ރިޕޯޓް

މަރަށް މަރުހިފުމަކީ އެއްވެސް ރައީސަކަށް ފަސޭހަ ކަމެއް ނޫން

ރާއްޖޭގައި އެންމެ ފަހުން ހިނގި މަރުގެ ހާދިސާ ފުލުހުން ތަހުގީގު ކުރަނީ

ގައުމުގައި އޮތް އެންމެ ބޮޑު ބަހުސަށް އިއްޔެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް މުހިންމު ވާހަކަފުޅެއް ދައްކަވައިފި އެވެ. އެއީ މަރަށް މަރު ހިފުމުގައި އޮތް ހުރަސްތަކާއި، އެފަދަ ކަމެއް ރާއްޖޭގައި ތަންފީޒުކޮށްފި ނަމަ، ދެން ނުކުމެދާނެ މައްސަލަތަކެވެ.

"މިއީ މީހެއްގެ ހަށިގަނޑު ފަޅާލައިފައި ސްޓެންޓެއް ލެއްވުން ކަހަލަ ކަމެއް ނޫން،" ވެރިކަމުގައި މަރުގެ އަދަބު ތަންފީޒު ކުރެވޭތޯ ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ރައީސް، ނޫސްވެރިންނަށް ވިދާޅުވި އެވެ.

"މިއީ ހިތުގެ އޮޕަރޭޝަނެއް [ކުރުން ކަހަލަ ކަމެއް] ނޫން."

ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ގިސޯސް ހިފޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ މައްސަލަ ކެބިނެޓަށް ގެންގޮސް، ކެބިނެޓްގެ އެޕްރޫވަލްއާ އެކު، އެކަން ތަންފީޒު ކުރުމަށް ގަވައިދުތަކެއް ވެސް ހެދި އެވެ. އެކަމަކު، އެމަނިކުފާނު ސަމާސާ ރާގެއްގައި ވިދާޅުވި ގޮތުގައި، އެކަން ކުރުމަށް ކިތަންމެ ޝައުގެއް ހުއްޓަސް، "ޑޮކްޓަރަކަށް ވެސް ޕޭޝަންޓެއް ފަޅާލަން ލިބޭނީ ޕޭޝަންޓެއް ލިބުނިއްޔާ" އެވެ.

"އެހެންވީމަ, ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ތަންފީޒު ކުރާ ހިސާބަށް ދިޔައީމަ ނޫންތޯ [އަޅުގަނޑަށް އެކަން ކުރެވޭނީ]،" ޔާމީން ވިދާޅުވި އެވެ.

އެހެން ނަމަވެސް، ގިސޯސް ހިފުމަށް އޭރު ވެސް، އަދި މިހާރު ވެސް އަދި އޭގެ ކުރިން ވެސް ހުރި ހުރަސްތައް އެމަނިކުފާނު ވިދާޅުވި އެވެ.

ރެސްޓޯރެންޓެއްގައި ދާދިފަހުން މީހަކު މަރާލައިގެން ސަރަހައްދު ބަންދުކޮށް ފުލުހުން ތަހުގީގު ހިންގަނީ -- ފައިލް ފޮޓޯ: މިހާރު

ގިސޯސް ހިފަން ބަލާއިރު ޝަރުއީ ނިޒާމާ ދޭތެރޭ އޮތް ސުވާލު

ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައިވާ 20 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ތިން މީހެއްގެ އިސްތިއުނާފު މަރުހަލާ ވަނީ ނިމިފަ އެވެ. އޭގެ މާނައަކީ، އެ ތިން މީހުންނަކީ މިހާރު މަރުގެ ހުކުމް ތަންފީޒު ކުރަން ދެން ހުރި ކަންކަން ފުރިހަމަ ކުރަން ޖެހޭ ތިން މީހުންނެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޔާމީންގެ ސަރުކާރުން އޮތީ ވަރަށް ވަރުގަދަ ގަވައިދެއް ހަދައިފަ އެވެ. އޭގައި ބުނެފައިވާ ގޮތުން، އެ ހުކުމް ތަންފީޒު ކުރުމަށް ވަލިއްޔުލްއަމްރުގެ ސޮޔާ ހަމައަށް ދިއުމުގެ ކުރިން، ތަފާތު 11 ފަރާތަކުން ނުވަތަ މުއައްސަސާއަކުން ކަންކަން ފުރިހަމަކޮށް، ސޮއިކުރަން ޖެހެ އެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން، ވަރަށް ގިނަ ކަންތައްތަކަށް ބަލަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އެއް ކަންތައް ގުޅިފައި އޮންނަނީ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މައްޗަށެވެ.

ޔާމީން ވެސް ވިދާޅުވީ، މީހެއްގެ މައްޗަށް ޝަރީއަތެއް ފެށުމުގެ އެންމެ ފުރަތަމަ މަރުހަލާ އަކީ، ތަހުގީގެވެ. ރާއްޖޭގައި ތަހުގީގު ކުރާ ގޮތުން، މަރުގެ ހުކުމެއް ތަންފީޒު ކުރުމުގެ ފުރަތަމަ މަރުހަލާ ވެސް އޮތީ ފެއިލް ވެފައި ކަމަށް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ.

"ރާއްޖޭގައި ޖިނާއީ ތަހުގީގުތައް މި ކުރެވެނީ ކިހިނެއްތޯ؟،" ޔާމީން ސުވާލު ކުރެއްވި އެވެ.

"ތަހުގީގުތަކާ ދޭތެރޭ ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެއް އެބައޮތްތޯ؟"

ޔާމީން ވިދާޅުވި ގޮތުގައި ތަހުގީގުގެ ފޭރާން އޮތް ގޮތް، ހާއްސަކޮށް މިހާރު އެކަން އޮތް ގޮތް އެމަނިކުފާނު ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި ފަނޑިޔާރުން މައްސަލަ ނިންމަވަނީ، ތަހުގީގުން ލިބޭ ހެކިތަކާއި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވާއިރު، ދިފާއީ ވަކީލުންގެ އާގިއުމެންޓްތައް އެހާ ވަރުގަދަ ނޫން ނަމަ، އެއިން ނުބައި ނަތީޖާއެއް ނުކުތުމުގެ ބިރު ކިތަންމެހާ ވެސް ބޮޑެވެ.

ޔާމީން އިއްޔެ ރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން ތަފުސީލުކޮށް ވާހަކަފުޅު ދެއްކެވި -- ފޮޓޯ: މިހާރު

"[މަރުހެ ހުކުމް ތަންފީޒު ކުރަންޏާ ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމަށް] ވަރަށް ބޮޑެތި ކަންތައްތަކަކަށް ބަދަލުތަކެއް އަންނަން ޖެހޭ. މިހާ ބޮޑު މައްސަލައެއްގައި ކަންކަން ކުރާނެ ގޮތެއްގެ އިތުރު ކަންކަން [ކުރަން] އެބަހުރި،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ދެން ފާހަގަ ކުރެއްވި އަނެއް މައްސަލަ އަކީ، ހަގީގަތުގައި ވެސް ބޮޑު މައްސަލަ އެކެވެ. އެއީ، މަރުގެ ހުކުމުގެ ކޯޓުތަކުގެ އެންމެ ފަހު މަރުހަލާގައި ހުރި މައްސަލަތަކެވެ؛ ސުޕްރީމް ކޯޓުގެ ނިންމުންތަކެވެ.

"ސުޕްރީމް ކޯޓުން ނިންމަވާފައި އޮތް އެތައް މައްސަލައެއް އަނެއްކާ ވެސް ހަމަ އެ ސުޕްރީމް ކޯޓުން އަލުން މުރާޖައާ ކޮށްފައި އެކަންތައް އަލުން ނިއުޅުވާލަނީ އެއީ ނުވާ ކަމެއްގެ ގޮތުގައި،" މީގެ ކުރިން ހިނގާފައިވާ ބައެއް ކަންތައްތަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

"ނޫނީ ދައުރު ބަދަލުވީ. ސުޕްރީމް ކޯޓުން ކުރިން ނިންމާފައި އޮތް ހުރިހާ ކަމެއް ނިއުޅާލަނީ."

ޔާމީން ދެން ކުރެއްވި ސުވާލަކީ، ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު މަރުގެ ހުމެއް ތަންފީޒު ކޮށްފި ނަމަ ދެން އެ މީހެއްގެ ފުރާނަ އަލުން ގެނެވޭނީ ކިހިނެއްތޯ އެވެ؟

އެއްވެސް ރައީސަކަށް ފަސޭހަ ކަމެއް ނޫން

ރާއްޖޭގެ މަރުގެ އަދަބު އެންމެ ފަހުން ދިނީ 1952 ގަ އެވެ. އޭގެ ފަހުން މިވީހާ ތަނަކަށް އެއްވެސް ރައީސަކު އެ އަދަބު ތަންފީޒު ކުރައްވައިފައެއް ނުވެ އެވެ.

އޭގެ އެންމެ ބޮޑު އެއް ސަބަބަކީ، ޔާމީން އިއްޔެ ރޭ ދެއްކެވި ވާހަކަފުޅުން އެނގޭ ގޮތުގައި، ބޭރުގެ ނުފޫޒަށް ވުރެ ބޮޑަށް އެތެރޭގައި ހުރި މައްސަލަތަކެވެ. އެފަދަ ކަމެއް ކުރަން އޮތް ހުރަސްތައް ގިރާ ކުރުމަކީ އެއްވެސް ރައީސަކަށް ފަސޭހަ ކަމެއް ނޫން ކަން އެމަނިކުފާނުގެ ވާހަކަފުޅުން އެނގެ އެވެ.

"އެއީ [ގިސޯސް ހިފުމަކީ] ކުޑަކަމެއް ނޫން. އެއީ ވަލިއްޔުލްއަމުރަކަށް ހަމަ ލޯ މަރާލައިފައި ލޯ ހުޅުވާލާހާ ފަސޭހަ ކަމެއް ނޫން. އެއީ ވަރަށް ބޮޑު ޒިންމާއެއް. އަދި އެންމެ ބޮޑު ޒިންމާއަކަށް ވާގޮތް މިއަދުގެ ހަގީގަތްތަކުން ތި ބޭފުޅުން ގަބޫލުކުރައްވާ،" ޔާމީން ވިދާޅުވި އެވެ.

"އިންސާނަކު ކިތަންމެ ނުވައިބިޔަސް އަނެއްކާ ވެސް މި ނެގެނީ ހަމައިންސާނެއްގެ ފުރާނަ ދެއްތޯ."

ދަނގެތީގައި މަރާލި މީހެއްގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ޔާމީން ވެސް ގަބޫލުކުރައްވަ އެވެ. އަދި މަރަށް މަރު ހިފުމަކީ، ކޮށްގެން ވާނެ ނޫން ކަމެއް ކަމަކަށް، މީގެ ކުރިން އެއްވެސް ރައީސަކު ވެސް ވިދާޅެއް ނުވެ އެވެ. އެކަމަކު، އެކަން ކުރާ ނަމަ، އެކަން ނުކުރެވޭނެ ސަބަބުތައް އެކި ރައީސުން މީގެ ކުރިން ވަނީ ދައްކަވައިފަ އެވެ.

ޔާމީން ވިދާޅުވީ، ގިސޯސް ހިފުމަކީ މަރުގެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ކުރެއްވުމަކީ، ފުރުސަތު ލިބިވަޑައިގެންފި ނަމަ އެމަނިކުފާނު އަދިވެސް ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ނުރައްކާތެރި މަރުގެ ހާދިސާތައް ހިނގަ އެވެ. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ދިހަވަރަކަށް މީހުން މަރާލަ އެވެ. އެފަދަ ކޮންމެ މަރަކާ އެކު، މަރުހެ ހުކުމް ތަންފީޒު ކުރަން އާންމުން ގޮވާލަ އެވެ.

އެކަމަކު، އެ ހުކުމް ތަންފީޒު ވާން އޮތީ ލައްކަ ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ތަހުގީގު މަރުހަލާއިން ފެށިގެން ދެން ވެސް ހުރީ ހުސް މައްސަލަ އެވެ. އެ ހުރިހާ ދާއިރާއެއްގައި އިތުބާރު އުފައްދަން އެބަ ޖެހެ އެވެ. ފްރޭމް ކުރުން ހުއްޓާލެވެން ޖެހެ އެވެ. ރަނގަޅު ހެކިތައް ހޯދަން ޖެހެ އެވެ. ނުފޫޒުތަކާއި ރިޝްވަތުތަކުން ދުރުވާން ޖެހެ އެވެ. ގާނޫނުތައް ހަރުދަނާ ކުރަން ޖެހެ އެވެ.

ކުރީގެ ރައީސަކު ވިދާޅުވެފައިވާ ފަދައިން، ނުބައި ހުކުމެއްގެ މައްޗަށް މީހަކު މަރާލެވިއްޖެ ނަމަ، އަނބުރާ ފުރާނަ ގެނެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެފަދަ ކަމެއް ކުރަން ހުއްދަ ދޭއިރު، އެއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ޒިންމާއެކެވެ.

36 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 3%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަދޫދު

13 August 2022

ތަހުގީގު މަރުހަލާއިން ފެށިގެން ހުރިހާ ދާއިރާއެއްގައި އިތުބާރު އުފައްދާ ، ފްރޭމް ކުރުން ހުއްޓާލާ ، ރަނގަޅު ހެކިތައް ހޯދާ ، ނުފޫޒު ތަކާއި ރިޝްވަތު ތަކުން ދުރުވާން ޖެހޭ. ގާނޫނުތައް ހަރުދަނާ ކުރަން ޖެހޭ. އޭރުން މަރުގެ ހުކުން ތަންފީޒު ކުރެވޭނެ

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

13 August 2022

އީމާންކަން ދައްވީމާ ތިހެންވެސްވާނެ.

The name is already taken The name is available. Register?

މުހައްމަދު.

13 August 2022

މަރަށް މަރުހިފުމަކީ އެއްވެސް ރައީސަކަށް ފަސޭހަ ކަމަކައް ވާކައް ނުޖެހޭ ބަލަ އެ ފުރާނާގެ ވެރިފާރާތުން އެއޮތީ އަންގަވާފައި ކަންތައް ކުރައްވިގޮތް

The name is already taken The name is available. Register?

ހަސަންދީ

13 August 2022

ދެންއޭރު ބުނަމުންދިޔައީ އަންނަ މަހުގައި އަންނަ ހަފްތާގައި މަރުގެ އަދަބު ދެވޭވަރުވާނެޔޭ ކޮން ޑުރާމާއެއްތޯ. އޭރުވެސް އިގޭ އިޚުލާސްތެރި ކަމެއް ނެތީއޭ

The name is already taken The name is available. Register?

ސަރަފަކައްދަ

13 August 2022

ނޫނޭ ހޮޅި ވާހަކަ ނުދައްކާ. ރައްޔިތުން ކުރަންވީ ކަމަކީ އަޅުގަނޑު ކުރިމަތި ލީމާ ވޯޓު ދީ ވެރިކަން އަޅުގަނޑާއި ހަވާލު ކުރަންވީ. އަޅުގަނޑަށް ކެރޭނެ ތިބުނާ ކަމެއްކުރަން. ފިނޑި ވެރިން ވެރިކަމަށް ގެނައުމުގެ އެއްވެސް ބޭނުމެއްނެތް.

The name is already taken The name is available. Register?

ހަންޑިކުޑަ

13 August 2022

ނޫން! ނޫން! ރައްޔިތުންނޭވެ! މަރަށް މަރު ހިފަން އަޅުގަނޑު މިހުރީ ރެޑީގައި. މިހެން ކަމުން މިފަހަރު އަޅުގަނޑަށް ހުރިހާ ރައްޔިތުން ވޯޓު ދޭތި އިނގޭ.

The name is already taken The name is available. Register?

މަރުހަބާ

13 August 2022

އަދުލުއިންސާފް ގާމިން ނުކުރެވި މަރުގެ ހުކުން ތަންފީޒެއް ނުކުރެވޭނެ ގާނޫނު ހަދާށާ އެގާނޫނު ހިންގުމާ އެގާނޫނު ތަންފީޒު ކުރަނީ އެއްބައެއްނަމަ ދެންދިމާވާ މައްސަލަ މިފެންނަނީ މިގައުމުގަ ހުކުން ތަންފީޒުކުރުމުގެ މިސާލަކީ ފީވެހަލާކްވެފަ އޮތް އެއްޗެއްގަ ދާވާދުލީމައަންނަ ރީތިކަން މިއަންނަނީ އެހެން ތަފާތެއްނެތް ގައުމުގެ އެތެރޭގެ ދުސްތޫރީ ނިޒާމު މިވަނީ ފީވެހަފުސްވެފަ

The name is already taken The name is available. Register?

ޖަލީލު2

13 August 2022

ނޫނޭ ދެން ލަދުހަޔާތްވެސް ކުޑަ އިނގޭ. ސުޕްރީމް ކޯޓުން ހުކުމްތައް ނިއުޅަންޖެހުނީ މަނިކުފާނު އެތަނުގެ ތެރެއަށް އަތްބާނާއިގެން، އެމްއެމްޕީއާރުސީގެ ފައިސާ ބަހައިގެން ފަނޑިޔާރުން ގަނެ ހިންގި ހުތުރު ޖަރީމާތަކާ ގުޅިގެން. މަނިކުފާނު ޝަރުއީ ނިޒާމް އެބިއުޒްކުރީ ވަރަށް ނުބައިކަން ބޮޑު ގޮތެއްގައި. މުޅި ދައުލަތުގެ އިންސްޓިއިއުޝަނަލް ނިޒާމް ފުނޑާލާފަ ހުރި މީހެއް މަނިކުފާނަކީ. މުޅި މެކޭނިޒަމް ތަޣައްޔަރުކޮށް ކިލަނބުކޮށް ރިޝްވަތުން މުޑުދާރުކުރި ވެރިއެއް.

The name is already taken The name is available. Register?

ބަހަނާ

13 August 2022

ކަމެއް ކުރަން ބޭނުންނުވަނަމަ ކިތަންމެ ވާހަކައެއްވެސް ދެއްކި ދާނެ. ސިޔާސީ ގޮތުން އިއްވާ ހުކުމްތަކާއި، ބޮޑެތި ކުށްވެރިން ދޫކުރުމަށް އިއްވާ ހުކުމްތައް އެއީ ދިވެހިން ސުވާލު އުފައްދާ ހުކުމްތަކަކީ. ނޫސްވެރިޔާ ނުވަތަ ރައީސުން އަމިއްލައަށް ވިސްނާފަ ބުނެބަލަ. މަރުގެ މައްސަލައެއްގަ މިހާތަނަށް ފަނޑިޔާރަކު އެފަދަ ކަމެއް ކޮށްފަވާ ކަން ޝައްކުކޮށްފައިވޭތޯ. ހުމާމު ނުވަތަ އެހަށް ދުވަހު ޝާހިލް އެއީ ޤާތިލެއް ނޫންކަމަށް ޝައްކުކުރާ މީހަކު އެބަހުރިތޯ

The name is already taken The name is available. Register?

ދހސތވސ

13 August 2022

ޙަޤީޤަތުގައިވެސް އެދެއްކެވީ ވަރަށް ރަނގަޅު ވާހަކަފުޅެއް. ބައެއް ބޭފުޅުންނަކަށް މިހެން ވިދާޅުވާން ބޭނުންފުޅުވި ނަމަވެސް، ކޮންމެވެސް ސަބަބަކާހުރެ ވިދާޅުވާކަށް ކެރިވަޑައެއް ނުގަންނަވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454