މިއަދަކީ މި އަހަރު މާލެއަށް އިހުސާސްކުރެވޭ ހޫނުމިން އެންމެ މަތިވި ދުވަސް ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު މެންދުރު ފަހު 2:00 ގައި އާންމުކުރި ރެކޯޑްތަކުގައިވާ ގޮތުން އެވަގުތު މާލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 39.1 ޑިގްރީ ސެލްސިއަސްގަ އެވެ.
ނަމަވެސް، މާލެ ފިޔަވާ އެހެން ސަރަހައްދުތަކަށް އެވަގުތު އިހުސާސްކުރެވޭ ހޫނުމިން ހުރީ އާންމު ހާލަތުގައި ނުވަތަ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގަ އެވެ.
އިހުސާސްކުރެވޭ ހޫނުމިން މި އަހަރު ދެވަނައަށް އެންމެ މަތިވި ދުވަހަކީ މިދިޔަ އެޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. އެ ދުވަހު ހެނދުނު 11:00 ގައި ހދ. ހަނިމާދުއަށް ވަނީ 39 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މަތިވެފަ އެވެ.
ރާއްޖެއަށް އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލޭގައި ހޫނުމިން އިހުސާސްކުރެވޭ މިންވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.
ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.
އަންނަ ސެޕްޓެމްބަރުމަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުގެ ޗާޓަކާ އެކު މެޓުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މެދުރާއްޖެތެރެއަށް [މާލެ އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް] އާންމުކޮށް ވެހޭ ވަރަށް ވުރެ ގިނައިން މި ތިން މަހު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަކު، ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާއްމުކޮށް ވެހޭވަރަށް ވުރެ މަދުން ކަމަށް އެ ލަފާކުރުމުގައިވެ އެވެ.
ނަމަވެސް، މުޅި ރާއްޖޭގެ ހޫނުމިން ވެސް ހުންނާނީ އާންމުކޮށް ހުންނަވަރަށް ވުރެ މަތީގައި ކަަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެލްނީނޯގެ ސަބަބުން ރާއްޖެއަަށް ކުރާ މައިގަނޑު އެެއް އަސަރަކީ އެ އިދާރާއިން ބުނެފައިވާ ގޮތުގައި، ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމެވެ. އޭގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާވާނެ އެވެ. ކަނޑުގެ އޮއިވަރާއި ހާލާތަށް އަންނަ ބަދަލުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދެވަނަ ކަމަކީ ބައެއް ސަރަހްދުތަކަށް ވާރޭ ވެހުން މަދުވުމެވެ. އެއީ ދަނޑުވެރިކަމަށް ނޭދެވޭ އަަސަރުކުރާނެ ކަމެކެވެ.
އެލްނީނޯގެ ސަބަބުން ޕެސިފިކް ސަރަހައްދުގެ ކަނޑުގެ ސަތަހައިގެ ހޫނުމިން މިހާރު ވަނީ އާންމުކޮށް ހުންނަވަރަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް މަތިވެފަ އެވެ. އެލްނީނޯގެ ހާލަތު ބަލާ މިންގަނޑު، ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރު ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން މިދިޔަ މަހު އެކަނި ވެސް 1.8 ޑިގްރީ ސެލްސިއަސް މަތިވި އެވެ.
އެލްނީނޯ އުފެދުނީ ޕެސިފިކް ކަނޑުގައި ކަމަށް ވިޔަސް އޭގެ އަސަރު އެހެން ސަރަހައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ކަނޑާއި ޖައްވުން މިހާރު ފެންނަނީ އެލްނީނޯގެ އަސަރުތަކެވެ.