ.

ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ގާނޫނީ އެއްވެސް ހުރަހެއް ޔާމީނަކަށް މިހާރަކު ނެތެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނުވަތަ ވެރިކަން ކާމިޔާބު ކުރަން ހަދާނެ ކަމަށް ބެލެވޭ އިއްތިހާދާ ދެކޮޅަށް އެމަނިކުފާނަށް ވާދަކުރެއްވޭނެ އެވެ.

ރާއްޖޭގައި ނުފޫޒު ގަދަކޮށްފައިވާ އިންޑިއާގެ އަސްކަރިއްޔާ މި ގައުމުން ބޭލުމަށް ފަހު ނޫނީ ރިޔާސީ އިންތިހާބަށް ފޯކަސް ނުކުރަން ޕީޕިއެމުން ނިންމައިގެން ތިބި ނަމަވެސް މިވަގުތަށް އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސުން މުހިއްމުވީ އެވެ. ވެރިކަމުގައި ހިންގެވި ކަމަށް ތުހުމަތުކުރާ ހިޔާނާތާ ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އެއް މައްސަލަ މިހާރު ވަނީ ހުކުމާ ގާތަށް ގޮސްފަ އެވެ.

މިއީ އެމަނިކުފާނުގެ ކުރިފުޅުމަތީގައި އޮތް, އިންތިހާބުގެ ޝަރުތު އުނިވެދާނެ ފަދަ ހާލަތެކެވެ. ރިޔާސީ ޓިކެޓް އެރުވީ މިކަން ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގެން ތިއްބަވަ އެވެ.

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް ޔާމީން އިސްވެ ހިންގާ ކެމްޕޭންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކ. ތުލުސްދުއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ \ ޕީޕީއެމް

ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕީޕީއެމުން ޓިކެޓް ދިނުމުގައި ކުރިން އަމަލުކުރަމުން އައި ގޮތާ ހިލާފަށް ޕްރައިމަރީއަކާ ނުލައި ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖެއްސި އެއް ސަބަބަކީ އެމަނިކުފާނަށް މިހާރު އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ޖަލު ހުކުމެއްގެ ފުރުސަތު އޮތުމެވެ. ރިޔާސީ ކެންޑިޑޭޓު ބަންދުކޮށްފި ނަމަ "ސިޔާސީ ހުކުމެއް" ކަމަށް ނިންމައި ސަރުކާރަށް މާބޮޑަށް ވެސް ޕްރެޝަރު ބޮޑުކުރެވޭނެ އެވެ.

އަނެއް ބޭނުމަކީ އެއްވެސް ހާލަތަކުން ވާދަނުކުރެވިއްޖެ ނަމަ އެމަނިކުފާނު ބޭނުންފުޅުވާ ކެންޑިޑޭޓަކު ޕީޕީއެމުން ނެރުމަށް މަގުފަހިކުރުން ކަމަށް ވެސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމްއެމްޕީއާރުސީގެ މުޅި ހިޔާނާތަކީ ޔާމީން ކަމަށް ދައްކަން އުފުލާފައިވާ ނުހައްގު ދައުވާތަކުން އެމަނިކުފާނު ގައިގައި އަތެއް ނުލެވޭނެ އެވެ.

އެހެންވިޔަސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވިދާނެތޯ އުފައްދާ ސުވާލަށް ޔަގީން ޖަވާބެއް އަދި ނެތެވެ. ޔާމީން ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމާއި ޕީޕީއެމްގެ ސިޔާސީ ކުރިމަގު ގުޅިފައި އޮތީ އަނެއްކާވެސް ކްރިމިނަލް ކޯޓުގެ ހުކުމާ އެވެ.

ވާދަނުކުރެއްވޭނެ ހާލަތަކީ ކޮބާ؟

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޝަރުތުތަކުގެ ތެރެއިން (ޅ) ގައި ބުނާ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތުގެ ޖަލު ހުކުމަކުންނެވެ. އިންތިހާބުގައި ވާދަކުރެވޭނީ އެއް އަހަރުގެ ހުކުމެއް އަޔަސް ތަންފީޒުކޮށް ނިމޭތާ ނުވަތަ މާފްކުރެވުނުތާ ތިން އަހަރު ފުރިހަމަވުމުން ކަމަށް އެ މާއްދާގައި ބުނެ އެވެ.

ޔާމީންގެ މައްޗަށް ޝަރީއަތް ހިނގާ އެއް ދައުވާއަކީ އާރަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ހެކި ބަސް ނެގުމުގެ މަރުހަލާ އެވެ.

ކުރީގެ ރައީސްޔާމީން ޕޮލިހަށް ހާޒިރުކުރި ވަގުތު އެމަނިކުފާނު ދޫކޮށްލަން ގޮވާލައި މުޒާހަރާކުރަނީ. --.ފޮޓޯ: ނިޝާން އަލީ | މިހާރު

މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވެ އެވެ.

ގާނޫނީ ވަކީލުން ވިދާޅުވަނީ މަނީ ލޯންޑްރިންގެ ދައުވާ އެކަނި ސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުނުވިޔަސް މިއީ 2023 ގައި ވާދަކުރެއްވިދާނެ ގާނޫނީ ފުރުސަތު ބަންދުވެދާނެ ފަދަ ހާލަތެކެވެ.

"އެ ހާލަތެއް ނާންނާނެ, އިންތިހާބު ކާމިޔާބުކުރައްވާނެ"

އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަނީ އެމަނިކުފާނަށް ވާދަނުކުރެއްވިދާނެ ފަދަ އެއްވެސް ހާލަތަކާ މެދު އެ ކޯލިޝަނުގެ ވިސްނުމެއް ނެތެވެ. ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވައި ފުރަތަމަ ބުރުގައި ކާމިޔާބު ކުރައްވާނެ ކަމަށެވެ. މި ސަރުކާރާއި އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު އަޅާކިޔާލާއިރު އެ ތަފާތު ރައްޔިތުންނަށް ފެނިއްޖެ ކަމަށް ވެސް ކޯލިޝަންގެ އިސްބޭފުޅުން ވިދާޅުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޔާމީނަށް ވާދަކުރެއްވިދާނެތޯ އެއީ އޮތް ސުވާލެއް ނޫން ކަމަށް ޕީޕީއެމާއި ޕީއެންސީން ގަބޫލުކުރާ ދެ ސަބަބެއް އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް ފުރަތަމަ އިއްވައި ސުޕްރީމްކޯޓާ ހަމައިން މިނިވަންވެވަޑައިގެންނެވި މަނީ ލޯންޑްރިންގެ ހުކުމަކީ ވެސް އެމަނިކުފާނަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރަކަށް ވާތީ އަނިޔާވެރިވުމުގެ ގޮތުން އިއްވި ހުކުމެކެވެ. މިހާރު އުފުލާފައިވާ ދައުވާތަކުގައި ވެސް އެމަނިކުފާނު ވާދަކުރައްވަފާނެތީ ޖެހިލުންވުން ފިޔަވައި އިތުރު މަގްސަދެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ދެ ވަނަ ކަމަކީ މިހާރު ޝަރީއަތްތައް ހިނގަމުންދާ ގޮތަށް ބަލާއިރު ވެސް އެނގިވަޑައިގަންނަވާނެ, އިއްޔެ ހުށަހެޅި ހެކީގައި ވެސް ތާރީހް އޮތީ ނުބައިކޮށް. އެހެންވީމާ އެނގޭ އެއީ ކަނޑައެޅިގެން އެމަނިކުފާނާ ދެކޮޅަށް އުފައްދާ ހެކިތަކެއް ކަން," އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުން އުފައްދާ އެ ހެކިތަކުގެ ހަގީގަތް ހާމަވެ ޔާމީން މިނިވަންވާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ."

ކާނިވަލުގައި ބޭއްވި ހަރަކާތުގައި، ރައީސް ޔާމީން "ސާސްކަފުގެ 17" ނެރެދެއްވަނީ.--- ފޮޓޯ \ ރައީސް އޮފީސް

ޔާމީނަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ވެސް ޕާޓީގެ ވިސްނުމަކީ އިސްތިއުނާފް ކުރުމެވެ. އެ ހާލަތުގައި އެމަނިކުފާނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ވާތީ ސުޕްރީމް ކޯޓު މެދުވެރިވެ އިސްތިއުނާފްގެ މައްސަލަތައް އަވަސްކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެހެން ގޮތަކަށް ވިސްނަން ވެއްޖެ ނަމަ އެކަން ކުރިއަށް ގެންދާނީ ވެސް އޭނާ ވިދާޅުވި ގޮތުގައި އިސްތިއުނާފަށް ފަހު އެވެ.

އިންތިހާބަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ބޭފުޅުން ތިއްބަވާފާނެ ޕާޓީގައި ޕްރައިމަރީއެއް ބޭއްވުމެއް ނެތި ޔާމީނަށް ޓިކެޓް ދިނުމުގައި އެމަނިކުފާނުގެ މައްޗަށް އޮތް ހުކުމާ ގުޅުވާ ވާހަކަތައް ޕީޕީއެމާއި ޕީއެންސީން ދޮގު ކުރެ އެވެ.

"ރައީސް ޔާމީން މިނިވަންވި ދުވަހު އަޅުގަނޑުމެން ރިޔާސީ ޓިކެޓް އަރުވަން އުޅުނިން. އެއީ ދެ ކައުންސިލުން ވެސް އޭރު ނިންމާފައި އޮތް ނިންމުމެއް ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް. މި ނިންމުން ރަށްރަށް ކުރި ދަތުރުތަކުގައި ވެސް ވަނީ ބަލައިގެންފައި," އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ ނިންމުމުގެ މައްޗަށް ރިޔާސީ ޓިކެޓް ދޭން ނިންމި ފަހުން ވެސް އެކަމާ މެދު ކަންބޮޑުވެގެން އެއްވެސް ބޭފުޅަކު ޕާޓީއަށް ރަސްމީ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިވަންވުމާ އެކު ރިޔާސީ ޓިކެޓްގެ ފިލާ ހަވާލުކުރަން އުޅުނު ކޮންމެ ފަހަރަކު އެކަން މަޑުޖައްސާލަން ތަކުރާރުކޮށް އެދިވަޑައިގަތީ ޔާމީން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ޕާޓީ ބޮޑުވެފައި އޮތުމާ އެކު ޕްރައިމަރީއެއް ބާއްވަން ރައީސް ޔާމީން ހުށަހަޅުއްވައި އެ ވިސްނުން ގަބޫލުކުރައްވައި ޕާޓީ ތެރޭގައި ވާހަކަ ދެކެވުނު. އެކަމަކު ޕްރައިމަރީއެއްގައި ވާދަކުރަން ޝައުގުވެރިކަމެއް އެއްވެސް ބޭފުޅަކު ފާޅުކޮށްފައެއްނުވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"ރަށްރަށަށް އަޅުގަނޑުމެން ކުރާ ދަތުރުތަކުގައި އެންމެވެސް ވިދާޅުވަމުން ގެންދަވަނީ ރާއްޖެ މިހާރު މިއޮތް ހާލަތުން ސަލާމަތްކޮށްދެވޭނީ ރައީސް ޔާމީނަށޭ. އިންތިހާބު ކައިރިވަމުން އަންނާތީ އާއި ރައްޔިތުންގެ އެ ވިސްނުން އެގޮތަށް ހުރީމަ އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓަކަށް ދެ ޕާޓީގެ ކައުންސިލުން ހަމަޖެއްސީ."

ޕްރައިމަރީއަކަށް ގޮސްގެން ރިޔާސީ ކެންޑިޑޭޓަކު ހަމަޖެއްސުމަކީ ޑިމޮކްރަސީގެ އެންމެ ރީތި ގޮތް ކަމަށް ވިޔަސް ޔާމީނަށް އަނިޔާދެމުން ދިޔައިރު ކައުންސިލުން ނިންމި ނިންމުމުގެ ބާރު ކަނޑުވާލަން ބޭނުން ނުވުމަކީ ވެސް ސަބަބެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ޓިކެޓް ދިނުމުގެ ނިންމުން ފައިނަލްކުރީ ޔާމީނަށް ދައުވާ އުފުލައި ޖަލަށް ލުމާ އެކު އެމަނިކުފާނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަމަށް ކައުންސިލުން އޭރު ނިންމި ނިންމުމުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

"ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ބޭނުންވެގެން އެއްވެސް ބޭފުޅަކު މިހާރު ވެސް ހުށަހަޅުއްވައިފިއްޔާ އަޅުގަނޑުމެންގެ އެބަހުރި އެ ހިތްވަރު ޕްރައިމަރީއެއް ބޭއްވުމުގެ," އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އިސް ބޭފުޅުންގެ ވިސްނުމާއި ޔަގީންކަމަކީ މި އެވެ; މި ނޫން މަގަކުން ރިޔާސީ އިންތިހާބަށް އެ ދެ ޕާޓީން މިސްރާބު ޖެހުމެއް އަދި ނެތެވެ. އެކަމަކު ވެސް ޔާމީންގެ ޓިކެޓާ ގުޅޭ ގާނޫނީ ސުވާލު އަދި އޮތީ އެވެ.

47 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދީދާރު

04 August 2022

ދިވެހިންނަކީ ގަމާރުން ވެއްޖެއްޔާ އަލުން ޔާމީނު ވެރިކަމަށް ގެންނާނީ، އޭނާގެ ވެރިކަމުގައި ރަނގަޅަށް ކަންކުރި އެއްދިމާއެއް އެބައޮތްތަ؟ އަނިޔާ، ކޮރޮޕްޝަން، އިދޮކޮޅު އެންމެން ޖަލަށް ލުން، ދައުލަތް ލޫޓުވާލުން، ނުރުހޭކޮންމެ މީހަކު ޖަލަށްލުން، މެންބަރުން ވަކިކުރުން، ރާއްޖެޓީވީގެ އަންދާލުމާ، ޖުރުމާނާ ކުރުން. ދައުލަތުގެ ފައިސާއިން، އަމިއްލަ ނަމުގައި މިސްކިތްއެޅުން...........

The name is already taken The name is available. Register?

ނަށީދު

04 August 2022

އަންނިއަށް 2018 ގަ ނުވިކަމެއް ޔާމީނަށް ވެދާނެބާ؟ ކަޕިޓަލިޒަމްގެ "ދަ ކޮމްޕެނީ" ތިޔަށް ތަންދޭނެބާ؟

The name is already taken The name is available. Register?

ނުފެނޭދޯ

04 August 2022

އަންނިއަށް ނުވެފަ ކޮބާތަ؟ އޭނަގެ ބާރު މިހާރަށްވުރެ ބޮޑަށް ހިނގާއިރެއް ނެތް. އޭނަ ކޮންމެ ކަމެއް ކުރިއަސް އޭނައާ ބެހެވޭނެ މީހަކު ނެތް. އިބޫގެ މާސްކް އަޅައިގެން ހުރެ އޭނައަށް ލިބޭ ކާމިޔާބު މަދުތަ؟

The name is already taken The name is available. Register?

ސާދާސީދާ

03 August 2022

ޤިޔާމަތް ދުވަހު ސަލާމަތްވާނެބާ އިމުލާގެ ކުށަކުން؟

The name is already taken The name is available. Register?

ނުވާނެ

04 August 2022

ވަކި މަނީލޯންޑްރިންގގެ ވާހަކަ އެދުވަހުން އަންނާނެބާ؟ އަދީބުއާއެކީ ހަދާފަ އޮތް އެއްބަސްވުމަށް އެދުވަހުން ބަލާނެބާ؟ ޔާމީންގެ އެކައުންޓްގަ ހުރި ފައިސާގެ އަދަދު އެކަނި ދައްކާ ގޮތަށް އެހެން މީހުންގެ އެކައުންޓް ހުންނާނީ ފޮރުވިފަބާ؟ އަދީބު ގެންގުޅޭ މީހުންތައް ލައްވާ އެދުވަހުވެސް ދޮގުހެކި ދެވޭނެބާ؟ ގައުމުގެ ވރން ބޯ އެއްޗެއްސާމެދު ހިސާބު ނުބެލެވޭނެބާ؟ އެމީހުންގެ ހެވިންގ ސެކްސްއަށް އަދަބެއް ނުލިބޭނެބާ؟

The name is already taken The name is available. Register?

ރައްޔިތުންގެވިންދު

03 August 2022

ރައީސް ޔާމީނަށް އެކަނި އޮތީ އެކަނިމާއެކަނި ނިކުމެ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ކުޑަނަމަވެސް ޔަގީންކަމެއް. އިންތިޚާބުގަ ރައްޔިތުން ބަލާނީ ލޮލަށްފެންނަން ހުރި ތަރައްގީތަކަށް. އެއީ މިނެކިރަން ރައްޔިތުން ބޭނުންކުރާ މިންގަނޑު ވޯޓުލުމުގެ ކުރިން.

The name is already taken The name is available. Register?

ަސާދާސީދާ

03 August 2022

އެއީ އިމުލާ ކުށަކުން އަދަބުން ސަލާމަތްވުން؟ ޤިޔާމަތް ދުވަހުން އެހެން ވާނެބާ؟

The name is already taken The name is available. Register?

ޓިން ޓިން

03 August 2022

އަނެއްކާ ގައުމު ބަނޑުއަޅާލާކަށް ފުރުސަތެއްނުދެވޭނެ. އެއޮށްފަގީރުމީހާ ބަލާބަލަ މަހުޖަނުވެފާވާވަރު މިހާރު.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

03 August 2022

ވާދަކުރެވޭނެތޯ ސުވާލުކުރާ ފަރާތުން ސުވާލު ނުކުރަނީކީއްވެ ރނަޝީދު ގާސިމު ކާނަލްނާޒިމު މިމީހުންނަ އިންތިޙާބުތަކުގަ ވާދަކޮށް މަޖުލިހުގަ އެތިބީ ކީއްވެތޯ..ސްޕުރީމްކޯޓުން ނެރުނު އަމުރު ސާފުކޮށްއެއޮތީ ފެންނަން މިމީހުންގެ މައްސަލަތައް އަލުން ރިވިޔުކޮށް މައްސަލަބެލުމަށް އަމުރުކޮއްފަ.އެކަމަކު ޕޖއިން މިކަންނުކޮށް އެތިބީ..މިބުނި އެއްވެސްމީހަކީ މައުސޫމުމީހެއްކަމަށް ކޯޓުންހުކުމްނުކުރޭ..ވީއިރު ރޔާމީނަށް ނުހައްގުން ކިތައްމެ މައްސަލައެއް އުފަންކުރެވިދާނެ.

The name is already taken The name is available. Register?

Draw

03 August 2022

ކަލޭޔަށް ކޮންގެރެންޓީއެއް އޮތީ އޭނަ އެއްވެސް ކަމެއް ނުކުރާކަން. ކަލޭވެސް ގައުމު ބަޑުއަޅާލުމުގައި ބައިވެރިވީތަ

The name is already taken The name is available. Register?

ސަނޯ

04 August 2022

ސްޕްރިންކޯޓުގެ ހުކުމުން އެނގެނީ، ޔާމީނުގެ ނުފޫޒުންކަން އެމީހުންނަށް ހުމްކޮށް ޖަލަށްލީ،

The name is already taken The name is available. Register?

ޖަރާސީމު

03 August 2022

ވާދަ ކުރެވުނަސް އެއީ ވޯޓުދޭން ހެޔޮވާވަރުގެ މީހެއް ނޫން. ޕީޕީއެމް ވަގަށް ނެގުން. ސިފައިން ބޭނުންކޮށްގެން މަޖިލިސް ހުއްޓުވާލުން. ސުޕުރީމް ކޯޓުގެ ޓިނު ނަގައިގެން، ފަނޑިޔާރުން ދަމާ ކޫތާފައި ޖަލަށްލުން. އެއްވެސް ވަރަކަށް ޚިޔާލު ފާޅުކުރުމަށް ހުރަސްއެޅުން. ނޫސްވެރިކަން ކަފުން ކުރުމާއި، މީޑިއާތަކަށް ބިރުދެއްކުމާއި ބޮޑެތި އަދަދުން ޖޫރިމަނާ ކުރުން. އެއްވެ އުޅުމަށް ހައްޖަށް ދާން ގޮވުން. މަސްތުވާ ތަކެއްޗަކީ އާންމު އެއްޗަކަށް ހެދުން. އަދިވެސް...

The name is already taken The name is available. Register?

ހހހބބ

03 August 2022

ވޯޓް ދޭނަން

The name is already taken The name is available. Register?

ޕްރޮފެސަރ އުގެއިލް އަރުވަންވީ

03 August 2022

އޭނާ އެއީ ބުއްދި ރަނގަޅު މީހެއް. ޔާމީން އަކީ ވަގެއް.

The name is already taken The name is available. Register?

މިރައިސް2023

03 August 2022

ޔާމީނަށް ކުރިމަތިލެވޭނެގޮތް ހެދުން އެއީ އިންޑިއާ ހަދާނެ މިސްޓޭކެއް. ކުރިމަތިލެވޭ ގޮތް ހަދައިފިއްޔާ ޔާނު އިންތިހާބު ކާމިޔާބުކޮށް އިންޑިއާ ބޭރުކޮށްލާނެ މިތަނުން.

The name is already taken The name is available. Register?

ތެދޭމީ

03 August 2022

ޔާނު ނަގާނެ އިންތިޚާބު މިއަދު ބޭއްވިޔަސް

The name is already taken The name is available. Register?

ފިކުރު

03 August 2022

ކޮއިފުޅާ މިހާރު ކަންކަން ގޮސްފައި ހުރިހިސާބުން ވަކިން ޔާމީނެއްނޫން ކޮންމެ މީހަކަށް ޖެހޭނީ ތިޖޫރީ ދެއްކިމީހާ ފަހަތުން ނާށިގަނޑު ހިފައިގެން ދުވަން. ކުރީގައި ޤައުމުގެ ދެތިން ފަޅުރަށް ވިއްކާލައިގެން އެއަރޕޯޓުގެއަގު ދެއްކިޔަސް މިފަހަރު ދެމެނުގަނެވޭވަރަށް އިބޫއަށް ތަރައްޤީގެ ދަރަނި އެއޮތީ ދީފައި. ބޮލެއް ކަނސުރާއެއް ބެލުމެއްނެތި އަޅާލާނި ފެންދީދީފައި ކަތިލަން. ކުރީގެ ކަންދިޔަގޮތް ވިސްނާލީމާއެގުނުގޮތްމީ.

The name is already taken The name is available. Register?

އަރިސް

03 August 2022

ޔާމީނަށް ވެރިކަމަށް ކުރިމަތި ލެވުމަށްވުރެ ކައިރީ ނުލެވުމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454