ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ އަވަށުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 144 ގަ އެވެ. މާލޭގައި އަމިއްލަ މީހަކު ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމަކުން ދައްކާ ގޮތުގައި، މާލޭގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 101 ގަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމްތަކުން ދައްކާ ގޮތުގައި، ހުރިހާ ހިސާބަކަށް ވެސް މިވަގުތު ވައިގެ ކޮލިޓީ ހުރީ އެވްރެޖުކޮށް 69 އަށް ވުރެ މަތީގަ އެވެ.
އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ މޮޑަރޭޓް ލެވަލް އެވެ. އެކަމަކު، އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތެކެވެ. އެއާ ކޮލިޓީ އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެ ނަމަ ހައި ރިސްކު މީހުންނަށް ނުރައްކާ ބޮޑުވެ އެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
ވައި ނުސާފުއިރު، މިއަދަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަރަށް ހޫނު ވެސް ގަދަ ދުވަހެކެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު 11:00 ގައި ނެރުނު ފިނިހޫނުމިނުގެ ރެކޯޑްތައް ދައްކާ ގޮތުގައި، މާލޭގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.2 ޑިގްރީ ސެލްސިއަސްގަ އެވެ.
އާންމުކޮށް އެންމެ އަވިގަދަވަނީ މެންދުރު ފަހު 2:00 ގަ އެވެ. އިއްޔެ އެ ގަޑީގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ.
އިރުވައިގެ އެންމެ އަވިގަދަ ދުވަސްތަކާ އެކު، ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދާން މިދިޔަ މަހު ވަނީ ފަށައިފަ އެވެ.
އިރުވައި މޫސުން ފަށައި، ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.
އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލެއަށް ހޫނުމިން އިހުސާސް ކުރެވޭ ވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.
އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދަނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއަދަކީ އިރުވައިގެ ހަތްވަނަ ނަކަތް ކަމަށްވާ ފުރަބަދުރުވަ 11 ވަނަ ދުވަހެވެ. މި ނަކަތުގައި އުޑުމަތީގައި ވިލާ މަދުވެފައި ސާފުވާނެ އެވެ.