ދުނިޔެ

ހޫނު ގަދަވެ ކޯރުތައް ހިނދެނީ

ޗައިނާގެ ޔަންގްޒީ ކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް ހިނދިފައި

21 އޯގަސްޓް 2022 - 09:23

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނުރަނގަޅު ބަދަލުތަކާ ގުޅިގެން، އާދަޔާ ޚިލާފަށް ހޫނު ގަދަވެ، ބައެއް ސަރަހައްދުތަކަށް ވާރޭ ވެހުން މަދުވުމުގެ ސަބަބުން، ދުނިޔޭގެ ބައެއް ސަރަހައްދުތަކުގެ ކޯރުތައް އާދަޔާ ޚިލާފަށް ބޮޑަށް ހިނދެން ފަށައިފި އެވެ.

ދުނިޔޭގެ އުތުރު ފަޅީގައިވާ (އީކުއޭޓަރުން ފެށިގެން އުތުރުގައިވާ) ގައުމުތަކަށް މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްތައް މިހާރު ކުރިއަށް ދާއިރު، އާދަޔާ ޚިލާފު ހަނަފަސްކަމެއް ވަނީ ތަޖުރިބާކުރަން ޖެހިފަ އެވެ. އެ ގޮތުން އެމެރިކާ އައި އޭޝިޔާ އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަވެ، ވާރޭ ވެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ހޫނުމިން އެހާ މަތިވެފައިވާ އިރު ވާރޭ ވެހުން މަދުވުމުން، ބައެއް ގައުމުތަކުގެ ކޯރުތައް ވަނީ، މީގެ ކުރިން ދުވަހަކު ވެސް ނުހިނދޭ މިންވަރަށް ހިނދިފަ އެވެ. ކޯރުތައް ހިމެނޭ ހުރިހާ ގައުމެއްގައިވެސް، ރައްޔިތުން ބުއިމަށާއި ކާބޯތަކެތި ތައްޔާރުކުރުމަށާއި ދަނޑުވެރިކަން ކުރުމުގެ އިތުރުން، ނައަމްސޫފިތައް ގެންގުޅުމަށް ވެސް ބޭނުންކުރަނީ ކޯރު ފެނެވެ.

އެމެރިކާގެ ކޮލޮރާޑޯ ކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް ހިނދިފައި

އެހެންކަމުން، ކޯރުތަކުގެ ފެންގަނޑު ހިނދި ހަނަފަސްކަން އިތުރުވުމަކީ، ހަމައެކަނި ތިމާވެށީގެ މައްސަލައަކަށް ވުރެ ބޮޑަށް، އިންސާނީ މުސީބާތެއް ކުރިމަތިވުމުގެ ކޮޅުމަތި ކަމަށް މިހާރު ގަބޫލުކުރެވެން ފަށައިފި އެވެ. އުތުރު ފަޅީގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ހިނދިފައިވާ ހަ ކޯރެއް ސައެންސްވެރިން މިހާރު ވަނީ ފާހަގަކޮށްފަ އެވެ.

ބައެއް ގައުމުތަކުގައި ކޯރުތައް ހިނދިފައިވާލެއް ބޮޑުކަމުން، މީގެ އެތައް އަހަރެއް ކުރިން އެ ކޯރުތަކަށް ފެތިފައިވާ ބައެއް އުޅަނދުތަކާއި އެ ކޯރުތަކަށް އުކާލާފައިވާ ބައެއް ނުރައްކާތެރި ސާމާނުތައް ވެސް، ފެނުން މައްޗަށް މިހާރު ވަނީ ހިކިފަ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ހިނދިފައިވާކަން ފާހަގަކުރެވެނީ، އެމެރިކާގެ ހުޅަނގުދެކުނު ސަރަހައްދުގައި އޮންނަ ކޮލޮރާޑޯ ކޯރެވެ. ގިނަ ފަރުބަދަތަކެއްގެ މެދުގައި އޮންނަ މި ކޯރާއި މި ކޯރާ ގުޅިފައިވާ ކުޅިތަކަކީ، އެމެރިކާ އަށް ބޭނުންވާ ސާފު ބޯފެން އެންމެ ގިނައިން ލިބޭ ދެ ސަރަހައްދުގެ ތެރެއިން އެންމެ މުހިންމު އެއް ސަރަހައްދެވެ.

ރީން ކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް ހިނދިފައި

ކޮލޮރާޑޯ ކޯރުގެ ފެންގަނޑު އާދަޔާ ޚިލާފަށް ބޮޑަށް ހިނދެން ފަށާފައިވަނީ 2000 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން، މާބޮޑަށް އެ ކޯރުގެ ފެންގަނޑު ހިނދި، އެ ކޯރުން ލިބެމުން އައި ފެނުގެ ރޯދި ނުލިބިދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފަ އެވެ.

ޗައިނާގެ މެދުތެރެއިން ފެށިގެން ދެކުނު ސަރަހައްދަށް ދެމިފައިވާ 6300 ކިލޯމީޓަރުގެ ދިގު ޔަންގްޒީ ކޯރު ވެސް މިހާރު ވަނީ އާދަޔާ ޚިލާފަށް ހިނދިފަ އެވެ. ކޯރުގެ ދެ ފަރާތު އައްސޭރި ފަށުން ބޮޑު ބައެއް ހިނދިފައިވާ އިރު، ކޯރުގެ މެދުތެރޭގެ ބައެއް ސަރަހައްދުތަކުން ވެސް، މިހާރު ބިންގަނޑު ފެންނަ ވަރަށް ވަނީ ފެންގަނޑު ހިނދިފަ އެވެ.

ޖަރުމަން ވިލާތުގެ ހުޅަނގު ދެކުނު ސަރަހައްދުގައި 1230 ކިލޯމީޓަރަށް ދެމިފައި އޮންނަ ރީން ކޯރުގެ ފެންގަނޑުވެސް މިހާރު ވަނީ އާދަޔާ ޚިލާފަށް ހިނދިފަ އެވެ. މި ކޯރަކީ ސްވިޒަލޭންޑްގެ ތެރެއިން ފެށިގެން އޮސްޓްރިއާ ހުރަސްކޮށް ޖަރުމަންގެ ތެރެއިން ލާފައި ގޮސް ނެދަލޭންޑްގެ ތެރެއިން އެޓްލާންޓިކް ކަނޑުގެ ތެރެއަށް ފޫގޮސްފައި އޮންނަ ކޯރެކެވެ.

އެހެންކަމުން މި ކޯރުގެ ފެންގަނޑު އާދަޔާ ޚިލާފަށް ބޮޑަށް ހިނދުމާ ގުޅިގެން، އެ ސަރަހައްދުގެ ކަނޑު ދަތުރުފަތުރަށް ވެސް ވަނީ ހުރަސް އެޅިފައެވެ.

އިޓަލީ ވިލާތުގެ ޕޯ ކޯރަކީ ވެސް، މިހާރު ކުރިމަތިވެފައިވާ ހޫނުކަމުގެ ސަބަބުން އާދަޔާ ޚިލާފަށް ބޮޑަށް ހިނދެމުންދާ ކޯރެކެވެ. މި ކޯރުގެ ބައެއް ސަރަހައްދުތަކުގެ ބިންގަނޑު މިހާރު ފެންނަން ފަށާފައިވާ އިރު، ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެޅި ބޮންތަކުގެ ތެރެއިން 450 ކިލޯގެ ބޮމެއް ވެސް މިހާރު އޮތީ ހާމައަށް ފެންނަ ވަރަށް ފެނުން މައްޗަށް ހިކިފަ އެވެ.

ޔޫރަޕްގެ ސަރަހައްދުން އެންމެ ބޮޑަށް ހިނދެމުންދާ އަނެއް ކޯރަކީ، ދާނޫބު ކޯރެވެ. ރޮމޭނިއާގެ ދެކުނުން އޮންނަ ދާނޫބު ކޯރަކީ ހުޅަނގު ޔޫރަޕްގެ އެންމެ ދިގު ކޯރެވެ. ދިހަ ގައުމެއްގެ ތެރެއިން ދުވެފައި އޮންނަ މި ކޯރަކީ އެ ސަރަހައްދުގެ ގައުމުތަކުގެ ކަނޑު ދަތުރުފަތުރުގައި ވެސް ވަރަށް މުހިންމު ކޯރެކެވެ. ކޯރުގެ ބައެއް ސަރަހައްދުތަކުގެ ފެންގަނޑު މާ ބޮޑަށް ހިނދުމުގެ ސަބަބުން، އެ ސަރަހައްދުތަކުން އާގުބޯޓުފަހަރު ދަތުރުކުރުމަށް މިހާރު ވަނީ ހުރަސް އެޅިފަ އެވެ.

ސާބިއާގެ ތެރޭގައި އޮތް ދާނޫބު ކޯރުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެ ކޯރުގެ ތެރެއަށް ފެތިފައިވާ ޖަރުމަން ވިލާތުގެ ބައެއް މަނަވަރުތައް، ފެނުން މައްޗަށް ހިކިފައި ހުރި މަންޒަރަށެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރަޝިޔާ ސިފައިންގެ ރައްދު ހަމަލާތައް ވަރުގަދަކުރުމާ އެކު، ޖަރުމަން ވިލާތުގެ ކަޅު ކަނޑުގެ ލަޝްކަރުގެ މަނަވަރުތައް، އެނބުރި ހުޅަނގު ޔޫރަޕަށް ދަތުރުކުރީ ދާނޫބު ކޯރުގެ ތެރެއިންނެވެ. ރަޝިޔާ ސިފައިންގެ 1944 ވަނަ އަހަރު ދިން އެ ހަމަލާތަކުގައި، ޖަރުމަން ވިލާތުގެ 100 އަށް ވުރެ ގިނަ މަނަވަރު، ދާނޫބު ކޯރުގެ ތެރެއަށް ފައްތައިލި އެވެ.

އޭގެ ތެރެއިން 20 މަނަވަރެއް މިހާރު އެ ކޯރުގެ ފެންގަނޑުގެ މަތިން ފެންނަން އެބަ ހުއްޓެވެ. މީގެ 78 އަހަރު ކުރިން ފެތުނު މަނަވަރުތަކެއް، ފުރަތަމަ ފަހަރަށް ކޯރުގެ ތެރެއިން ފެނުން މައްޗަށް ފެންނަން ފެށުމުން، އެ ކޯރުގެ ފެންގަނޑު ހިނދިފައިވަނީ ކިހާ ބޮޑަކަށް ކަން ވަޒަންކުރެވޭ ކަމަށް، ސައެންސްވެރިން ބުނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454