ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން މި ހަފުތާގައި ވަރަށް މަތިވެއްޖެ އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން އާންމުކޮށްފައިވާ ރެކޯޑްތަކުން ދައްކާ ގޮތުގައި، މިދިޔަ އާދިއްތަ ދުވަހާއި މިއަދާ ދެމެދު އެކި ދުވަހު އެކި ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރާފައިވެ އެވެ. 

އެންމެ ހޫނުގަދަވި ކަމަށް ދައްކަނީ މިދިޔަ އަންގާރަ ދުވަހާއި އިއްޔެ އެވެ. އެ ދެ ދުވަހު ވެސް މާލެއަށް އިހުސާސްކުރެވޭ ހޫނުމިން 38.6 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެ އެވެ. މިދިޔަ އާދިއްތަ ދުވަހު ހަނިމާދުއަށް އިހުސާސްކުރެވޭ ހޫނުމިން 38.5 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެ އެވެ. އެހެން ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ވެސް އަރާފައިވެ އެވެ. 

މާލެއަށް އިހުސާސްކުރެވޭ ހޫނުމިން މިއަދު ހެނދުނު 11:00 ގައި ހުރީ 38.2 ޑިގްރީ ސެލްސިއަސްގަ އެވެ.

ރާއްޖެއަށް އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލޭގައި ހޫނުމިން އިހުސާސްކުރެވޭ މިންވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. 

ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން މިދިޔަ އޯގަސްޓް މަހު ބުނެފައިވެ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުގެ ޗާޓަކާ އެކު މެޓުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މެދު ރާއްޖެތެރެއަށް [މާލެ އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް] އާންމުކޮށް ވެހޭ ވަރަށް ވުރެ ގިނައިން މި ތިން މަހު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަކު، ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާއްމުކޮށް ވެހޭ ވަރަށް ވުރެ މަދުން ކަމަށް އެ ލަފާކުރުމުގައިވެ އެވެ. 

ނަމަވެސް، މުޅި ރާއްޖޭގެ ހޫނުމިން ވެސް ހުންނާނީ އާންމުކޮށް ހުންނަ ވަރަށް ވުރެ މަތީގައި ކަަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ. 

އެލްނީނޯގެ ސަބަބުން ރާއްޖެއަަށް ކުރާ މައިގަނޑު އެެއް އަސަރަކީ އެ އިދާރާއިން ބުނެފައިވާ ގޮތުގައި، ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމެވެ. އޭގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާވާނެ އެވެ. ކަނޑުގެ އޮއިވަރާއި ހާލާތަށް އަންނަ ބަދަލުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.