ނިޝާންގެ މައްސަލާގައި ހައި ކޯޓުން ބޭއްވި އަޑުއެހުން: އޭނާ ތިން ފަހަރަށް ބަންދުކުރި އަމުރުތައް ހައި ކޯޓުން ވަނީ ދަމަހައްޓާފައި
11 އޯގަސްޓް 2022 - 14:40
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިހް އާދަމް ނިޝާންގެ ބަންދުގެ މުއްދަތު ތިން ފަހަރަށް އިތުރުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ހިންގަމުން ދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެކަމަށް ހިތްވަރު ދިންކަމުގެ ތުހުމަތުކޮށް، ހައްޔަރުކުރި ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރުކުރަމުން ގޮސް، މަހަކަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓި އެވެ. ކްރިމިނަލް ކޯޓުން އޭނާ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ނިޝާން ބަންދުގައި ބަހައްޓަން ތިން ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ނިޝާންގެ މައްޗަށް ތުހުމަތެއް ކުރެވޭ ކޮންމެވެސް މިންވަރުގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ފަހުން އޭނާގެ ބަންދު މުއްދަތު އިތުރުކުރިއިރު އާ ހެކިތަކެއް ފުލުހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި އިތުރު ހެކި ވެސް ހިމެނޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކީ ޝަރުތު ހަމަނުވާ ރިޕޯޓެއް ކަމަށް ނިޝާންގެ ފަރާތުން ފާހަގަ ކުރިޔަސް، ރިޕޯޓުގައި ހުރި ކަންކަމަށް ބާރު ލިބިދޭ އެހެން ގަރީނާތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.
ނިޝާންގެ ބަންދު މުއްދަތު ކުރިން އިތުރުކުރި އެހެން މައްސަލައެއް ވެސް އޭނާގެ ފަރާތުން އިސްތިއުނާފްކުރި އެވެ. އެ ނިންމުމަށް ހައި ކޯޓުން ވެސް ކުރިން އޮތީ ތާއީދުކޮށްފަ އެވެ.
ނިޝާންގެ އިތުރުން އެ މައްސަލާގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދަށް ވެސް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ. އޭނާ ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
12 August 2022
ތިޔަ ހުކުމް ލިޔުއްވީ ހައިކޯޓުގަތޯ ނޫނީ ކޮންމެސް ހައިކޮމިސަން އެއްގަތޯ؟
އަބްޑޫޅް
12 August 2022
ގައުމީ ލިސާނަށް ހެޔޮހިތުން އެދި ބޯ ލަނބައި ތިބެގެން ތަ؟
ކޮރަލް
11 August 2022
ނުހައްގުން ބަންދު ކޮށް ޖަލުގަ އެތައް ދުވަހަކު ނޫނީ އެތައް މަހަކު ބަހައްޓާނަމަ ބަދަލު ހޯދަން މަސައްކަތް ކުަރަން ޖެހެ އެވެ.
ބުރުގާ
11 August 2022
1000 ފަހަރައްވެސް އޭނަ ހައްޔަރުކުރެވޭނީ ރަގަޅައް. އެހާ ނުލަފާ ޖަރީމާ ހިންގާފަހުރި މީހެއްއެއީ.
1206
11 August 2022
ކޯޓުތަކަށް ވެސް ޒިންމާ އެއް އެބަ އޮންނަންޖެހޭ އެމީހުން ބުނާ ބަސް އެއީ އެންމެ ފަހުގެ ބުނުން ބުނުމުގެ ބާރު އޮންނާތީ ބުނާ ބުނުމަކަށް ވުރެ، އަސްލަކާއި ހަގީގަތާއި ހަމަބުއްދީގެ މައްޗަށް ބުނާ އެއްޗެއްކަން ކަށަވަރުކޮށް ދިނުމުގެ. އެހެނީ އިންސާފަކީ ކުޅޭ ކުޅިވަރެއް ނޫން. ދަށު ކޯޓުތަކުން މި ހާ ކަށަވަރުކޮށް ބުނެފައިމެ ސުޕްރީމް ކޯޓާ ހަމައިން މީހާ މިނިވަންވާ ގޮތަށް އޮތުން އެއީ ޝަރުޢީ ނިޒާމު ނުނިޔަތުގައި ބޭނުންކޮށްގެން މީހުންގެ އަގުހުރި ވަގުތު ނަގާލާ ހެއްކެއް.