ލައިފްސްޓައިލް / މަރު

މަރާ މެދު ވިސްނާ، ދުނިޔެވީ ހަޔާތަށް އެކަނި ސަމާލުކަން ދިނަސް ކަމަކު ނުދާނެ!

ހުޅުމާލޭގެ ގަބުރުސްތާނުގައި މަސައްކަތްކުރާ މީހަކު މަހާނަތައް ކައިރިން ހުރަސް ކުރަނީ: މީހާއާ އެންމެ ކައިރީގައިވާ ކަމަކީ މަރުކަން ހަނދާން ކުރަންޖެހޭ.---ފައިލް ފޮޓޯ: މިހާރު

ދިރިއުޅުމުގެ ހަޔާތުގައި އަހަރެމެން ކޮންމެ މީހަކު ވެސް މި ހޭދަކޮށްލާ ދުވަސްކޮޅަކީ ދަތުރެއްގައި ކުޑަ ދުވަސްކޮޅަކު އުޅެލުން ފަދަ ކަމެކެވެ. އަހަރެމެން ކުރެ މީހަކު ދަތުރެއްގައި އެ ދާތަނަކަށް ގޮސް ހުންނަ ތަނާއި އެ ތަނުން ބައްދަލުވާ މީހުންނާ އޮންނަ ގުޅުން އެ ދަތުރު ނިމުމުން ނިމިދެ އެވެ. އެ ތަނުގައި ބަޔަކަށް ފަހު ބަޔަކު ކުރިން ވެސް އަދި ފަހުން ވެސް އުޅެމުން ގޮސްދާނެ އެވެ. މިގޮތަށް ދާއިރު އެ ދަތުރުގެ ކޮންމެ މީހަކާ ވެސް ބައްދަލުވާނީ އެ މީހަކު އެ ދަތުރުގައި އުޅޭ ދުވަސްކޮޅު އެ ތަނުގައި އުޅޭ ބަޔަކާ އެކަންޏެވެ.

ދިރިހުރުމާއި މަރުވުމުގެ މަފްހޫމު

މާތް ﷲ ގެ ވަހީބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ކަލާނގެ އެއުރެން މަހުޝަރަށް ފޮނުއްވާ ދުވަހު، ދުވާލުން ސާއަތެއްގެ މިންވަރަށް މެނުވީ (ދުނިޔޭގައި ނުވަތަ ކަށްވަޅުގައި) އެއުރެން ނުތިބޭ ކަހަލަ އެވެ. އެއުރެންގެ މެދުގައި ތައާރަފުވާނެތެވެ. اللَّه އާ ބައްދަލުވާނޭކަން ދޮގުކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އަދި އެއުރެންނީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި ވެސް ނުމެވޭމެ އެވެ." (ޔޫނުސް 45)

މި އާޔަތުން އަންގައިދޭ އެއްކަމަކީ ދުނިޔަވީ ހަޔާތަކީ ކުރިން ސިފަކުރި ގޮތަށް މަދު ވަގުތުކޮޅެއްގެ ދިރިހުރުމެއް ކަމެވެ. އެ އަށް ފަހު މަރާ ކުރިމަތިލާން ހަމަ ޔަގީނުން ވެސް ޖެހޭނެ ކަމެވެ. ދެވަނަ ކަމަކީ އަހަރެމެން އިންސާނުންނަށް މިވަރުގެ ހަޔާތަކަށް އަހަންމިއްޔަތުކަން ދޭންވާ މިންވަރަށް ވުރެ ބޮޑަށް ސަމާލުކަން ދެވޭ ކަމެވެ. ނަތީޖާއެއްގެ ގޮތުން ﷲ އާ ބައްދަލުވާން ޖެހޭކަން ހަނދާން ނައްތާލެވޭ ކަމެވެ. ތިންވަނަ ކަމަކީ ދުނިޔޭގެ ދިރިއުޅުމައިގެން އެކަނި އުޅެއްޖެ ނަމަ ﷲ ގެ ތެދުމަގުން އެއްކިބާވެ އާހިރަތުގައި ގެއްލި ހަލާކު ވެގެންދާނެ ކަމެވެ.

އެހެންކަމުން އުހުރަވީ ހަޔާތަށްޓަކައި މަސައްކަތް ނުކުރެވޭ ނަމަ ދުނިޔަވީ ހަޔާތަކީ އަގެއް ހުރި އެއްޗެއް ނޫނެވެ. މިކަން ކީރިތި ޤުރްއާނާއި ނަބިއްޔާ ﷺ ގެ ސުންނަތުގައި ބަޔާންކުރެ އެވެ. ﷲ ގެ ވަހީބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ މިސާލު ޖައްސަވައި ދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުން ވެއްސެވި ފެނެއްގެ މިސާލެވެ. ދެން ބިމުގެ ގަސްތައް އެ ފެނާ އެކުވެ (ތާޒާކަންލިބި ހެދިގަތުމަށް ފަހު) ވަޔާ ބުރައިގެންދާ ހިކި ކުނޑިތަކަކަށް ވެދެ އެވެ. ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެ އެވެ" (އަލްކަހްފު 45). ނަބިއްޔާ ﷺ ހަދީސް ކުރައްވާފައި ވަނީ ﷲ ގެ ހަޒްރަތުގައި ދުނިޔަވީ ހަޔާތަކީ މަދިރިއެއްގެ ފިޔަގަނޑުގެ އަގު ހުރި އެއްޗެއް ކަމަށް ވިއަސް ކާފިރުންނަށް އެ ތަނުން ފެންފޮދެއް ވެސް ލިބޭނެ ގޮތް އެކަލާނގެ މިންވަރު ނުކުރައްވާނެ ކަމަށެވެ.

ދިރިހުރުމާއި މަރުގެ ބޭނުން

ޖަވާބު ވަރަށް ސާފެވެ. ﷲ ގެ ވަހީބަސްފުޅުގެ މާނައިގައި ވަނީ، "އެކަލާނގެއީ ތިޔަބައިމީހުން ކުރެ އެންމެ އަމަލުތައް ރަނގަޅީ ކާކުތޯ އިމްތިހާނު ކުރެއްވުމަށްޓަކައި މަރުވުމާއި ދިރިހުރުން އުފެއްދެވި ރަސްކަލާނގެ އެވެ." (އަލްމުލްކު 2). މިއިން އެނގެނީ ދިރިއުޅުމުގެ ހަޔާތަކީ އުހުރަވީ ހަޔާތަށް ދިއުމަށް އޮތް ފާލަމެއްކަން އެކަނި ކަމެވެ. މި ފާލަމުންދާ އިރު ދާންޖެހޭ ތަނަށް ނުދެވޭ ގޮތަށް އެޅޭ ކޮންމެ ފިޔަވަޅަކީ ބޭކާރު ފިޔަވަޅެކެވެ. މިގޮތުން ދުނިޔަވީ ހަޔާތުގައި އަބަދު އުޅެވޭނެ ކަމަށް ބެލުމަކީ މޮޔަ ކަމެކެވެ. އާހިރަތަށް ނުވިސްނައި ނަފްސުގައިވާ އެކިއެކި ޝަހުވަތްތައް ފުއްދުމަށް އެކަނި މަސައްކަތް ކުރުމަކީ ހައިވާނުންނާ އެއްފަދަ ވުމެވެ. މަރު އަންނާނެކަން ހަނދާން ނައްތާލައި މުދަލާއި ފައިސާ ހޯދައި ޒާތު ހާސިލުކުރަން އެކަނި އުޅުމަކީ މަގު ގެއްލުމެކެވެ.

ދިރިއުޅުމުގެ ހަޔާތް ބަރުބާދު ނުކޮށް ވެސް މަރަށް ތައްޔާރުވެވިދާނެ

އިސްލާމީ ނަޒަރުން ބަލާއިރު ދިރިހުރުމަކީ އިންސާނާ އަށް އޮތް ވަރަށް މުހިންމު ފުރުސަތެކެވެ. ﷲ ދިރިއުޅުމުގެ ހަޔާތް ލައްވާފައި ވަނީ އިންސާނާ އެ ތަނުގައި ހައިހޫނުކަމުގައި ނިކަމެތިކަން މަތީ އުޅޭކަށް ނޫނެވެ. އިންސާނާގެ ދިރިއުޅުމަށް ބޭނުންވާ ޒަރޫރަތްތައް ފުރިހަމަ ކުރުމަކީ އިންސާނާ އަށް ދިރިއުޅުމުގައި އޮތް ހައްގެކެވެ. ﷲ ވަނީ އެ މަގު ފަހި ކުރައްވައިފަ އެވެ. މީގެ އިތުރުން އިންސާނާގެ ޒަރޫރީ ނޫން އެހެން ހާޖަތްތަކާއި ފުރިހަމަ ކުރުންތަކަށް ވެސް ﷲ ވަނީ ފުރުސަތު ދެއްވާފައެވެ. ވީމާ އިންސާނަކު އުހުރަވީ ހަޔާތަށްޓަކައި މަސައްކަތް ކުރާއިރު ދުނިޔަވީ ހަޔާތުގައި ވެސް ހިތްހަމަ ޖެހުމާއި އުފަލުގައި އުޅެވޭނެ އެވެ. ހަމައެކަނި ޝަރުތަކީ މި ހުރިހާ ނިއުމަތްތައް ދެއްވި ފަރާތް ހަނދާންކޮށް އެ ފަރާތަށް ޝުކުރުވެރި ވުމެވެ. އެ ފަރާތުގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލި ވުމެވެ. އިންސާނާގެ ނަފްސު އެ ގޮތަށް ހޭނުވުމެވެ.

ކައުނުގައި ﷲ އިންސާނުންނަށްޓަކައި އެތައް ކަމެއް ކިޔަމަންތެރި ކޮށްދެއްވާފައި ވެ އެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި އެ ނިއުމަތްތަކުގެ ވާހަކަ ތަކުރާރުކޮށް އައިސްފައި ވެ އެވެ. އަދި ﷲ އިންސާނުންނަށްޓަކައި ހަލާލު ކުރެއްވި ނުވަތަ ޒީނަތްތެރި ކުރެއްވި ތަކެތި ހަރާމްކޮށް ގަތުމަކީ ވެސް އެކަލާނގެ ރުހިވޮޑިގެން ނުވާ ކަމެކެވެ. (އަލްއައުރާފު 32). ވީއިރު އެ ނިއުމަތްތަކުގެ ބޭނުން ހިފައި ﷲ އަށް ޝުކުރުވެރިވެ ﷲ އަށް ކުއްތަންވާން ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ދިރިހުރުން ވެގެން ދެ އެވެ.

މިފަދަ ފުރުސަތެއް އޮއްވައި ކައިކައިގެން ކުޅިވަރާއި މަޖަލުގައި ދިރިއުޅުން ދުއްވާލާނީ ހެއްޔެވެ؟ މަރު އަންނަ ހިނދު އެ މީހާގެ ވެރި ރަސްކަލާގެ ހަޒްރަތަށް މަގެއް ނުހިފައިފި ނަމަ މަރު އެއީ ތިމާ އަށް އޮތް ހަނދާން ކޮށްދިނުމެއް ކަމުގައި ބެލެވުނީ ކަމަށް ވާނެ ހެއްޔެވެ؟ (އަލްމުއްޒައްމިލް 19). ނުވަތަ އެ މީހާގެ ވެރި ރަސްކަލާނގެ ހަޒްރަތަށް ރުޖޫއަ ވުމެއް ނުހިފައިފި ނަމަ ކަށަވަރު ވެގެންވާ ގިޔާމަތް ދުވަހުގެ މަތިން ހަނދާން ކުރެވުނީ ކަމުގައި ވާނެ ހެއްޔެވެ؟ (އައްނަބައު 39).

މާތްﷲ ވަނީ އިންސާނާ މި ބިމުގައި ތަމްކީނު ކޮށްދެއްވައި ދިރިއުޅުމުގެ މައީޝަތު ލައްވާފަ އެވެ. (އަލްއައުރަފު 10). އަދި ބިމުގައިވާ ހުރިހާ އެއްޗެއް އިންސާނުންނަށްޓަކައި ހައްދަވާފަ އެވެ. (އަލްބަގަރާ 29). ވީއިރު ބުއްދިވެރިންނަކީ އިލްމާއި އަމަލުގެ ބޭނުން ހިފައިގެން ދުނިޔެ ވެސް އަދި އާހިރަތް ވެސް ކާމިޔާބު ކުރާ މީހާ އެވެ. ބިން އިމާރާތްކޮށް، ބިމުގެ ހަލީފާކަން އަދާކުރުމުގައި އެއްކޮޅުން ބައިވެރިވާ އިރު އަނެއްކޮޅުން މި ބިމުގައި ﷲ ޝަރުއު ކުރެއްވި ފަދައިން ދިރިއުޅުން ވޭތު ކުރާ މީހާ އެވެ. ދިރިހުރުމާއި މަރުގެ އަމާޒަކީ އިސްލާމީ ނަޒަރުން ބަލާއިރު މިއީ އެވެ.

7 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 90%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމިއްލަނަފްސު

15 August 2022

މިކިޔާނީ ހަމަ އެއްބަޔަކު. ލިޔާމީހުންނަށް ލިބޭނީ އާމްދަނީ

The name is already taken The name is available. Register?

މަސޮރު

14 August 2022

ހިތާމައަކީ މިހާރު މުޖުތަމައުގެ ގިނަ ބަޔަކު މިފަދަ ކަންކަމާ ގާފިލްވެފަވާކަން. ދުނިޔޭގެ ދިރިއުޅުން އާރާސްތު ކުރުމުގަ ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަނީ އާޚިރަތްމަތިން ހަނދާން ނައްތާލާފަ. ނަމާދާ ދުރު އިސްލާމްދީނާ ދުރު މުޖުތަމައުއެއް ބިނާވަމުންދާތަން ފެންނަނީ...

The name is already taken The name is available. Register?

އާނަ

13 August 2022

މިފަދަ ލިޔުން ގިނައިން ފެންނަނަމަ،ކިރިޔާވެސް އީމާންތެރިކަމެއް ހުރިމީހެއްގެ ހިތަށް ބިރުވެރިކަން ވަންނާނެ. މީޑިއާގެ ދައުރު ފުރިހަމައަށް އަދާކުރުމަކީ މިއީ. އާދޭސް ކޮށްފައި ބުނަން އަޅުގަނޑުމެންގެ މިޅަޖީލު ސަލާމަތްކޮށްދެއްވާ. މީ އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައި އޮތް ޒިއްމާއެއް. ލޫޠު ގެ ފާނު ޤައުމު އެއްކޮޅުން އަނެއްކޮޅަށް ޖަހާ އެޤައުމުގައި ހަލާކުވެގެން ދިޔައީ ލިވާޠް ފަދަ ހުތުރުކަން ބޮޑު ފާފަކޮށްގެން. ފުރާނަތައް ދަނީ ކަތިލެވެމުން.

The name is already taken The name is available. Register?

އައްޔަ

13 August 2022

އަދި ﷲ އިންސާނުންނަށްޓަކައި ހަލާލު ކުރެއްވި ނުވަތަ ޒީނަތްތެރި ކުރެއްވި ތަކެތި ހަރާމްކޮށް ގަތުމަކީ ވެސް އެކަލާނގެ ރުހިވޮޑިގެން ނުވާ ކަމެކެވެ. (އަލްއައުރާފު 32). ވެލާމަސް ކެވޭނީ ވެލާ ހިފަން ހުއްދަ ދީގެން ދެއްތޯ؟ ވެލާ މިޔަރު ހިފުން އޮތީ ސިޔާސީ ބަޔަކު މަނާކޮށްފަ. އެހެންވީމާ އާހިރަތަށް އެދޭމީހާ މިދެންނެވިހުކުމަށް ތަބާވަކަށް ނުޖެހޭނެކަމަށް މިލިޔުން ކިޔާލީމަ ގަބޫލްކުރެވޭ.

The name is already taken The name is available. Register?

އައްޝައިޚް ގޯޕާލް

06 September 2022

ސަރުކާރުން ވެލާ މަސް ކެއުން ޙަރާމެއްނުކުރޭ. މަނާ ކުރީ. ވަންވޭއާއި އިދިކޮޅަށް ދުއްވުންވެސް މަނާ. ޔުނިފޯރމް ނުލައި ސްކޫލަށްދިއުންވެސް މަނާ. މިއީކީ އާޚިރަތްހޯދަންށޭކިޔާފަ ކުރަންޖެހޭ ކަންތައްތަކެއްނޫން. ކޮންމެކަމެއް ސިޔާސީކުރުން ކަމަކުނުދޭ. މި އާޓިކަލްއަކީ ބަޔަކަށް ވިސްނައިދެވޭތޯ، މަރުމަތިން ހަނދާންކޮށްދެވޭތޯ ލިޔެފައިވާ އެއްޗެއް. މި ކިޔައިނިމުމުން ތި ހަނދާންވަނީ ސިޔާސީ ޕޯޑިއަމް. އިސްލާހުވޭ ބްރަދަރ

The name is already taken The name is available. Register?

އަހައްމަދޫ

13 August 2022

ގިނަގިނައިން މިކަހަލަ ލިޔުން ގެނެސްދެއްވާ

The name is already taken The name is available. Register?

ކްއިކް ގަން މުރުގަން

13 August 2022

ވަރަށް ފެރިހަމަ ލިޔުމެއް .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454