މި ނިމެނީ ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް އެންމެ ހޫނު ގަދަވާ ދުވަސްވަރެވެ. މާޗް މަހާއި އޭޕްރީލް މަހުގެ ގަދަ ހޫނުގައި މި އަހަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް އިހުސާސް ކުރެވޭ ހޫނުމިން އާންމުކޮށް 35 ޑިގްރީ ސެލްސިއަސް އަށް އެރި އިރު މި މަހުގެ ހަތަރު ވަނަ ދުވަހު މާލެ އަށް ވަނީ އިހުސާސްކުރެވޭ ހޫނުމިން 37.3 ޑިގްރީ ސެލްސިއަސް ވެސް އަރައިފަ އެވެ.
މި ހޫނާ އެކު، ކޮންމެ އަހަރަކު މިއީ ކަރަންޓު ބޭނުންކުރުން ވެސް އެންމެ ބޮޑަށް އިތުރުވާ ދުވަސްވަރެވެ.
ކަރަންޓު ބޭނުންކުރާ މިންވަރު އެނގޭ މައުލޫމާތު ސްޓެލްކޯއިން އާންމުކުރަމުން އަންނައިރު އެ އިން ވެސް ފެންނަނީ ހޫނާއި ކަރަންޓު ބޭނުންކުރާ ވަރާ ހުރި ގުޅުމެވެ. ހޫނު ގަދަ ކަމަށް ރެކޯޑްތަކުން ދައްކާ ދުވަސްދުވަހު ކަރަންޓު ބޭނުންކުރި ވަރު ވެސް ހުންނަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.
ހޫނު ގަދަވުމުން، ކަރަންޓް ބޭނުންވާ ވަރު މަތިވާހެން، ފިނިވުމުން އެ މިންވަރު ދަށްވާ ކަން ވެސް ސްޓެލްކޯގެ ޑޭޓާ އިން ފެންނަން އެބަހުއްޓެވެ. މިމަހުގެ 16 ވަނަ ދުވަހަކީ މީގެ މިސާލެކެވެ. އެރޭ މެންދަމު 12:00 ވީ އިރު މާލެ އާއި ހުޅުމާލޭގައި އިހުސާސްވާ ފިނިހޫނުމިން ހުރީ 31.3 ޑިގްރީ ސެލްސިއަސްގަ އެވެ. ކަަރަންޓް ބޭނުންވާ މިންވަރު އޭރު ހުރީ 97،654 ކިލޯވޮޓް ގަ އެވެ.
ވާރޭ ވެހެން ފެށީ އެ ދުވަހުގެ ފަތިހު ކަމަށް ވުމުން، އިހުސާސްވާ ފިނިހޫނުމިނަށް މާބޮޑު ބަދަލެއް ނައި ނަމަވެސް ކަރަންޓަށް އޮތް ޑިމާންޑް، ހެނދުނު 8:00 ގައި ވަރަށް ދަށްވި އެވެ. ކަރަންޓް ބޭނުންވާ މިންވަރު އެ ވަގުތު ހުރީ 79،417 ކިލޯވޮޓްގަ އެވެ.
އެދުވަހު އެންމެ ގިނައިން ކަރަންޓް ބޭނުންވި ވަގުތަކީ ރޭގަނޑު 8:00 ކަމަށް ވާއިރު އެ ވަގުތު ވެސް ކަަރަންޓް ބޭނުންވާ މިންވަރު ހުރީ އެހެން ދުވަސްތަކަށް ވުރެ ދަށުގަ އެވެ. އެއީ 99،954 ކިލޯވޮޓް އެވެ. އިހުސާސްވާ ފިނިހޫނުމިން އޭރު ހުރީ 32.4 ޑިގްރީ ސެލްސިއަސްގަ އެވެ.
މި މަހުގެ 19 އަދި 20 ވަނަ ދުވަހަކީ އެހާ ހިލާފަށް ވަރަށް ހޫނު ދެ ދުވަހެވެ. އެ ދެ ދުވަހުގެ ތެރެއިން 19 ވަނަ ދުވަހު އެވްރެޖްކޮށް 107،642 ކިލޯވޮޓް ބޭނުންކޮށްފައިވެ އެވެ. އެ ދުވަހު އެންމެ މައްޗަށް އަރާފައިވަނީ 120،705 ކިލޯވޮޓް އަށެވެ. އެންމެ ދަށްވި އިރު ވެސް ހުރީ 85،966 ކިލޯވޮޓްގަ އެވެ.
ޖެހިގެން އައި ދުވަހު އެންމެ ޕީކް ވަގުތު 122،127 ކިލޯވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވެ އެވެ. އެ ދުވަހު އެންމެ ދަށްވި އިރު ވެސް ހުރީ 87،520 ކިލޯވޮޓްގަ އެވެ.
މިދިޔަ 24 ގަޑިއިރުގެ މައުލޫމާތުން އެނގޭ ގޮތުގައި އިއްޔެ ރޭ މެންދަމު 12 ޖެހިއިރު އިހުސާސްވާ ފިނިހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރި އިރު އެ ވަގުތު މާލެ އާއި ހުޅުމާލޭގައި ކަރަންޓްގެ ޑިމާންޑް ހުރީ 104،863 ކިލޯވޮޓް ގަ އެވެ. އޭރުން ފެށިގެން ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުން، މެންދަމުން އަލިވެ ދޭއް ޖެހިއިރު ކަރަންޓްގެ ޑިމާންޑް 93،474 ކިލޯވޮޓް އަށް ދަށްވި އެވެ. އޭގެ އެއް ގަޑި އިރު ފަހުން ޑިމާންޑް 88.887 ކިލޯވޮޓް އަށް ވެއްޓި، ގާތްގަނޑަކަށް އެ ރޭންޖްގައި ހެނދުނު ހައެއް ޖެހުމާ ހަމައަށް ހުއްޓެވެ. އެ ވަގުތު ފިނިހޫނުމިން ކޮންމެވެސް ވަރަކަށް މައްޗަށް ޖެހިލި ނަމަވެސް ކަރަންޓްގެ ޑިމާންޑް ހުރީ 86،750 ކިލޯވޮޓް ގަ އެވެ.
ކަރަންޓު ބޭނުންކުރާ ވަރު އަލުން މަތިވާން ފެށީ ހޫނުވާން ފެށުމާ އެކު ހެނދުނު ނުވައެއް ޖެހިއިރު އެވެ. އިހުސާސްވާ ފިނިހޫނުމިން އެވަގުތު 34.1 ޑިގްރީ ސެލްސިއަސްގައި ހުރި އިރު ކަރަންޓްގެ ޑިމާންޑް ހުރީ 95،854 ކިލޯވޮޓް ގަ އެވެ. ގަޑިން ހެނދުނު 10 ޖެހިއިރު އިހުސާސްވާ ހޫނުމިން 34.7 ޑިގްރީ ސެލްސިއަސް އަށް އަރާފައިވެ އެވެ. އެއާ އެކު، ކަރަންޓް ބޭނުންވާ ވަރު 105،577 ކިލޯވޮޓް އަށް އެރި ކަމަށް ސްޓެލްކޯގެ ޑާޓާއިން ދައްކަ އެވެ. އިއްޔެ އެންމެ ހޫނު ގަދަވީ އެ މައުލޫމާތުން އެނގޭ ގޮތުގައި ހަވީރު ހަތަރެއް ޖެހިއުރު އެވެ. އެ ވަގުތު ކަރަންޓް ބޭނުންވާ މިންވަރު ހުރީ 116،316 ކިލޯވޮޓް ގަ އެވެ.
ކަރަންޓް ބޭނުންވާ މިންވަރު މާލެ ސަރަހައްދުގައި އިއްޔެ އެންމެ މަތިވީ ރޭގަނޑު 9:00 ގަ އެވެ. އޭރު ހަވީރު ހުރި ވަރަށް ވުރެ އޭރު ފިނިހޫނުމިން ކޮންމެވެސް ވަރަކަށް ދަށްވެފައި ހުރި ނަމަވެސް އެއީ ގިނަ ބަޔަކު ގޭގައި އުޅޭ ވަގުތެއް ކަމަށް ވުމުން ކަރަންޓް ބޭނުންވާ މިންވަރު މައްޗެވެ. އޭރު ހުރީ 12،843 ކިލޯވޮޓްގަ އެވެ.
ފާއިތުވި މުޅި ހަފުތާގެ ޑާޓާއަށް ބަލާއިރު ކަރަންޓަށް އޮތް ޑިމާންޑް އެންމެ މަތީގައި ހުރީ މެންދުރު ފަހު 2:00 އިން ފަށައިގެން ރޭގަނޑު 9:00 އާ ހަމައަށެވެ. އެ ވަގުތުތަކުގައި އެވްރެޖްކޮށް، 122،225 ކިލޯވޮޓްގެ ކަރަންޓް މާލެއަށާއި ހުޅުމާލެއަށް ބޭނުންވި ކަމަށް ސްޓެލްކޯގެ ޑޭޓާއިން ދައްކަ އެވެ.
މިދިޔަ އެއް މަސްދުވަހު ކަރަންޓްގެ ޑިމާންޑް އެންމެ މަތިވެފައި ވަނީ 125،943 ކިލޯވޮޓް އަށެވެ.
ކަރަންޓް ބޭނުންކުރާވަރު މަތިވަނީ ހޫނު ގަދަވާ ވަގުތާއި ގިނަ ބަޔަކު ގޭގައި އުޅޭ ވަގުތާ ދިމާވުމުން ކަމަށް ސްޓެލްކޯގެ ޑޭޓާއިން ފެެނެ އެވެ. މެންދުރު އެންމެ އަވިގަދަ ވަގުތަށް ވުރެ ރޭގަނޑު 9:00 ގައި ކަރަންޓް ބޭނުންވާ މިންވަރު އެހެންވެ ހުންނަނީ މަތީގަ އެވެ.