ރިޕޯޓް / ޓެކްސީ ހިދުމަތް

ޓެކްސީ ބޯޑުތައް، ތޮއްޖެހުން ބޮޑުކުރުމުގެ އާ ފުރުސަތު

މާލޭގެ މަގެއްގެ މައްޗަށް ނިކުމެއްޖެ މީހަކު މިނިޓެއްގެ ތެރޭގައި ބޯހާސްވާނެ އެވެ؛ ވެހިކަލްތަކުން މަގުތައް އޮންނަނީ ފުރި ބާރުވެފަ އެވެ. ވެހިކަލް ކިއޫއެއްގައި ސިކުންތެއް މަޑުކުރަން ޖެހުނަސް ކަންފަތް ފަޅައިގެންދާ ވަރަށް ބަރުގޮނު އަޅާނެ އެވެ. ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނޯވެ އެވެ. ހުރިހާ ވެހިކަލްތަކެއް ފަޅާލާފައި ވެސް ގިނަ މީހުން ބަލަނީ އަވަހަށް ދެވޭތޯ އެވެ. މިއީ މާލޭގެ އާއްމު ހާލަތެވެ.

ހައްލެއް ނުހޯދުނު މި މައްސަލަތަކާއި ތޮއްޖެހުން ކުރިއަށް އޮތް ތަނުގައި އަނެއްކާވެސް ބޮޑުވާނެ އެވެ. އެއީ، ޓެކްސީ ބޯޑަށް އެދޭ ހުރިހާ ފަރާތްތަކަށް އެ ހުއްދަ ދޫކުރާ ގޮތަށް ގަވާއިދު އިސްލާހުކޮށްފައި ވާތީ އެވެ. މިދިޔަ ހަފުތާގައި ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން އަލަށް ޓެކްސީ ކުރަން ބޭނުންވާ މީހަކު 50،000ރ. ގެ ޓެކްސީ ފީއެއް ދެއްކުމުން ބޯޑު ދޫކުރާނެ އެވެ. މާނައަކީ އެ ހުއްދައާ އެކު މާލޭގައި ދުއްވާ ޓެކްސީތަކުގެ އަދަދު ވެސް އިތުރުވުމެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި މިހާރު ވެސް 899 ޓެކްސީ ދުއްވަ އެވެ.

ގަވާއިދު އިސްލާހުކުރުމާ ހަމައަށް ޓެކްސީ ބޯޑު ދޫކުރުން އޮތީ ހިފަހައްޓައިފަ އެވެ. އެންމެ ފަހުން ޓެކްސީ ބޯޑު މީގެ ހަ އަހަރު ކުރިން ދޫކުރީ ވަކި އިންތިޒާމުތަކެއް ހަމަނުޖައްސައި ކަމަށް މި ސަރުކާރުން ދެކެ އެވެ. ބޭނުން ކޮންމެ މީހަކަށް ބޯޑު ދޫކޮށްލުމުގެ ވިސްނުން ސަރުކާރުން ގެންގުޅުނީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި، ޓެކްސީ ކުރަން ފަށަން ބޭނުންވާ މީހުންނަށް، ސެކަންޑަރީ މާކެޓްގައި ހުރި ބޯޑުތަކުގެ އަގު ބޮޑުކަމުން، އެ ފުރުސަތު ނުލިބޭތީ އެވެ.

މާކެޓްގައި މިހާރު ބޯޑު ވިއްކާ އަގުތަކާ އަޅާބަލާއިރު، 50،000ރ. އަކީ ހެޔޮ އަގެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ދެކެ އެވެ. މައްސަލައެއް ނެތެވެ. ޚިދުމަތް ފަށަން ބޭނުންވާ މީހުންނަށް ވިސްނައި އަގުހެޔޮކުރީ އެވެ. އެކަމަކު މި ބަދަލު ގެނައި އިރު ވެހިކަލްތަކުން މާލެ އިތުރަށް ތޮއްޖެހޭނެ މިންވަރާ މެދު ނުވިސްނީ ކީއްވެ ހެއްޔެވެ؟ ވެހިކަލްތަކުގެ ދުމުން ތަޣައްޔަރުވެފައިވާ، މާލޭގެ މާހައުލުގައި ތިމާވެށީގެ ގޮތުން އަނެއްކާވެސް އާއްމުންގެ ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ވެސް ނުވިސްނާ ހެއްޔެވެ؟

މާލޭގެ މަގެއްގައި ޓެކްސީތަކެއް ދުއްވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ދެކެވަޑައިގަންނަވާ ގޮތުގައި މި ބަދަލުގެ ކުރިން ވެސް ނިޒާމް ރޭވިފައި އޮތީ ތޮއްޖެހުމަށް ހައްލު ލިބޭ ގޮތަކަށް ނޫނެވެ. ގަވާއިދުތައް އޮންނަ ގޮތުން، މިހާރު ވެސް މާލެ އަށް އެތެރެކުރާ ކޮންމެ ވެހިކަލަކަށް ހުއްދަ ދޭން ޖެހެ އެވެ.

"ރާއްޖެ އެތެރެކޮށް ޝަރުތު ފުރިހަމަވާ އެއްވެސް އުޅަނދަކަށް ހުއްދަ ނުދީ ހިފަހައްޓާފައެއް ނުވާނެ މިހާތަނަކަށް،" ނާފިޒް ވިދާޅުވި އެވެ.

ބޯޑު ވިއްކާނެ އުސޫލް ވަރަށް އަވަހަށް ކަނޑައަޅާނެ

ޓެކްސީ ބޯޑު ވިއްކަން ނިންމައި ގަވާއިދު ގެޒެޓްކޮށްފައިވީ ނަމަވެސް އޭގެ މާ ބޮޑު ތަފްސީލެއް އާއްމުކޮށްފައެއް ނުވެ އެވެ.

ނާފިޒް ވިދާޅުވި ގޮތުގައި އެ އުސޫލްތައް ވަރަށް އަވަހަށް ކަނޑައަޅައި އާއްމުކުރާނެ އެވެ. ކޮންމެ މަހަކު ނުވަތަ ގިނަވެގެން ވިއްކާނީ ކިތައް ބޯޑުތޯ ކަނޑައަޅާނީ އެ އުސޫލްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިމިޓެއް ނެތި ދޫކޮށެއް ނުލާނެ،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ އަށް ވެހިކަލްތައް ގިނައިން އެތެރެކުރަނީ ޓެކްސީކުރަން ނޫން ކަމަށެވެ. ވެހިކަލްތައް އެތެރެކުރަނީ އެ މީހެއްގެ އަމިއްލަ އުފަލަށް ކަމަށްވާއިރު، ޓެކްސީ ލިބުމުގައި އާއްމުންނަށް މިހާރު ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ނާފިޒް ވިދާޅުވި އެވެ.

ބޯޑު ވިއްކަން ފަށާ އެއް ބޭނުމަކީ، ނާފިޒް ވިދާޅުވި ގޮތުގައި، ޓެކްސީ ނުލިބޭ ކަމަށް ކުރާ ޝަކުވާ އަށް ހައްލެއް ހޯދައިދިނުމެވެ. އޭގެ އިތުރުން ހަމައެކަނި ޓެކްސީކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމާއި އެ ނޫން ވެސް ގިނަ މަގްސަދުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޑު ވިއްކުމާ އެކު އަމިއްލަ ފަރާތްތަކުގެ ވެހިކަލްތަކަށް ވެސް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ވިސްނައިފަ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފި ނަމަ، ޓެކްސީ ކުރަން އެޕްލިކޭޝަނެއް ބޭނުންކުރެވިދާނެ ކަމަށް ގަވާއިދުގައި ހިމަނާފައި ވަނީ އެހެންވެ އެވެ.

"އަމިއްލަ ފަރާތްތަކުން ޓެކްސީކުރާއިރު ނުހުންނާނެ ޓެކްސީ ބޯޑެއް ވެސް. އެޕްލިކޭޝަން ބޭނުންކުރަން ޖެހޭނީ،" ނާފިޒް ވިދާޅުވި އެވެ.

އާ ގަވާއިދު އޮތީ، ނާފިޒް ވިދާޅުވި ގޮތުގައި، ޓެކްސީ އަށް އޮންނަ ބޮޑު ޑިމާންޑަށް ވަރަށް ބޮޑު ލުޔެއް ލިބޭ ގޮތަށެވެ.

ތޮއްޖެހުން ކުޑަކުރެވޭނެ ގޮތެއް ނެތް!

އެތެރެކުރާ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލް ކުރެވޭނެ އެއްގޮތެއް ވެސް އަދި ނެތެވެ. ކިތަންމެ ބައިވަރު ވެހިކަލެއް އެތެރެކުރިއަސް އެޅޭނެ ފިޔަވަޅެއް ވެސް ނެތެވެ.

މީހަކު ޓެކްސީއަކަށް އަރަނީ: ޓެކްސީގެ އަދަދު އިތުރުކުރުމުން ޑިމާންޑަށް ވެސް ލުޔެއް ލިބޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދެކޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕާކިން ސިސްޓަމްތަކާއި ޕާކިން ބިލްޑިންގުތައް މާލޭގައި އަޅަން ނިންމާފައި ވަނީ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އެކަމަކު މި ގޮތަށް ހަދައިގެން ވެސް މުޅި މައްސަލައަށް ހައްލެއް ނުހޯދޭނެ އެވެ. ޕާކުކުރާނެ ޖާގަ ކުރިއަށް ވުރެ ތަނަވަސް ވެދާނެ އެވެ.

އެތެރެކުރާ ވެހިކަލްތަކުގެ އަދަދަށް ބަލާއިރު، އަލަށް ހަދާ ޕާކިން ޒޯނުތައް ފުރޭކަށް ވެސް މާ ގިނަ ދުވަހެއް ނުނަގާނެ އެވެ.

ތޮއްޖެހުން ކުޑަކުރަން، ނާފިޒް ވިދާޅުވި ގޮތުގައި، އެ ރަށެއްގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައަޅަން ޖެހެ އެވެ. އެއީ ތޮއްޖެހުން ކުޑަކުރަން މިހާތަނަށް ފެންނަން އޮތް އެންމެ ރަނގަޅު ހައްލު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މާލެ އަށް ބަލާ ކަމަށް ވަންޏާ، މާލޭގެ ބިން އިތުރެއް ނުކުރެވޭނެ އަޅުގަނޑުމެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް،" އޭނާ ވިދާޅުވި އެވެ.

މައްސަލަ އަށް ހައްލެއް ފެންނަން ނެތްއިރު، ވެހިކަލްތަކުން މަގުތައް އިތުރަށް ތޮއްޖެހޭނެ ގޮތަށް ހެދުމަކީ ހިނގާ މީހުންނާއި ދުއްވާ މީހުންނަށް އިތުރު ތަކުލީފެއް އުފުލަން ޖެހޭނެ ކަމެކެވެ. ޓެކްސީގެ އާ ބޯޑުތަކާ އެކު އެ އުނދަގޫ އިތުރަށް ބޮޑުވާނެ ކަމާ މެދު ޝައްކެއް ނެތެވެ.

31 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 7%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަހަހަހަ

04 January 2017

އަސްލު މައްސަލަ ބާއްވާފައި ތޮއްޖެހުމޭ މިކިޔަނީ. ސްކޫލްތަކުން ނުކަތާވަރަށް ޖާގަދީފަ މީހުން މާލެ ބަދަލުކޮށްފަ މިކިޔަނީ ޓެކްސީއޭ ސައިކަލޭ.

The name is already taken The name is available. Register?

އަބޫ ކެޓް

04 January 2017

ހަމަ ރަނގަޅު ޕަބްލިކް ބަސް ހިދުމަތެއް ތައާރަފް ކޮށްފަ، ދިހަވަރަކަށް ހާސްރުފިޔާ މަހަކު ޕްރައިވެޓް ކާރަށް އަދި މަހަކު ދެހާހެއްހާ ރުފިޔާ ސައިކަލަކަށް ނަގަންވީ. މާލެ އަކީ އެހެންގައުމު ތަކުގައި ސޮޕިން ކޮންޕްލެކްސް ސައިޒްގެ ތަނެއްދޯ، ނުހިގިގެން މިއުޅެނީ!

The name is already taken The name is available. Register?

އެނޮނީމާ

04 January 2017

ބަލަ އަދިވެސް ނުވޭހޭ އިންސްތޯލްމަންޓަށް އެއްގަމު އުޅަނދު ދޫކުރުން ހުއްޓުވާކަށް. އެއީ މިކަން މިހާގޯސްވުމުގެ އަސްލުއެއްސަބަބު. ދެން ހަދަންވީ ގޮތަކީ ލައިސަންސްނެގޭ އުމުރުވެސް މަތިކުރަންވީ. 25 އަހަރު ފުރުމުން ނޫނީ ނުނެގޭގޮތަށް. މަގުމަށްޗަށް ނިކުންނަވަރު މަދުނުކޮށް މިކަމެއް ނުވާނެ ކިތަންމެ ވާޓިކަލް ޕާކިން ސިސްތަމެއް ބެހެއްޓިޔަސް

The name is already taken The name is available. Register?

ސަޓޯ

06 January 2017

އަނގާގަ ހުރި ދަތޭ ކިޔާބަލަ.

The name is already taken The name is available. Register?

އަބްދުއްލާ އަލީ

04 January 2017

ޓެކްސީބޯޑް ކިތަންމެ ގިނަވިޔަސް އެއީ މައްސަލަ އެއް ނޫން ތޮއްޖެހުން ހައްލު ނުވެގެން އުޅެނީ މާލޭގެ ޕާކިން އާ މަގު ބޭނުން ކުރަންޖެހޭ ގޮތުގެ ޕްލޭނެއް ނެތީމަ . މީހުން އަރުވަން ވީމާ ދެމަގު ބަންދު ކޮށްގެންވެސް ނުވަތަ ގޯޅި ކަންމަތީ ކަންކުއްޗަށްއޮވެގެންވެސް މީހުން އަރުވާ ބާލާ ހަދާފާނެ. ހިގާމީހުން ހިގާނެ ވަކި ދިމާލެއް ނެތް ، ސައިކަލް ދުއްވާމީހުން އެމީހަކު ދުއްވާނެ ގޮތަކަށް ދުއްވައިގެނެއް ތޮއްޖެހުން ކުޑައެއް ނުކުރެވޭނެ. އަމީނީ މަގާ މަޖީދީ މަގު ވެސް އެއްކޮޅަށް ބަދަލުކޮށް މަގު ބޭނުން ކުރާގޮތުގެ ގަވާއިދެއް އެކުލަވާލުމުން މެނުވީ ހައްލެއް ނުލިބޭނެ. މާލޭގަ ޓެކްސީ މަޑުކުރާނެ ތަންތަން ހެދުނު އެކަމަކު އެއަކަށް އަމަލު ނުކުރެވުނު . ޓެކްސީ ކޮންމެ ގެއެއްގެ ދޮރުމައްޗަށް މަޑެއްނުކުރެވޭނެ. މިހާރުޖެހޭނީ ޓެކްސީ މަޑުކުރާނެ ތަންތަން ކަނޑައަޅާ އެތަންތަނަށޤ ޓެކްސީ މަޑުކުރާގޮތަށް އެންމެންވެސް ބަދަލުވާނެ. މަސްމާރުކޭޓް ކައިރީ ހަނިގޯޅިތަކުގާ ސައިކަލް ޕާކް ކުރން މަނާކުރުމަށް ފުލުހުން ވަރަށް މަސައްކަތް ކޮށްފި ނަމަވެސް އެކަމެއެް ނުވި ދެންޖެހޭނީ ގާނޫނީ ހަރުކަށި ފިޔަވަޅެއް އަޅަން އެ ނޫންގޮތަކަށް ދިވެހިރާއްޖޭގެ އެއްވެސްކަމެއް ހަމަޔަކަށް ނޭޅުވޭނެ.

The name is already taken The name is available. Register?

ލަވްލީ

05 January 2017

ތިޔާ ބުނީ ހެޔޮކޮއް

The name is already taken The name is available. Register?

އަލިކަތީބު

04 January 2017

ވެހިކަލްތައް ގިނަވުން އެއީ މި ސަރުކާރުން އުފާކުރާ ކަމެއް. 50000 ރުފިޔާ ދިންވަރަކަށް ބޯޑް ވިއްކަން އެތިބީ ތައްޔާރަށް. ޕާކްކޮއްލާނެ ތަންކޮޅެއް ނުލިބިގެން ޒޯނުން ބޭރުގައި ޕާރކް ކޮއްލާއިރަށް ފުލުހުން ތިބޭނެ ތައްޔާރަށް ފައިސާ ހޯދަދޭން ސްޓިކާރޖަހަން. މިއދުވެސް 150 ރުފިޔާދީފަ އައިޑީ ކާޑް އާކޮއްލައިގެން ނުކުތްއިރު ސައިކަލްގަ ސްޓިކާރ އެއް. އަނެއްކާ ސަރުކާރަށް ލާރިދައްކަންޖެހުނީ. ރައްޔިތުންނަށް ކިތަންމެ އުނދަގުލެއްވިޔަސް މި ސަރުކާރަށް ވަރިހަމަ.

The name is already taken The name is available. Register?

ސުޒީ

04 January 2017

އިޖުތިމާއީ މުސީބާތެއްފަދަ ތަނަކައް ލިޓުލް ސިންގަޕޫރު ކިއާތި މަކައިރިއައް އަންނަނީ ރަކި ހިންޏެއް

The name is already taken The name is available. Register?

އަލްޓަރނޭޓިވްސް

04 January 2017

ޓެކްސީ ތައް މާލޭގައި ނިދަން ޕާރކް ކޮށްގެން ނުވާނެއެވެ. ޓެކްސީ ތައް ޕާރކް ކުރަން ނިދަން ދާން ޖެހޭނީ ގުޅި ފަޅަށެވެ. މިކަމަށް ގެންނަންވީ ކޮޅު ވެއްޓިއެއް ޚާއްސަ ކޮށްގެން މިއަހަރު ކުއްލި ބަޖެޓެއްގެ ދަށުން ނަމަވެސް. މާލޭގައި ސައިކަލް ތައް ވެސް ރޭގަނޑު 12 ގެ ފަހުން ޕާރކް ނުކުރެވޭނެއެވެ. ދާން ޖެހޭނީ ގުޅި ފަޅަށެވެ. އެނޫން ނަމަ ގޭތެރޭގައި ސައިކަލް ބަހައްޓަންވީއެވެ.

The name is already taken The name is available. Register?

އަނގަ

06 January 2017

ކުޑަ އިރު ކޮޅުވެއްޓިއެއް ދަށުވެފަ ބޮލަށް ކޮހިނެއް ވެފަ ތިހުރި؟

The name is already taken The name is available. Register?

ސައީމާ

04 January 2017

ތޮއްޖެހުމުގެ ހައްލަކީ ޓެކްސީ މަދުކުރުމެއް ނޫން. ޕްރައިވެޓް ވެހިކަލް މަދުކުރުން. ޓެކްސީފަދަ ޕަބްލިކް ޓްރާންސްޕޯޓް ވަސީލަތްތައް މަދުވުމުން އޭގެ ހައްލަކަށް މީހުން އަމިއްލަ ވެހިކަލް ހޯދާލެއް އިތުރުވާނީ. އެންމެ 4 ވަރަކަށް މީހުން ބޭނުންކުރަން ކާރެއް ގަނެފަ ޕާކްކޮށްފަ ބޭއްވުމަށްވުރެ ރަނގަޅުދޯ ގިނަ މީހުންނަށް ބޭނުންކުރެވޭ ކާރުތައް މާލޭގަ އިތުރުވުން

The name is already taken The name is available. Register?

ހަސަން / ހިތަދޫ

04 January 2017

ބައެއް އޮންލައިނު ނޫސްތަކާއި ނޫސްތަކައް ލިޔެދޭ މީޙުނައް ހަމަ ނޭގެނީ ބާވައޭ ޓެކުސީ ޑުރައިވަރުންގެ ހުރި ޑިސިޕުލީން.. ޓެކުސީ ސުއްވުމާއި ބެހޭގޮތުން ޓުރާންސް ޕޯރޓު އޮތޯރެޓީން ނެރުއްވި ގާވާއިދު އަދިވެސް ތަންކޮޅެއް ފަސޭހަ..، ޓެކުސީ ތަކަކީ ގައުމެއްގެ މޫނުމަތި، ސާފުޠޯހިރުކޮށް ތިބެންވާނީ... މީގެ ބަހަނާތަކެއް ނުދައްކައި ސަރުކާރުން އެކުލަވާ ގަވާއިދު އާއި މެދު ހިތްހަމަނުޖެހޭ ބަޔަކު ނަމަ އާމުދަނީ ހޯދުމައް އެހެން ގޮތެއް ހޯދުން ބުއްދިވެރި.. އަހަރުމެން ޓެކުސީ ތަކުގެ ޚިޒުމަތް ހޯދާ މީހުން ވަރައް ހިތްހަނަޖެހޭ ސަރުކާރުން އެކުލެވި ގާވައިދާއި މެދު.!!!

The name is already taken The name is available. Register?

އަޙުމަދު ޖާބިރު

04 January 2017

މީހުން ވެހިކަލް ގަންނަނީ ޕާރކު ކުރަންބާ، ނޫނީ ދުއްވަންބާ، ޕާރކު ކުރަންކަމަށްވަންޏާ ތޮއްޖެހުމަށް ހައްލެއްލިބޭނެ، އެކަމު ދުއްވަންކަމަށްވަންޏާ ތޮއްޖެހުމަށް ޙައްލެއް ނުލިބޭނެ، ދެން ކޮން ޕާރކިން ނިޒާމެއްގެ ވާހަކައެއް މި ދައްކަނީ،، ވެހިކަލް އެތެރެކުރީމަ ދައުލަތަށް ޑިއުޓީ ދައްކަ އެއްުނު، އަހަރީ ފައިސާ ލިބެ އެއްނު، އިސްޓިކާ އެއް ޖަހާފިއްޔާ އޭގެ ޖޫރިމަނާ ފައިސާވެސް ކލިބެ އެއްނު، ނުވިތާކަށް ތޮއްޖެހޭ ފީ ވެސް ދައްކަ އެއްނު، ދެން ސަރުކާރަށް ފައިދާ ބޮޑުވާނީ ތޮއްޖެހުނު ވަރެއްނު، ދައުލަތަށް ވަނީ ފައިދާ، އެކަމު އާންމުންނަށް ވަނީ އުނދަގޫ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454