ކުޅިވަރު / ދެވަނަ ޑިވިޝަން ފުޓްބޯޅަ

ވިކްޓަރީގެ ފަހު މެޗުގައި ޒުވާން ފޯވާޑް ނާއިމްގެ ހެޓްރިކެއް

ލޮރެންޒޯ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވިކްޓަރީގެ ޒުވާން ފޯވާޑް ނާއިމް.-- ފޮޓޯ: އެފްއޭއެމް

މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވިކްޓަރީ ސްޕޯޓްސް ކުލަބް ކުޅުނު ފަހު މެޗުގައި، އެޓީމަށް ކުޅޭ ޒުވާން ކުޅުންތެރިޔާ ހަސަން ނާއިމްގެ ހެޓްރިކާ އެކު 4-1 އިން ލޮރެންޒޯ ސްޕޯޓްސް ކުލަބް ބަލިކޮށްފި އެވެ.

މިއަހަރުގެ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި މަހިބަދޫ ސްޕޯޓްސް ކުލަބުން ފާހަގަވި ނާއިމް ވަނީ، އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

އޭނާގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނިޓުގައި ޖަހައިދިން އިރު، ލީޑް ފުޅާ ކޮށްދިނީ ހަވަނަ މިނިޓުގަ އެވެ. އަދި އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ، ހާފް ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް، މެޗުގެ 43 ވަނަ މިނިޓުގަ އެވެ.

މިއީ މި އަހަރު 17 އަހަރު ފުރުނު ފޯވާޑް ނާއިމް، ވިކްޓަރީ އަށް މި ސީޒަނުގައި ކުޅުނު ތިން މެޗުން ޖަހައިދިން ހަތަރުވަނަ ގޯލެވެ. އޭނާގެ ފުރަތަމަ ލަނޑަކީ އުފަން ރަށް މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑެކެވެ.

ނާއިމް ވަނީ އޭނާ ފުލް ކޮށް ކުޅުނު ދެ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. އެންމެ ފުރަތަމަ ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 20 މިނިޓަށް ކުޅެން އެރި ނަމަވެސް އޭނާ ވަނީ ވިކްޓަރީން ކުޅުނު ފަހު ދެ މެޗުގައި ވެސް ފުރަތަމަ 11 ގައި ހިމެނިގެން މެޗު ފުރިހަމަ ކޮށްފަ އެވެ.

ލޮރެންޒޯ ސްޕޯޓްސްގެ ހަމައެކަނި ލަނޑު 61 ވަނަ މިނިޓުގައި ޖަހައިދިނީ ނަސޫހު ސައީދެވެ. އަދި މެޗުގެ 83 ވަނަ މިނިޓުގައި އަހުމަދު ހުސެއިން ވަނީ ވިކްޓަރީގެ ހަތަރު ވަނަ ލަނޑު ޖަހައިދީފަ އެވެ.

ބީޖީ ސްޕޯޓްސް ވެސް ވަނީ އެޓީމުގެ ފަހު މެޗުގައި މަހިބަދޫ ސްޕޯޓްސް ބަލިކޮށްފަ އެވެ. ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓުގައި އިބްރާހިމް އިސްމާއިލް ޖެހި ހަމައެކަނި ލަނޑާ އެކު ބީޖީ އިން މެޗު ކާމިޔާބުކުރީ 1-0 އިންނެވެ.

އިއްޔެގެ ނަތީޖާތަކާ އެކު ވިކްޓަރީ އަށް ވަނީ ހުރިހާ މެޗެއް ކުޅެގެން 10 ޕޮއިންޓް ލިބިފަ އެވެ. އެޓީމަށް މާ ކުރިން ސެމީ ފައިނަލުގެ ފުރުސަތު ގެއްލިފައި ވާއިރު، ވިކްޓަރީ ގުރޫޕް ސްޓޭޖް ނިންމާލީ، ހަތް ޓީމު ވާދަކުރި ގުރޫޕް ބީގެ ހަތަރު ވަނައިގަ އެވެ. ފަސްވަނައިގައި ނިންމި ބީޖީ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

ލޮރެންޒޯ ބަލިކޮށް ހޯދި ހަމައެކަނި ތިން ޕޮއިންޓާ އެކު، އެއް މެޗު މަދުން ކުޅެގެން މަހިބަދޫ އޮތީ ހަ ވަނައިގަ އެވެ. އަދި ލޮރެންޒޯ ގުރޫޕުގެ ފުލުގައި އޮތީ ކުޅުނު ހަތް މެޗުން ވެސް ބަލި ވެގެންނެވެ.

ސެމީ ފައިނަލުގެ ރޭހުގައި އެލްޓީ، ނިއު އަދި ޓީނޭޖް

ސެމީ ފައިނަލުގެ ޖާގައަކަށް މި ގުރޫޕުން ތިން ޓީމެއް ވާދަ ކުރެ އެވެ. އެއީ 13 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް އެލްޓީ ސްޕޯޓްސް ކްލަބާއި، 12 ޕޮއިންޓާ އެކު ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިތުރުން، 10 ޕޮއިންޓާ އެކު ތިންވަނައިގައި އޮތް ކްލަބް ޓީނޭޖެވެ.

މި ގުރޫޕުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ މި ގުރޫޕުން ސެމީ ފައިނަލަށް ދަތުރު ކުރާނެ ޓީމެއް ކަނޑައަޅަން މުހިއްމު މެޗުތަކެކެވެ. އެންމެ ފޯރި ގަދަ މެޗަކަށް ވެގެން ދާނީ މިރޭ އެލްޓީ ސްޕޯޓްސް އާއި ކްލަބް ޓީނޭޖް ކުޅޭ މެޗެވެ. ޓީނޭޖް ސެމީ ފައިނަލަށް ދަތުރު ކުރަން މިރޭގެ މެޗުން އެޓީމު މޮޅުވާން މަޖުބޫރެވެ. އެހެން ނޫން ނަމަ އެލްޓީ އާއި ނިއު އަށް ސެމީ ފައިނަލުގެ ޖާގަ ޔަގީން ވާނެ އެވެ.

މި މެޗަށް ފަހު، ނިއު ފަހު މެޗުގައި މަހިބަދޫއާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ނުކުންނާނެ އެވެ. މި ދެޓީމު އޮގަސްޓް އެއް ވަނަ ދުވަހު ބައްދަލުކުރަން އޮތް ނަމަވެސް، އެ ދުވަހު މޫސުން ގޯސްވުމާ އެކު މަހިބަދޫ ޓީމަށް މާލެ ދަތުރު ނުކުރެވިގެން މެޗު ފަސް ކުރީ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަގީގީ އަސަރު

09 August 2022

ނިއުރޭޑިއަންޓް އެނބުރި އައުމުން ފުޓުބޯޅައަށް އާ ދިރުމެއް ލިބިއްޖެ. ފަޅުވެފާވާ ގަލޮޅު ދަނޑަށް، މެޗްބަލަން ވަންނާނޭ އެތައް ބައިވަރު ބަޔަކު ވެއްޖެ. އުންމީދަކީ ނިއުރޭޑިއަންޓަށް ދެވަނަ ޑިވިޝަނުން ސަލާމަތްވެ އެއްވަނަ ޑިވިޝަނުގާ ފައިތިލަ ސާބިތުކުރާތަން ފެނުން. ޝުކުރިއްޔާ އިބޫސޯލިހް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454