އެންމެންނަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި މިއަދު ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 170 ގަ އެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ.
"އައިކިއު އެއާ" ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 82 މައިކްރޯ ގްރާމްގަ އެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 16.4 ގުނަ މަތީ މިންވަރެކެވެ.
މި ހާލަތުގައި ބޭރު ތެރޭގައި އުޅޭ މިންވަރު މަދުކޮށް، ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުން ވަރަށް މުހިންމެވެ. ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަހައްޓަން ވާނީ ބަންދުކޮށްފަަ އެވެ. އަދި ގޭގައި އެއާ ޕިއުރިފަޔާއެއް ބޭނުން ކުރެވިދާނެ އެވެ.
ށ. ފުނަދޫ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 73 ގަ އެވެ. ދ. ކުޑަހުވަދޫ ކައުންސިލްގައި ހުރި ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 163 ގަ އެވެ. އަދި ލ. ގަމުގައި 97 ގައި ހުރިއިރު، ފުވައްމުލަކުގައި ހުރީ 84 ގަ އެވެ. އަދި އައްޑޫ ހިތަދޫގައި ވައިގެ ކޮލިޓީ ހުރީ 96 ގަ އެވެ. އެހެންވެ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދު ވައިގެ ކޮލިޓީ ވަރަށް ދަށެވެ.
މިއަދާއި މާދަމާ ވެސް ރާއްޖެ ސަރަހައްދުގެ ވައި ނުސާފު ވާނެ ކަމަށް "އައިކިއު އެއާ" އިން ލަފާކުރެ އެވެ.
މިއަދު މާލެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ފުސްވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
މިފަހަރު ރާއްޖެއަށް އިރުވައި މޫސުން ފެށުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އެ މޫސުން ނުފެށޭހާ އަވަހަށް މި މަހުގެ 17 ވަނަ ދުވަހު އެވެ.
އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވުމުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.